އަދުގެ ޚާއްސަ

Print

ދަޅަ (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(30 މެއި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ރާޖްގެ އެންމެ ބޮޑު އެދުމަކީ އިނާ ރާޖްގެ މީހަކަށްވާ ދުވަސް އައުންކަމުގައި ކިޔަން ފެށުމުން، އެންމެފަހުން އިނާ ހަތިޔާރު ބަހައްޓައިފިއެވެ. އަމާންދިނީ ވަރުގަދަ ޝަރުޠެއް ކުރިމަތި ކުރުމަށްފަހުއެވެ. އިސްލާމް ދީނުގައި ކައިވެނި އޮންނަ ގޮތް ކިޔައިދިނުމުން ރާޖް އެކަމަށް އެއްބަސްވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެކަމާ އިނާ ވަރަށް އުފާވިއެވެ.

[ރާޖްގެ މަންމަ އާއި ބައްޕަ ޤަބޫލުވާނެތަ؟] އިނާ ކަންބޮޑުވެގެން އަހާލިއެވެ.

[ޤަބޫލު ވާނެ.]

ޤުރުއާނުގެ އިނގިރޭސި ތަރުޖަމާ ސިޓިންގ ރޫމްގެ މޭޒުމަތީ  އޮއްވާ ފެނުމުން އިނާ ހިތް އުފަލުން ނަށައިގަތެވެ. 

ޙަޤީޤީ ލޯބިވެރިންނަކީ އެއީއެވެ. ރާޖް އިނާއަށް ޓަކައި ކޮންމެ ފަދަކަމެއް ކޮށްފާނެކަން ޔަޤީން ވެއްޖެއެވެ. އިނާގެ ނަޒަރުގައި ރާޖް އަކީ ޝާހްޖަހާންއެވެ. މުމްތާޒް އަށް ޓަކައި ޝާހްޖަހާން ޤުރުބާންވި ފަދައިން އިނާއަށްޓަކައި ރާޖްވެސް ޤުރުބާން ވާނެއެވެ. 

[މަންމާ. ރާޖް ބޭނުމީ މުސްލިމަކަށް ވާން.] އިނާ ކާމޭޒު ކައިރީ އިނދެ ބުންޏެވެ. އިނާ ދެއްކި ވާހަކަތައް އަޑުއިވުމުން މަންމަ ހިނތުންވެލިއެވެ. 

[ދަރިފުޅަށް މިހާރު ހެޔޮ ނުބައި ވަކިވާނެ. ކަމެއް ނިންމަންވާނީ ވަރަށް ރަނގަޅަށް ވިސްނާފައި. މަންމަ އާއި ބައްޕަ އިނާގެ ނިންމުމަށް ދެކޮޅެއް ނުހަދާނަން.] ކާމޭޒުމަތި ސާފުކުރަމުން ޒަހީރާ ވާހަކަ ދައްކަމުން ދިޔައެވެ. 

[ރާޖް ބުނެފަ އޮތީ ހަމަސް ދުވަސް ތެރޭ ދީނުގެ ހުރިހާ ކަންކަން ދަސްކޮށް އޭނަ މުސްލިމަކަށް ވާނަމޭ. މިފަހަރު ރާޖް އިންޑިޔާ އަށް ދާއިރު އަހަރެން ބޭނުން ގަންނަން ޖެހޭ ބައެއްތަކެތި ގަންނަން އިންޑިޔާއަށް ދާން." މަންމަ އެގޮތާ ހިތްހަމަ ނުޖެހޭނެކަން އެނގިހުރެ އިނާ އެހިއެވެ. 

[ކައިވެންޏަށްފަހު ރާޖް އާއި އެކީ ދިޔަސް މަންމައަށް އެންމެ ރަނގަޅު. އެކަމަކު މިހާރު އެކަނި ދާކަށް މަންމައަކަށް ނުފެނޭ. މަންމަ އާއި ބައްޕަވެސް ދަރިފުޅާއެކު ދާނަން. ހަފްތާއަކަށް ދިއުން ކިހިނެއްވާނީ؟]  

[އާން. ތިގޮތްވެސް ރަނގަޅުވާނެ.] އިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ގަޑިން މެންދަމުން އަލިވެ އެކެއްޖަހައިފިއެވެ. ރާޖްގެ ލޮލުގައި ނިދީގެ އަސަރުވެސް ނެތެވެ. މަސައްކަތުގައި އަވަދިނެތި އުޅެން ޖެހިފައިވާތީއެވެ. ރާޖް ގްރޫޕްގެ މީހުން މާލޭގެ އެކި ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދަނީއެވެ. ނޮވެންބަރު އެގާރަ އަށެވެ. ކޮންމެ މީހަކުވެސް މާލެ އައީ ވަކީންނެވެ. މިޝަން ކާމިޔާބު ކުރުމަށްޓަކައެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާ އުޅުމުގައިވެސް ވަރަށް ވިސްނަން ޖެހެއެވެ. ކަމުގައި ހުރި ނުރައްކާ ބޮޑުކަމުންނެވެ.                                                  

އެމީހުންގެ ބޮސް ހުރީ އިންޑިޔާގައެވެ. ރާއްޖެ އަކީ އަވަށްޓެރި އިންޑިޔާގެ މިތުރެކެވެ. އެކަމަކު އިންޑިޔާގެ ޖަމާޢަތަކުން ދެކޭގޮތުގައި ރާއްޖެ އަކީ ހަތުރެކެވެ. އެޤައުމުގެ ފަޤީރުންނަށް ނުލިބޭ އެތައް ޢިނާޔަތްތަކެއް ރާއްޖެއަށް ލިބޭތީއެވެ. ރާއްޖޭގެ މީހުންނަކީ މުއްސަނދީންނެވެ. އެތައް ބަޔަކު ޗުއްޓީ ހޭދަކުރުމަށް އިންޑިޔާއަށް ގޮސް އުޅޭތަން އެމީހުންނަށް ފެނެއެވެ. މުއްސަނދީންނަށް ބޮޑެތި މާލީ އެހީތައް ދިނުމަކީ އެމީހުން ޤަބޫލު ކަމެއް ނޫނެވެ. އެކަމުގެ ނަފްރަތުގައި ރާޖްގެ ގްރޫޕް މީހުން ނިންމީ ރާއްޖޭގެ ވެރިރަށް މާލޭގެ ވަސް ފޮހެލުމަށެވެ. އެމީހުން އައިސް އެތިބީ ވަރުގަދަ ޢަޒުމެއްގައެވެ. މީގެ އަށާވީސް އަހަރު ކުރިން އައި ނޮވެންބަރު ތިނެއްގައި، ދިން ޙަމަލާ އަށްވުރެ ވަރުގަދަ ޙަމަލާ އަކަށް ތައްޔާރުވެގެންނެވެ. މުޅި ރާއްޖެ އިންޑިޔާގެ މިލްކަކަށް ވާނެ ޕްލޭން ހަދައިގެންނެވެ. މަލިކު ލިބުނު ފަދައިން ރާއްޖޭގެ ހުރިހާ ރަށެއްވެސް އެމީހުން އަތްދަށުލާން ނިންމައިގެންނެވެ. 

މިފަހަރު ކަންކުރުމަށް ރޭވިއިރު އެމީހުން އަތްދަށުލީ ރާއްޖޭގެ ޒުވާން އަންހެން ކުދީންނެވެ. އިނާ ކަހަލަ އެތައް އިނާއެއް ތިބީ އެގްރޫޕް މީހުންގެ އަވާގައި ޖެހިފައެވެ. ރާޖަށް މިއަދު އިނާ ރަށުން ބޭރަށް ދާން ޖެހުނުކަން އެނގުމުން އުފާވިއެވެ. ރާޖް ބޭނުމީވެސް އެކަނި އިނދެ މަސައްކަތް ނިންމާލުމަށެވެ. އިނާ ހުރެއްޖެނަމަ ކޮންމެ ފަދަ ވަގުތަކުވެސް އަތުވެދާނެ ކަމުގެ ބިރު އޮވެއެވެ. ފުރަން ދަބަސް ކޮނޑުއަޅުވައިގެން އިނާ ގެއިން ނިކުމެ ކާރަށް އަރަންދެން ރާޖް ހުރީ އިނާގެ ގާތުގައެވެ.  

މޫސުން ގޯސްވުމުގެ ސަބަބުން އިނާ ދިއުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލްވީ ފުރަން ނިކުމެ ދެގަޑިއެއްހާ އިރު ހާބަރު ސަރަޙައްދުގައި މަޑުކުރި ފަހުންނެވެ. އިނާ ގެޔަށް ދިޔައީ ދަތުރު ކެންސަލްވިކަން ރާޖަށް ނާންގައެވެ. ސަޕްރައިޒް ދިނުމަށެވެ. މަޑުމަޑުން ރާޖް ހުރި ބަޔަށް އިނާ ދިޔައެވެ. އެހެންނަމަވެސް ސަޕްރައިޒް ލިބުނީ އިނާއަށެވެ. އިވުނު އަޑުތަކަކުންނެވެ. 

[ޕްލޭން އާ އެއްގޮތަށް ހުރިހާ ކަމެއްވެސް އެބަހިނގާ. ޖުމްހޫރީ ދުވަހުގެ ޖަލްސާ ފެށުމުގެ ތިންގަޑި އިރު ކުރިން އަހަރެމެން ނައްޓާލާނަން. ބޮސް ބުނި ހުރިހާ ހިސާބެއްގައި ގޮވާ ތަކެތި ބެހެއްޓޭނެ.] ހިންދީ ބަހުން ވާހަކަ ދައްކަމުން ރާޖް ގެންދިޔައެވެ. އިނާ ހުރީ އަނގަމަތީ އަތްއަޅައިގެންނެވެ.  އެހެން ހުއްޓާ ދެންއިވުނީ އެއަށްވުރެ ބިރުވެރި އަޑެކެވެ. 

[އަހަރެން ދަމުން އިނާ ގެންދާނަން. ކިޑްނެޕް ކުރަން ތައްޔާރަށްތިބޭ. މަ ބޭނުންވާ ވަރަށް ފައިސާ ލިބެންވާނެ. އާން. ވަރަށް ރީތި ކުއްޖެއް. ބިލިއަނަރ މޯހަންއަށް ކަމުދާނެކަން ޔަޤީން. ޑޮކްޓަރ ކަން ކިޔަވައިގެން ހުރި ކަމަށް ހެދިގެން އުޅުނީ. އަހަރެންގެ މަޅިން ސަލާމަތް ވެވޭނެތަ؟] އެއިވުނު ޖުމްލަ ތަކާއެކު އިނާ މަޑުމަޑުން ފަހަތަށް ޖެހެމުން ގެސްޓް ރޫމުން ނިކުމެއްޖެއެވެ. ރާޖްގެ މަޤްޞަދަކީ ރާއްޖޭގެ ވެރިރަށަށް ޙަމަލާ ދިނުމާ، އިނާ އިންޑިޔާގެ ބާޒާރުގައި ނީލަން ކިޔުންކަން އިނާއަށް އެނގިއްޖެއެވެ. ރޮމުންރޮމުން ގޮސް އިނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ޚިޔާލަށް އަންނަން ފެށީ ރާޖް ދައްކާފައި ހުރި ވާހަކަތަކެވެ. ރާޖަށް މާލެ ދަސްވިލެއް   

އަވަސްކަމެވެ. ތަންތަން ފޮޓޯ ނަގަން ފޯރި ހުންނަ ސަބަބެވެ. އިނާ ރާޖު ހުންނަ ގެސްޓް ރޫމަށް ދާއިރަށް އަވަސް އަވަހަށް ރާޖްހުންނަ ކޮޓަރިން ބޭރަށް ނިކުންނަ މަންޒަރެވެ. ކޮޓަރި ސާފު ކުރުމަށްވެސް މީހަކު ވައްދަން ޤަބޫލު ނުވިކަމެވެ.  ޚިޔާލުތަކުގައި އޮއްވާ ނިދުނު ގޮތެއްވެސް ނޭނގުނެވެ. ހޭލެވުނީ ހުވަފެނުގައި ރާޖް އައިސް އިނާ ގަދަކަމުން ގެންދާތަން ފެނިގެންނެވެ. މިކަހަލަ ނާޒުކް ދަނޑިވަޅެއްގައި ނިދުނަތީ އިނާ އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ.                                                           

އިނާގެ ފޯން ނެގުމަށްފަހު ނަންބަރުތައް ހާވަން ފަށައިފިއެވެ. ފުލްސް އިނިސްޕެކްޓަރ އަމާން އަކީ އިނާގެ ކްލާސް މޭޓެކެވެ. އަމާން އަށް ގުޅުމަށްފަހު ކަންތައް ވީގޮތް ކިޔައިދިނެވެ. ދުވަހުގެ އިރުއެރުމާއެކު ކޯޓް އަމުރާއެކީ އިނާ ގެއަށް ފުލުހުން އައިސް ވަދެއްޖެއެވެ. ރާޖްގެ ކޮޓަރިން ފެނުނު ބައެއްތަކެއްޗަކީ ބޮން ހެދުމަށް ގެންގުޅޭ ސާމާނުކަން ކަށަވަރުވިއެވެ. ރާޖް ފުލްސް އޮފީހަށް ގެންދެވިއްޖެއެވެ. 

މައިންބަފައިންނަށް ކަން ހިނގިގޮތް އިނާ ކިޔައިދިނެވެ. ރާޖްގެ މަޅިން އިނާ ސަލާމަތްވީތީ އެމީހުން އުފާކުރިއެވެ. ރާޖް ދެއްކި އަވާމެންދުރު ފަހަތުން އިނާއަށް ދެވުނީތީ އެކަމާ މިއަދު އިނާ ހިތާމަކުރެއެވެ. މުސްލިމަކަށް ވާނަމޭ ކިޔައިގެން ދެއްކި ދަޅައަށް ހެއްލުނީ ކީއްވެ ހެއްޔެވެ؟ މޮޅު ވާހަކަ އާއި، ރީތި ކަމުގެ ނިވަލުގައި ވަނީ ކޮންފަދަ ކެހިވެރިކަމެއް ހެއްޔެވެ؟ އިނާގެ ހިތުގައި އޮތް ރާޖްގެ ލޯބި ނަފްރަތަށް ބަދަލުވެއްޖެއެވެ. އިނާކަހަލަ އެތައް އަންހެން ކުދީންނަށް ދަޅަ ދައްކައިގެން މިޤައުމުގެ މިނިވަންކަމާ ތޮޅެން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރާޖް ފަދަ މިޤައުމުގެ ލެޔަށް ދަހިވެތި ވެފައިވާ މީހުންގެ އަތްދަށުން ޤައުމު ސަލާމަތް ކުރުމަށް އެދި  އިނާގެ ހިތާހިތުން  ދުޢާކުރިއެވެ.

(ނިމުނީ )  

އިދާރާ

ވާހަކަ