އަދުގެ ޚާއްސަ

Print

އިސްލާމީ ދުނިޔެ ... ގޮންޖެހުންތަކުގެ ޗާޓު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދުނިޔެ

އިބްރާހީމް ރަޝީދު މޫސާ

[އިސްލާމީ ދުނިޔެ ނިދާފައި އޮތީ ޙިކްމަތުގެ ކަންޒުތަކެއްގެ މަތީގައެވެ.](1) ހަމައެކަނި ތެލާއި ގޭހުގެ މައްޗަކުނޫނެވެ. މުސްލިމު ޤައުމުތައް އޮތީ ދުނިޔޭގެ މުހިއްމު ވިޔަފާރިތަކާއި މުވާޞަލާތީ މަގުތަކުގެ ތަޅުދަނޑިތައް މިލްކުކޮށްގެންނެވެ. މުސްލިމުންގެ ކިބައިގައި ހުރި ވަންހަނާ ހަކަތަތަކާހެދި (potential energy) މުސްލިމުންނާ ހަތުރުވެރިވުމަށް ހިތްވަރުދޭ ބަހާތައް އިތުރުވިއެވެ. އެމީހުންގެ މުއްސަނދިކަމަށާއި ބާރުތަކުގެ މައްޗަށް އަތްގަދަކުރުމަށް ޝައުޤުވެރި ކުރުވިއެވެ. 

ވޭތުވެދިޔަ ސައްތަތަކުގައި ހިނގައިފައިވާ އަރައިރުންތަކަށާއި ކުރިމަތިލުންތަކަށް ބަލާއިރު މި ކަންކަމުގެ އެއް ފަރާތަކީ މުސްލިމުންނެވެ. މިއަދު ވެސް މުސްލިމުންނަކީ އެ ފަދަ އަރައިރުންތަކުގެ ބޫރާ (focus) އެވެ. ދުނިޔޭގެ ޗާޓަށް ބަލާއިރު، މުސްލިމުން ދައުލަތްތަކުގެ ގޮތުގައްޔާއި އަޣްލަބިއްޔަތުނެތް ޖަމާޢަތްތަކުގެ ގޮތުގައި ފެތުރި އާބާދީ ވެފައިވަނީ އެންމެ ޙައްސާސީ ނާޒުކު ސަރަޙައްދުތަކުގައެވެ. އަރައިރުންތަކާއި ކޯޅުންތައް ގިނަ ހިސާބުހިސާބުގައެވެ. 

1990ވަނަ އަހަރު ފިނި ހަނގުރާމަ ނިމުމާ ވިދިގެން އައި ތިރީހަކަށް އަހަރުގެ ތެރޭގައި ހިނގައިފައިވާ ކުރިމަތިލުންތަކަށާއި އަރައިރުންތަކުގެ ޗާޓަށް ބަލާއިރު އިސްލާމީ ޤައުމުތަކުގެ އެތެރޭގައްޔާއި މުސްލިމުންގެ އާބާދީ ބޮޑު އެހެނަސް އެ ޤައުމުތަކުގެ އާބާދީގެ ނިސްބަތުން ހަވާސާވެފައިވާ އަޣްލަބިއްތު ނެތް (އިންޑިޔާ ޗައިނާފަދަ) ޤައުމުތަކުގައި މުސްލިމުންނަށް ގޮންޖެހުންތަކަކާ ކުރިމަތިވެފައިވެއެވެ. [ދިރާސާކުރުމާ ބެހޭ ޙަޟާރަތުގެ މަރްކަޒުން] މި އަހަރުގެ އެޕްރީލް މަހު ނެރުނު (123 ޞަފްޙާގެ) ރިޕޯޓުގައި، ހަވާސާކޮށްލައިފައިވާ، ޢަޣުލަބިއްޔަތު ނެތް މުސްލިމުންގެ މައްސަލަތަކަށް ޚާއްޞަ އަހައްމިއްޔަތެއް ދީފައިވެއެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން މާލީއަށާއި ނައިޖީރިޔާއަށާއި، އަފްޣާނިސްތާނަށާއި، ތުރްކީގެ މަސްއަލަތަކަށް ފުންކޮށް ބަލައިލައިފައި ވެއެވެ. 

ގޮންޖެހުންތައް:

ފިނިހަނގުރާމައަށްފަހު، އިސްލާމީ ޤައުމުތަކާ ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާމެދު ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި އިސްލާމީ ދުނިޔެއަކީ " ޖިޔޯސިޔާސީ " މަފްހޫމެކެވެ. އިސްލާމީ އުއްމަތް މިހާރު ވަނީ ޙަޟާރީ ގޮތުން ފަހަތަށް ސޮއްސައިލައިފައެވެ. އެ އުއްމަތް ވަނީ އޭގެ  ސިޔާސީ ޝާމިލު ގިއުގަނޑުން ބޭރުވެފައެވެ. 19ވަނަ ސައްތައިން ފެށިގެން އިސްލާމީ ދުނިޔެ ދެކެމުންދާ އަރާރުންތަކަށް ބަލާއިރު މި އަރާރުންތަކުގެ އަޞްލަކީ  ދާޚިލީ މޫތަކެއްގެ ސަބަބުން ހިނގަމުން ދިޔަ އަރާރުންތަކެކެވެ. މި އަރާރުންތައް އިތުރަށް ނުބައިވެފައިވަނީ ޚާރިޖީ ނުފޫޒުތަކުގެ ސަބަބުންނެވެ.  

ފިނިހަނގުރާމަ ނިމުމާއެކު ބައިނަލްއަޤްވާމީ ކޯޅުންތަކުގެ ތޫނުކަން ވަނީ ކޮށިވެފައެވެ. މިކަމާ ވިދިގެން އެމެރިކާ ހަމައެކަނި ދުނިޔޭގެ ބޮޑު ބާރަކަށް ވިއެވެ. މިކަމުގެ ސަބަބުން އިސްލާމީ ދުނިޔެއަށް އައު ގޮންޖެހުމަކާއި އައު ޙާލަތަކާ ކުރިމަތިލާން ޖެހުނެވެ. އެ ކަމާ ވިދިގެން 3 ދަހަރު އައެވެ.

ފުރަތަމަ ދަހަރަކީ: ފިނިހަނގުރާމަ ނިމިގެން ގޮސް 2001ވަނަ އަހަރުގެ ސެޕްޓެންބަރާ ހަމައަށެވެ.

ދެވަނަ ދަހަރަކީ: ސެޕްޓެންބަރުގެ ޙާދިސާއިން ފެށިގެން ގޮސް 2011 ވަނަ އަހަރުގެ ޢަރަބި ރަބީޢާ ހަމައަށެވެ. 

ތިންވަނަ ދަހަރަކީ:  ޢަރަބި ރަބީޢުގެ ގޮވުންތަކާއި ފަޅަފަޅައިގެން ދިޔުންތަކާ ހަމައިން ގޮސް 2020 އާ ހަމައަށެވެ. މި ދިހަ އަހަރުގެ ތެރޭގައި މުޖްތަމަޢީ އަދި ސިޔާސީ ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ.   

ފުރަތަމަ ދަހަރުގައި ކޮމިޔުނިޒަމް ރޫޅި ހަލާކުވެ މަރުވުމުން ހުޅަނގުގެ [އައު ދުޝްމަނު] ކަމުގައި އިސްލާމްދީން ކަނޑައެޅުނެވެ. މި ކަމާ ވިދިގެން ސަޤާފީ ދުރުމިން އެހެން ދުރުމިންތަކަށް އަސަރު ފޯރުވާ ބަހާއަކަށް ވެއްޖެއެވެ. ދީނާއި ސަޤާފީ އާލަތްތައް ސޯރުވެ ސިޔާސީ އަދި އިޤްތިޞާދީ އާލަތްތަކާއެކު އެކަތިގަނޑަކަށްވެ  އިސްލާމީ ދުނިޔެއާ މުޢާމަލާތުކުރުމަށް ޓަކައި ނުކުތްތަން ފެނުނެވެ. ބަވަނަކުރުމުގެ މަސައްކަތްތަކުގެ ދަށުން ހުޅަނގުގެ ސިޔާސަތުތައް ކަނޑައެޅުނެވެ. އެ ސިޔާސަތުތަކަކީ:-

1- މުޖްތަމަޢީ އަގުތަކަށް އަމާޒުކޮށް ސިޔާސަތުތައް ކަނޑައެޅުން: މި އަމާޒަށް ވާޞިލުވުމަށް ޓަކައި ހުޅަނގުން އެޖެންޑާތަކެއް ހުށައެޅިއެވެ. އޭގެތެރޭގައި ޙަޟާރަތްތަކާއި ދީންތަކާއި ސަޤާފަތްތަކުގެ ބައްދަލުވުންތަކާއި، ތަސާމުޙު (ޓޮލަރެންސް)ގެ ސަޤާފަތާއި އަނެކާ ބަލައިގަތުމާއި، އިންސާނާގެ ޙައްޤުތަކުގެ ވާހަކައާއި، ސަޤާފީ އަދި ދީނީ ސިންދަފާތުގެ ވާހަކަތައް ފެންމަތިކުރިއެވެ. މި މުއްދަތުގެތެރޭގައި ބައިނަލްއަޤްވާމީ އެތައް މަހާސިންތާތަކެއް ބޭއްވިފައިވެއެވެ. އޭގެތެރޭގައި 1993ވަނަ އަހަރު ވިއެނާގައި ބޭއްވުނު އިންސާނާގެ ޙައްޤުތަކާ ބެހޭ މަހާސިންތާއާއި، 1994ވަނަ އަހަރު ޤާހިރާގައި ބޭއްވުނު އާބާދީއާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއާއި، 1995ވަނަ އަހަރު ބޭޖިންގގައި ބޭއްވުނު އަންހެނުންނާބެހޭ މަހާސިންތާއާއި، ދީނީ ފިއްތުންތަކާބެހޭ ގޮތުން 1996ވަނަ އަހަރު އެމެރިކާއިން ފާސްކުރި ޤަރާރު ވެއެވެ.

2- ޝާމިލު ހަތިޔާރުތައް ފެތުރުން މަނާކުރުމަށް ބޭނުންވާ ބައިނަލް އަޤްވާމީ ސިޔާސަތުތައް: ޤައުމުތަކުގެ ދާޚިލީ މަސްއަލަތަކުގެ ތެރެއަށް ޚާރިޖީ ބާރުތަކުން ބެހުމާއި އެ މަސްއަލަތަކަށް ބޭރުން އަތްބޭނުމާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ހިނގަމުންދާ ތަފާތު އަރައިރުންތަކުގެ ސަބަބުން ދުނިޔޭގައި އަމަން އަމާންކަން ޤާއިމުކުރުން ވަރަށް ބޮޑު މަސްއަލައަކަށްވިއެވެ. ހަތިޔާރު ނޫފައްދާ ޤައުމުތަކަށް ބޭނުންވާ ހަތިޔާރު ހޯދުމުގެ މަސްއަލައިގައި ކުދި ޤައުމުތައް ބޮޑެތި ޤައުމުތަކަށް ތަބާވާން ޖެހުނެވެ. 

3- ބަވަނަކުރުމުގެ ހިޔާވަހިކަމުގެ ދަށުން ދައުލަތްތަކުގެ ސިޔާދަތަށް އުނިކަން އައުން: މި ކަމުގައި ހުޅަނގުގެ ދައުރު ވަރަށް ބޮޑެވެ.  އެ  ޤައުމުތަކުން އިސްލާމީ ދުނިޔޭގެ މަސްއަލަތަކުގެ ތެރެއަށް އަތް ބާނަމުން ދިޔައެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ބައެއް ކަންތައްތަކުގައި އިސްލާމީ ޙަރަކާތްތަކުން ދައުރެއް ވާ ކަމަށް ތުހުމަތުކުރިއެވެ. ޚާއްޞަގޮތެއްގައި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ދެވޭ ނިރުބަވެރި ޙަމަލާތަކުގެ ފޫޅު އެމީހުން ކެނޑީ މުސްލިމުންގެ ބޮލަށެވެ. މީގެ އިތުރަށް ޤައުމުތަކުގެ ސިޔާދަތަށް އުނިކަން ފޯރުކުރުވުމުގައި ބައިނަލްއަޤްވާމީ މާލީ ޖަމާޢާތްތަކާއި ބޭންކުތަކުން ވެސް ނައްސި ދައުރެއް އަދާކުރިއެވެ. މީގެއިތުރަށް، ބަލާއިރު އިސްތިހްލާކުގެ ސަޤާފަތަކީ (Consumer culture) ވެސް މި ކަމަށް ހިތްވަރުދިން ބަހާއެކެވެ. 

4- އިސްލާމީ އުއްމަތުގެ އަޒްމާތައް (crisis) ހިންގާ ފަރާތަކީ  ބޭރު ކަމުގައިވުން:  ހުޅަނގުން ގެންގުޅޭ އުއްމަތް ފޮތިފޮތިކޮށް ކުދިކުރުމުގެ ސިޔާސަތު އުތުރިގެން އެރިއެވެ. ޢިރާޤާއި ލީބިޔާއާއި ސޫދާނާއި އީރާނު ފަދަ އިސްލާމީ ބައެއް ޤައުމުތަކުގެ މައްޗަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. މި ފިޔަވަޅުތައް އަޅައިފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ހިޔާވަހިކަމުގެ ބާރުގެ ބޭނުންކޮށްގެންނެވެ. މުސްލިމުންގެ ބޮލުގައި ނިރުބަވެރިކަމުގެ ތުހްމަތުތައް އަޅުވައިގެންނެވެ. މި ޤައުމުތަކުން ނިރުބަވެރިކަމަށް ހިތްވަރުދޭ ކަމަށް ތުހުމަތު ކޮށެވެ. އެ ޤައުމުތަކަކީ ނިރުބަވެރި ދައުލަތްތަކެއް ކަމަށް ބުނެއެވެ. އިސްލާމީ ދުނިޔެއާ ކުރިމަތިލުމަށް ޓަކައި [ޙަޟާރީ އަރާރުން]ގެ މަފްހޫމު ކުރިއަށް ނެރުނެވެ. މި ކަމާ ވިދިގެން [ޙަޟާރީ ވާހަކަ ދެއްކުން] ފެށުނެވެ. އެހެނަސް މި ވާހަކަދެއްކުން ވަނީ [ސިޔާސީ] ކޮށްފައެވެ. ޢަރަބި ރަބީޢާއެކު ބައިނަލްއަޤްވާމީ އިސްތިރާތީޖީގެ އަމާޒަކަށްވީ މުޖްތަމަޢީ ބަދަލެއް ގެނަޔަ ނުދިނުމެވެ. ކުރުންތެރި ސިޔާސަތެއް ޤާއިމުކުރިޔަ ނުދިނުމެވެ. 

އިންޑިޔާއާއި ޗައިނާގެ މުސްލިމުން:

މި ރިޕޯޓުގައި ދުނިޔޭގެ ތަފާތު ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޙާލަތަށް ބަލައިލައިފައިވެއެވެ. މި ރިޕޯޓުގައި އިންޑިއާއާއި ޗައިނާގެ މުސްލިމުންނަށް ވަކިން ޚާއްޞަ އަހައްމިއްޔަތެއް ދީފައިވެއެވެ.

މި ރިޕޯޓު ބުނާގޮތުގައި  އިންޑިއާގެ ވެރިކަމަށް [ހިންދޫސީ ރައްޔިތުންގެ ޕާޓީ] (ބީޖޭޕީ) އައުމުން އިންޑިއާގެ މުސްލިމުންނާމެދު ދެކޭ ގޮތަށް ވަނީ ބަދަލު އައިސްފައެވެ. އިންޑިއާގައި ދުއިސައްތަ ވަރަކަށް މިލިއަން މުސްލިމުން އުޅެއެވެ. އެއީ އެ ޤައުމުގެ އާބާދީގެ 14.3 % އެވެ. މުސްލިމުންނަކީ އިންޑިއާ މިނިވަންކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ބަޔެކެވެ. އިންޑިއާގައި ވެރިކަންކުރި ކޮންގްރެސް ޕާޓީއާ ޚިލާފަށް ބީޖޭޕީގެ ސިޔާސަތަކީ އިންޑިއާ ހިންދީންގެ ޤައުމަކަށް ހަދާން މަސައްކަތްކުރުމެވެ. މި ޕާޓީން ދަނީ އިންޑިއާގައި އޮތް ސެކިޔުލަރ ސިޔާސަތަށް ބަދަލުތަކެއް ގެންނަމުންނެވެ. މި އައު ސިޔާސަތުގެ ސަބަބުން އިންޑިއާގައި އޮތް ދީނީ، ނަސްލީ އަދި ބަހަވީ ސިންދަފާތަށް ބަދަލުތަކެއް އަންނާނެކަމަށް މި ރިޕޯޓު ބުނެއެވެ.

ޗައިނާއަށް ބަލާއިރު އެ ޤައުމުގައި މުސްލިމުންގެ އާބާދީއަކީ އެ ޤައުމުގެ އާބާދީގެ 2 % އެވެ. ޗައިނާގައި ދިރިއުޅޭ މުސްލިމުން ބެހިފައި ވަނީ އަޣުލަބިއްޔަތު ނެތް ގޮތުގައި  ދިހަ ވަންހައަކަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ ބަޔަކީ އީގޯރުންނެވެ. އީގޯރުންގެ ގިނަ ބަޔަކު ޗައިނާ ބަހުން ވާހަކައެއް ވެސް ނުދައްކައެވެ. އެމީހުން ދިރިއުޅެނީ ޗައިނަ ސަޤާފަތާ މަސްހުނިނުވެ އިރުމަތީ ތުރްކުމާނިސްތާނު ސަރަޙައްދުގައެވެ. މި ސަރަޙައްދަކީ ޗައިނާގެ ސަރަޙައްދުގެ ފަސް ބައި ކުޅަ އެއްބައެވެ. މިއީ ތެލާއި ގޭހާއި ބޯޓުދެލީގެ މުއްސަނދިކަން އޮތް ސަރަޙައްދެކެވެ. 

___________________________

ފުޓް ނޯޓް:

 

1.      މުސްލިމު ފިލޯސަފަރެއްކަމުގައިވާ ޕްރޮފެސަރު ޙުސައިން ނަޞްރުﷲގެ ބަސްފުޅެއް

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ