އަދުގެ ޚާއްސަ

Print

[ތިމާވެށި] އުފެއްދެވީ ކޮން ބޭފުޅެއް؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތިމާވެށި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. 1974 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޖޫންމަހު 5 ވަނަ ދުވަސް ފާހަގަކުރަނީ [ދުނިޔޭގެ ތިމާވެށީގެ ދުވަސް]ކަމުގައެވެ. މި ދުވަސް އދ. ގެ އާންމު މަޖިލީހުން ކަނޑައެޅީ 1972 ގައި ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި [އިންސާނީ ތިމާވެށީ]ގެ މައްޗަށް މަޝްވަރާކުރާން ބޭއްވި ސިންތާގެ ފުރަތަމަ ދުވަސް އެއީ އެ ދުވަސް ކަމަށް ބަލައިގެންނެވެ. މި ދުވަސް ފާހަކަކުރާން ކަނޑައެޅި ސަބަބަކީ ދުނިޔެއަށް، އަދި (އިންސާނުންގެ ފުށުން ނަމަވެސް) މުޅި ދުނިޔޭގެ ވެއްޓަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސަބަބުންނެވެ. އެ ކަންކަމުގެ މައްޗަށް މީހުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި އެ ހޭލުންތެރިކަން ދަމަހައްޓައި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރާން ބާރު އެޅުމުގެ ގޮތުންނެވެ.

މި ފަދަ ސަބަބުތަކަށްޓަކައި [ދުނިޔޭގެ ތިމާވެށީގެ ދުވަސް] މިއީ ދުނިޔޭގައި ވަރަށް ޚާއްޞަ ދުވަހެކެވެ. އަދި ވަކީން ޚާއްޞަކޮށް މި އަދުގެ ޚާއްޞަކަން ދިވެހިރާއްޖެއަށް ވަކީން ބޮޑެވެ. ތަފާތު ދެ ސަބަބަކަށްޓަކައެވެ. އެއް ސަބަބަކީ ރާއްޖޭގެ ނާޒުކު ވެށީގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓަށް ދޭންޖެހިފައިވާ އަހަންމިއްޔަތުކަން ބޮޑުކަމެވެ. ރާއްޖެ އުފެދިފައި އޮތް ނާޒުކުކަމެވެ. މުޅި ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ ހުރިހާ ޞީނާޢަތްތަކެއް ވެސް ތިމާވެއްޓާ ގުޅިފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ތިމާވެށި ވިސަޑުވެއްޖެ ނަމަ ދިވެހިރާއްޖެއަށް އަދި ދިވެހީންނަށް އޮތް ނުރައްކާ ބޮޑުކަމުންނެވެ. ދިވެހިރާއްޖޭގެ ވެށި ވިސަޑުވާ އެންމެހައި ވިސަޑުތަކުން ސަލާމަތްވެ ތިބުމުގެ މުހިއްމުކަން ބޮޑުކަމުންނެވެ.

މިއަދު ދިވެހީންނަށް ޚާއްޞަވާ އަނެއް ސަބަބަކީ ދިވެހިރާއްޖޭގެ ވެށީގެ ތާރީޚު، ތިމާވެށީގެ ތާރީޚު، އެތައް ހާސް އަހަރެއްގެ ކުރިޔާ ގުޅިފައި އޮތަސް [ތިމާވެށި] މި ލަފުޒަކީ ވަރަށް ހަގު ލަފުޒަކަކަށްވުމެވެ. އަދި އެއަށްވުރެ ވެސް ޚާއްޞަކަމަކީ މި ލަފުޒުގެ ބެލެނިވެރި ފަރާތެއް ނުވަތަ މުޞައްނިފެއް ރަސްމީ ގޮތުން އެނގޭން ނެތުމެވެ. އެހެންކަމުން މިއަދު އަޅުގަނޑު ބޭނުންވީ މި ލަފުޒުގެ ތާރީޚުގެ މައްޗަށް ކޮންމެވެސް ވަރެއްގެ ނަޒަރެއް ދޭށެވެ.

1977 ން ފެށިގެން އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ނަމުގައި (އީޕީއޯ) ރާއްޖޭގެ ތަޢުލީމާ ބެހޭ ޚާއްޞަ މަޝްރޫޢެއް ހިންގުމަށްޓަކައި އޮފީހެއް ޤާއިމުކުރެވުނެވެ. ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށްޓަކައި ރާއްޖޭގެ އަތޮޅުތަކުގައި ކޮމިޔުނިޓީ ސްކޫލް ހުޅުއްވައި ކިޔަވައިދެއްވުމާ ބެހޭ ތަކެތި އުފައްދަވައި މުދައްރިސުން ތަމްރީނުކުރައްވައި މީޑިއާ ބޭނުންކުރައްވައިގެން ޢާންމުން ހޭލުންތެރިކުރެއްވުމުގެ އެތައް ޙަރަކާތެއް ހިންގެވުމަށްޓަކައި، އދ. ގެ ޖަމްޢިއްޔާތަކެއްގެ އެހީގައި ފެއްޓެވި މަޝްރޫޢެކެވެ. މި މަސައްކަތް ބޮޑަށް ހިނގައިގަތީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރު ރާއްޖޭގެ ފަށާ ތަޢުލީމުގެ 5 އަހަރު ދުވަހުގެ ޤައުމީ މުޤައްރަރެއް ވެސް އެކަށައެޅުނެވެ. ކިޔަވައިދޭނެ ފޮތް ލިޔުއްވުމާއި މުދައްރިސުން ތަމްރީނުކުރެއްވުމާއި، މުދައްރިސުން ތާޒާކުރެއްވުމާއި، އިސްކޫލުތައް ބިނާކުރެއްވުމާއި، ތަޢުލީމާ ބެހޭ ސެމިނާރުތައް ބޭއްވެވުމާއި މީހުން ހޭލުންތެރިކުރެއްވުމަށްޓަކައި ޖަމާޢާތުގެ ޚަބަރުގެ ނަމުގައި ޚާއްޞަ ލުއި ނޫހެއް (ފަހުން މަޖައްލާއަކަށްވި) ނެރުއްވުމާއި ރޭޑިއޯ ޕްރޮގްރާމްތައް ފޮނުއްވުމާއި މި ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން، ހިންގެވި ދުވަސްވަރެވެ. އާދޭހެވެ! އެއީ އެޑިޔުކޭޝަނަލް ޑިވެލޮމެންޓް ސެންޓަރ (އީޑީސީ) އެވެ. ފަހުން އެތާގެ ރަސްމީ ނަމަކީ [ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު] ކަމަށް ހަމަހެޖުނެވެ. އީޑީސީގެ ތެރެއިން މުދައްރިސުންގެ ތަޢުލީމީ މަރުކަޒު އުފަންވިއެވެ. ފަހުން އީޑިސީގެ ތެރެއިން ނުރަސްމީ ތަޢުލީމުދޭ މަރުކަޒު  ވުޖޫދަށް އައެވެ. އަދި އެ ތާގެ ނަން ފަހުން، [ނުރަސްމީ ތަޢުލީމުދޭ މަރުކަޒު]ގެ ގޮތުގައި ޒަމާންތަކަކަށް ހިނގިއެވެ. އޭގެ ފަހުން ސެންޓަރ ފޮރ ކޮންޓިނުއިންގ އެޑިޔުކޭޝަން (ސީ.ސީ.އީ.)ގެ ގޮތުގައި ވެސް އެ އިދާރާ ހިންގި ހަނދާން އަޅުގަނޑު ވެއެވެ. މިހާރު އެއީ (ނުވަތަ، އީ.ޑީ.ސީ.އާއި ސީ.ސީ.އީ.ގެ ބަދަލުގައި ފެންނާން ހުރީ)[ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން] (އެން.އައި.އީ.) އެވެ. ކުރީން ހުރި މުދައްރިސުންގެ ތަޢުލީމީ މަރުކަޒު، އިންސްޓިޓިޔުޓް އޮފް ޓީޗަރ އެޑިޔުކޭޝަން] އަށް ބަދަލުވެ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފެދި، އެ ތާގެ [ފެކަލްޓީ އޮފް އެޑިޔުކޭޝަން]ގެ ގޮތުގައި ހިނގާން ފެށިއެވެ. މިއަދު އެއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެކެވެ.

އަޅުގަނޑުގެ ވާހަކަ މާ ދިގު ވެސް ވެއްޖެއެވެ. ނަމަވެސް މި ޒަމާނުގެ ކުދީންނަށް މުހިންމު މަޢުލޫމާތަކަށް ވެދާނެތީ ހަމަ ދަންނަވައިލީއެވެ. އަޅުގަނޑު ދަންނަވާން މި އުޅެނީ ކުރީން މި ދެންނެވި އީ.ޑީ.ސީ.ގެ ދުވަސްވަރު ޤައުމީ މުޤައްރަރަށް ކިޔަވައިދޭ ފޮތްތައް އީ.ޑީ.ސީ.އިން ލިޔުއްވި އިރު [ރާއްޖޭގެ މާޙައުލާ ބެހޭ ޢިލްމު] (އެންވައިރަންމެންޓަލް ސްޓަޑީޒް) ކިޔާ މައްދާއެއް ވެސް ތަޢާރަފުވި ވާހަކައެވެ. އެ މާއްދާއަށް ކިޔާނެ ނަމަކާމެދު، މަޝްވަރާކުރެވި އެ ނަމަކީ [ތިމާވެށީގެ ޢިލްމު] ކަމަށް ހަމަޖެހުނެވެ. މި މާއްދާއަށް މި ނަން ކިޔުމުގެ ކުރީން [އެންވައިރަންމަންޓް] ނުވަތަ މާޙައުލަށް ކިޔާނެ ދިވެހި ނަމަކާމެދު ބަހުސްކޮށް ލަފުޒެއް އުފައްދާންޖެހޭނެތާއެވެ. އެ ލަފުޒަކީ [ތިމާވެށި] އެވެ. ތިމާވެށި މި ލަފުޒު އުފެއްދުމުގައި އަޞްލެއް ކަމަށް ބައްލަވައިފައިވަނީ ތިމާގެ ވަށައިގެންވާ ތަންތަނެވެ. އަތޮޅުވެށި ރަށުވެށި ކިޔާ އުޞޫލަށް ބިނާކުރައްވައިގެން އުފެއްދެވި، ދޫމައްޗަށް ފަސޭހަ ލަފުޒެކެވެ. ޢާއްމުން ބަލައިގަތުން އަވަސް ލަފުޒެއްވެސްމެއެވެ. 

ކޮންމެއަކަސް މި ލަފުޒު އުފެދުނު ގޮތާ ބެހޭ ތަފާތު ރިވާޔަތްތައް އެބަހުއްޓެވެ. އަޅުގަނޑު އެކި ދިމަދިމާއިން އެކި ދުވަސްވަރު މި ކަމާ ބެހޭ ގޮތުން އެކި ބޭފުޅުންނާ މަޝްވަރާކޮށްފައިވާނެއެވެ. އެ ދުވަސްވަރު އީ.ޑީ.ސީ.ގައި އުޅުއްވި ބޭފުޅުންނާއި ރައީސް އޮފީހުގައި އުޅުއްވި ބޭފުޅުންނާއި ޤައުމީ މަރުކަޒުގެ ރައިސްކަން ކުރެއްވި ބޭފުޅުންނާ ވެސް މަޝްވަރާކުރީމެވެ.

އެކި ރިވާޔަތްތަކުގައި ވާގޮތުން، މި ލަފުޒަކީ [ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް] އިން އުފެއްދެވި ލަފުޒެކެވެ. [ތިމާވެށި] މި ނަން ފުރަތަމަ ހުށަހެޅުއްވީ ރައީސް އޮފީހުގައި، އަލްއުސްތާޛު މޫސާ ފަތުޙީ (ރަޙިމަހުﷲ) ކަމަށް ވެސް ބޭފުޅަކު ވިދާޅުވިއެވެ. އަދި އެއީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ (ރަޙިމަހުﷲ) ހުށަހެޅުއްވި ލަފުޒެއް ކަމަށާއި މުދައްރިސް ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) ހުށަހެޅުއްވި ލަފުޒެއްކަމަށް ވެސް މަޢުލޫމާތު ލިބުނެވެ. އަދި މި ލަފުޒުގެ [މިލްކުވެރިކަން] ރައީސް މައުމޫނަށް އަރުވާ ބޭފުޅުން ވެސް އެބަ ތިއްބެވިއެވެ. އަދި ގިނަ ދުވަސް ވީމާ، މިހާރު މާ ބޮޑަށް ހަނދުމަފުޅު ނެތް ކަމަށާއި  ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އާ މަޝްވަރާކޮށްލާން ވެސް ބައެއް ބޭފުޅުން ލަފާދެއްވިއެވެ. މިއަދު ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އާ ގުޅާން އުޅެ ގުޅޭނެ ގޮތެއް ނުވިއެވެ. ނަމަވެސް ކިތަންމެ ދުވަހަކު މި ވާހަކަ އެ މަނިކުފާނާ ދައްކައިފައިވާނެއެވެ. އެންމެ ޚާއްޞަކަމަކީ މި ލަފުޒުގެ މިލްކުވެރިކަން އެކި ބޭފުޅުން އެކި ބޭފުޅުންނަށް ނިސްބަތްކުރައްވާ އިރު، އެއްވެސް ބޭފުޅަކު އެއީ ތިމަންނަ ހެއްދެވި ލަފުޒެކޭ ވިދާޅެއް ނުވެއެވެ. ޢިލްމީ ބޭފުޅުންގެ ބަސްމަގު ހުންނާނީ ވެސް މިހެންނޫންތޯއެވެ؟

މި ހުރިހާ ބަސްދީގަތުންތަކާއި ލިބެން ހުރި މަޢުލޫމާތުގެ އަލީގައި އަޅުގަނޑަށް އެ ލަފުޒާމެދު ފެނުނު ގޮތް ދަންނަވައިލުމަކީ ވަރަށް ޙައްސާސްކަމެއްކަން އެނގި ހުރެމެ، އެ ވާހަކަ ދަންނަވައިލާނަމެވެ. މިއީ އެކި ބޭފުޅުންގެ ބަސްދީގަތުންތަކުން އަޅުގަނޑަށް ސާބިތުވި ގޮތެވެ. މިއީ ފަންނީ ގޮތުން ބަހުސްކުރައްވައިގެން ޖަލްސާއެއްގައި ފާސްކުރެއްވި ލަފުޒެކެވެ. "މާޙައުލު"ގެ ބަދަލުގައި ކިޔާން ރަނގަޅު ނަމަކީ [ތިމާވެށި] ކަމަށް ރައީސް އޮފީސްތެރޭގައި އަލްއުސްތާޛު މޫސާ ފަތުޙީ (ރަޙިމަހުﷲ) ޚިޔާލުފުޅު ދެއްވައި ވާހަކަފުޅުދެއްކެވި ކަމަށްވެއެވެ. އަދި ރައީސް މައުމޫންގެ ރުހިވަޑައިގަތުން ވެސް އެ ގޮތަށް އޮތެވެ. (މިއީ ޞާދިޤު އެ ލަފުޒުގެ ވާހަކަފުޅު ދެއްކެވުމުގެ ކުރީންކަމެއް ފަހުން ހިނގި ކަމެއްކަމެއް ސާބިތުވާ ގޮތެއް ނެތެވެ.) ނަމަވެސް އޭރު އޫއެންޑީޕީ އޮފީސް ހިނގަމުން ދިޔަ މ. އަލިވާގޭގައި ބޭއްވި ޖަލްސާގައި މި ލަފުޒު ސްޕޮންސަރކުރެއްވީ ނުވަތަ މި ޚިޔާލުދެއްވީ ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އެވެ. އެހެންވީމާ، މި ލަފުޒު އުފެއްދެވުމުގެ ޝަރަފު އަޅުގަނޑު އަރުވާނީ އަޅުގަނޑުގެ ލޮބުވެތި މުދައްރިސް ޢަބްދުﷲ ޞާދިޤަށާއި އުސްތާޛު މޫސާފަތުޙީ (ރަޙިމަހުﷲ) އަށެވެ. ނަމަވެސް މި ލަފުޒު ބޭނުންފުޅު ކުރައްވައިގެން [އެންވައިރަންމަންޓަލް ސްޓަޑީޒް] އަށް ކިޔާނެ ނަމަކަށް [ތިމާވެށީގެ ޢިލްމު] ތަޢާރުފުކުރެއްވުމުގެ ޝަރަފު އަޅުގަނޑު އަރުވާނީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ (ރަޙިމަހުﷲ) އާއި ޑރ. މުޙައްމދު ލަޠީފަށެވެ. މިއީ އަޅުގަނޑަށް ހޯދުނު މަޢުލޫމާތުގެ އަލީގައި ދެންނެވޭން އޮތް މިންވަރެވެ. ޙަޤީޤަތް ދެނެވޮޑިގެންވާނީ މާތް ﷲއެވެ. ނޭނގުމުގެ ތެރެއިން ކުށެއް ދެންނެވިފައިވާނަމަ، ﷲ އަޅުގަނޑަށް ޢަފޫކުރައްވާށިއެވެ! މިއީ ތެދު ޙަޤީޤަތް ކަމަށް ވެއްޖެ ނަމަ ދެ އަޖުރު އަޅުގަނޑަށް ދެއްވާށިއެވެ! އަދި މިއީ ހަގީގަތާ އެއް ގޮތް ނަތީޖާއަކަށް ނުވެއްޖެ ނަމަ، އަޅުގަނޑޫގެ އިޚުލާޞްތެރި މަސައްކަތަށްޓަކައި އެއް އަޖުރު ދެއްވާށިއެވެ! ކޮންމެއަކަސް އެއްވެސް ބޭފުޅަކަށް ކުޑައިމީސް ބަހެއް އަޅުގަނޑަށް ރައްދުކުރެވިފައިވާ ނަމަ ދީލަތި މަޢާފަކަށް އެދެމެވެ. އަޅުގަނޑުގެ އިޚުލާޞްތެރި ނިޔަތާމެދު ﷲ ހެކިވެވޮޑިގަންނަވާށިއެވެ! އާމީން!

____________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ