ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (4)
މުޙަންމަދު ޝާހިދު ޙަލީމު
(25 މޭ 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
3.1- ތަމްސީލު ލިއުންތެރީންނާއި ތަމްސީލު
މި ބައިގައި މި ބަޔާންކުރަނީ މި ދިރާސާއަށް ހޯދި ހޯދުންތަކުން މަޢުލޫމާތު ލިބުނު ތަމްސީލުލިއުންތެރީންނާއި އެ ލިއުންތެރީން ލިއެފައި ވާ ތަމްސީލުތަކެވެ. މި ތަމްސީލުތަކުގެ ތެރެއިން ފަރުދާގެ އަދަދާއި ތީމު އޮޅުންފިލި ތަމްސީލުތަކުގެ ފަރުދާގެ އަދަދާއި ތީމު ވެސް ފާހަގަކޮށްފައި ހުންނާނެއެވެ. (ދިވެހި ތަމްސީލުތަކުގައި ފަރުދާއާއި މަންޒަރު ވެސް ބޭނުންކޮށްފައި ވަނީ ފަރުދާއަށް ކަމަށް ފާހަގަކުރެވޭތީ އިސްކިރިޕްޓުގައި މަންޒަރު ކަމަށް ހުރި ތަންތަން ވެސް އެއީ ފަރުދާ ކަމަށް ބަލައިފައި ވާނެއެވެ.)
ހ- މުޙަންމަދު އަމީން (1910-1954)
ތަމްސީލުގެ ދުނިޔޭގައި މުޙަންމަދު އަމީން ފާހަގަކުރެވެނީ އެންމެ ފުރަތަމަ ދިވެހި ބަހުން ތަމްސީލެއް ލިއުއްވައި ޑައިރެކްޓުކުރެއްވި ލިއުންތެރިއާގެ ގޮތުގައެވެ.
މުޙަންމދު އަމީނަކީ ތަމްސީލުގެ އިތުރުން ތަފާތު އެތަކެއް ރޮނގުން ދިވެހި އަދަބަށް ޚިދްމަތްކުރައްވައިފައި ވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ކުރުވާހަކައާއި ނާވިލު ލިއުއްވުން، ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިއުއްވުން، ޅެން ހެއްދެވުން، ތަފާތު ރޮނގުރޮނގުން ފޮތްލިއުއްވުން ހިމެނެއެވެ.
ތިރީގައި މި ބަޔާންކުރަނީ މުޙަންމަދު އަމީން ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. އަބަދަށް ފެހި އޯކިޑުމަލެއްގެ މަންޒަރެއް. (ޤައުމީ ތަމްސީލެއް.)1364ހ. (1945މ.)
2. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ. (7 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1365ހ. (1946މ.)
3. ލޯތްބަކީ އެހީ ވުމެވެ.1365ހ. (1946މ.)
(މި ތަމްސީލު އިސްޓޭޖުގައި ކުޅެވުނީ 26.2.1366ހ. (25.12.1946މ.)ގައެވެ.)
4. ދިވެހި އަންހެނުންގެ އައު ރޫޙު. (5 ފަރުދާގެ ޤައުމީ ތަމްސީލެއް.)1367ހ. (1948މ.)
5. މަދްރަސާ ބެޖު. (6 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1369ހ. (1950މ.)
6. ދިވެހި ރާއްޖޭގެ އެހާރާއި މިހާރާއި މުސްތަޤުބަލު. (7 ފަރުދާގެ ޤައުމީ ތަމްސީލެއް.)1370ހ. (1951މ.)
ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 2، 3، 4، 5، 6 ގައިވާ ތަމްސީލުތަކުގެއެވެ.
ށ- މުޙަންމަދު ޖަމީލު (1915-1989)
މުޙަންމަދު ޖަމީލު އެންމެ ފުރަތަމަ ލިއުއްވި އިސްޓޭޖު ތަމްސީލެއް ކަމަށް އެނގެން އޮތީ ރެހެންދި ޚަދީޖާ (1970) އެވެ. މުޙަންމަދު ޖަމީލަކީ އިސްޓޭޖު ތަމްސީލުގެ އިތުރަށް ރޭޑިއޯ ތަމްސީލު ވެސް ލިއުއްވި ބޭފުޅެކެވެ.
މުޙަންމަދު ޖަމީލު ލިއުއްވައިފައި ވާ އިސްޓޭޖު ތަމްސީލުތައް "ޖަމީލުގެ ތަމްސީލުތައް" މި ނަމުގައި 1990 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކުރައްވައިފައި ވެއެވެ. މުޙަންމަދު ޖަމީލަކީ މަޒުމޫނާއި ކުރުވާހަކައާއި ނާވިލު ލިއުއްވުމުގެ ރޮނގުންނާއި ޅެންވެރިކަމުގެ ރޮނގުންނާއި ބޭރު އަދަބު ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގުން ވެސް ދިވެހި އަދަބަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ.
ތިރީގައި މި ބަޔާންކުރަނީ މުޙަންމަދު ޖަމީލު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. ރެހެންދި ޚަދީޖާ. (3 ފަރުދާގެ ތާރީޚީ ތަމްސީލެއް.) 1970
2. ހަނދާނުގެ ފަތްފުށުން. (1 ފަރުދާގެ ތާރީޚީ ތަމްސީލެއް.) 1977
3. މިހާރު މަރުދީ ދާށޭ ޤައުމާއިގެން ދީނާ. (1 ފަރުދާގެ ޤައުމީ ތަމްސީލެއް.)1978
4. ޢިލްމީ ޖިހާދު. (5 ފަރުދާގެ ތާރީޚީ ތަމްސީލެއް.) 1981
ނޯޓު: މި ހުރިހައި ތަމްސީލެއްގެ ވެސް އިސްކިރިޕްޓު ވަނީ ޗާޕުކުރެވިފައެވެ.
ނ- ޢަލީ ޙުސައިން ނައިފަރީ (1919-2000)
ޢަލީ ޙުސައިން އެންމެ ފުރަތަމަ ލިއުއްވި އިސްޓޭޖު ތަމްސީލެއް ކަމަށް ފާހަގަކުރެވެނީ 1961 ގައި މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުން ކުޅުނު ތަރުބިއްޔަތުގެ ނަތީޖާއެވެ. އޭނާ 6 ތަމްސީލު ލިއުއްވައިފައި ވެއެވެ. އަދި އެއް ތަމްސީލު އެހެން ލިއުންތެރިއަކާ އެކު ލިއުއްވައިފައި ވެއެވެ.
ޢަލީ ޙުސައިނަކީ ފޮތްލިއުއްވުމާއި ވާހަކަލިއުއްވުމާއި މަޒުމޫނުލިއުއްވުމާއި ޅެންހެއްދެވުމުގެ ރޮނގުން ވެސް ދިވެހި އަދަބަށް ޚިދުމަތްކުރައްވައިފައި ވާ ބޭފުޅެކެވެ.
ތިރީގައި މި ބަޔާންކުރަނީ ޢަލީ ޙުސައިން ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. ތަރުބިއްޔަތުގެ ނަތީޖާ. 1961
2. ޔަތީމު ކުދީން. 1966
3. ބީބީ. 1966
4. ހެޔޮ ކަންތަކުގެ ދުޝްމަން. 1969
(މިއީ ޝެކްސްޕިއަރުގެ ދަ މާޗަންޓް އޮފް ވެނިސް އަސްލަކަށް ބައްލަވައިގެން ލިއުއްވި ތަމްސީލެކެވެ.)
5. މިނިވަންކަމުގެ ޖިހާދު. (6 ފަރުދާގެ ތާރީޚީ ތަމްސީލެއް.)1979
(މި ތާރީޚަކީ މި ތަމްސީލުގެ އިސްކިރިޕްޓު ޗާޕުކޮށްފައި ވާ ފޮތް ފާސްކޮށްފައި ވާ ތާރީޚެވެ.)
6.އަސާސީ ތަޢުލީމުގެ ތަޖުރިބާ 1982
(މި ތަމްސީލު ލިއުއްވައިފައި ވަނީ ޢަލީ ޙުސައިނާއި ޢަބްދުއްރައްޒާޤު މުޙަންމަދާ ދެ ބޭފުޅުންނެވެ.)
7. އެނގުމާއި ނޭނގުމުގެ ތަފާތު 1983
ނޯޓު: މި ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 5 ގައި ވާ ތަމްސީލުގެއެވެ.
ރ- ޢަބްދުއްރައްޒާޤު މުޙަންމަދު ނައިފަރު (1932-1990)
ޢަބްދުއްރައްޒާޤު މުޙަންމަދު އެންމެ ފުރަތަމަ ލިއުއްވި ދެ އިސްޓޭޖު ތަމްސީލު ކަމަށް ފާހަގަކުރެވެނީ 1982 ވަނަ އަހަރު ލިއުއްވި އީސަދަރި އާއި ފޫޅު ދިގު ހަންޑިއެވެ. އޭނާ 5 ތަމްސީލު ލިއުއްވައިފައި ވެއެވެ. އަދި އެއް ތަމްސީލު އެހެން ލިއުންތެރިއަކާ އެކު ލިއުއްވައިފައި ވެއެވެ.
ޢަބްދުއްރައްޒާޤު މުޙަންމަދަކީ ތަމްސީލުގެ އިތުރަށް ޅެންހެއްދެވުމުގެ ރޮނގުން ވެސް ދިވެހި އަދަބަށް ޚިދުމަތްކުރައްވައިފައި ވާ ބޭފުޅެކެވެ.
ތިރީގައި މި ބަޔާންކުރަނީ ޢަބްދުއްރައްޒާޤު މުޙަންމަދު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. އީސަދަރި. 1982
2. ފޫޅުދިގު ހަންޑި 1982
3. ޢަލީ ރަސްގެފާނުގެ ދަރުބާރު 1982
4. އަސާސީ ތަޢުލީމުގެ ތަޖުރިބާ. 1982
(މި ތަމްސީލު ލިއުއްވައިފައި ވަނީ ޢަބްދުއްރައްޒާޤު މުޙަންމަދާއި ޢަލީ ޙުސައިނާ ދެ ބޭފުޅުންނެވެ.)
5. ރަނގަޅު ގުޅުންތަކަށް ފަހަރުގައި ބުރޫއެރިއަސް.1987
6. މާފިލާފުށީގެ މާޒީގެ ޚިޔާލީ މަންޒަރެއް 1988
ނޯޓު: މި ތަމްސީލުތަކުގެ އިސްކިރިޕްޓު ޗާޕުކުރެވިފައި ވާ ކަން އަދި މިހައި ތަނަށް އެނގިފައެއް ނެތެވެ.
ބ- ސައިކުރާ އިބްރާހީމް ނަޢީމު (1935-)
ސައިކުރާ އިބްރާހީމް ނަޢީމުގެ ހިތްޕުޅުގައި ތަމްސީލާ މެދު ޝައުޤުވެރިކަން އުފެދުނީ މަދަރުސާގައި އުޅުއްވި އިރު، ރާއްޖޭގައި އާންމުކޮށް ފުރަތަމަ ދެއްކި ތަމްސީލު "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ" ފެނިވަޑައިގަތުމުންނެވެ. ނަޢީމު ފުރަތަމަ ޑައިރެކްޓުކުރެއްވީ ޖިންސުއްލަޠީފުންގެ ރޫޙުން 1950ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1960ގެ އަހަރުތަކުގެ ކުރީކޮޅު ކުޅުނު ދޮންބީފާނު ވާހަކައެވެ. ޙުސައިން ޞަލާޙުއްދީން ލިއުއްވި މި ވާހަކަ ތަމްސީލަށް ބަދަލުކުރެއްވީ ވެސް ނަޢީމެވެ.
ނަޢީމު ލިއުއްވި ތަމްސީލުތަކުގެ ފޮތެއް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2002 ވަނަ އަހަރު "ސިނަފްގެ ތަމްސީލުތައް" މި ނަމުގައި ޝާއިޢުކުރައްވައިފައި ވެއެވެ.
ނަޢީމަކީ ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވުމުގެ އިތުރަށް ތަމްސީލު ކުޅުއްވި ވެސް ބޭފުޅެކެވެ. ތަމްސީލު ލިއުއްވުމުގެ ރޮނގުގެ އިތުރަށް ނަޢީމަކީ ކުރުވާހަކައާއި، ނާވިލު ލިއުއްވުމާއި، މަޒުމޫނު ލިއުއްވުމާއި، ޅެން ހެއްދެވުމުގެ ރޮނގުން ވެސް ދިވެހި އަދަބަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ތިރީގައި މި ބަޔާންކުރަނީ ސައިކުރާ އިބްރާހީމް ނަޢީމު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1. ދޮންބީފާނު ވާހަކަ. 1950ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1960ގެ އަހަރުތަކުގެ ކުރީކޮޅު.
(މިއީ ޙުސައިން ޞަލާޙުއްދީން ލިއުއްވައިފައި ވާ "ދޮންބީފާނު ވާހަކަ" ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
2. ރިވާޔަތު މޫސާ ވަ ޛުލައިޚާ1950ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1960ގެ އަހަރުތަކުގެ ކުރީކޮޅު.
(މިއީ އަޙްމަދު ކާމިލު ދީދީ ލިއުއްވައިފައި ވާ "ރިވާޔަތު މޫސާ ވަ ޛުލައިޚާ" ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
3. ކަލަންޑަރު.އަހަރު ނޭނގޭ.
4. އަނދިރީގެ ދިރިއުޅުން. އަހަރު ނޭނގޭ.
5. ލޭފޮދެއް ދެއްވާ.އަހަރު ނޭނގޭ.
6. މީހުން ބިނާކުރުން.އަހަރު ނޭނގޭ.
7. ހިތާމަ ހުރި ކަމެއް.އަހަރު ނޭނގޭ.
8. ދަރިން ގިނަވުމުގެ ފިކުރު.އަހަރު ނޭނގޭ.
9. މި ވެސް ސިޔާސަތެއް.އަހަރު ނޭނގޭ.
10. ބައްޕަގެ ނަސޭހަތް. (4 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1961؟
11. ހަމްދަރުދީ.1960ގެ އަހަރުތަކުގެ ތެރޭގައި.
12. އަންވަރު.1960ގެ އަހަރުތަކުގެ ތެރޭގައި.
(މިއީ އިބްރާހީމް ޝިހާބު ތަރުޖަމާކުރައްވައިފައި ވާ "އަންވަރު" ވާހަކަ ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)
13. ބޮޑުތަދުގެ އަސަރު. (1 ފަރުދާގެ ތާރީޚީ ތަމްސީލެއް.) 1970
14. ނިދިން ހޭލުން. (3 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1970
15. ބިރުވެރި ބޭސް. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް) 1970
16. ފަގީރު މުއްސަންޖެއް. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1970
17. ދެމަފިރިއެއްގެ އަރާރުން. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)1970
18. މާޒީއަށް ފޮނުވައިލުން. (1 ފަރުދާގެ ތާރީޚީ ތަމްސީލެއް) 1970
19. ރާއްޖޭގެ ތަޢުލީމުގެ ދުވެލި. (5 ފަރުދާގެ ތާރީޚީ ތަމްސީލެއް.)1971
20. ދެ މީދާ ފެހި ބުޅާ. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.) 1971
21. ނުކެރޭ މީހާ. (1 ފަރުދާގެ ހެއްވާ ތަމްސީލެއް) 1971
22. ވަޒިފާ. (3 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1977
23. ތަފާތު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1977
24. ފައިދޮށު ފުރޭތަ. 1978
25. ރަޙްމަތްތެރި ވަގުކަލޭގެ. 1978
26. ކިހާ ހިތާމަ ހުރި ކަމެއްތޯ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1980ގެ އަހަރުތަކުގެ ކުރީކޮޅުގައި.
27. ލަދަކާ ހުރެ ތަދެއް ނުފިލާނެ. (4 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1980ގެ އަހަރުތަކުގެ މެދުތެރޭގައި.
28. މުރަނގަގަސްދޮށު މާލިމީ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1980ގެ އަހަރުތަކުގެ ތެރޭގައި.
29. ދަރިންގެ ހަލާކު. (3 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1985
30. ޢިލްމާއި ޙިލްމު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1986
31. ސިކުނޑި ނެތް ބޯ. (3 ފަރުދާގެ ހެއްވާ ތަމްސީލެއް.)އަހަރު ނޭނގޭ.
32. ރަން ދަރިފުޅު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)އަހަރު ނޭނގޭ.
ނޯޓު: މި ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 10، 23-13، 32-26 ގައި ވާ ތަމްސީލުތަކުގެއެވެ.
ޅ- ޢަބްދުﷲ ޞާދިޤު (1935-)
ޢަބްދުﷲ ޞާދިޤު ތަމްސީލުގެ ތެރެއަށް ވެދެވަޑައިގަތީ ދާރުލްއިޤާމާގެ ކުދީން ކުޅުނު "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ" މި ތަމްސީލުންނެވެ. ޢަބްދުﷲ ޞާދިޤަކީ އެ ތަމްސީލުގައި ނާޒިރުގެ ބައި ކުޅުއްވި މުމައްސިލެވެ.
ޢަބްދުﷲ ޞާދިޤު އެންމެ ފުރަތަމަ ތަމްސީލު ލިއުއްވީ މަދްރަސަތުލްއަމަލުގެ ދަރިވަރުން ކުޅުނު ތަމްސީލު ޝޯ "ގޯލްޑަން މެމޮރީޒަ"ށެވެ. ޞާދިޤަކީ ތަމްސީލު ލިއުއްވުމުގެ އިތުރަށް ތަމްސީލު ޑައިރެކްޓުކުރައްވައި ތަމްސީލުކުޅުއްވި ވެސް ބޭފުޅެކެވެ.
ޢަބްދުﷲ ޞާދިޤަކީ އެކި ރޮނގުރޮނގުން އަދަބީ މަޒުމޫނާއި، ކުރުވާހަކަ ވެސް ލިއުއްވާ ބޭފުޅެކެވެ. އަދި ކުރުވާހަކައާއި ނާވިލު ތަރުޖަމާ ވެސް ކުރައްވާ ބޭފުޅެކެވެ. ޅެންވެރިކަމުގެ ރޮނގުން ވެސް ޞާދިޤު ގެންދަވަނީ ދިވެހި އަދަބަށް ޚިދުމަތްކުރައްވަމުންނެވެ.
ތިރީގައި މި ބަޔާންކުރަނީ ޢަބްދުﷲ ޞާދިޤު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.
ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)
1.ޢަދުލުވެރި ރަސްކަލެއް. (1 ފަރުދާގެ ތާރީޚީ ތަމްސީލެއް.)1970
(މިއީ ޢަބްދުﷲ ޞާދިޤު ކުރިން ހައްދަވައިފައި އޮތް ޅެމެކެވެ. 1970 ގައި ތަމްސީލެއްގެ ގޮތުގައި ކުޅުނީއެވެ.)
2.ވައްޓަފާޅި. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)1970
3. އަދަބުވެރި ސެކެޓްރީ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1970
4.އެކުވެރިއަކަށް ގޮވާލަން ދިއުން. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)1970
5.މުދައްރިސުގެ ތާކިހާ (ހެއްވާ ތަމްސީލެއް.)އަހަރު ނޭނގޭ.
6.ހިތާއި އަތުގެ މަސައްކަތް. (އިޖްތިމާޢީ ތަމްސީލެއް.)1976
7.ހަންޑި ގަނޑުވަރު ދޮން ކަމަނަ (3 ފަރުދާގެ ބިރުވެރި ތަމްސީލެއް.)1978
ނޯޓު: މި ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 1، 2، 3، 4، 7 ގައި ވާ ތަމްސީލުތަކުގެއެވެ.
(ނުނިމޭ)