އަދުގެ ޚާއްސަ

Print

އަހަރެން ފިކުރާވި އިސްލާމް ދީން (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޝަޚްޞިއްޔަތު

 

ޢަބްދު اللهފާރޫޤު ޙަސަން

(30 މެއި 2020 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޢަބްދު اللـه އަޑްޔާރު ވަނީ އިސްލާމީ މައިގަނޑުނަންތަކުގައި ތަމަޅަބަހުން ވަރަށްގިނަ ފޮތް ލިޔުއްވައިފައެވެ. އޭގެތެރޭގައި ޖަލުން  މިސްކިތާ ހަމަޔަށް، އެއްކައުވަންތަ ކަލެއްހެއްޔެވެ؟ ހާ ސް ކަލާނގެތައް  ހެއްޔެވެ؟ ޤުރުއާން މަޖީދަކީ ކޮބާ؟ އިސްލާމް ދަރާވަޅު ލީޑަރުންގެ  ނަޒަރުގައި،  ދުނިޔޭގެ ޤާއިދުންގެ ނަޒަރުގައި އިސްލާމްދީން، އިސްލާމްދީން  އެބަގޮވައިލައެވެ. ޝަރީޢަތުގެ ޤާނޫނު ގެ ތެރެޔަށް ނުވަންނާށެވެ.  ކަޅުއާދީއްތަ މިފަދަ ފޮތްތައް ހިމެނެއެވެ. 

 

އެންމެ ރީތި ނަމޫނާ

އަޅުގަނޑު އިސްލާމްދީނާމެދު ބަލަނީ ވަރަށް ޚާއްޞަ  ޢިއްޒަތަކާއި އޙުތިރާމަކާ އެކުގައެވެ. މިކަމާގުޅޭގޮތުން އަޅުގަނޑުގެ ޚިޔާލުތައް ލިޔަމުންގެންދާނަމެވެ. އަޅުގަނޑު އުންމީދުކުރަނީ މިލިޔުންތައް  ވިދާޅުވާ ބޭފުޅުން ވަރަށް ފަރުވާތެރިކަން ދެއްވައިގެން  ވިސްނުންތެރިކަމާއެކު މިލިޔުންތައް ވިދާޅުވަމުން ގެންދަވާނެކަމުގައެވެ. 

ދީންތަކުގެ ބާނީންނަށް މިހާރަކަށްއައިސް މު މުޚާޠަބުކުރެވެނީ ރިވިޝަނިސްޓުން (ރުޖޫޢީން ނުވަތަ ފިކުރިއްޔާތަކެއްގެ ނުވަތަ ނިޒާމެއް  ނުވަތަ ވަކި ޢިލްމީ ޘަޤާފަތެއް އޮންނަގޮތް ރަނގަޅުނޫންކަމަށް  ދެކެ އެގޮތް  ބަދަލުކޮށް އާގޮތެއް ގެންނަންވެސް މަސައްކަތްކުރާ މީހުން) ގެ ނަމުންނެވެ. ނަމަވެސް އަޅުގަނޑުގެ ހޯދުންތަކުން ފެނުނުގޮތުގައި އެހުރިހާ ބޭކަލުންނަކީވެސް އެބޭކަލުންގެ ޒަމާނުގެ ޖާހިލީ ރަސްމުތަކާ ދެކޮޅުހައްދަވައި އިޞްލާޙަށް އަޑުއުފުއްލެވި އިންޤިލާބީ  ލީޑަރުންނެވެ . 

ހިންދީ ދީން ނުވަތަ ވެދަކު މަޒުހަބު އިޞްލާޙުކުރައްވަން  މަސައްކަތްކުރެއްވި ޝަންކަރު އާޗާރިއްޔާ އަކީ ވެސް އިންޤިލާބީ ލީޑަރެކެވެ. ވެދުގެ އެއް މާނައަކީ ލޯތަކަށް ވަންހަނާކުރުމެވެ. ނުވަތަ ފޮރުވުމެވެ. މިިޚިޔާލު ގެންގުޅޭ ދުނިޔެއެއްގައި "ވެދު އެންމެނަށްޓަކައި"ގެ ނަޢުރާގެ އަޑުއުފުއްލެވި ރާމަންޖުމްއަކީ RAMAN JUM)  އިންޤިލާބީ ޝަޚުޞިއްޔަތެކެވެ. 

مسيح عليه السلام އަކީ ވެސް އެކަލޭގެފާނުގެ ޒަމާނުގެ ޖާހިލީ ރަސްމުތަކާ ދެކޮޅަށް އަޑުއުފުއްލެވި އިންޤިލާބީ ޝަޚުޞިއްޔަތެކެވެ. އަޅުގަނޑުމެން ދީންތަކުގެ ތާރީޚު މުޠާލިޢާކޮށްފިނަމަ ސާބިތުވާނީ އެމުހިންމު ޝަޚުޞިއްޔަތުތަކަކީ ރިވިޝަނިސްޓުންނެއް ނުވަތަ  ރުޖޫޢީންނެއް ނޫންކަމެވެ. އިންޤިލާބީންކަމެވެ. 

މި ދެންނެވިފަދަ ޝަޚުޞިއްޔަތުތަކުގެ ތެރެއިން އެންމެ  މަތިވެރި އެންމެ މާތް ޝަޚުޞިއްޔަތަކީ محمدّ صلى الله عليه وسلم ކަމުގައި ފާޅުގައި ހަރުއަޑުން އިޢުލާނުކުރާކަށް އަޅުގަނޑު ކުޑަކޮށް ވެސް  ފަހެއްނުޖެހެމެވެ. محمدّ صلى الله عليه وسلم (އާއި އެހެންވެސް  ނަބީބޭކަލުން) ފިޔަވައި އެހެނިހެން ބޭކަލުން ޙިކުމަތާއި ފިކުރިއްޔާތު  ޙާޞިލުކުރެއްވީ އެ ރޮނގުގެ ކޮންމެވެސް ޢާލިމެއްގެ އަރިހުންނެވެ.  އެބޭކަލުންގެ ބެލެނިވެރީން ނުވަތަ ޢާއިލާވަނީ އެބޭކަލުންގެ ތަރުބިޔަތުގެ މުހިންމު ވަސީލަތަކަށްވެފައެވެ. 

ނަމަވެސް އަޅުގަނޑުމެން ވިސްނައިބަލައިލާއިރ محمدّ صلى الله عليه وسلم އެހެނިހެން ޝަޚުޞިއްޔަތުތަކާ ވަރަށް ތަފާތެވެ. އެ މާތް  ސާހިބާ ރައްކައުވުމުގެ ކުރީންވަނީ ބައްޕާކަލުން عبـداللـه ގެފާނު އަވަހާރަވެފައެވެ. އެކަމުގެ ސަބަބުން ލިބިވަޑައިގަންނަވާނެ  ހިތްޕުޅު ދަތިކަމާއި ތުރާތައް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ ބައްޕަގެ މޫނު ފެނުމުގެ ނަސީބުން މަޙުރޫމުވެފައިވާ ޔަތީމުންނަށެވެ.

محمدّ صلى الله عليه وسلم ގެ މަޙުރޫމުވެވަޑައިގެންނެވުމުގެ  ސިލްސިލާ އެހައިތަނަކުންވެސް ނިމުނީކީ ނޫނެވެ. އެމާތް ސާހިބާގެ އުމުރުފުޅުން ހައަހަރުފުޅުގައި މައިކަނބަލުންގެ ހިޔާވަހިކަމުންވެސް  މަޙުރޫމުވެވަޑައިގެންފިއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ މައިކަނބަލުން  آمنـة ގެފާނާއި އާޔާ أم أيمن ގެ އަރިހުގައި ޔަޘްރިބަށް ދަތުރުފުޅެއް ކުރެއްވިއެވެ. ބައްޕާފުޅުގެ މަހާނަފުޅަށް ޒިޔާރަތްކުރެއްވުމަށްޓަކައެވެ. އެނބުރިވަޑައިގެންނެވި މަގުމަތީގައި މައިކަނބަލުން އަވަހާރަވީއެވެ. 

ކުރީންވެސް ދެންނެވިފަދައިން ބައްޕާފުޅުގެ މޫނުފުޅު ދެކެވަޑައެއް ނުގަންނަވައެވެ. ޢާއިލާއާ ވަކީން ދުރު ދަތުރުފުޅެއްގައި އުޅުއްވަނިކޮށް މައިކަނބަލުން އަވަހާރަވުމުގެ ހިތާމަފުޅު އުފުއްލަވަން ޖެހިވަޑައިގެންނެވީއެވެ. އެތުއްޕުޅު ޔަތީމު (ގޮވައިގެން އެކަލޭގެފާނުގެ އާޔާ  މައްކާއަށް ވަޑައިގަތުމުން) އެހީތެރިވެވަޑައިގެންނެވުމުގެގޮތުން ކުރިޔަށް ނިކުމެވަޑައިގެންނެވީ ލޮބުވެތި ކާފާފުޅެވެ. އެކަމަކު ދެއަހަރެއްހައި ދުވަހުގެ ތެރޭގައި ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. 

ބައްޕާފުޅާއި މަންމާފުޅާއި ކާފާފުޅުގެ ލޯބިފުޅާއި އެހީތެރިކަމުން މަޙުރޫމުވެވަޑައިގަތީ އަށެއްކަ އަހަރުގެ ކުރު މުއްދަތުގެ ތެރޭގައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގެ އަޑިގުޑަންކަމާ ކުރިމަތިލެއްވީ ގިނިކަންޏާއެވެ. މާތް اللـهގެ ދީލަތިވަންތަކަމާއި ރަޙުމަތްވަންތަކަމުގެ އައްސޭރިޔަށް އިންސާނިއްޔަތު ގެނެސްދެއްވި މާތް ނަބިއްޔާ ފެންނަނީ ދިރިއުޅުއްވުމުގެ މައިދާނަށް ގިނިކަންޏާ ނުކުމެވަޑައިގެން ހުންނަވަނިކޮށެވެ. އެ މާތް ސާހިބާގެ ބޮޑުބޭބޭފުޅު أبـوطالب އެ މަރު ޙަލާގައި އަތްބާރުއަޅުއްވައިދެއްވިއެވެ.  ނަމަވެސް މައިންބަފައިންގެ ހިޔާވަހިކަމުން މަޙުރޫމުވުމަކީ ކިހައި ހިތި، ކިހައި ހިތްދަތި ކަމެއްކަން ވަޒަންކުރެވޭނީ އެކަން ތަޖުރިބާކުރި ބަޔަކަށެވެ. މައިންބަފައިންގެ އެހީން މަޙުރޫމުވެފައިވާ މީހުންނަށެވެ.

އިސްލާމްދީންފަދަ އަގުބޮޑު މަތިވެރި ނިޢުމަތެއް ދުނިޔެއަށް  ލިބުނީ އިސްވެދެންނެވި މަޙުރޫމުވެވަޑައިގެންފައިވާ ޔަތީމު ޒުވާނާގެ އަތްޕުޅުމަތީންނެވެ. އެ ޔަތީމުގެ ދަޢުވަތު ސްޕޭނުން ފެށިގެން ޗައިނާއާ ހަމަޔަށް ފެތުރުނީ ކިހިނަކުންބާވައެވެ؟ ދުނިޔޭގެ އެއްބިތުން އަނެއްބިތަށް  ފުޅާވެގެންދިޔައީ ކޮންގޮތަކަށް ބާވައެވެ. މިއީ ބުއްދިތައް ޙައިރާންވެ  އަންތަރީސްވާފަދަ ޙަޤީޤަތެކެވެ. ޝައްކެއްނެތެވެ. އިސްލާމްދީން ފެތުރި  ފުޅާވެފައިވަނީ އެދީނުގެ މަޢުޞޫމް ނަބިއްޔާގެ ރިވެތި ސުލޫކުގެ  ސަބަބުންނެވެ. އެއްވެސްކަހަލަ އައިބެއްނެތް ދިރިއުޅުއްވުމުގެ ސަބަބުންނެވެ. ދިލައެއް މިލައެއްނެތް ރީތި ޚުލުޤުފުޅުގެ ބާރުގައެވެ.

އެހެންކަމުން محمدّ صلى الله عليه وسلم ގެ ޒާތުފުޅަކީ އިންސާނިއްޔަތުގެ ކުރިމަތީގައިވާ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާކަމީ އެއްވެސް ބަޙުޘެއް އޮތްކަމެއް ނޫނެވެ. ޝައްކަކަށް ވަސްވާހަކަށް ތަންދޭކަމެއް ނޫނެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ