އަދުގެ ޚާއްސަ

Print

ފަލަސްޠީނުގެ މުސްލިމުންނަށް ނަޞްރު ދެއްވުން އެދި ކުރާ ދުޢާއެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުލްމުޢީދު ޙަސަން

ފަލަސްޠީނުގެ ރަށްޔިތުންނަށް ނަޞްރު ދެއްވުން އެދި ކުރެވޭ ދުޢާތައް، މިހާރު މުސްލިމުންގެ ވެބްސައިޓްތަކުން ފެނެއެވެ. ތިރީގައި މިވަނީ އެފަދަ ދުޢާތަކެއްގެ ޚުލާޞާއެވެ.

أللَّهُمَّ أعِزَّ الإسْلامَ وَالمُسْلِمِيْن، وَ أذِلَّ الشِّرْكَ وَالمُشْرِكِيْن، وَ دَمِّرْ أعْدَاءَ الدِّيْن، وَاجْعَلْ هَذا البَلَدَ آمِنًا مُطْمَئِنًّا سَخَاءً رَخَاءً وَ سَائِرَ بِلادَ المُسْلِمِيْن.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމްދީނާއި މުސްލިމުންނަށް ގަދަކަން ދެއްވައި ޝިރުކުކުރުމާއި މުޝްރިކުން ނިކަމެތި ކުރައްވައިފާނދޭވެ! އަދި ދީނުގެ ޢަދާޥާތްތެރިން ހަލާކުކުރައްވައިފާނދޭވެ! އަދި މިރަށަކީ، އަމާންކަމާއި ތިޔާގިކަމާއި ތަނަވަސްކަމުގައި ހަމަޖެހިގެންވާ ރަށެއް ކަމުގައި ލައްވައިފާނދޭވެ! އަދި މުސްލިމުންގެ އެހެން ރަށްތައް ވެސް މިގޮތުގައި ލައްވައިފާނދޭވެ!

أللَّهُمَّ آمِنَّا فِيْ أوْطَانِنَا وَاهْدِ أئِمَّتَنَا وَ وُلاةَ أُمُوْرِنَا لِمَخَافَتِكَ وَ تَقْوَاكَ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން ވަޒަންވެރިވެގެންވާ ރަށްތަކުގައި އަޅަމެންނަށް އަމާންކަން ދެއްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ބިރުވެތިވުމާއި ތަޤުޥާވެރިވުމުގެ މަގަށް، އަޅަމެންގެ ދީނީ އިމާމުންނަށާއި ދުންޔަވީ ވެރިންނަށް މަގުދައްކަވައިފާނދޭވެ!

أللَّهُمَّ مَنْ أرَادَنَا وَ أرَادَ الإسْلامَ وَالمُسْلِمِيْنَ بِسُوْءٍ فَاشْغِلُهُ فِيْ نَفْسِهِ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނާއި އިސްލާމްދީނަށް ދެރަގޮތް ހަދަން އުޅޭ ބަޔަކު، އެއުރެންގެ އަމިއްލަ މައްސަލަތަކުގައި މަޝްޣޫލުކުރައްވައިފާނދޭވެ!

أللَّهُمَّ انْصُرْ دِيْنَكَ وَكِتَابَكَ وَسُنَّةَ نَبِيِّكَ مُحَمَّدٍ صَلَّى الله عَلَيْهِ وَسَلَّم وَعِبَادكَ الصَّالِحِيْن.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ދީނަށާއި އިބަރަސްކަލާނގެ ފޮތަށާއި އިބަރަސްކަލާގެ ފޮނުއްވި ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) އަށާއި އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ޞާލިޙު އަޅުތަކުންނަށް ނަޞްރު ދެއްވައިފާނދޭވެ!

أللَّهُمَّ انْصُرْ المُجَاهِدِيْنَ فِيْ سَبِيْلِكَ فِيْ كُلِّ مَكَانٍ يَارَبَّ العَالَمِيْن.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އޭ! ޢާލަމްތަކުގެ ވެރި ރަސްކަލާކޮ! ދުނިޔޭގެ ކަންކޮޅުތަކުގައި، އިބަރަސްކަލާނގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަޞްރުދެއްވައިފާނދޭވެ!

أللَّهُمَّ انْصُرْهُمْ فِيْ فَلَسْطِيْن، وَفِيْ كُلِّ مَكَانٍ يَا سَمِيْعَ الدُّعَاءِ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފަލަޞްޠީނުގެ މުޖާހިދުންނަށް ނަޞްރު ދެއްވައިފާނދޭވެ! އޭ! ދުޢާތައް އައްސަވައިވޮޑިގެންވާ ރަސްކަލާކޮ! ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުޖާހިދުންނަށް ނަޞްރު ދެއްވައިފާނދޭވެ!

أللَّهُمَّ أعِنَّا عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިނބަ ރަސްކަލާނގެ ހަނދުމަކޮށް ޒިކުރުކުރުމަށާއި އިބަރަސްކަލާނގެއަށް ޝުކުރުވެރިވުމަށާއި އިބަރަސްކަލާނގެއަށް ރަނގަޅަށް އަޅުކަން ކުރުމަށް، އަޅަމެންނަށް ވާގިވެރިވެ ވޮޑިގަންނަވައިފާނދޭވެ!

أللَّهُمَّ أعِنَّا عَلَى نُصْرَةِ إخْوَانِنَا المُسْلِمِيْنَ فِيْ فَلَسْطِيْن ، وَيَسِّرْ لَنَا سُبْلَ مُسَاعَدَتِهِمْ يَارَبَّ العََالمِيْن.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ އަޚުންކަމުގައިވާ ފަލަޞްޠީނުގެ މުސްލިމުންނަށް ނަޞްރު ދިނުމަށް އަޅަމެންނަށް ވާގިވެރިވެ ވޮޑިގަންނަވައިފާނދޭވެ! އޭ! ޢާލަމްތަކުގެ ވެރި ރަސްކަލާކޮ! އަދި އަޅަމެން އެއުރެންނަށް އެހީތެރިކަން ފޯރުކޮށްދޭނޭ މަގުތައް ތަނަވަސްކުރައްވައިފާނދޭވެ!

(رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ)

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި ވާ ޙާލު އަޅަމެން މަރުގަންނަވާނދޭވެ!

(رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ)

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާން ނެތިއްޖެނަމަ، ނުވަތަ ޤަޞްދެއް ނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ، (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިން ތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާ ކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި އަޅަމެންނަށް ޢަފޫކުރައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙުމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރުވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް ނަޞްރުދެއްވާނދޭވެ!

اَلَّلهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى عَبْدِكَ وَرَسُوْلِكَ مُحَمَّدٍ سَيِّدِ اْلأَوَّلِيْنَ وَاْلآخِرِيْنَ  وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن، وَاْلحَمْدُ لِلَّهِ رَبِّ اْلعَالَمِيْن.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާންގެ އަޅާ އަދި އިބަރަސްކަލާނގެ ރަސޫލާ، މުޙައްމަދުގެފާނަށް ޞަލަޥާތާއި ސަލާމާއި ބަރަކާތް ލައްވައިފާނދޭވެ! އެކަލޭގެފާނީ، އިސްވެދިޔަ މީހުންނާއި ފަސްވެ އަންނަން ތިބި މީހުންގެ ސާހިބާއެވެ. އަދި އެކަލޭގެފާނުގެ އެންމެހައި އާލުންނާއި އަޞްޙާބުން އެ ޞަލަޥާތާއި ސަލާމާއި ބަރަކާތުގައި ޝާމިލުކުރައްވައިފާނދޭވެ! ޙަމްދުހުރީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ.

آمين
އާމީން.
(އާމީން، މިކަލިމައިން ޤަޞްދުކުރެވޭ މާނައަކީ، "އަޅަމެންގެ މި ދުޢާ އިޖާބަކުރައްވައިފާނދޭވެ!" މިއެވެ.)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ