އަދުގެ ޚާއްސަ

Print

ދަޅަ (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

"ނޫން، ނޫން، ރާޖް! ނޫން!" ނިދީން ހޭލެވުނު އިރު، އިނާ ވަނީ ދާހިތްލައިފޯވެފައެވެ. މުޅިހަށިގަނޑު މަޑުމަޑުން ތުރުތުރުއަޅަމުން ދިޔައެވެ. ކަރުތެރެވަނީ ބެދިފައެވެ. މޭޒުމަތީ ހުރި ފެންޖަގުން ފެންތަށްޓެއް އަޅައިގެން އެއްނޭވާއިން ބޯލައިފިއެވެ. ބިރުން ހުރެ ހަވީރު ކޮޓަރިއަށް ވަން ގޮތަށް އެނދަށް އަރައި އޮށޯވެ އޮއްވައި ނިދުނީއެވެ. އެހާ ގިނައިރު ނިދުނީ ކީއްވެހެއްޔެވެ؟ މި ވަގުތަކީ ނިދުމަށް ވުރެ ސަލާމަތްކަން ހޯދާން މުހިއްމު ވަގުތެކެވެ. ގަޑި ބަލައިލިއިރު ފަތިހު ފަހެއްޖަހަނީއެވެ. އިނާގެ ޚިޔާލަށް އަންނަމުން ދިޔައީ ރާޖެވެ. އަދި ހަދާނެ ގޮތަކާމެދު ވިސްނާން ފެށިއެވެ. 

 *****

އިރުއަރާ މަންޒަރުގެ ފޮޓޯތައް އެކި ގޮތްގޮތަށް ނެގުމަކީ އިނާގެ އާދައެވެ. މިއަދުވެސް އިރުއެރީ ކެމެރާ ތައްޔާރުކޮށްގެން ހުއްޓައެވެ. ރީތި ފޮޓޯތައް ނެގުމުގެ ބޭނުމެއް އޮތީ އެންމެ ކަމަކުއެވެ. އެހެން މީހުންގެ ސަމާލުކަން އިނާގެ ފޮޓޯތަކަށް ހުއްޓުވުމެވެ. ލިބޭ ކޮމެންޓްތައް ގިނަކަމާއެކުއެވެ.

ދެތިން ފޮޓޯއެއް ނެގުމަށްފަހު ހެދިގޮނޑުދޮށުގެ އައްޓެއްގައި އިށީނދެ ފުރަތަމަ ކަމަކަށް އެ ފޮޓޯތައް އިންސްޓަގްރާމާއި ފޭސްބުކަށް އަޕްލޯޑް ކޮށްލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެއަށްފަހުއެވެ.      

"ހައި" މިދުވަސް ކޮޅު އެންމެ ގިނައިން އިނާ އަޕްލޯޑް ކުރާ ފޮޓޯތައް ރީތި ކަމުގެ ވާހަކަ ދައްކާ ރާޖް އޮންލައިންވީކަމުގެ ނިޝާނެކެވެ. ރާޖަކީ އިންޑިޔާ މީހެކެވެ. ޑޮކްޓަރުކަން ކިޔަވާ ނިމުނުތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އޭނާގެ ރީތިކަން އިނާއަށް ފެނިފައިހުރީ ރާޖްގެ ފޮޓޯތަކުންނެވެ. އެތައް ދުވަހަކު އިނާއާ ވާހަކަ ދެއްކޭތޯ ރާޖް މަސައްކަތް ކުރަމުން ގެންދިޔައެވެ. އިނާ ވާހަކަ ނުދައްކަނީ ކީއްވެހޭ އަހައެވެ. އެކަމަކު އިނާގެ ޝައުޤުވެރިކަން ނެތްކަހަލައެވެ. ރާޖް ވެސް އޭނާގެ ގޮތުގައި މަސައްކަތްކުރަމުން ދިޔައެވެ.                  

 *****   

އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނޭ ބުނާ ބީދައިން އިނާއަށް ރާޖްގެ ވާހަކަތަކަށް ޖަވާބުދޭން ފެށިއެއްޖެއެވެ. އެކުވެރިކަމުގެ އައުބާބެއް ލިޔެވުނީ އާދުވަހެއްގެ އިރު ފެނުން ތޮޅި ލުމާއެކުއެވެ. ގިނަވަގުތު ރާޖް އިންނާނީ އޮންލައިނުގައެވެ. އިނާގެ އިންތިޒާރުގައެވެ.                                    

"މިހާރު ހާދަ ގިނަ ވާހަކައެއް ދެކެވިއްޖޭ. ތިހާ ރީތި ކުއްޖަކާ ބައްދަލު ކޮށްލާ ހިތްވަނީ." އިނގިރޭސި ބަހުން ރާޖް ބުނެލިއެވެ. 

"ތީ އެހާ ބޮޑުކަމެއް ނޫން." އިނާގެ ޖަވާބު ލިބުނުގޮތުން ރާޖަށް ކުޑަ ހިތްވަރެއް ލިބިއްޖެއެވެ. ރާޖްގެ ސިލްސިލާ ފެށީ އިނާގެ ފެހިސިގްނަލް ލިބުމާއެކުއެވެ.

"ދިވެހިރާއްޖެ ތީ ހާދަ ރީތި ތަނެކޭ. ތިޔަ ކަހަލަ ސުވަރެގެއެއް ފަދަ ތަނެއްގައި އުޅޭނީ ޙޫރުލް ޢީނުން ފަދަ ރީތި ކުދީން. އެކަމުގެ ހެއްކަކަށް އިނާ ފުދޭ." ރާޖްގެ ތަޢުރީފްގެ ބަސްތައް އޮހެމުން ދިޔައެވެ. ރާޖްގެ ވާހަކަ ތަކުން އިނާ ހުންނަނީ އުފަލުން ފޮޅިފައެވެ.

އިނާއަށް ރާޖްގެ އެންމެ ރަނގަޅު ސިފައެއް ކަމުގައި ފެނުނީ ނަމާދު ވަގުތު ޖެހުމާއެކު ދައްކަމުންދާ ވާހަކަ  މެދުކަނޑާލާފައި އިނާ ދާން ބުނުމުން އެ ކަމަކާ ދެކޮޅު ނުހަދާތީއެވެ. ކޮންމެ ވަގުތަކު ވާހަކަ ދައްކަން ފެށުމުގެ ކުރީން އެއީ އިނާގެ ހުސްވަގުތެއްތޯ އަހާނެއެވެ. އިނާ ފަދަ ޓީޗަރުންނަށް ހުސްވަގުތު ލިބޭލެއް މަދެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު އިނާއަށް ލިބޭ ވަގުތު ފިޔަވައި ދުވާލުގެ ވަގުތުތައް އުޅެން ޖެހެނީ އަވަދިނެތިއެވެ. މިދުވަސްކޮޅަކީ ދިރާސީ އަހަރުގެ ކިޔެވުން ނިމޭ ދުވަސްކޮޅު ކަމަށް ވުމުން ކުރިއަށްވުރެ ގިނަވަގުތު ސްކޫލްގައި ހޭދަކުރަން ޖެހިފައިވެއެވެ. ހެނދުނު ވަގުތު ލިބޭ ގަޑިއެއްހާއިރު އޮން ވުމާއެކު ރާޖް ނެތިއްޔާ އިނާ މިހާރު ފޫހިވެއެވެ. 

"ރީތި ރާއްޖެ ދެކިލުމަށް  ނޮވެންބަރު ފަސްވަނަ ދުވަހަށް ޓިކެޓް ނަގައިފިން." އެއްދުވަހެއްގެ ހެނދުނު ފޭސްބުކް ހުޅުވައިލުމާއެކު ލިބުނު މެސެޖުން އިނާ ޙައިރާންވެއްޖެއެވެ. ރާޖް އެބުނަނީ ތެދުކަން ޤަބޫލުކުރަން ދަތިވިއެވެ.

"މަރުޙަބާ އެކުވެރިޔާ!" އިނާ މެސެޖު ފޮނުވާލިއެވެ. ހަމަ އެސިކުންތުގައި ރާޖުގެ ފަރާތުން ލިބުނީ ދެރަވެފައިވާ އިމޯޖީ އެކެވެ.

"ކޮންކަމަކާ ދެރަވީ؟" ކަންބޮޑުވެފައި އިނާއަށް އަހައިލެވުނެވެ.

"މީ ހަމައެކަނި އެކުވެރިއެއްތަ؟ އެއަށްވުރެ ގާތް މީހަކަށް ނުވެވޭނެތަ؟" 

" ޔަގީންތާ." އިނާގެ ޖަވާބު ފޮނުވައިލިއެވެ.

"އޯކޭ. އޯކޭ." ރާޖްގެ މެސެޖު އައެވެ. "ތީ އަބަދުވެސް އަހަރެންގެ ރަޙްމަތްތެރިއެއް. މިގުޅުމަށް އެހެން ނަމެއް ދޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރިން."އިނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

އެދުވަހަކަށްޓަކައި އިންތިޒާރުގެ ގަނޑުތައް ކަލަންޑަރުން އުކަމުންގޮސް ނޮވެންބަރު މަހުގެ ފަސްވަނަ ދުވަހަށް އިރުއަރައިފިއެވެ. ރާޖް ބަލާ އެއާޕޯޓަށް އިނާ ދިޔައީ މައިންބަފައިންގެ ހުއްދައާ އެކުއެވެ. ރާޖް ފެނުމާއެކު އިނާއަށް އެނގުނު ފަދައިން ރާޖަށް ވެސް އިނާ އެނގުނެވެ. ބަދަލު ކުރެވިފައި ހުރި ފޮޓޯތަކުންނާ، މިއަދު އަޅައިގެން ހުންނާނެ ހެދުމުގެ ކުލަވެސް ބުނެވިފައި އޮތުމުންނެވެ. ފޮޓޯއަށް ވުރެ ރާޖްގެ އަސްލު ސިފަ މާރީއްޗޭ އިނާ ހިތަށް އެރިއެވެ.                           

ގެއަށް ދިޔަ މަގުމަތީގައި މާގިނަ ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ދޭތެރެއަކުން ރާޖް އަހަމުން ގެންދިޔައީ މާލޭގެ މުހިއްމު ތަންތަނާ ބެހޭގޮތުންނެވެ. އިނާ އުފަލާއެކު ޚާއްޞަ ތަންތަނުގެ ވާހަކަތައް ކިޔައި ދިނެވެ. އިނާގެ ގެއަށް އާދެވުމާއެކު ރާޖަށް އިނާގެ ތަނަވަސްކަން ފެނުނެވެ. އިނާގެ މައިން ބަފައިންނަކީވެސް އޯގާތެރި ބަޔެކެވެ. އިނާގެ ރައްޓެއްސެއްކަން އެނގުމުން ހޫނު މަރުޙަބާއެއް ކިއެވެ.                              

"ޝެޑޯވިލާ" އަކީ ނުހަނު ހިތްގައިމު ތަނަކަށް ރާޖަށް ވިއެވެ. ރާޖް ހުންނަނީ މެޙްމާނުންނަށް ޚާއްޞަކޮށް ހަދާފައި ހުރި ޢިމާރާތުގައެވެ. މިދުވަސްކޮޅު އެތަނުގައި ހުރީ ރާޖް އެކަންޏެވެ. 

ގޯތިތެރޭގައި އޮތް ހިތްގައިމު ވިނަތަކުމަތީގައި ބަހައްޓާފައިހުރި ކުޑައެއްގެ ދަށުގައި ހުރި މޭޒުމަތީގައި ކޮފީ ޖޯޑެއް ހުއްޓެވެ. މޭޒުކައިރީ ގޮނޑިއެއް ބަހައްޓައިގެން ސިނގިރޭޓް ތުނބުގައި ޖަހައިގެން ވިސްނުމަކަށް ގެއްލިފައި ރާޖް އިންއިރު ސިނގިރޭޓްގެ ދުންތައް ވައްބޮޅު ތަކެއްގެ ސިފައިގައި ފަޒާތެރެއަށް ދޫކުރަމުން ދިޔައެވެ.  ކޮފީ ތަށިން ދެތިން ކޯވަރު ބޮއިލުމަށްފަހު ލެޕްޓޮޕް ހުޅުވާލިއެވެ. ބައެއްފަހަރު ހަނިކޮށްލާ އަނެއްބައި ފަހަރު ލޯބޮޑުކޮށްލާ ލެޕްޓޮޕްގެ ސްކްރީނަށް ބަލާލައެވެ. ވިސްނުމުގެ ފުންކަނޑަށް ގެއްލިފައި އިންވަރުން ފޯން ރިންގުވާ އަޑުވެސް އިވޭހެނެއް ހިއެއް ނުވެއެވެ. ރާޖްގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ގެންދެވޭތޯ ވިސަނަމުން ދިޔައެވެ. އޭނަގެ ބޮލުގައި އެޅިފައި އޮތީ ބޮޑު ޕްރޮޖެކެޓެވެ.                                     

"ރާޖް... ރާޖް" އިނާގެ އަޑަށް ރާޖް އަވަސް އަވަހަށް ކޮޓަރިން ނިކުތެވެ. އެކޮޓަރި އިނާއަށް ފެނިދާނެތީ ރާޖް ކަންބޮޑުވިއެވެ. ސިޓިންގ ރޫމްގައި ތިބެ ވާހަކަ ދެއްކުމުގެ ތެރޭގައި އިނާ އަށް ނޮވެންބަރު މަހު އޮންނަ ގައިޑް ކޭމްޕްގައި ރަށުން ބޭރަށް ދާން ޖެހުނު ވާހަކަ ބުންޏެވެ. 

" އިނާ ކޮންމެހެންވެސް ތި ދަތުރު ދާންޖެހޭނެ. ހާސްނުވޭ. އަހަރެން މީ ކުޑަކުއްޖެއް ނޫނޭ" ހިނިއައިސް ހުރެ ރާޖް ބުންޏެވެ. 

" އެކަމަކު ރާޖް ކިހާ ފޫހިވާނެ. އެންމެ ދެތިން ދުވަހަށް ތިހިރީ އައިސް. މިދުވަސްކޮޅު އަހަރެން މިޖެހުނީ ދާން. ތަންތަން ބަލާލައި ނިމުނީއެއްވެސް ނޫން." އިނާ އެހެންބުނުމާއެކު ކަމެއް ހަނދާން ކުރާގޮތަށް ރާޖް ބޮލުގައި އަތްޖައްސާލިއެވެ. 

"މިއަދު ހަވީރު ހިނގާބަލަ ހެންވޭރު ބީޗަށް ދާން. ގޮސް ދަރުބާރުގެ ވެސް ބަލާލަން ވާނެ." ރާޖް އެޖުމްލަ ބުނެލި ގޮތުން އިނާ ގާތަށް ހިނިއައެވެ.

"ހާދަ އަވަހަކަށް މާލެ ތިދަސްކުރީ ." އިނާ ޙައިރާންވެ ހުރެ ބުންޏެވެ.

"ގޫގްލް އެއީ އަހަރެެމެންގެ އެކުވެރިއެއް ނޫންތަ؟ މާލެ އައުމުގެ ކުރީން މާލެ އާއި ބެހޭ ގިނަމައުލޫމާތު ހޯދީމޭ." ރާޖް އެބުނީވެސް ތެދެކޭ އިނާ ހިތަށް އެރިއެވެ. މިހާރު ދުނިޔޭގެ ކޮންމެ ތަނެއް ހޯދުމަކީވެސް  އެހާ ފަސޭހަ ކަމެކެވެ.  

އިނާ އާއި ރާޖް ކާރުގައި އާޓިފިޝަލް ބީޗަށް ދިޔައެވެ. ރާޖް ވަރަށް ޝައުޤުވެރި ކަމާއެކު ދާކޮންމެ ތަނެއްގެ ފޮޓޯ ނަގައެވެ. 

"ހަނދާނަކަށް ރައްކާ ކުރާނެ އެއްޗެއް ހުންނަންވާނެ." އިނާ އާއި ދިމާއަށް ކެމެރާ އަނބުރާލަމުން ރާޖް ބުންޏެވެ. 

"ތިހާ ރީތި ކުއްޖަކާ އެކީ މިކަހަލަ ތަނަކަށް އައުމަކީ  މަށަށް ލިބޭ ހާދަބޮޑު ޝަރަފަކާ އުފަލެކޭ. އަހަރެންގެ ހުށަހެޅުމަށް ނޫނެކޭ ނުބުނައްޗޭ." ރާޖް ދެރަވެފައި ކަހަލަ ގޮތަކަށްހުރެ ބުންޏެވެ.

ރާޖްގެ އެންމެ ބޮޑު އެދުމަކީ އިނާ ރާޖްގެ މީހަކަށްވާ ދުވަސް އައުންކަމުގައި ކިޔަން ފެށުމުން، އެންމެފަހުން އިނާ ހަތިޔާރު ބަހައްޓައިފިއެވެ. އަމާންދިނީ ވަރުގަދަ ޝަރުޠެއް ކުރިމަތި ކުރުމަށްފަހުއެވެ. އިސްލާމް ދީނުގައި ކައިވެނި އޮންނަ ގޮތް ކިޔައިދިނުމުން ރާޖް އެކަމަށް އެއްބަސްވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެކަމާ އިނާ ވަރަށް އުފާވިއެވެ.

"ރާޖްގެ މަންމަ އާއި ބައްޕަ ޤަބޫލުވާނެތަ؟" އިނާ ކަންބޮޑުވެގެން އަހާލިއެވެ.

"ޤަބޫލު ވާނެ"

ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ސިޓިންގ ރޫމްގެ މޭޒުމަތީ  އޮއްވާ ފެނުމުން އިނާ ހިތް އުފަލުން ނަށައިގަތެވެ.  ޙަޤީޤީ ލޯބިވެރިންނަކީ އެއީއެވެ. ރާޖް އިނާއަށް ޓަކައި ކޮންމެ ފަދަކަމެއް ކޮށްފާނެކަން ޔަޤީން ވެއްޖެއެވެ. އިނާގެ ނަޒަރުގައި ރާޖް އަކީ ޝާހްޖަހާންއެވެ. މުމްތާޒް އަށް ޓަކައި ޝާހްޖަހާން ޤުރުބާންވި ފަދައިން އިނާއަށްޓަކައި ރާޖްވެސް ޤުރުބާން ވާނެއެވެ.   

(ނުނިމޭ)

އިދާރާ

ވާހަކަ