www.fanvai.info

Print

ކޮރޯނާގެ ކާރިސާ ނިމުމުން ބާކީ އޮންނާނީ ކޮން އެއްޗެއް؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

އިބްރާހީމް ރަޝީދު މޫސާ

2011 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ނިވްޔޯކަށް ދެވުނު ޙަމަލާ ޓީވީގެ ޒަރީޢާއިން މުޅި ދުނިޔެ ބަލަމުން ދިޔައީ ޙައިރާންކަމާއެކުގައެވެ. ބައެއް މީހުންނަށް ހީވީ އެއީ ހޮލީވުޑުން އުފެއްދި އައު ފިލްމެއް ކަމަށެވެ. ވަރަށް ގިނަ ބަޔަކު ތިބީ ނޭވާ ހިފަހައްޓައިގެންނެވެ. އެމެރިކާއަށް ޙަމަލާދެވޭތީއެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އިދިކޮޅު ދިފާޢީ ނިޒާމުތައް އެންމެ ވަރުގަދައަށް ހުރި ޤައުމުގެ އެންމެ ބޮޑު ނުވަތަ އެންމެ މުހިއްމު ސަހަރަށް ޙަމަލާދެވުނީ ކިހިނެއްހެއްޔެވެ؟ މުޅި ދުނިޔޭގެ ކުރިމަތީގައި ނިވްޔޯކުގެ ވިޔަފާރި މަރުކަޒު ކުދިކުދިވެގެން ވެއްޓިގެން ދިޔައީމައެވެ.

އަޅުގަނޑަށް އެ ވަގުތު ހުރެވުނީ މިޞްރުގެ ވެރިރަށް ޤާހިރާގައެވެ. ސީއެންއެނުން ވަގުތުން އެ މަންޒަރުތައް އަޅުގަނޑު ބެލީމެވެ. ރާއްޖޭގެ ގިނަ ބަޔަކަށް މި މަންޒަރު ވަގުތުން ބެލިފައެއް ނުވެއެވެ.  އެ ދުވަސްވަރު އެ ވަސީލަތް ތަނަވަސްވެފައި ނުވާތީއެވެ.  އެ ދުވަހު އެމެރިކާ މީހުން ހިތާހިތާ ކުރި، އެއް ސުވާލަކީ ދުނިޔޭގެ މައްޗަށް އޮތް  އެމެރިކާގެ ބާރަކީ ކޮބައިހެއްޔެވެ؟ ޔޫރަޕު މީހުންގެ ހިތުގައި އުފެދުނު ސުވާލަކީ ބަވަނަ ކުރުމުގެ ޠާހިރުކަން ނަޖިސްވެ ވިސަޑުވީ ހެއްޔެވެ؟ ދުނިޔޭގެ އެހެން އެންމެން އިންތިޒާރު ކުރީ މާދަމާއަށެވެ. އަތުވެދާނެ ބިންހެލުމަކަށެވެ. އެމީހުންގެ ސުވާލަކަށް ވީ ދުނިޔެ ބަދަލުވާނެ ހެއްޔެވެ؟ އަންނާނީ ކޮން ކަހަލަ ބަދަލުތަކެއް ބާވައެވެ! ފުންކަމާއެކު ވިސްނައި ހިސާބުތައް ޖެހި މީހުންނަށް ކަށަވަރުވި ގޮތުގައި ބަދަލު އަންނާނީ ނިވްޔޯކަކަށް ނޫނެވެ. އެމެރިކާއަކަށްނޫނެވެ. މުޅި ދުނިޔެއަށެވެ. އެހެނަސް މި ބަދަލުތަކުގެ ކޮޑިމިނެއް އަދި އަންނާނެ ބަދަލުތަކުގެ ބައްޓަން ލަފާކުރާކަށް ނޭނގުނެވެ. އެމެރިކާގައި ޤަރާރު ކަނޑައަޅުއްވާ ބޭފުޅުން އިންޒާރުތައް ދެއްވަން ފެށްޓެވިއެވެ. ބިރުތައް ދެއްކެވިއެވެ. މުއާމަރާތަކުގެ ނަޒަރިއްޔާތުތަކުން މި ހިނގި ކަންތައްތައް މާނަކުރެވޭތޯ މަސައްކަތް ކުރިއެވެ. މުއާމަރާތުގެ ނަޒަރިއްޔާ ފެންމައްޗަށް އެރީ މާ ވަރުގަދަ ބިޔަ ރާޅުތަކެއްގެ ގޮތުގައެވެ. އެމެރިކާގެ ލަޝްކަރުތައް ހުޅިނަގައިފައި ނުކުތެވެ. ވަޒަންތައް ފޯރާފަށުގައި އޮތްވައި ފެނުނީ އަފްޣާނިސްތާނެވެ. ޢިރާޤަށް އަރައި އެ ޤައުމު ހިފިއެވެ. ސަރުކާރުތަކެއް ވައްޓައިލިފިއެވެ. އެމެރިކާގެ ޤައުމީ އަމްނު ރައްކައުތެރިކުރުމުގެ ނަމުގައި ޙުރްމަތް  ކަނޑައިނުލެވޭ ހަމަ އެންމެ ތަނެއް ވެސް، ކަމެއް ވެސް ނެތެވެ. މިކަމާ ވިދިގެން ދަތުރުފަތުރު ކުރުމުގެ ޗާޓު މުޅިން ބަދަލުވެއްޖެއެވެ. ވައިގެބަނދަރުތަކުގައި މީހުންގެ ބޫޓާއި ކަމަރާއި އަދި ބައެއް ފަހަރަށް ފަޓުލޫނުވެސް ބޭލެވޭ ހިސާބަށް ސަލާމަތީ ކަންތައް ހަރުކަށިވެއްޖެއެވެ. އެއް ބޭންކުން އަނެއް ބޭންކަށް އެއް ޤައުމުން އަނެއް ޤައުމަށް ފައިސާ ފޮނުވޭ އުޞޫލުތަކަށް ބަދަލު ގެނެވިއްޖެއެވެ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ވެސް ބަނދެލެވިއްޖެއެވެ. 

މިއީ އެމެރިކާގެ ނިވްޔޯކުގެ ވަރލްޑް ޓްރޭޑް ބުރުޖު ގޮއްވައިލެވުމުން ނުކުތް ނަތީޖާތަކެކެވެ. އެ ޙާދިސާގައި ޝިކާރަވެފައިވަނީ ތިން ހާހެއްހާ މީހުންނެވެ. ވީމާ، ކޮރޯނާ ޖާއިހާގެ ސަބަބުން ދުނިޔެއަށް އަންނާނެ ބަދަލުތަކާ މެދު ވިސްނައިލައްވާށެވެ! މި ހިސާބަށް ދިޔައިރު ތިން ލައްކައެއްހާ އިންސާނުން ވަނީ މަރުވެފައެވެ. ތިން މިލިޔަނަށްވުރެ ގިނަ ބަޔަކަށް ވަނީ މި ބަލި ޖެހިފައެވެ. މި ބަލީގެ ޤާތިލު ކޯވިޑް-19 އާ ދެކޮޅަށް އެޅޭނީ ކޮން ފިޔަވަޅުތަކެއް  ހެއްޔެވެ؟  

އިންސާނިއްޔަތު ވަނީ ނިވްޔޯކުގެ ބުރުޖަށްވުރެ އަދި  ކޮރޯނާއަށްވުރެ ދަތި އުދަނގޫ ދުވަސްތަކަކާ ކުރިމަތިލައިފައެވެ. އެހެނަސް މީގެ ކުރިން އިންސާނިއްޔަތާ ކުރިމަތިވެފައިވާ ވަބާތައް އައިސްފައިވަނީ ޖޯގްރަފީގޮތުން ބަލާއިރު ވަކި އިމެއްގެ ތެރޭގައެވެ. ޠާޢޫނާއި ސްޕޭނުގެ އިންފްލުއެންޒާއާއި އެފްރިކާގައި ފެތުރުނު އެބޯލާއާއި، ދުނިޔެ ދެކެފައިވާ އެއްވަނަ އަދި ދެވަނަ ބޮޑުހަނގުރާމައާއި، މޮޔަގެރި ބައްޔާއި، ދޫނި ރޯގާ ފަދަ ވަބާތައް ޖާއިހާގެ ދަރަޖައަށް އުފުލިގެންނެއް  ނުދެއެވެ.

ތެދުފުޅެކެވެ. ކޯވިޑް -19 ގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެތައް ބަޔަކު ޝިކާރަވެއްޖެއެވެ. އެތައް ބިލިޔަނަކުން ގެއްލުން ލިބިއްޖެއެވެ. އިންސާނާގެ ހުރިހާ މިނިވަންކަމެއް ގެއްލިއްޖެއެވެ. ނަމާދެއް ކޮއްލުމަށް ޓަކައި މިސްކިތަކަށް ވެސް ނުދެވެއެވެ. ޢީދުގެ އުފަލުން މަޙްރޫމުވެއްޖެއެވެ. ރަމަޟާންމަހުގެ ދޮލަނގުތަކެއް ތަށިބަރިތަކެއް ނުލިބުނެވެ. ރޯދަވީއްލުމުގެ ޖާފަތެއް ވެސް ނުބޭއްވުނެވެ. މީހުންގެ ހިތްތަކުގައި ހާލި ހަދައިފައި ވަނީ މި ވައިރަހުގެ ބިރާސްތަކެވެ. އެހެނަސް އެންމެން ގޭތެރޭގައި ބަންދެއް ނުކުރެވުނެވެ. މާސްކު އަޅައިގެންނާ އަންގި ލައްވައިގެން  ބޭރަށް ނުކުމެ ގައިދުރުކަންމަތީގައި އެބަ އުޅެއެވެ. ވައިރަހާ ދިމާއަށް ބުނާ ކަހަލައެވެ. [ކަލޭ އުޅުނަސް މަ ވެސް އުޅޭނަމެވެ.]  

ސުވާލަކީ އަޅުގަނޑުމެންނަށް ކުރިން އުޅުނު ޙަޔާތުގައި  ދެން އުޅެވިދާނެ ހެއްޔެވެ؟ ކުރިން ޙަރާކަތްތެރިވި ގޮތަށް ޙަރަކާތްތެރިވެވިދާނެ ހެއްޔެވެ؟ ކުރިން ދަތުރުފަތުރު ކުރިގޮތަށް ދަތުރުފަތުރު ކޮށް އުޅެވޭނެ ހެއްޔެވެ؟ ކުރިން ރެސްޓޯރެންޓުތަކަށް ގޮސް އުޅުނު ގޮތަށް އެ ތަންތަނަށް ދެވޭނެ ހެއްޔެވެ؟

މަތިންދާބޯޓާ ބެހޭ ކުންފުނިތައް ބުނާގޮތުގައި ކުރިން ދަތުރު ކުރި ބީދައިން  ދެން ދަތުރެއް ނުކުރެވޭނެއެވެ. ޓިކެޓްގެ އަގުތައް އަތްނުފޯރާ ފަށަށް މައްޗަށް ދާނެއެވެ. ފޮށި ތަންމަތި ފާސްކުރާ ގޮތަށް ފަސިންޖަރުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ފާސް ކުރެވޭނެއެވެ. ނަތީޖާއަކަށް ވާނީ ފަތުރުވެރިކަމަށް ވެސް ބޮޑެތި ބަދަލުތަކެއް އައުމެވެ. ފަތުރުވެރިކަމުގެ މަތީގައި ބިނާކޮށްފައިވާ އިޤްތިޞާދުތަކަށް އާމުދަނީގެ އެހެން ވަސީލަތްތައް ހޯދަން ޖެހޭނެއެވެ. ދަތުރުފަތުރުގެ މައިދާނަށް އަންނަ ބަދަލުތަކާ ގުޅިގެން ބާޒާރުކުރުމަށް ވެސް ބަދަލު އަންނާނެއެވެ. އިޤްތިޞާދުގެ އަސާސުތައް މުލުން ލުހި  އޭއްޗެއްސަށް ބަދަލު އަންނާނެއެވެ . 

ކޮރޯނާގެ ކާރިސާ ނިމުމުން ބާކީ އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ ހުރިހާ އަސާސުތަކެއް ރޫޅިގެން ދާނެ ހެއްޔެވެ؟ 

_____________________________

www.fanvai.info