www.fanvai.info

Print

ކޭތަ ނަމާދު ކުރާން ނުޖެހޭ ކޭތައެއް ހިފައިފާނެތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ޝައްކެއް ނެތި އެނގޭ ގޮތުން ކޭތަ ނަމާދަކީ، ކޭތަ ހިފުމުން ކުރުން ސުންނަތްވެގެންވާ، ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އިރުގައި ނުވަތަ ހަނދުގައި ކޭތައެއް ހިފައިފައި ހުރިކަން ޔަގީންވީއްސުރެ، ކޭތަ ވީއްލައިފުމަށް ދާންދެން، ނުވަތަ ކޭތަ ހިފާފައި ހުރެގެން އޮއްސިއްޖައުމަށް ދާންދެން، ދެމި އޮންނަ ވަގުތުކޮޅު ތެރޭގައި، ކޭތަ ނަމާދު ކުރުމީ ގަދަވެގެންވާ ސުންނަތެކެވެ. 

އެކަމަކު މިޒަމާނަކަށް އައިސް ކޭތަ ނަމާދު ކުރުމުގައި ފަނޑުހިޔަނި ހަނދު ކޭތައިގައި ކޭތަ ނަމާދު ކުރަން ނުޖެހޭ ކަމުގައި ދެކެ އެކަން އެބަ ދޫކޮށްލެވެއެވެ. އެއީ، ވެގެންވާންވީ ގޮތެއް ނޫނެވެ. އެއީ، ވަރަށް ވެސް ދެރަކަމެކެވެ. މި ބާވަތުގެ ކަންކަމަށް ރައުޔުކުރުމުގައި އެއްބާވަތެއްގެ ދެކަމެއްގައި، އެއް ކަމެއްގެ ޙުކުމުން، އަނެއް ކަމެއްގެ ޙުކުމް ދެނެގަނެ، ޢަމަލު ކުރާނެ ޞައްޙަ ގޮތް ކަނޑައެޅުމަކީ، އެއްވެސް ޚިލާފެއް އަދި ކިއެއްތަ ޝައްކުކަމެއް ވެސް ނެތި ޤުރުއާނާއި ސުންނަތުގެ އަލީގައި ތަނަވަސް ކަމެކެވެ. 

ހަނދު ކޭތައިގައި ދެބާވަތެއްގެ ކޭތައެއް ހިފާކަން، ޢިލްމީ އަލީގައި މިއަދު ވަނީ ސާބިތުވެފައެވެ.

އެއީ، ފަނޑުހިޔަނި ކޭތައާއި، ކަޅުހިޔަނި ކޭތައެވެ. މި ދެބާވަތުގެ ކޭތައާއި އޭގެ ތަފާތުގެ މައްޗަށް މީގެ ކުރީ ލިޔުމެއްގައި އަޅުގަނޑު ލިޔެފައި ވާނެއެވެ.

މި ދެބާވަތުންކުރެ، ފަނޑުހިޔަނި ކޭތައަކީ، ލޮލަށް ނުފެންނަ ކޭތައެއްކަމުގައި ވާތީ، ފަނޑުހިޔަނި ކޭތައިގައި، ކޭތަ ނަމާދު ކުރާން ނުޖެހޭ ކަމުގައި ދެކެ އެ ނަމާދު ދޫކޮށް ނުލައި، އެ ފަދަ ކޭތައިގައި އެ ނަމާދު ކުރާން ޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ޤުރުއާނާއި ސުންނަތުގެ އަލީގައި، ރައުޔު ނުކުރުމަކީ، މިފަދަ ޢިލްމީ ހޭލުންތެރި ޒަމާނަކާ މުނާސަބު ކަމެއް ނޫނެވެ. (ލޮލަން ނުފެންނަ ކޭތައޭ މި ދެންނެވެނީ އާދައިގެ މީހަކު މިކަމާ ނުވިސްނާ ނަމަ، ނުވަތަ ވިސްނުން އެހާ ތޫން ނޫން އިންސާނަކަށް ފާހަގަނުކުރެވިދާނެތީއެވެ. ނަމަވެސް މި ކަމުގެ ތަޖުރިބާކާރުންނާއި ވިސްނުންތޫނު މީހަކަށްނަމަ، ވިސްނުންތެރިކަމާއެކު ބަލައިފި ނަމަ، މި ކޭތަ ވެސް ފާހަގަކުރެވޭނެއެވެ.  އަދި ކޭތަ ހިފުމުގެ ކުރީން ކޭތައަށް ބަލައި، ފާހަގަކޮށް، ކޭތަ ހިފާ ފަހުން ވިސްނުންތެރިކަމާއެކު ބަލައިފި ނަމަ، އަލި މަޑުކަން ފާހަގަކުރެވޭނެއެވެ. އަޅުގަނޑު އެހެން ދެންނެވީ، އެއީ ފަނޑު ހިޔަންޏެއް ކަމަށް ވެފައި، ހަނދު އަނދިރިވާނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށްވާތީ، ހަމަ އާދައިގެ ގޮތަކަށް އާދައިގެ މީހަކު ބަލައިލިޔަސް ފާހަގަނުކުރެވޭނެވާހަކައެވެ. ނަމަވެސް މިކަމުގެ ތަޖުރިބާކާރުންނާއި، ވިސްނުންތެރީންނަށް އެނގޭނެއެވެ.) އަދި އިސްލާމްދީނުގައި އެ ކަމެއްގެ ޙުކުމް ފެންނާން ނޯންނާނެ އެއްވެސް ކަމެއް، ކުރިއެރުމުގެ ވަސީލަތަކުންވެސް އަދި ސައިންސުގެ ހޯދުމަކުންވެސް މައްޗެއް ނުވާނެއެވެ. އެކަން سورة الإسراء ގެ 41 ވަނަ އާޔަތްކަމުގައިވާ ([وَلَقَدْ صَرَّفْنَا فِي هَـذَا الْقُرْآنِ لِيَذَّكَّرُواْ وَمَا يَزِيدُهُمْ إِلاَّ نُفُورًا] – ([ތިމަންރަސްކަލާނގެ (وعدއާއި، وعيدއާއި، مثالއާއި، حِكَمފަދަ) ހުރިހާކަމެއް، މި قرآنގައި ބަޔާންކުރެއްވީމެވެ. އެއީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. (އެކަމަކު) އެއިން ނަފުރަތުވެ، ދުރުހެލިވުންމެނުވީ، އެއުރެންނަކަށް އިތުރެއް ނުކުރެތެވެ.]) މި އާޔަތާއި، ހަމަ އެ ސޫރަތުގެ 89 ވަނަ އާޔަތްކަމުގައިވާ ([وَلَقَدْ صَرَّفْنَا لِلنَّاسِ فِي هَـذَا الْقُرْآنِ مِن كُلِّ مَثَلٍ فَأَبَى أَكْثَرُ النَّاسِ إِلاَّ كُفُورًا] – ([ހަމަކަށަވަރުން، މި قرآنގައި ތިމަންރަސްކަލާނގެ މީސްތަކުންނަށް ހުރިހާ ބާވަތަކުން مثال ބަޔާންކުރެއްވީމެވެ. ދެންވެސް މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، كافرވުން މެނުވީ قبولއެއް ނުކުރޫއެވެ.]) މި އާޔަތާއި سورة الكهفގެ 54 ވަނަ އާޔަތްކަމުގައިވާ ([وَلَقَدْ صَرَّفْنَا فِي هَذَا الْقُرْآنِ لِلنَّاسِ مِن كُلِّ مَثَلٍ وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا] – [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މި قرآنގައި ހުރިހާ ބާވަތަކުންވެސް މީސްތަކުންނަށް مثالބަޔާންކުރެއްވީމެވެ. އަދި جدلކުރުންގިނަ މީހަކުކަމުގައި އިންސާނާ ވިއެވެ.]) މި އާޔަތުން ޔަގީންވެ އެނގެއެވެ. 

އެ ނަޒަރުން ބަލާއިރު، ލޮލަށް ނުފެންނަ ކޭތައިގެ މައްޗަށް، ކޭތަ ނަމާދު ކުރާން ޖެހޭތޯ ނުވަތަ ނޫންތޯ، ޙުކުމްފުޅެއް ސީދާ ނަބަވީ ޙަދީސްފުޅަކުން ވާރިދުވެފައި ނެތްނަމަވެސް، ހަނދުބެލުމުގައި، ހަނދު ލޮލަށް ފެންނަ ޙާލަތުގައި ޢަމަލު ކުރާނެ ގޮތާއި، ނުފެންނަ ޙާލަތުގައި ޢަމަލުކުރާނެ ގޮތާއި، ޙިސާބު އެނގޭ ބަޔަކުގެ ޒަމާނެއްގައި ނަމަ، އެކަން ކުރެވިދާނެ ގޮތުގެ އިޝާރާތުގެ ދަލީލު، ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީސްފުޅު ކުރައްވާފައިވާ [صوموا لرؤيته وأفطروا لرؤيته]  މި ޙަދީސްފުޅާއި، [إنّا أمّة أمِيّة لا نكتب ولا نحسب] މި މަތިވެރި ދެ ޙަދީސްފުޅަށް ނަޒަރު ކުރާއިރު، ވަރަށް ވެސް ތަނަވަހެވެ. 

އެހެންކަމުން، ކޭތަ ހިފާކަން ކަށަވަރު ކުރުމުގައި ވެސް، އެފަދައިން ޢަމަލު ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތެވެ. ލޮލަށް ނުފެނި، ޙިސާބަށް ކަށަވަރު ވެގެން ރޯދަ ހިފައި، ޢީދުކޮށް ހަދާއިރު، ބަޔާންވެ ދިޔަ ދެ ޙަދީސްފުޅުގެ މައްޗަށް ނަޒަރުކޮށް ޙިސާބަށް ކަށަވަރުވާ ކޭތައިގެ މައްޗަށްވެސް، ކޭތަ ނަމާދު ނުކުރެވޭނެ އެއްވެސް ޢިލްމީ ސަބަބެއް ނެތެވެ. 

ރޯދަ އަކީ، ފަރުޟު އަޅުކަމެކެވެ. ފަރުޟެއް އަދާކުރުމުގެ ވަގުތު ވަދެއްޖެކަން ލޮލަށް ނުފެނި ޙިސާބުގެ މައްޗަށް ޔަގީން ކޮށްގެން ޢަމަލުކުރުން ހުއްދަ ނަމަ، ސުންނަތް އަޅުކެއްގައިވެސް ތަފާތެއް އޮންނާން ޖެހޭނެ ސަބަބެއް ނެތެވެ.

ފަހެ، ޢިޝާ ނަމާދުގެ ވަގުތާއި، ފަތިސް ނަމާދުގެ ވަގުތު ކަނޑައަޅަނީވެސް، އިރު ލޮލަށް ފެނިގެނެއް ނޫނެވެ. ޙިސާބު ޢިލްމުގެ ކަށަވަރުކަން ޔަޤީން ކޮށްގެން އޭގެ މައްޗަށެވެ. އެހެން އެ ކަންކަން ހުރުމުން ވެސް، ފަނޑުހިޔަނި ކޭތައިގައި ކޭތަ ނަމާދު ކުރާން ނުޖެހޭނެ ކަމަށް ބަހުސްކުރާނެ ޙުއްޖަތެއް އޮންނާނެ ކަމަށް ހީއެއްނުވެއެވެ. މިއީ، އެއްވެސް ޙާލެއްގައި ރައުޔެއް ނޫނެވެ. ފަތުވާއެއް ވެސް ނޫނެވެ. އަޅުގަނޑަކީ، އެ ޙައިސިއްޔަތު އޮތް މީހެއް ވެސް ނޫނެވެ. ނަމަވެސް މިއީ، މި މައްސަލައިގައި އަޅުގަނޑަށް ފެންނަންހުރި ހެކިތަކަށް ބަލައި، އަޅުގަނޑު ފާޅުކުރި އަޅުގަނޑުގެ އަމިއްލަ ޚިޔާލެކެވެ. ހަމައެކަނި އަޅުގަނޑުގެ ހިތަށް އަރާ އެއްޗެކެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ.

________________________________

________________________________

www.fanvai.info