Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (5)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

މުޙައްމަދު ޝާހިދު ޙަލީމް

(1 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ކ- ޗިޅިޔާ މޫސާ މަނިކު (1940-)

ޗިޅިޔާ މޫސާ މަނިކަކީ ތަމްސީލު ލިއުއްވުމުގެ އިތުރަށް ތަމްސީލުކުޅުއްވައި އަދި ޑައިރެކްޓު ވެސް ކުރައްވާ ބޭފުޅެކެވެ. ތަމްސީލުކުޅުމުގެ ރޮނގުން އާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ އިނާމު 1983 ވަނަ އަހަރު ޗިޅިޔާ މޫސާ މަނިކަށް ވަނީ ލިބިވަޑައިގެންފައެވެ. ޗިޅިޔާ މޫސާ މަނިކު އެންމެ ފުރަތަމަ ލިއުއްވި ތަމްސީލަކީ "ޕެންޓޯ ދަ ގްރޭޓެ"ވެ. އެއީ 1978ގައެވެ. ޗިޅިޔާ މޫސާ މަނިކު އާންމުކޮށް ލިއުއްވަނީ ހެއްވާ ތަމްސީލެވެ.

ޗިޅިޔާ މޫސާ މަނިކު ތަމްސީލުގެ އިތުރުން ކުރުވާހަކަ ވެސް ލިއުއްވައެވެ. 

ތިރީގައި މި ބަޔާންކުރަނީ ޗިޅިޔާ މޫސާ މަނިކު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.

ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު):

1. ޕެންޓޯ ދަ ގްރޭޓް. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)      1978

2. ދޮން ނިޔަނދުރު.                            1978

3. ލަގަން ނެތް އަސް. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)     1981

4. ވިގަނި. (1 ފަރުދާގެ ބިރުވެރި ތަމްސީލެއް.)           1981

5. ގުޑި ހަސަނު. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)        1983

6. ނުފޮޅޭމާ. (5 ފަރުދާގެ ލޯބީގެ ތަމްސީލެއް.)           1985

7. ދަންތުރަ. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)           1986

ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 1، 3، 4، 5، 6 ގައިވާ ތަމްސީލުތަކުގެއެވެ.

އ- ކޮޕީ މުޙަންމަދު ރަޝީދު (1945-)

މުޙަންމަދު ރަޝީދަށް ތަމްސީލުގެ ދުނިޔެއަށް ވެދެވަޑައިގެންނެވުނީ ގޭދޮށު ރައްޓެހީންގެ ގޭގޭގައި ޚިތާނުކޮށްގެން އުޅުނު އިރު މުޙަންމަދު ރަޝީދާއި އެކުވެރީން ކުދިކުދި އައިޓަމުތައް އެ ގޭގޭގައި ކުޅުއްވި ކުޅުއްވުމުގެ ތެރެއިންނެވެ. ތަމްސީލެއްގެ އިސްކިރިޕްޓު ފުރަތަމަ ލިއުއްވައި އެ ތަމްސީލު ޑައިރެކްޓުކުރެއްވީ މަދްރަސަތުލް އަޙްރާރުގައި މުދައްރިސަކަށް އުޅުއްވި އިރު އެ މަދަރުސާއިން ކުޅުމަށެވެ. އެއީ 1968 ވަނަ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުޅުނު ޝޯއެކެވެ. އެ ޝޯގެ ހުރިހައި ތަމްސީލުތައް ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު ރަޝީދެވެ.

މުޙަންމަދު ރަޝީދަކީ ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވުމުގެ އިތުރަށް ތަމްސީލުކުޅުއްވުމުގައި ވެސް ފާހަގަކޮށްލެވޭ މުމައްސިލެކެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ލިއުއްވައި ޑައިރެކްޓުކުރައްވައި ކުޅުއްވި ހުރިހައި ތަމްސީލެއް އޭނާ ހަނދުމަފުޅެއް ނެތެވެ.

ތަމްސީލުކުޅުމުގެ ރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1984 ވަނަ އަހަރު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

މުޙަންމަދު ރަޝީދަކީ ކުރުވާހަކައާއި ނާވިލު ލިއުއްވުމާއި ޅެންހެއްދެވުމާއި ތަފާތު ރޮނގުރޮނގުން މަޒުމޫނު ލިއުއްވުމުގެ ފަންނުގައި ވެސް ދިވެހި އަދަބަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ތިރީގައި މި ބަޔާންކުރަނީ މުޙަންމަދު ރަޝީދު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.

ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު):

1. އެނބުރިއައުން.                         1968

2. ބޭއިންސާފު.                           1968

3. ބޮޑުކިޔެވެލީގެ އިމްތިޙާނު.                   1968

4. ސާހިބުގެ ބުމަރު. (2 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1978

5. އަސަރު. (5 ފަރުދާގެ ލޯބީގެ ތަމްސީލެއް.)        1981

6. ދަގަނޑު ކެނޑޭނީ ދަގަނޑުން.               1982

7. ތަރުތީބު.                             1982

8. ނަގޫރޯޅި.                             1982

9. އުންޑަ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)      1985

10. ކަތުރުފަނި. (1 ފަރުދާގެ ހިތާމަވެރި ތަމްސީލެއް.)1986

11. ރަތްދޭވާނި. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1986

12. ތަޖުރިބާ. (6 ފަރުދާގެ ލޯބީގެ ތަމްސީލެއް.)      1987

13. ބުރާސްފަތި.                          1988

14. އަލިފުޅުގެ މޮޅު އުކުޅު.                   1988

15. ތަވީދު.                             1988

16. ބަރާބަރު ނޯކަރު.                       1988

17. ޖޫރިމަނާ.                           1988

18. ޝައިޚު ޢަލީ ދީދީގެ ނިޔާ.                1988

(މިއީ ޙުސައިން ޞަލާޙުއްދީނު ލިއުއްވައިފައި ވާ ވާހަކައެއް ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)

19. ދެވިހިފުން.                          1988

20. ޅޮސްއުނދޯލި.                        1988

21. އޮއިވަރު.                           1988

(މި ތަމްސީލު ލިއުއްވީ މުޙަންމދު ރަޝީދާއި، މުޙަންމަދު ނަޞީރާއި، ލ. މުޙަންމަދު ވަޙީދާ 3 ބޭފުޅުންނެވެ.)

22. ބިރުވެރި ބިލެތްދަޅި.                    1993

23. ތެޅިލޯބި.                           1993

24. ހިމަފޮދުވާރޭ.                        1993

(މިއީ އަޙްމަދު ވަޙީދު ޢަލީ ލިއުއްވި ވާހަކަ "ހިމަފޮދުވާރޭ" ތަމްސީލަކަށް ބަދަލުކުރައްވައިފައެވެ.)

25. ދަރުބާރު.     (1990ގެ އަހަރުތަކުގެ ތެރޭގައި.)

26. އޮއްސުނު ހަނދު.(އަހަރު ނޭނގޭ.)

27. ކަތި ފިޔަވަޅު.(އަހަރު ނޭނގޭ.)

ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 4، 5، 9، 12 ގައިވާ ތަމްސީލުތަކުގެއެވެ.

ވ- ކަށިމާ އަޙްމަދު ޝާކިރު (1950-)

އަޙްމަދު ޝާކިރު މަދްރަސާގައި އުޅުއްވި އިރު ވެސް ކިލާސް ފެންވަރުގައި ތަމްސީލު ލިއުއްވައި ކުޅުއްވައި ހެއްދެވިއެވެ. އާންމުކޮށް ދެއްކި ޝޯއަކަށް އޭނާ ފުރަތަމަ ތަމްސީލު ލިއުއްވީ ޢުލޫމީ ނައިޓްސަށެވެ. އެއީ 1971 ވަނަ އަހަރެވެ. އެ ފަހަރު ލިއުއްވި ތަމްސީލުތަކުގެ ނަމެއް އަދި އެނގޭ ގޮތެއް ނުވެއެވެ.

އަޙްމަދު ޝާކިރަކީ ތަމްސީލު ލިއުއްވުމުގެ އިތުރަށް ތަމްސީލު ޑައިރެކްޓުކުރައްވާ ކުޅުއްވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ތަމްސީލުކުޅުމުގެ ރޮނގުން އާންމު ޚިދްމަތަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1985 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

އަޙްމަދު ޝާކިރު ދިވެހި އަދަބަށް ޚިދްމަތްކުރައްވަނީ ހަމައެކަނި ތަމްސީލުގެ ރޮނގަކުން ނޫނެވެ. އޭނާއަކީ ކުރުވަހަކައާއި ނާވިލު ލިއުއްވާ، ތަރުޖަމާ ކުރައްވާ، ޅެމާއި ލަވަ ހައްދަވާ، ކުޑަކުދީންގެ ފޮތް ލިއުއްވާ ބޭފުޅެކެވެ.

ތިރީގައި މި ބަޔާންކުރަނީ އަޙްމަދު ޝާކިރު ލިއުއްވައިފައި ވާ ކަން މިހައި ތަނަށް އެނގުނު އިސްޓޭޖު ތަމްސީލުތަކެވެ.

ލިއުއްވި ތަމްސީލުތައް (ލިއުއްވި އަހަރާ އެކު)

1. ހިތި ޑޮލަރު. (4 ފަރުދާގެ ލޯބީގެ ތަމްސީލެއް.)         1978

2. ޙަޔާތުގެ އުމަގު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)    1981

3. ވަލު ފުރޭތަ. (2 ފަރުދާގެ ބިރުވެރި ތަމްސީލެއް.)       1983

4. ޤުރްބާނީ. (4 ފަރުދާގެ ލޯބީގެ ތަމްސީލެއް.)          1983

5. ވިހަދަނޑި. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)       1983

6. ހަތް އަނބީން.                             1983

7. މަގުމަތި.  (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)       1984

8. ހުރަސް. (5 ފަރުދާގެ ލޯބީގެ ތަމްސީލެއް.)           1984

9. ގުނބޯ. (1 ފަރުދާގެ ހެއްވާ ތަމްސީލެއް.)            1984

10. ރޭފަނާ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)        1985

11. ފަހަރި. (3 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)        1986

12. ކޮޅިގަނޑު. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)     1987

13. އެއް ދޮނުގައި ދެ ބުޅި. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.)1992

14. ދޮން ހަސަން މަނިކުފާނުގެ ޤައުމީ ޖިހާދު. (3 ފަރުދާގެ ތާރީޚީ ތަމްސީލެއް.) 1992

15. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ. (1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެއް.) 1992

ނޯޓު: މަތީގައި ވާ ތަމްސީލުތަކުގެ ތެރެއިން އިސްކިރިޕްޓު ޗާޕުކުރެވިފައި ވަނިކޮށް ފެނުނީ 1-5، 7-15 ގައިވާ ތަމްސީލުތަކުގެއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ