އަދުގެ ޚާއްސަ

Print

މުޢާމަލާތުތަކުގައި ލުއިފަސޭހަކޮށްދޭ މީހާއަށް ﷲ ރަޙްމަތް ލައްވާނެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

އިބްރާހީމް ރަޝީދު މޫސާ

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. [رَحِمَ اللَّهُ رَجُلًا سَمْحًا إذا باعَ، وإذا اشْتَرى، وإذا اقْتَضى] (1) ([ވިއްކާއިރުގައްޔާއި ގަންނައިރުގައްޔާއި ދަރަންޏަށްދޭއިރުގައި ސަމާޙަތްތެރިކަމާއެކު މުޢާމަލާތު ކުރާމީހާއަށް ﷲ ރަޙްމަތް ލައްވާށިއެވެ!])  މިއީ އިސްލާމްދީނުގެ ސަމާޙަތްތެރިކަން(2) ހާމަކޮށްދޭ ވަރަށް ރިވެތި ބަސްފުޅެކެވެ. ރަސޫލާ މި ބަސްފުޅުގައި އޭނާގެ މުޢާމަލާތުތަކުގައި ސަމާޙަތްތެރި މީހާއަށްރަޙްމަތްލެއްވުމަށް މި ވަނީ ދުޢާކޮށް ދެއްވައިފައެވެ. 

ރަސޫލާ صلى الله عليه وسلم  މުސްލިމުންނަށް މި އިރްޝާދު ދެއްވަނީ  ގަނެވިއްކުމުގެ މުޢާމަލާތުތަކުގައްޔާއި  ދަރަނި ދިނުމުގެ މުޢާމަލާތުތަކުގައި މީސްތަކުންނާއެކު ރިވެތިކޮށް މުޢާމަލާތު ކުރުމަށެވެ. އޭނާއަށް އަދާކުރަން ޖެހޭ ދަރަނި އަދާކުރުމުގައި ވެސް އަދި އެހެން މީހުންގެ އަތުން އޭނާއަށް ލިބެން ޖެހޭ ދަރަނި ހޯދުމުގައި ވެސް އޭނާގެ މުޢާމަލާތުތައް ރިވެތިވާނެއެވެ. އޭނާ  އެހެންމީހުންނަށް ދަރަނި އަދާކުރުމަށް ވަގުތު ދޭނެއެވެ. ނުވަތަ އޭނާ އެ  ދަރަނިން ބައެއް ނުވަތަ މުޅި ދަރަނި ކަނޑައިލާ ދޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ](3) - ([އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ.]). ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [مَنِ أنظَرَ مُعْسِرًا، أوْ وضَعَ عنْهُ أظلَّهُ اللهُ في ظلِّهِ، يومَ لا ظِلَّ إلّا ظلُّهُ] (4) – ([އަތްމަތިދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރަން ޖެހޭ މުއްދަތު ފަސްކޮށްދިން މީހާއަށް ނުވަތަ އޭނާގެ ދަރަނި ކަނޑައިލަދިން މީހާއަށް ﷲގެ ހިޔާވަހިކަންނޫން އެހެން ހިޔާވަހިކަމެއް ނެތް ދުވަހުގައި ﷲ އޭނާއަށް ހިޔާވަހިކަން ދެއްވާނެއެވެ.]) މި ކަންކަން ކުރުމަށް ހިތްވަރުދެއްވައި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [مَن سَرَّهُ أَنْ يُنْجِيَهُ اللَّهُ مِن كُرَبِ يَومِ القِيامَةِ، فَلْيُنَفِّسْ عن مُعْسِرٍ، أَوْ يَضَعْ عنْه](5) - ([ޤިޔާމަތްދުވަހުގެ މުޞީބާތްތަކުންކުރެ މުޞީބަތަކުން ﷲ ސަލާމަތްކޮށްދެއްވުމަށް އެދޭމީހާ ފަހެ، އަތްމަތި ދަތި ދަރަނިވެރިޔާ އެ ދަރަނީގެ މުޞީބަތުން ސަލާމަތްކޮށްދޭށެވެ! ނުވަތަ އޭނާގެ ދަރަނި ކަނޑައިލަދޭށޭވެ!]) ރަސޫލާގެ މި ބަސްފުޅުތަކުގައި މުޢާމަލާތު ކުރުމުގައި ތަބާވާންޖެހޭ ސަމާޙަތު މި ވަނީ ވަރަށް ރިވެތި ތަޞްވީރުތަކަކުން ސިފަކޮށް ދެއްވައިފައެވެ. އެކަލޭގެފާނުގެ ބަސްފުޅަށް ބަލާލަމާތޯއެވެ؟

1- ރަސޫލާގެ ބަސްފުޅުގައި ސަމާޙަތު ސިފަކޮށް ދެއްވައިފައި މި ވަނީ ދުޢާއެއްގެ ގޮތުގައެވެ. ރަސޫލާ އެފަދަ މީހާއަށް ހެޔޮ ދުޢާ ކޮށްދެއްވާފައި ވެއެވެ. އެކަލޭގެފާނުގެ ދުޢާއަކީ ﷲގެ ޙަޟްރަތުގައި އިޖާބަވެވިގެންވާނެ ދުޢާއެއްކަން ކަށަވަރެވެ. ވީމާ މާތް ﷲ އޭނާއަށް ދުނިޔެއާއި އާޚިރަތުގައި ރަޙްމަތް ލައްވާނެއެވެ. ސަމާޙަތަކީ ނަފްސުގެ ދީލަތިކަމާއި ޚުލުޤުގެ މާތްކަން އެ ކަމުގައި ހިމެނޭ ކަމެކެވެ. އެއީ އޭނާގެ ޠަބީޢަތުގައި ހުރި މަޑުމައިތިރިކަން ހާމަކޮށްދޭ ކަމެކެވެ.  

2- ﷲ ޢައްޒަ ވަ ޖައްލަގެ ރަޙްމަތް ޙައްޤުވާ މީހަކީ ޚުދު އެމީހާއެވެ. ސަމާޙަތަކީ އޭނާގެ ނަފްސުގެ ސިފައެކެވެ. ރަސޫލާގެ ބަސްފުޅުގައި މި އޮތީ ސަމާޙަތްތެރި މީހާއާށް ﷲ ރަޙްމަތް ލައްވައެވެ. 

3- ސަމާޙަތްތެރިކަން އޮންނަން ޖެހޭނީ ވިއްކުމުގައެވެ. އެކަމުގައި ވިޔަފާރިކުރުމުގެ މާތް އަގުތައް ހިމެނެއެވެ. އެއީ ފަރްދުންގެ މެދުގައި މަންފާތައް ބަދަލުކުރުމުގެ މައިދާނެކެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ ޙާލަތު ރަނގަޅުވެގެންދެއެވެ. ވިއްކާމީހާ ފައިދާ ޙާޞިލު ކުރުމަށް މަސައްކަތްކުރުމަކީ ސަމާޙާތެއްނޫނެވެ. އެހެނަސް އެއީ ހިތްހަރުކަމެވެ. އެފަދަ މީހުންނާއެކު މީސްތަކުން މުޢާމަލާތެއް ނުކުރާނެއެވެ. އެފަދަ މީހުންގެ ވިޔަފާރި ކުރިއަކަށް ނުދާނެއެވެ. ނަތީޖާއަކަށް ވާނީ އޭނާގެ ވިޔަފާރި ކަސާދުވުމެވެ. އާޚިރު ނަތީޖާއަކީ ބަނގުރޫޓުވުމެވެ. އެއީ ﷲގެ ރަޙްމަތެއް ނޫނެވެ. އެއީ ﷲގެ ކޯފާއެވެ.

4- ވިއްކުމުގެ މައިދާނުގައި ހިމެނޭ ސަމާޙަތުގެތެރޭގައި މުދަލުގެ އަގު ދުރާލައި ކަނޑައަޅައިފައި އޮތުން ވެއެވެ. ގަންނަން އަންނަ މީހާގެ މޫނަށް ބަލައި އަގު ކަނޑައެޅުމަކީ ސަމާޙަތެއް ނޫނެވެ. އަގު ކަނޑަނޭޅުމުގެ ސަބަބުން ދަމާކެނޑުން އިތުރުވެގެންދާނެއެވެ. އެމީހާގެ މުދާތައް ބޮޑު އަގުގައި ވިއްކުމަށް ޓަކައި  ދޮގުހެދުމާއި ދޮގު ހުވާކުރުންފަދަ ކަންތައްތަކަކީ މާތް ﷲ މަނާކުރައްވައިފައިވާ ކަންތައްތަކެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [ إِنَّ ٱلَّذِينَ يَشْتَرُونَ بِعَهْدِ ٱللَّـهِ وَأَيْمَـٰنِهِمْ ثَمَنًا قَلِيلًا أُو۟لَـٰٓئِكَ لَا خَلَـٰقَ لَهُمْ فِى ٱلْـَٔاخِرَةِ] (6) - ([ހަމަކަށަވަރުން، اللَّه ގެ عهد އާއި، އެއުރެންގެ ހުވާތަކަށް ކުޑަ އަގެއް ގަނެއުޅޭ މީހުންނީ آخرة ގައި އެއުރެންނަށް އެއްވެސް نصيب އެއް ނެތްބަޔެކެވެ.])  ﷲގެ ރަސޫލާ صلى الله عليه وسلم ތެދުވެރި ވިޔަފާރިވެރީންނަށް ތާރީފުގެ ބަސް ވިދާޅުވެފައި ވެއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. [التّاجِرُ الصَّدُوقُ الأَمِينُ مع النَّبيِّينَ والصِّدِّيقِينَ والشُّهداءِ] (7) - ([ތެދުވެރި އަމާނަތްތެރި ވިޔަފާރިވެރިޔާ ޤިޔާމަތް ދުވަހު ވާނީ ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއެކުގައެވެ.]) 

5- ވިއްކުމުގެ ސަމާޙަތުގެ ތެރޭގައި މަކަރާއި ޙީލަތް ނެހެދުން ވެއެވެ. މިނެކިރުމުގައި މަކަރު ނެހެދުންވެއެވެ. މުއްދަތު ހަމަވާން ކައިރިވެފައި ހުންނަ މުދާތައް ނުވިއްކުން ވެއެވެ. އުފެއްދިއިރު މައްސަލަ ޖެހިފައި ހުންނަ ސާމާނާއި މަރާމާތުކޮށް އޮފުއަރުވާލައިފާ އައު އެއްޗެހި ކަމަށް ބުނެ ބައު އެއްޗެހި ވިއްކުމަކީ ވެސް ސަމާޙަތުން ބޭރު ކަމެކެވެ. ކީރިތި ރަސުލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. [مَن غشَّنا فليس منّا والمكرُ والخداعُ في النّارِ] (8) - ([އަހުރެމެންނަށް މަކަރާއި  ޙީލަތް ހަދައި އޮޅުވައލާ މީހުންނަކީ އަހުރެމެންގެ ތެރޭގައި ހިމެނޭ މީހެއްނޫނެވެ. މަކަރާއި އޮޅުވައިލުން ވަނީ ނަރަކައިގައެވެ.])

6- ވިއްކުމުގެ ސަމާޙަތުގެ ތެރޭގައި ދޮގު އިޝްތިހާރުތައް ނުކުރުން ވެއެވެ. ފޭރާން ދެރަ މުދާތައް ވިއްކުމަށް ޓަކައި މި ޒަމާނުގައި އިޝްތިހާރަކީ ވަރަށް ބޮޑު ދައުރެއް ކުޅޭ އެއްޗެކެވެ. މި ގޮތަށް ކުރެވޭ އިޝްތިހާރުތައް ވަންނާނީ ހަމަ  ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ މަކަރުގެ ތެރެއަށެވެ. 

7- ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުގައި ގަތުމުގެ މުޢާމަލާތުގައި ވެސް ސަމާޙަތު ގެންނަވައިފައި ވެއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވީ ގަންނައިރު އެވެ. އެހެންކަމުން އެއީ ޙަޤީޤަތެކެވެ. އެކަމުގައި ޝައްކެއް، ދެ އަތަށް ކިރުމެއް ނޯންނާނެއެވެ. ވިއްކާ މުދާ އަގު ކުރުމުގައި އޭނާ މަކަރެއް ނަހަދާނެއެވެ. މިނެކިރުމުގައި މަކަރެއް ނަހަދާނެއެވެ. ވިއްކާ މީހާ ގަންނަ މީހާގެ އަތަށް ލުއިކޮށްގެން ނުވިއްކާނެއެވެ. އެހެނީ އެއީ މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [أَوْفُوا۟ ٱلْمِكْيَالَ وَٱلْمِيزَانَ بِٱلْقِسْطِ ۖ وَلَا تَبْخَسُوا۟ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ(9) – ([ތިޔަބައިމީހުން މިނުމާއި، ކިރުން، عدل އަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!]) 

8- ދަރަނިދިނުމުގެ މުޢާމަލާތުގައި ވެސް ރަސޫލާ އިރްޝާދު ދެއްވަނީ ސަމާޙަތްތެރިކަމާއެކު އެ މުޢާމާލާތުތައް ކުރުމަށެވެ. ދަރަނި ދިނުމުގައްޔާއި ދަރަނި  ލިބިގަތުމުގައި ސަމާޙަތްތެރިވުމަށެވެ. އެ ކަމުގައި ހިތްހަރުކަމެއް ނެތިއެވެ. އަރާރުންވުމެއް ނެތިއެވެ. ކީރިތި ރަސޫލާގެ ކިބައިން  ވާރިދުވެފައިވާ ގޮތުގައި ކަންތައްތަކުގައި އިސްރާފުވެގޮސްފައިވާ މީހަކު ޤިޔާމަތްދުވަހު ޙިސާބު ބެލުމުގެ މައުޤިފަށް  ގެނެވޭނެއެވެ. އޭނާގެ އެއްވެސް ހެޔޮކަމެއް ނެތެވެ. އެއްވެސް ހެޔޮކަމެއް ކޮށްފައިވޭތޯ އޭނާއާ ސުވާލު ކުރެވޭނެއެވެ. އެއްވެސް ހެޔޮ ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ދަންނަވާނެއެވެ. އެހެނަސް އޭނާއަކީ މީހުންނަށް ދަރަންޏަށް ފައިސާދީ އުޅުނު މީހެކެވެ. އޭނާގެ ދަރިންނަށް އޭނާ ބުނެފައިވެއެވެ. [ތަނަވަސް މީހަކަށް ވިޔަސް ތިޔަކުދިން އޭނާއަށް އޯގާވެރިވާށެވެ. އަތްމަތިދަތި މީހާއަށް އިތުރު ވަގުތު ދޭށެވެ! ނުވަތަ އޭނާގެ ދަރަނި ކަނޑައިލަދޭށެވެ!] އެހިނދު މާތް ﷲ ވަޙީ ކުރައްވާނެތެވެ. [ތިޔައީ ތިމަންރަސްކަލާނގެއަށް ޚާއްޞަ ކަމެކެވެ. އަދި ﷲ އޭނާގެ ފާފަތައް ފުއްސަވާ ދެއްވާނެތެވެ.] (10)

9- ދަރަނި އަދާކުރުމުގައި ސަމާޙަތަކީ އެއިގެ ވެރި ފަރާތް އައުމުގެ ކުރިން އެމީހާގެ ގާތަށް އެ ދަރަނި ހިފައިގެންގޮސް ދަރަނި އަދާކުރުމެވެ. މިއީ  އިސްލާމްދީން ގޮވައިލައިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަކީ [خيرَكُم  أحسنُكُم قضاءً](11) - މާނައީ: [ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ އެންމެ ރިވެތި ގޮތުގައި ދަރަނި އަދާކުރާ މީހާއެވެ.] މިކަމުގައި އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންވީ ކީރިތި ރަސޫލާއެވެ. ދަރަނި އަދާކުރުމުގައްޔާއި ދަރަނި ދިނުމުގައި އޯގާވެރިވާން ޖެހޭނެއެވެ. ޙައްޤުގެ ވެރިފަރާތުން ހަރުކަށިވިޔަސް އޭނާއާ ދެކޮޅަށް ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. 

ދެ ކަމެއް ބޭނުންވުން:

ރަސޫލާގެ ބަސްފުޅުން ދޭހަވާގޮތުގައި ނަފްސަށް ދެ ކަމެއް ބޭނުންވެއެވެ.

1- ފުރަތަމަ ކަމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަމުރުކުރެއްވި ގޮތަށް މުޢާމަލާތުތައް ކުރެވޭތޯ ބެލުމެވެ. އެއީ ސަމާޙަތެވެ. ނުވަތަ އޯގާވެރިކަމެވެ.

2- ދެވަނަ ކަމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ. އެކަންކަމާ އެއްކިބާވުމެވެ. އެކަން ކުރެވޭނީ ކެތްތެރިކަމާލައިގެންނެވެ. 

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ މާތް ފޮތުގައި އަމުރު ކުރައްވަނީ ރިވެތިގޮތުގައި  ކެތްތެރިވުމަށާއި ރިވެތިގޮތުގައި މާފުކުރުމަށާއި ރިވެތިގޮތުގައި އެއްކިބާވުމަށެވެ.ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. [ރިވެތި ކެތްތެރިކަމަކީ އެކަމުގައި ޝަކްވާއެއްނެތް ކެތްތެރިކަމެވެ. ރިވެތި މާފުކުރުމަކީ އެކަމުގައި ކުޑައިމީސްކަމެއްނެތް މާފުކުރުމެވެ. ރިވެތި އެއްކިބާވުމަކީ އެކަމުގައި ގޯނާއިން އެއްކިބާވުމެވެ.]

______________________________

ފުޓްނޯޓާއި ޙަވާލާ:

1.      صحيحالبخاري٢٠٧٦

2.      ސަމާޙަތަކީ ޢަރަބި ބަހެކެވެ. އޭގެ މަފްހޫމަކީ އޯގާވެރިކަމާއި ، ދޫކުރުމާއި، ލުއިފަސޭހަކަން

3.      البقرة : 280

4.      صحيحمسلم / الحديثرقم (3006). ، صحيحالجامع ٦١٠٦ ، تخريجمشكلالآثار٣٨١٧ ، المعجمالأوسط١/٢٧٠

5.      أخرجهمسلم (١٥٦٣وابنأبيالدنيافي «اصطناعالمعروف» (١٥٧) والطبرانيفي «المعجمالأوسط» (٤٥٩٢)

6.      آلعمران : 77

7.      أخرجهالترمذي (١٢٠٩والدارمي (٢٥٨١والدارقطنيفي «السنن» (٢٨١٣والحاكمفي «المستدرك» (٢١٤٣ )

8.      صحيحابنحبان٥٦٧، الطبرانيالمعجمالأوسط٨/١٨٩

9.      هود : 85

10.    މުއްތަފަޤުން ޢައިލައިހި

11.    ރިވާ ކުރެއްވީ އަލްބުޚާރީ . ޙަދީސް ނަންބަރު : 2390

ހަމަމިގަލަމުން

އިދާރާ

ވާހަކަ