އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (17)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(04 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ކޮންމެއަކަސް ހަމަޖެހިފައިވާ ގޮތުގެ މަތީން އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސޮއިކުރުމުގެ ކަންތައް ނިންމުމަށްފަހު ސީދާ ދިޔައީ މުންޑޫއަށެވެ. އެގްރީމެންޓްގެ ރަސްމިއްޔާތުގައި ސޮއިކުރުމާއެކު، ދާއޫދުގެ މޫނުމަތީން މާ ބޮޑަށް އުފާވެރިކަން ފާޅުވާ ސަބަބެއް ނީނާއަކަށް ނުވިސްނެއެވެ. ނީނާގެ ކިބައިން ދާއޫދަށް އިތުރަށް ލިބޭނެ ޚިދުމަތެއް، ލިބޭނެ އެއްޗެއް އޮންނާނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. ނީނާ މަސައްކަތްކުރަނީ ނުހަނު އިޚުލާޞްތެރިކަމާއެކު، ކަމަށް ކަމޭ ހީކޮށްގެންނެވެ. ހުރިހާ ކަމެއް ކުރަނީ ވެސް ނުހަނު އޯގާތެރިކަމާއި ކުޅަދާނަ ކަމާ އެކުގައެވެ. އަދި ނީނާ ކުރާ އެއްވެސް ކަމަކާ މިހާތަނަށް ދާއޫދު ހިތްހަމަނުޖެހިފައެއް ވެސް ނެތެވެ. އެހެންވީމާ ދާއޫދު އެ ކަނޑައެޅި ޝަރުޠަކީ ނީނާގެ ނަޒަރުގައި ބޭކާރު ޝަރުޠެކެވެ. އެ ޝަރުގެ ސަބަބުން ދާއޫދަށް ލިބޭނެ އިތުރު އެއްޗެއް، އިތުރު ފައިދާއެއް، އަދި ނީނާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ފައިދާއެއް އޮވެދާނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. 

ޖެހިގެން އައި ދުވަހު ހެނދުނު 9 ޖެހިއިރު ނީނާ އިނީ ކަންމަތީ ފިހާރައިގެ ޝޯރ ރޫމްގައެވެ. ނީނާއަށް ކުއްލިއަކަށް ފެނުނީ މާ ހެނދުނަކާ ދާއޫދު ރީތިވެގެން އޭނާގެ ޚާއްޞަ ވިޓާރާ ވޭންގައި އިސްދޫއާ ވީ ކޮޅަ ދަތުރުކުރިތަކެވެ. ދާއޫދު އެ ދިޔަ ގޮތުން ދާއޫދު އަވަހަށް ނާންނާނެކަން ނީނާއަށް ވިސްނުނެވެ. އެހެންވެ ނީނާގެ ހިތުގައި އޮތް ސުވާލެއްގެ ޖަވާބު ހޯދުމުގެ ޝައުޤުގައި ދިރާސާތަކާބެހޭ ސިއްރު ކޮޓަރި ކައިރިއަށް ގޮސް، އެތަން ހުޅުވޭތޯ ތަޅުދަނޑިއެއް ޖަހައިގެން އަނބުރައިލެއެވެ. މުޅި ތަޅުދަނޑިފަތި ހުސްވި އިރު ވެސް އެ ތަޅަށް ހެޔޮވަރުގެ ތަޅުދަނޑިއަކާ ދިމައެއް ނުވިއެވެ. އެންމެ ފަހުން މާޔޫސްވެގެން ހުރެ ކޮޓަރީގެ ތަޅުގެ އަތްގަނޑުގައި ހިފައި އަނބުރައިލއައިފިއެވެ. ނީނާ ގާތަށް ހިނިވެސް އައެވެ. އަދި މި ކުރެވުނު ބޭކާރު މަސައްކަތެއްގެ ސަބަބުން އަމިއްލަ ނަފުސުދެކެ ރުޅިވެސް އާދެވުނެވެ.

މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. ދޮރުގެ ކައިރީގައި ހުރި ސުވިޗަށް ފިތައިލިއެވެ. ވަރަށް ފަނޑުއަލިކަމެއް ހުރި މޫންލައިޓް ބޮތްކެއް ދިއްލިއްޖެއެވެ. ފަސްވޯޓްގެ އާދައިގެ ބޮތްކެއްގެ އަލިކަމެކެވެ. ދޮރާ ދެ ފޫޓެއްގެ ދުރުމިނުގައި ވަނީ ކަޅު ފޮތިގަނޑެއް ދަމައިފައެވެ. ފަރުދާއެކެވެ. މެދުން ދެ ފަރާތަށް ކަހައިލެވޭ ގޮތަށް ހުރި ފަރުދާއެކެވެ. ނީނާ ކުޑަކޮށް ޖެހިލުންވެހުރެ ފަރުދާ ކަހައިލައިފި އެވެ. ނަމަވެސް އަވަހަކަށް ދާއޫދު ނާންނާނެކަން އެނގޭތީ މާ އަވަސްކުރާކަށް ވެސް ނޫޅެއެވެ. ހައިރާންކަމާއެކު ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލައިފިއެވެ. ކޮޓަރިތެރޭގައި އެއްވެސް ތަރުތީބެއް ނެތި އެކި އެއްޗިހި އެކި ދިމަދިމާގައި ހުއްޓެވެ.  އާދައިގެ ކުޑަ މޭޒަކާއި ޕްލާސްޓިކް ދެ ގޮނޑިއާއި ކުޑައަލަމާރިގަނޑެއް ދިމާއަށް ހުއްޓެވެ. ނަމަވެސް މި ހަޑި ކޮޓަރިގަނޑުގައި ވަރަށް ރީތި ބޮޑު ޑަބަލްބެޑެއް ހުރީތީ ނީނާ ހައިރާންވެއްވެއްޖެއެވެ. އަދި އަންހެނަކު ވެސް ދިރި ނޫޅޭ އެގޭގެ އެހާ ސިއްރު ކޮޓަރިއަކުން، އަންހެނުން ދޭތެރެ ދުރުކުރާން ބޭނުންކުރާ ހުރިހާ ސާމާނަކާއި ބޭހެއް ހުރީތީ މާ ބޮޑަށް ހައިރާންވެއްޖެއެވެ. ދެ ތިން ސޫޓްކޭހެއް ބިންވަތީގައި ހުއްޓައިފެނުމުން އެއިން އެއްޗެއްގެ އެތެރެ ބަލައިލާހިތްވެއްޖެއެވެ. އެތަނުން ފޮއްޓެއް ހުޅުވައިލުމުން ނީނާއަށް ލިބުނު ހައިރާންކަން އަދި މާ ބޮޑަށް އިތުރުވިއެވެ. އެ ފޮށީގައި ހުރީ ކުޑަކުދީން ކުޅެން ގެންގުޅޭ ކުޅޭކުޅޭ މަތީންދާބޯޓާއި ކާރު ފަދަތަކެއްޗެވެ. މި ތަކެތިވެސް ހުރީ ކޮންމެވެސް ބައެއް އެއިން ނައްޓައިލައި ހަލާކުކޮށްލައިފައެވެ. ނުވަތަ ހަލާކުވެފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް މީހުންގެ ބޮޑެތި ފޮޓޯތަކެއް ހުރިއިރު އެވެސް ހުރީ ވަޅިކޮށްޕައި ހަލާކުކޮށްލެވިފައެވެ. މި ފޮޓޯތަކުން ފެންނަ ގިނަ މީހުންނަކީ އެންމެންވެސް ދަންނަ މަޝްހޫރު މީހުން ކަމުގައި ވިޔަސް އޭގެ ގިނަ މީހުން މިހާރު ދުނިޔެއަކު ނެތެވެ.

ނީނާ ހައިރާންވެގެން އިރުކޮޅަކު އިނެވެ. މިގޭގައި ކުޑަކުއްޖަކު އުޅުނުބާއެވެ. އަންހެނަކު އުޅުނުބާވައެވެ! ދާއޫދު މި ކޮޓަރި އެހާ ބޮޑަށް ސިއްރުކޮށްގެން އެ އުޅެނީ ކީއްވެ ކޮންކަމަކާ ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އިރުކޮޅަކު ހިމޭނުން އިނުމަށްފަހު، ފޮށީގައި އިތުރު އެއްޗެއް އޮތްތޯ ބަލައިލިއެވެ. ރަހަފޮދެއްފަދަ ތޫނު ޚަންޖަރެއްފަދައިން ދެމިޔަލީ ވަޅިއެއް އެ ފޮށީ ތެރޭގައި އޮތެވެ. ނީނާގެ ހިތަށް ބިރުވެރިކަން ވަދެގެން ވަރަށް އަވަހަށް އެ ފޮށި ލައްޕައިލައިފައި ނުކުންނާން ހިތަށް އެރިއެވެ. ނަމަވެސް މި ފަދަ އެހެން ފުރުޞަތެއް ނުލިބޭނެތީ، ދާއޫދު ނެތީސް އަދިވެސް ދާއޫދުގެ ހަގީގަތް އެނގޭތޯ އިތުރު ޝޫޓްކޭހެއް ހުޅުވައިލައިފިއެވެ. ނީނާ ދިޔައީ ތަރިބުރައިގެންނެވެ. އެއްވެސް ތަރުތީބެއްނެތި އެ ފޮށީގައި ފުރައިހުރީ ފައިސާގެ ނޫޓްތަކެވެ. އެއްވެސް މީހަކަށް އޭގެ އަދަދުވެސް އެނގޭނެޔެކޭ ހިޔެއް ނުވެއެވެ. ހަމަ އެކަނި ދިވެހި ފައިސާއެއް ނޫނެވެ. އެމެރިކާ ޑޮލަރާއި އިނގިރޭސި ޕައުންޑެވެ. ސްވިޑިޝް ކްރޯނެވެ. އިޓަލީގެ ލީރާއެވެ. މެލޭޝިއާގެ ރިންގިޓެވެ. ޗައިނާގެ ޔުއާނެވެ. ޖަޕާނުގެ ޔެނެވެ. ސިންގަޕޫރު ޑޮލަރެވެ. މިހެންގޮސް ނީނާ އަޑު ވެސް ނާހާ އެތައް ޤައުމެއްގެ އެތައް ފައިސާއެކެވެ. ނީނާ ހިތަށް އެރިއެވެ. ޒަމާނީ އެތައް  ގިނަ ވިޔަފާރިއެއް ހިންގާ މީހަކު، އަދި އެއްވެސް މީހަކު ގޭގައި ފައިސާ ނުގެންގުޅޭ މި ޒަމާނުގައި މި ގޮތަށް ފޮއްޓަކަށް އެއްވެސް އަގެއް ނެތް ގޮތުގައި ފައިސާތަކެއް އުކައިލައިފައި ބަހައްޓައިފައި މިހިރީ ކީއްވެބާވައެވެ. 

ފައިސާ ފޮށި ލައްޕައިލުމަށްފަހު ތަންކޮޅެއް ފާރާކައިރީގައި ހުރި ފޮއްޓެއް ހުޅުވައިލާން ގަސްތުކޮށްގެން ފާރާކައިރިއަށް ޖެހިލި އިރު އެތާ ބިތުން ދެ ސުވިޗެއް ފެނިގެން އިތުރު އަލިކަމެއް ލިބޭތޯ ބޮތްކެއް ދިއްލޭތޯ ދެ ސުވިޗް ޖައްސައިފިއެވެ. ނީނާ ދިޔައީ ސިއްސައިގެންނެވެ. އަލިގަދަ ބޮތްކެއް ދިއްލުމާއެކު ކުރިމަތީން ހުރި ފާރުން އެ ހުޅުވުނީ އެހެން ދޮރެކެވެ. އެ ދިމާއަށް ބަލައިލިއިރު އެ ދޮރުން ހުރީ އަޑިޔަށް ފައިބާ ކަހަލަ ސިޑިއެކެވެ. މިއީ ބޭރުބަޔަކު ގެނެސްގެން މުޅި ގޯތި ބަންދުކޮށްގެން މި ދިޔަ އަހަރު ދާއޫދު ހެދި ބިންގަރާހެއްކަން ނީނާއަށް ވިސްނިއްޖެއެވެ. އަދި ރަށުގެ އެއްވެސް މީހަކަށް ވަދެވޭ އަދި ވަދެއުޅޭ ތަނަކައް ނުވާތީ މިތާގެ ޚަބަރު ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ. މަސައްކަތު ގެނައި މީހުން ވެސް އަންނަ ތަނެއް ދާތަނެއް ކާތަނެއް އެނގޭ މީހަކު މިރަށަކު ނޫޅެއެވެ. އޭރު އަދި މިހާރު ވެސް މުންޑޫ މީހުން ހީކުރަނީ އެ މީހުން ކައްކައި ކައިބޮއި ހެދީ މިތާ އެތެރޭގައި ކަމަށެވެ. ނަމަވެސް އެ ފަދަ ކަމެއް ނުހިނގާކަން ނީނާއަށް އެނގެއެވެ. ނީނާ ހީކުރަނީ ފަތިހުފަތިހާ ކާތަކެތި ހިފައިގެން އައިސްފައި މަސައްކަތް ނިންމުމަށްފަހު މަސައްކަތު މީހުން އެނބުރި ގަންފޮނަދޫ ސިޓީއަށް ދާކަމަށެވެ. އަދިވެސް އެކަމުގެ ހަގީގަތެއް ނީނާއަކަށް ނޭނގެއެވެ. ނީނާ އެކަން ބަލާކަށް ނުވެސް އުޅެއެވެ.

ކޮންމެއަކަސް ނީނާއަށް ކޮޓަރީން މި ފެނުނު ކަންތަކާހުރެ، ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ދާއޫދަކީ ކޮން ފަދަ މީހެއްހެއްޔެވެ؟ ކާކުބާވައެވެ؟ ކޮން ތާކުން އައި ކާކުބާވައެވެ. ނުރައްކާތެރި މީހެއްބާވައެވެ؟ އިންސާނެއްބާވައެވެ؟ އަހަރެންގެ މުޅި ނަފުސު އެ މީހަކަށް މި ހަދިޔާކުރެވުނީ މި ފަދަ ނުބައި ނުލަފާ ޢަމަލުތަކެއް ހިންގާ އާދަމުގެ ދަރިއަކަށް ހެއްޔެވެ؟ އަދި އޭނާއަކީ................

މި ފަދަ ތަފާތު ޚިޔާލުތައް ނީނާގެ ހިތުގައި ބިރުވެރިކަމާއެކު ދައުރުވާން ފަށައިފިއެވެ. އަދި އެ ކޮޓަރީގައި ދެން އެންމެ ހިނދުކޮޅަކު ވެސް މަޑުކުރުމަކަށް ނީނާގެ ޒަމީރު ތަނެއް ނުދިނެވެ. އަދި އެ ނުރައްކާތެރި ތާނގައި އެންމެ ހިނދުކޮޅަކަށް ވެސް ނުހުރެ، ދާއޫދު ނާންނަނީސް އަވަހަށް ނުކުންނާން ގަސްތުކޮށްފިއެވެ. އެ ވަގުތު ބޭރުން، މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ނީނާ ފިހާރައިގައި ނެތީމާ ހޯދާންވެގެން މޫސާފުޅުބޭ އުޅެނީކަމަށް ހީކޮށް އަވަހަށް ބޮކި ނިއްވައިލުމަށްފަހު ދޮރުހުޅުވައިލިއެވެ. އެ ވަގުތު ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ނީނާ ފިހާރައިގައި ނެތީމާ ހޯދާންވެގެން މޫސާފުޅުބޭ އުޅެނީކަމަށް ހީކޮށް އަވަހަށް ބޮކި ނިއްވައިލުމަށްފަހު ދޮރުހުޅުވައިލިއެވެ. ނީނާއަށް ހީވީ ފައިތިލަދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ދޮރުގެ ދެފަރާތުގައި ދެއަތްއަޅައިގެން ފާޑަކަށް ހެވިފައި އެހެރީ ދާއޫދެވެ. ފެންނަ ފެނުމަށް ނުހަނު ރީތި، ހިތްގައިމު އިންސާނެކެވެ. 

 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ