އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (19)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(06 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ކޮޓަރިއަށް ވަންއިރު، ނީނާ އޮތީ ނިދައިފައެވެ. ގޮވައިގޮވައި ހެޔެއް ނުލިއެވެ. އިދްރީސްތައްޚާނު ބަލައިފައި ބުނެފިއެވެ. [މިމަންޖެ މިއޮތީ ހޭނެތިފައި.]

އެންމެން އަޑުން އަޑުނަގައި ލޯން ފަށައިފިއެވެ. ނީނާގެ މަންމަ ނީނާގެ ގައިގައި އޮޅުލައިގަތެވެ.

[ރޯނެކަމެއް ނެތް އެކަކު ވެސް.] އިދްރީސްވެ އިރުޝާދު ދިނެވެ. [ރުއިމަކުން ކުރާނެ ފައިދާއެއް ނޯންނާނެ! ފެންތައްޓެއް ގެނެސްދީބަލަ!]

އިދްރީސްބެ އަތަށް ފެންތައްޓެއް ދީފިއެވެ. ނީނާގެ މޫނާ ދިމާގައި ފެންތަށި ހިފައިގެން ކޮއްޅުންހުރެ އިދްރީސްބެ ތުންތަޅުވާން ފަށައިފިއެވެ. ފަނަރަވަރަކަށް މިނިޓް ކިޔެވުމަށްފަހު، އެއްޗެއް ކިޔަވައި އަތްގޮށްޓަށް ފެންފޮދެއް އަޅައިފައި ވަރަށް ބާރަށް ނީނާގެ މޫނުގައި ޖަހައިފިއެވެ. އަދި މުޅި މޫނާއި ބޮލުގައި ފެން އުނގުޅައިލުމަށްފަހު ނީނާއަށް އިދްރީސްބެ ގޮވައިލައިފިއެވެ.

[ނީނާ!.... ނީނާ މަންޖޭ..... ލޯހުޅުވަބަލަ!]

ނީނާ ކުއްލިއަކަށް ލޯ ހުޅުވައިލައިފިއެވެ! އަދި ބިރުވެރި ފާޑަކަށް މީހުންނާ ދިމާއަށް ބަލައިލައިފައި [ނޫން ނޫން] އޭ ގޮވައިލައިފައި އެނދު ބިއްދޮށަށް ޖެހެމުން ހަޅޭއްލަވައިގަތުމާއެކު އަނެއްކާ ހޭނެތިއްޖެއެވެ.

މި މަންޒަރު ފެނިގެން ނީނާގެ މަންމަ އަޑުން އަޑުނަގައި ރޯން ފަށައިފިއެވެ. އިދްރީސް ތައްޚާނު ހުރިހާ މީހުންނަށް ވިސްނައިދެމުން [ނުރޮއި ކަމެއް ކުރެވޭތޯ ބަލަމާ ހިނގާށޭ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެޔޭ] ބުނެފިއެވެ.

[ހިނގާ އަވަހަށް ގަމަށް ގެންދާން]. ނީނާގެ މަންމައަށް ފެންނަ ގޮތް ހާމަކުރިއެވެ. [މިރަށަކުން ހިޔެއް ނުވޭ ފަރުވާއެއް ދެވޭނެހެނެއް].

އިދްރީސް ތައްޚާނު، ވަރަށް މަޑުމަޑުން އަތުގެ އިޝާރާތަކާއެކު، ނީނާގެ މަންމައާއި ބައްޕައަށް ގޮވައިގެން އެއް ފަރާތަކަށް ގެންގޮސް މަޑުމަޑުން ބުނެފިއެވެ. [މިއީ ބޭސްފަރުވާގެ ކަމެއް ނޫން. އިދްރީސްބެއަށް މިއަދު މިރަށުގައި ހުރެވުނުކަން އެއީ އެ މަންޖެގެ ނަސީބު.]

[އިދުރީސްބޭ، ދެން އެހެންވިއްޔާ ކިހިނެއް ހަދާން ވީ؟] ނީނާގެ މަންމަ ކެތްތެރިކަމެއް ނެތި ސުވާލުކޮށްލިއެވެ. [އެ މަންޖެ ރަނގަޅުވާނެތަ؟]

[އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މިއީ ޖިންނީގެ ކަމެއް. މި ކަން ރަނގަޅުވާނީ ވަރުގަދަ ކިޔެވިއްޔެއް ކިޔަވައިގެން] އިދްރީސް ތައްޚާނުގެ ޚިޔާލު ދީފިއެވެ. [އެކަމަކު ކިޔެވުން ފެށޭނީ، ޢިޝާ ނަމާދުން ފައިބައިގެން އައިސް. އޭގެ ކުރީން މެދު ކެނޑުމެއް ނެތި ޤުރުއާން ކިޔަވާން މީހަކު އިންނާންވާނެ. އަދި ޚަތިމެއް ވެސް އެ ކޮޓަރިއަށް ލާތި! ހީވަނީ ޖިންނި އެ މަންޖެ ފެންނަ ފަށުން ދުރަށް ދާނީ މިހެން ހަދައިގެންހެން.]

[ކާކު ކިޔަވާނީ؟] ނީނާގެ މަންމަ ސުވާލު އުފެއްދިއެވެ. [ރީތިކޮށް ކިޔަވާ މީހުން ވެސް މިހާރު ވަރަށް ނޫޅޭ. މުދިންބެ އައިސްދޭތޯ ގޮސްބަލަ މީހަކު!]

[ކަންބޮޑު ނުވޭ! މާދުރުން އުނދަގުލުން މީހަކު ހޯދާނެ ކަމެއް ނެތް. މަގޭ ނީޝާން ތިޔަ ކަން ކޮށްފާނެ. އެއީ ޤާރީ ކޯސް ހަދައިގެން ހުރި ކުއްޖެއް.] މިހެން ބުނެފައި ނިޝާނަށް ގޮވައިލިއެވެ. ދަރިފުޅު ޢަޞްރު ނަމާދުކޮށްގެން ހުރިއްޔާ ކޮޓަރީގައި އިނދޭ ޤުރުއާން ކިޔަވާން! ބައްޕަ އަންނާނަން މިސްކިތަށް ގޮސްފައި. މަޣުރިބު ނަމާދު ކޮށްގެން ބައްޕަ އަންނާނަން. ކޮޓަރި ހުޅުވައިފައި ބަހައްޓާތި! ޤުރުއާން ކިޔެވުން މެދުކަނޑައިނުލާތި! ނީނާ ހޭއަރައިގެން ވާހަކަދައްކާން އުޅެފާނެ. އެހެންވީމާ އިތުރު މީހަކު ކޮޓަރީގައި އަބަދު ވެސް މަޑުކޮށްލަންވާނެ.] ދަރިފުޅު ޤުރުއާން ކިޔެވުން މެދުކަނޑައިނުލާތި ބައްޕަ ނާންނަނީސް. ލަހެއް ނުވެ އަންނާނަން. ބައްޕަ އައިމާ ދަރިފުޅު މިސްކިތަށް ގޮސް ދެ ނަމާދު ޖަމްޢުކޮށް ކޮށްގެން އަންނާނީ. ޢިޝާ ނަމާދުން ފައިބައިގެން ކިޔެވުން ފަށާނީ!]

އިދްރީސްތައްޚާނުގެ އިރުޝާދާ އެއް ގޮތަށް ކަންތައް ހިނގައިގެންފިއެވެ. ނިޝާން ޤުރުއާންކިޔަވަނީ އަޑުހަރުކޮށް ވަރަށް ރީތި ރާގަކަށެވެ. އެ ވަރުގެ ޅަ ޒުވާނަކު އެހާ ރީތިކޮށް ޤުރުއާން ކިޔަވާތީ ނީނާގެ ބައްޕަމެން ތިބީ ޙައިރާންވެފައެވެ.

އިދްރީސްބެ ޢިޝާ ނަމާދުން ފައިބައިގެން އައީ މުދިންބެ ވެސް ގޮވައިގެންނެވެ. އެއީ ކުރީއްސުރެ ދެ ރަޙުމަތްތެރީން ކަމަށް ވާތީ، މުދިންބެ ވެސް އުފަލުން އަތުވެއްޖެއެވެ. އަދި މުދިންބެއާއި ނިޝާން އަތަށް ޚަތިމުދީފައި ކިޔަވާންވީ ތަންތައް ދެއްކުމަށްފަހު ކުރީއްސުރެ ތައްޔާރުކޮށްފައި ހުރި ދުންމުށި ގެނުވައިފިއެވެ. 

މުދިންބެ، ކިޔެވުން ފެށުމުގެ ކުރީން ނީނާގެ މައިން ބަފައިންނަށް ކެތްތެރިވުމަށާއި ރަށުތެރެއިން ކިތަންމެ އާދަޔާ ޚިލާފު ޚަބަރެއް ލިބުނަސް އެ ދިމާއަށް ނުދާން އިންޒާރުކޮށްފިއެވެ. މިރޭ މި ކިޔަވަނީ ވަރަށް ވަރުގަދަ ކިޔެވުމެއް ކަމަށާއި ނީނާއާ އަޅައިގެންފައި ހުރި ޖިންނި ދުނިޔޭގައި ހުރެގެން ނީނާ ދޫކޮށް ނުދާނެކަމަށް ބުނެފިއެވެ. އަދި ނީނާއާ އަވަލައިފައިވާ ޖިންނިއާއި އޭނާ ހުރި ސަރަހައްދެއް އަންދައިލައިގެން ނޫނީ ސަލާމަތެއް ނެތްކަމަށް ވެސް ބުނެފިއެވެ. އިދްރީސްބެ ކިޔެވެލި ކިޔަވާން ފެށީމާ ޖިންނިއަށް މިގޭ ސަރަހައްދުގައި ހުންނާކަށް ނުކެރޭނެކަމަށާއި އަންދައި ނުލެވިއްޖެ ނަމަ ކިޔެވުން ހަމަ ނިންމައިލާއިރަށް މި ސަރަހައްދަށް އަންނާނެ ކަމަށް ވެސް ބުންޏެވެ. އެ ޖިންނި މިހާރު ކުރީ ކޮން ތަނެއްގައިކަން ނޭނގުނަސް ހުރި ތަނެއްގައި ހުއްޓައި އަންދައިލެވޭތޯ އިދްރީސްބެ މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިނެވެ. އަދި އާދަޔާ ޚިލާފު ކަންތައްގަނޑެއް މިއަތޮޅުގެ، މި ސަރަހައްދުގެ ކޮންމެވެސް ހިސާބެއްގައި ހިނގާނެކަމަށް ވެސް އިދްރީސްބެ ބުންޏެވެ. ކޮންމެއަކަސް ރޭގަނޑުގެ ކެއުމަށް ފަހު އިދުރީސްބެގެ ރޭވުމާ އެއް ގޮތަށް ކިޔެވެލީގެ ހަރަކާތްތައް ކުރިޔަށް ދާން ފަށައިފިއެވެ.

***

[އަލިފާން... އަލިފާން.... އަލިފާނޯތް!] މަގުމަތީން ހަޅޭކެއްގެ އަޑެއް އިވިއްޖެއެވެ. ނީނާމެންގެ ގެއިން މީހަކު ނުނިކުތަސް ރަށުގެ އެންމެންގަނޑު ހޯބޯލަވަމުން އެ [އަލިފާނޯތް] ގޮވާ ސަރަހައްދާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ.

އެންމެންނަށް ނުކުމެވުނީ [ކަންމަތީގެ] ސަރަހައްދަށެވެ. އޭރު އެގޭ ފުރާޅުމަތީން އަލިފާންގަނޑު ފަޅައިއަރައިފިއެވެ. ކަންމަތީ ފިހާރައިގެ ތެރެއަށް ވެސް އަލިފާންގަނޑު ވަދެއްޖެއެވެ. އެއްބަޔަކު ކައްދޫ ފަޔަރފައިޓާރސް އަށް ގުޅައި ޚަބަރު ދިން އިރު އަނެއް ބަޔަކު ބާލިދީތަކުންނާއި ފެންހޮޅިތަކުން އެ ދިމާއަށް ފެންޖަހަން ފަށައިފިއެވެ. ޖަހާ ފެނަކުން އުކާ ވެއްޔަކުން އަލިފާންގަނޑަކަށް އަސަރެއް ނުކުރެއެވެ.

ކުއްލިއަކަސް މީހުންގެ ލޮލުގައި އަޅައިގަތީ ދާއޫދު، ގޭގެ މަތީބުރީގައި ކުޑަދޮރަކުން ބޭޜުބަލަން ހުއްޓައެވެ.

[ދާއޫދު ފުންމާލާ!] އެންމެން ހަޅޭއްލަވައިގަތެވެ. [ފުންމާލައިގެން ފުރާނަ ސަލާމަތްކުރޭ!] 

ދާއޫދަށް އަޑުއިވުނު ކަމެއްވެސް ނޭނގެއެވެ. އަލިފާންގަނޑު ބޮޑުވެ އަލިފާންގަނޑުގެ ތެރެއަށް ދާއުދު ގެއްލިއްޖެއެވެ. 

ކައްދޫ ފަޔަރ ލޮރީތަކަށް އާދެވުނީ މުޅި [ކަންމަތީގޭ ގޯގައި އެކީ އެކައްޗަކަށް އަލިފާން ހިފައި އަނދަމުންދަނިކޮށްވެ. ފަޔަރ ލޮރީތައް އައިސް ގަޑިއެއްހައި އިރު ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވައިލައިފިއެވެ. ނަމަވެސް އެ ގޯތީގައި ހުރި ގެޔާއި ޝޯރޫމާއެކު އަދައި ހުލިވިއިރު ހަމަ އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވުނެވެ. ނަސީބަކުން އަލިފާނުގެ ދުމުގެ އަސަރު ހިސާބަކަށް ފޯރުން ފިޔަވައި އެހެން ގެއްލުމެއް އެހެން ގެޔަކަށް ނުލިބެއެވެ. ދާއޫދަށް ވެސް ސަލާމަތް ނުވެވޭނެކަން އެނގޭތީ އަލިފާންގަނޑު އެކީ އެކައްޗަކަށް ނިވުމުން  ދާއޫދުގެ މަރުވެފައި އޮތް ހަށިގަނޑު ނަމަވެސް ފެނޭތޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދާއޫދުގެ ހަށިގަނޑާއެކު މުޅި ގޯތި އަނދައި އަޅިއަށްވީއެވެ. ނަމަވެސް ތަންކޮޅެއް ދުރުގައި ހުރި، ކަންމަތީ ފިހާރައިގެ ގުދަނަކަށް ނަސީބަކުން ހަމަ އެއްވެސް ގެއްލުމެއް ނުވެއެވެ.

ރަށުތެރޭގައި ކަންތައްގަނޑެއް ހިނގިކަން އެނގުނަސް މި ހިނގައި ދިޔަ ކަންތަކުގެ ޚަބަރެއް ނީނާމެންގެ މީހަކަށް ނޭނގެއެވެ. ބަޔަކު އައިސް އެގޭ ދޮރުގައި ތަޅާއި ނީނާއަށް ގޮވި އަޑު ވެސް އިވުނެވެ. ނަމަވެސް ދޮރު ނުހުޅުވާން އިދްރީސް ތައްޚާނު އިރުޝާދު ދީފައިވާތީ،  އެގޭ ދޮރެއް ނުހުޅުވައެވެ.

މެންދަމުން އަލިވެ އެކެއް ޖަހައިލިތަނާ ނީނާ ދެލޯ ހުޅުވައި ލޯބޮޑޮކޮށް ބަލައިލުމުން، އިދްރީސްބެ ގޮވައިލިއެވެ. [ނީނާ! ކޮބައި ކިހިނެއް؟]

ނީނާ އަނގައިން ވެސް ނުބުނެ ވަށައިގެން ބަލައިލުމުން ނީނާގެ މަންމަ ދުވެފައި އައިސް ނީނާއާ އޮޅުލައިގެންފައި އަހައިފިއެވެ! [ދަރިފުޅާ! ތަނަކަށް ތަދުވޭތަ!]

[ނޫން މަންމާ! މަށަށް ކިހިނެއްވީ؟ މިއީ ކޮން ބަޔެއް؟ އެންމެން ކީއްކުރަނީ މި ކޮޓަރީގައި؟ ކާކު ކޮޓަރި ހުޅުވީ؟] އެތައް ސުވާލެއް އެއް ފަހަރާ ނީނާ މަންމައާ ކޮށްލިއެވެ. [ހާދަ ބަނޑުހައޭ މަންމާ!]

[ދަރިފުޅާ! އެހާ ގިނަ ސުވާލު ނުކުރޭ! މަންމަ ކާން މި ގެންނަނީ. މިއީ މުދިންބެ. މީނީ ބައްޕަ ރައްޓެހި އިދްރީސްބެ. މާވަށު އިދްރީސް ތައްޚާނު. ދެން މީނީ އިދްރީސްބެގެ ހަގު ދަރިފުޅު ނިޝާން. އޭނާ ކޮޓަރި ހުޅުވައިދިނީ.] ހުރިހާ ސުވާލަކަށް ނީނާގެ މަންމަ އެއްފަހަރާ ޖަވާބު ދީފިއެވެ. [އެ ދެބަފައިން މިއަދު މިރަށުގައި ތިބިކަމުން ދަރިފުޅު ތިޔަ ސަލާމަތްވީ.]

ނީނާ ވިސްނުންތެރިކަމާއެކު އެންމެނާ ދިމާއަށް ބަލައިލިއެވެ. އަދި ނިޝާންގެ ޒުވާން ހަށިގަނޑު ލޮލާ އަމާޒުވުމުން ހިނިތުންވެލިއެވެ. އެވަގުތު ނިޝަން ވެސް އަސަރުގަދަ ހިނިތުންވުމަކުން ނީނާގެ ހިނިތުންވުމަށް ޖަވާބުދިނެވެ.

***

އިރުއެރުމާއެކު ރޭގައި ރަށުގައި ހިނަގައި ދިޔަ ބިރުވެރި ހާދިސާގެ ވާހަކަ ނީނާއަށް ވެސް ލިބިއްޖެއެވެ. އަދި ކަންމަތީގެއާއި ކަންމަތީފިހާރަ ދާއޫދާއެކު އަނދައިއަޅިޔަށްވީ ޚަބަރު ނީނާއަށް ވީ ވަރަށް ހައިރާންކުރަނިވި ޚަބަރަކަށެވެ. އަދި އަލޫފު ކުއްލި އެކްސިޑެންޓެއްގައި އިއްޔެ ހަވީރު ނިޔާވި ޚަބަރުން ނީނާއަށް ވަރަށް އަސަރުކޮށްފިއެވެ. ނަމަވެސް އޭނާގެ ބޭރުފުށުން މާ ބޮޑަށް ދެރަވިކަމެއް ފާޅެއް ނުކުރެއެވެ.

ބޮޑު މާސިންގާ ވިޔަފާރިއެއްގެ އެންމެ އިސް ޒިންމާ އަދާކުރާން އެއްވެސް އަރާމެއް ނެތި އުޅެއުޅެ ނީނާ ހުރީ ވަރުބަލިވެފައެވެ. ދާއޫދު ނިޔާވިޔަސް ދާއޫދުގެ ހުރިހާ މުދަލެއްގެ ދެބައިކުޅައެއްބައިގެ ވެރިޔަކީ ނީނާއެވެ. އެހެންކަމުން ވިޔަފާރީގެ ޒިންމާ އޭނާގެ ކިބަޔަކުން ނުއެއް ނެގެއެވެ. ނަމަވެސް ރޭގައި ދިމާވި ނުރައްކާތެރި ކަންތަކާއި ދާއޫދުގެ ފަރާތުން ނީނާއަށް އެންމެ ފަހު ދުވަހު ލިބުނު ގޯނާ އަކީ އެހެން މީހަކަށް ކިޔައިދޭން ލަދުވެތި ކަމެއް ނަމަވެސް އެއީ ހިތުގައި ބިންވަޅު ނެގިފައިވާ ހިތްދަތި ހަގީގަތެކެވެ. އެހެންކަމުން ދުވަސްކޮޅަކު އަރާމުކޮށްލުމަށްޓަކައި އެއަރޕޯޓް ގާޑްން ހޮޓެލްގައި މަޑުކޮށްލުމަށްޓަކައި މާވަށަށް ދާ ހިތް ނީނާ ވެއްޖެއެވެ.

[މަންމާ، އަޅުގަނޑު މިހިރީ މަސައްކަތުގައި އުޅެއުޅެ ވަރަށް ބޮޑަށް ލޮޑުވެފައި. އެހެންވީމާ ދުވަސްކޮޅަކު އަރާމުކޮށްލާން ރަށުން ބޭރަށް ދާން ބޭނުންވޭ. މާވަށަށް ދާން ބޭނުންވަނީ. ވަރަށް ހިތްގައިމު އެރަށް.] ނީނާ ޚިޔާލުކުރާ ގޮތް މަންމައަށް އޮޅުންފިލުވައިދިނެވެ.

[އަޅުގަނޑާ ދާއޫދާ މާވަށުން އައި ދުވަހު މުދާ ހުންނާނީ ދެބައިކޮށް އެގްރީމެންޓްކޮށްފައި.] ނީނާ އިތުރު ތަފްޞީލު ދިނެވެ. [ކަންމަތީގެއާއި ޝޯރޫމް އެއީ ދާއޫދުގެ. ދެން ދިޔަދޫ ޓްރިސްޓް ލޮޖް އޭނަޔަށް ހުންނާނީ. ފިހާރައިގެ ގުދަނާއި މާވަށު އެއަރޕޯޓ ގާޑްން ހޮޓެލް އެއީ އަޅުގަނޑުގެ. މި ގޮތަށް އެގްރީމެންޓަކޮށް ކޯޓްގައި އޮންނާނީ ރަޖިސްޓަރީކޮށްފައި. އެހެންވީމާ ސީދާ ގުދަނުގައި ވިޔަފާރި ކުރާ ގޮތަށް ހަމަޖައްސައި އެއީ މަންމައާއި ބައްޕަގެ ތަނެއްގެ ގޮތުގައި ހިންގާ! މޫސާފުޅުބެ ހުންނާނެ އެހީވާން. އެއްވެސް މުއައްޒިފެއް ކަނޑައިނުލާން ބައްޕަ އަށް ނަންގަނޭ! އަޅުގަނޑު ބަރާބަރަށް މުސާރަ ދޭނަން.] 

[ދަރިފުޅު ތިޔަ ވާހަ ބައްޕައާ ދައްކާ!]

[އެންމެ ރަނގަޅު!] ނީނާ ޖަވާބު ދިނެވެ. [އެކަމަކު މަންމަ ވާނެ ނޫންތޯ އަޅުގަނޑާއެކު މާވަށަށް ދުރުވާން]

[މަންމަ ގޮސްފާނަން ދަރިފުޅާއެކު. އެކަމަކު އެހާ ގިނަ ދުވަހަކު ނުއެއް ހުރެވޭނެނު ބައްޕަ އެކަނި ބަހައްޓައިފައެއް. ކޮއްކޮމެން އަދި ކިޔަވައި ނުއެއް ނިމޭ. އެ މީހުންޗުއްޓީއަށް އަންނާނެ މި މަހު. އިދްރީސްބެގެ މީހުން ދަރިފުޅަށް އެހީވާނެ.]

[މަންމާ! މީހެއްގެ އެހީއެއް ބޭނުމެއް ނުވާނެ. ރިސޯޓުގައި ނީނާ ހުންނާނީ! އެކަމަކު އަޅުގަނޑާއެކު ދުރުވެލައްވާންވާނެ. މަންމަ ފޫހިވެލެއްވީމާ ދުރުވާން އޮންނާނެ ނޫންތޯ؟]

(ނުނިމޭ)

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ