އަދުގެ ޚާއްސަ

Print

އަހަރެން ފިކުރާވި އިސްލާމް ދީން (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ޢަބްދުﷲ ފާރޫޤު ޙަސަން

_____________________________________________________________________

"އަހަރެން ފިކުރާވި އިސްލާމް ދީން" މި ފޮތަކީ 2018 ގައި  ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވައި ޝާއިޢުކުރައްވައިފައިވާ ފޮތެކެވެ. މި ފޮތް ފަންވަތުގައި މި ޝާއިޢުކޮށްލަނީ ފޮނުގެ މުހިއްމުކަމުންނެވެ. މި ފޮތް ފަންވަތުގައި ޝާއިޢުކުރުމުގެ ހުއްދަ ދެއްވިކަމަށް ޓަކައި ފޮތުގެ މުޞައްނިފު އަލްއަޚު ޢަބްދުﷲ ފާރޫޤު ޙަސަނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ފާރޫޤަކީ، ދިނީ އަދަބީ، އަޚުލާޤީ، ތާރީޚީ ގިނަ ފޮތްތަކެއް ދިވެހި މުޖުތަމަޢަށް ފޯރުކޮށްދެއްވައިފައިވާ އަދި މިއަދު ވެސް އަދަބީ ޚިދުމަތުގައި ދެމި ހުންނެވި ވަރަށް ޚިދުމަތްތެރި އަދީބެކެވެ.

__________________________________________________________________ 

ފެށުމުގެ ބަސް

 

އަރަހުށި މާތް  ّ اللـه سبحانـه وتعـالى އިންސާނިއްޔަތަށް  ދެއްވައިފައިވާ ނިޢުމަތްތަކަކީ ގުނައި އަދަދުކުރެވޭނެ ކަންކަމެއް ނޫނެވެ.  އެ ނިޢުމަތަކީ ބަސްމޮށުންތެރިކަން ކަމުގައި ވިޔަސް، ލޮލުގެ އަލިކަން  ކަމުގައި ވިޔަސް، ކަންފަތަށް އަޑުއިވުން ކަމުގަ އި ޔަސް މިއިން ކޮންމެ  ނިޢުމަތަކީ  ވެސް  އެކަމެއްގެ ބޭނުންތެރިކަން  ނުހަނު ބޮޑު ނިޢުމަތްތަކެކެވެ.  އެކަންކަމުގެ މުހިންމުކަމުގެ ވަކިމިވެނި ހައްދެއްނެތް ނިޢުމަތްތަކެކެވެ. އަރަހުށި މާތް اللـه އިންސާނުންނަށް ދަރުމަކުރެއްވި މިދެންނެވިފަދަ ބޮޑެތި  ނިޢުމަތްތަކަށްވުރެވެސް ބޭނުންތެރި އަދި ފައިދާހުރި ނިޢުމަތަކީ  އިސްލާމްކަމުގެ ނިޢުމަތެވެ. މީހަކަށް އީމާންކަމުގެ ސީދާމަގަށް  މަގުފެނިއްޖެ ކަމަށްވާނަމަ އެއީ ޖިސްމާނީ ފުރިހަމަކަމާއި މުދަލާއި  ފައިސާއާއި ހިތްއެދޭ ހުރިހާ ލައްޒަތުތަކަށްވުރެ މާހައިބަބޮޑު ނިޢުމަތެކެވެ . 

އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގައިވެސް އިންސާނާއަށް ނުހަނު މަންފާހުރި ނިޢު މަތެކެވެ. މިދުނިޔޭގައި ހެޔޮލަފާ، ތަހުޒީބީ،  ޝަރަފުވެރި ދިރިއުޅުމެއް އުޅޭނެމަގު އިންސާނާއަށް ދަސްކޮށްދެނީ  އިސްލާމްދީނެވެ. އެދީން އާިޚރަތުގައި އިންސާނާއަށް ހޯދައިދެނީ "ގަލަން އެދުނަސް ނުލިޔެވޭހާ ޝުޢޫރަށްވެސް ނުގެނެވޭހާ، ބަލަން ލިބުނަސް ނުބުނެވޭހާ އަރާމާއި ޢައިޝުހުރި" ސުވަރުގެއެކެވެ .

އިސްލާމްދީނުގެ މަތިވެރި ނިޢުމަތް  ލިބޭ އެންމެ ނަސީބުވެރި  ބަޔެއްކަމުގައި އަޅުގަނޑު ދެކެނީ ތިމަތިމާމެންގެ ކާބަފައިންގެ ދީން  ދޫކޮށްލުމަށްފަހު އިސްލާމްދީނުގެ ހިޔާބޮޑު ބަގީޗާއަށް ވަން ނަ  މީހުންނެވެ.  އިސްލާމްދީނުގެ ފިނިފޮނި ފެންއާރުން ކަރުހިއްކުން ފިލުވާ މީހުންނެވެ.  އެފަދަ މީހުންގެ ތެރެއިން އެކަކީ ބައްލަވަމުން ތިޔަގެންދަވާ ފޮތުގެ އަސްލު  ލިޔުއްވި މުއައްލިފެވެ. އަޅުގަނޑުމެންގެ އައު މުސްލިމު އަޚު ޢަބްދު  اللـه އަޑްޔާރެވެ . 

މިފޮތަކީ އަޅުގަނޑުމެންގެ އަޚު ޢަބްދު اللـه އަޑްޔާރު ޓެމިލްނާޑޫގައި ތަމަޅަބަހުން ނުކުންނަ ދުވަހު ނޫހެއްކަމުގައިވާ ނީރޯޓަމްގައި އިސްލާމްދީނާމެދު ލިޔުއްވައިފައިވާ ކޮލަމްތަކެއް (ކާދިލްކަމް  އިސްލާމް) ގެ ތަރުޖަމާއެވެ. ޢަބްދު اللـه އަޑްޔާރަކީ އެނޫހުގެ އޭރުގެ  އެޑިޓަރެވެ. މި ކޮލަމްތައް ތަރުޖަމާކުރުމުގައި އަޅުގަނޑުވަނީ  ކިޔުންތެރީންނަށް އިތުރަށް ޝަރަޙަކޮށްދިނުމަށްޓަކައި ބައެއް ވާހަކަތައް  އިތުރުކޮށްފައެވެ. ބައެއްފަހަރަށް ތަންކޮޅެއް ދިގުކޮށްވެސް ތަފުސީލު  ލިޔެފައެވެ. އެބައިތައް ޢާއްމުގޮތެއްގައި ލިޔެފައި ހުންނާނީ ބްރެކެޓެއްގެ  ތެރޭގައެވެ . 

މިފޮތަކީ ދުނިޔޭގެ ވަރަށްގިނަ ބަސްބަހަށް ތަރުޖަމާކުރެވިފައިވާ ފޮތެކެވެ. މިފޮތް ތަރުޖަމާކުރެވިފައިވާ ބަސްބަހުގެ ތެރޭގައި އުރުދޫ، ސިންދީ، ހިންދީ، އިނގިރޭސި، ތަލްގޫ، މަލިޔާޅަމް  ހިމެނެއެވެ. މިފޮތުގެ ސިންދީބަހުގެ ތަރުޖަމާ ޕާކިސްތާނުގައި ޝާއިޢުކުރެވުނީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައެވެ.  ޕާކިސްތާނުގެ އޭރުގެ ރައީސް ޖަނަރަލް މުޙައްމަދު  ޟިޔާއުލްޙައްޤު އެފޮތް  ނެރެދެއްވިކަމީ ފޮތުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ ހެތްކެކެވެ. މިފޮތް  އުރުދޫބަހަށާއި ސިންދީބަހަށް ތަރުޖަމާކުރެއްވީ އަލްއަޚު އެމް.ޖޭ. ޖަމީލް އަޙުމަދެވެ. އަޅުގަނޑު މިފޮތް ތަރުޖަމާކުރީ އޭނާގެ އުރުދޫ ތަރުޖަމާއިންނެވެ. އަލްއަޚު އެމް.އޭ. ޖަމީލު އަޙަދު އޭނާ އުރުދޫބަހަށް  ތަރުޖަމާކުރެއްވި ފޮތަށް ދެއްވައިފައިވާ ނަމަކީ "އިސްލާމް ޖިސްސޭ މުޖޭ ޢިޝްޤުހޭ" އެވެ. އެހެންކަމުން އަޅުގަނޑު މިފޮތުގެ ނަމަކަށް ޚިޔާރުކުރީ  "އަހަރެން ފިކުރާވި އިސްލާމްދީން" މިނަމެވެ . 

އަރަހުށި ހުސްޠާހިރުވަންތަ ރަސްކަލާކޯއެވެ! މިއަޅާގެ މިމަސައްކަތަކީ އިސްލާމްދީނަށް ޚިދުމަތެއްކުރުމުގެ މަޤްޞަދުގައި މިއަޅާ ކުރި މަސައްކަތެކެވެ. އެހެންކަމުން މިމަސައްކަތަކީ މިއަޅާގެ ހެޔޮޢަމަލެއްކަމުގައި ލައްވާނދޭވެ! މިއަޅާ ދެމިއޮތުމުގެ ޢާލަމަށް  ދަތުރުކުރުމަށްފަހުވެސް އެ ޢަމަލެއްގެ ދަރުމައާއި ޘަވާބު ލިބިލިބި ހުންނާނެ އައިތަވެރި ޢަމަލެއްކަމުގައި ލައްވާނދޭވެ! މިއަޅާގެ މިމަސައްކަތުގެ މައިންބަފައިންނާއި، ސަބަބުން މިއަޅާއާއި، މިއަޅާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށް މަޙުޝަރުގެ މައިދާނުގައި ހިޔާވަހިކަމާއި ރައްކައުތެރިކަން ދެއްވާނދޭވެ! ނަރަކައިން މުއްތިކުރައްވައި ސުވަރުގޭގެ  މަތިވެރި ނިޢުމަތް ދެއްވާނދޭވެ! އާމީން !   

މުޞަންނިފުގެ ތަޢާރުފެއް 

ޢަބްދު اللـه އަޑްޔާރު (1996 - 1935) އަކީ ތަމަޅަ ނަސްލުގެ ބޭފުޅެކެވެ. ކުޅަދާނަފުޅު ނޫސްވެރިޔެކެވެ. މުފައްކިރެކެވެ. ކަނި ބުރައިގެންދާފަދަ ބާރުގަދަ ބަސްފުޅުތަކުން ތަޤްރީރުކުރެއްވި މޮޅު ވާހަކަދެއްކެވުންތެރިޔެކެވެ. އޭނާގެ މިޒާޖުފުޅަކީ  އިންސާނީ ޙަޔާތުގައި ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ވިސްނައިވަޑައިގަތުމެވެ. އެ ކަންކަން ޙައްލުކުރެވޭނެ ތަދުބީރުތަކާމެދު ޚިޔާލުކުރެއްވުމެވެ. ވަކިފަރާތަކަށް ޖެހިވަޑައިނުގެން ސާފު ޞަރީޙު ޢިބާރާތުން އެކަންކަމާމެދު  ވާހަކަދެއްކެވުމެވެ . 

ޢަބްދު اللـه އަޑްޔާރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ  ޓެމިލްނާޑުގެ ރަށްތަކުގެ ތެރެއިން ދިވެހީންގެ މެދުގައިވެސް މަޝްހޫރު  ރަށެއްކަމުގައިވާ ކޮއިންބަތޫރުގެ ތަރީޕޫރާގައެވެ. ސްކޫލް ދައުރުގައި ވެސް  ކޮލެޖުގެ ދުވަސްވަރުވެސް އޭނާއަކީ އަދަބިއްޔާތަށް  ޝައުޤުވެރިވެވަޑައިގެންނެވި  ބޭފުޅެކެވެ. ކޮލެޖުގެ ދުވަސްވަރު އޭނާ ވަނީ  ކޮލެޖުގެ ތަމަޅަ އަދަބިއްޔާތުގެ ޑިޕާޓްމަންޓުގެ ސެކްރެޓެރީކަން  ކުރައްވައިފައެވެ . 

ޢަބްދު اللـه އަޑްޔާރު ޢަމަލީ ޙަޔާތަށް ނުކުމެވަޑައިގެންނެވީ ނޫސްވެރިޔެއްގެ ޙައިޘިއްޔަތުންނެވެ. ތެމިލްނާޑޫގެ ސިޔާސީ ޕާޓީއެއްކަމުގައިވާ ޑީ.އެމް.ކޭ. (ޑްރެވިޑިއަން މޫމެންޓް ކަޒަގަމަ) ގެ ދުވަހުނޫހެއްކަމުގައިވާ މުރާސޮލީގެ ކޮލަމިސްޓެއްގެ ގޮތުންނާއި،  ސަބްއެޑިޓަރެއްގެ ޙައިޘިއްޔަތުން އޭނާ މަސައްކަތްކުރެއްވިއެވެ.  ތެމިލްނާޑޫގެ ވިނޯބަހާ ތަޙުރީކާ ވެސް ގުޅިވަޑައިގެންނެވިއެވެ. އެ ތަޙުރީކުގެ ތަރުޖަމާނެއްކަމުގައިވާ ދުވަހުނޫސް "ގަރާމްދާން" އާއި "ނީރޯޓަމް" ގެ  އެޑިޓަރުކަން ވެސް ކުރެއްވިއެވެ. 

1975  ވަނަ އަހަރު އިންޑިޔާގައި ހިންގި އިމަރޖެންސީގައި  ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ޢަބްދު اللـه އަޑްޔާރު ވެސް ހިމެނިވަޑައިގެންނެވިއެވެ. އެ ކަމުގައި ވަރަށްގިނަ އުނދަގޫތައް ބަރުދާސްކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އޭރު އޭނާއަކީ ނީރޯޓަމްގެ އެޑިޓަރެވެ. ތެމިލްނާޑޫގެ ވެރިކަންކުރާ ޖަމާޢަތުގެ މަޖްލިސެ ޢަމަލާގެ ޙަކާތްތެރި މެމްބަރެކެވެ. 

ޢަބްދު اللـه އަޑްޔާރު ސްކޫލް ދައުރުގައިވެސް މުސްލިމް ކިޔަވާކުދިންނާ ވަރަށް ރައްޓެހިފުޅެވެ. އޭނާގެ އުސްތާޛުންގެ ތެރޭގައި ވެސް  މުސްލިމުންގެ ވަރަށްގިނަ ޢިލްމުވެރީން ތިއްބެވިއެވެ. އެންމެ  ޚާއްޞަ ގޮތެއްގައި އިސްލާމްދީން މުޠާލިޢާކުރައްވަން އޭނާއަށް ފުރުޞަތު ލިބިވަޑައިގެންނެވީ އިމަރޖެންސީގެ ދުވަސްވަރު ޖަލުގައި ހޭދަކުރެއްވި  ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައެވެ. އޭނާ އިސްލާމްވެވަޑައިގެންނެވީ 1988 ވަނަ އަހަރުއެވެ.

ޢަބްދު اللـه އަޑްޔާރު ވަނީ އިސްލާމީ މައިގަނޑުނަންތަކުގައި ތަމަޅަބަހުން ވަރަށް ގިނަ ފޮތް ލިޔުއްވައިފައެވެ. އޭގެތެރޭގައި ޖަލުން މިސްކިތާ ހަމަޔަށް، އެއްކައުވަންތަ ކަލެއްހެއްޔެވެ؟ ހާސް ކަލާނގެތައް ހެއްޔެވެ؟ ޤުރުއާން މަޖީދަކީ ކޮބާ؟ އިސްލާމް ދަރާވަޅު ލީޑަރުންގެ  ނަޒަރުގައި،  ދުނިޔޭގެ ޤާއިދުންގެ ނަޒަރުގައި އިސްލާމްދީން، އިސްލާމްދީން އެބަގޮވައިލައެވެ. ޝަރީޢަތުގެ ޤާނޫނު ގެ ތެރެޔަށް ނުވަންނާށެވެ. ކަޅުއާދީއްތަ މިފަދަ ފޮތްތައް ހިމެނެއެވެ.  

(ނުނިމޭ) 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ