އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (20)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(07 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

[އެންމެ ރަނގަޅު!] ނީނާ ޖަވާބު ދިނެވެ. [އެކަމަކު މަންމަ ވާނެ ނޫންތޯ އަޅުގަނޑާއެކު މާވަށަށް ދުރުވާން]

[މަންމަ ގޮސްފާނަން ދަރިފުޅާއެކު. އެކަމަކު އެހާ ގިނަ ދުވަހަކު ނުއެއް ހުރެވޭނެނު ބައްޕަ އެކަނި ބަހައްޓައިފައެއް. ކޮއްކޮމެން އަދި ކިޔަވައި ނުއެއް ނިމޭ. އެ މީހުންޗުއްޓީއަށް އަންނާނެ މި މަހު. އިދްރީސްބެގެ މީހުން ދަރިފުޅަށް އެހީވާނެ.]

[މަންމާ! މީހެއްގެ އެހީއެއް ބޭނުމެއް ނުވާނެ. ރިސޯޓުގައި ނީނާ ހުންނާނީ! އެކަމަކު އަޅުގަނޑާއެކު ދުރުވެލައްވާންވާނެ. މަންމަ ފޫހިވެލެއްވީމާ ދުރުވާން އޮންނާނެ ނޫންތޯ؟]

އިދްރީސް ތައްޚާނު، ގަންނާން އައި ތަކެތީގެ ލިސްޓް ހޯދައިގެން ލިސްޓަށް ތަކެތި ހަމަކުރާން އުޅެން ނީނާގެ ބައްޕަ ނީނާއާ ވާހަކަދެއްކީމާ، މޫސާފުޅުބެއަށް ގޮވައިގެން ގެނެސް ތަކެތި ހަމަކޮށްފައި ބިލް ހަދައިގެން ގެނެސްދޭން އަންގައިފިއެވެ. މޫސާފުޅުބެ، އަދި ގުދަނުގައި އުޅޭ ކުދީން ގާތުގައި ބުނެގެން މި ތަކެތި ހަމައަށް ނަގައި ލޮރީއަށް އަރުވައި ބިލު ހަދައިގެން ގެންނާން ބުނެފިއެވެ.

[މިއަދު ރަށަށް ދާން ކަމަށް މި އުޅެނީ. ތަކެތި ގެންދާ އިރު ރަށުގައި ހުންނާންޖެހޭނެތާ.] އިދްރީސް ތައްޚާނު ރަށަށް ދާ ޚިޔާލު ފާޅުކޮށްފިއެވެ. ގުދަނަށްތަ ފައިސާ ދައްކާންވީ؟]

[އިދްރީސްބެމެން ރަށަށް ދިޔައިމާ ފޮނުވައިދޭނަން. މާދަމާ ފޮނުވީމާ ރަނގަޅުވާނެނު.] ނީނާ އިދްރީސްބެއާ ސުވާލުކޮށްފިއެވެ. [ބިލު ގެނައިމާތާ ފައިސާ އަކީ.]

[ކިހާ ވަރެއް އަރާނެބާ އަނެއްކާ؟]

އިރުކޮޅަކުން ބިލު ހިފައިގެން މޫސާފުޅުބެ އަތުވެއްޖެއެވެ. ބިލު ގެނައި އިރު ޖުމުލަ އަގަށް އަރަނީ 47313/47 ރ. (ސާޅީސް ހަތް ހާސް ތިން ސަތޭކަ ތޭރަ ރުފިޔާ ސަތާޅީސް ލާރި) އެވެ.

[ހުރިހާ އެއްޗެއް ލޮރީއަށް އަރުވައިފި. މިއޮތީ ބިލު.] މުސާފުޅުބެ ނީނާއާ ބިލު ހަވާލުކޮށްފިއެވެ. [ލޮރީ މާވަށަށް ފޮނުވައިލާންވީތަ؟]

[ނޫން. ލޮރީގައި ސަތަރިއަޅައި ހިޔާކޮށްލައިފައި ބާއްވާ!] ނީނާ ބުނެލިއެވެ. [މާދަމާ ހަވީރު ފޮނުވާނީ.]

ނީނާ ބިލުހިފައިގެން ގުދަނަށް ގޮސް، ފައިސާ ލިބިއްޖެކަމަށް (ޕެއިޑް) ތައްގަނޑު ޖަހައިގެން ގެނެސް އިދްރީސް ތައްޚާނު އަތަށް ދީފިއެވެ. އިދްރީސް ތައްޚާނު، ނިޝާން އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. [ދަރިފުޅާ މީގައި އޮތްވަރެއް ބަލައިފައި ފައިސާ ދައްކާފައި އަންނާން ދާންވީނު.]

[ބައްޕާ ޕޭކޮށްފައި މި އޮތީ. ބައްޕަ ކޮން އިރަކު ފައިސާ ދެއްކީ؟[

[ތިޔަ ބިލަށް ފައިސާ ދެއްކީ ނީނާ.] ނީނާ ފުރަތަމަ ފަހަރަށް ނިޝާނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. [ދެން ތިޔަ ނިމުނީނު. ހިނގާ އެންމެން ސައިބޯން ދަމާ!]

[ދަރިފުޅާ ކީއްވެ މިހެން ހެދީ؟ ބޭބެއަށް ވެސް މި ފައިސާ ދެއްކޭނެޔޭ.] އިދްރީސް ތައްޚާނު ބުނެލިއެވެ. [އެ ވަރަށް ފައިސާ ހިފައިގެން އައިސް މި އުޅެނީ.]

[އިދްރީސްބޭ، ތިޔަ ކަން އެނގޭ! ބޭބެމެން ވެސް ވިޔަފާރިކުރާން އަންނާނީ ފައިސާ ހިފައިގެންކަން. އެހެންނަމަވެސް އިދްރީސްބެއާއި ނިޝާނަށް ދިން ހަދިޔާއެއްގެ ގޮތުން ނީނާ ތިޔަ ފައިސާ ދައްކައިދިނީ.] ނީނާ އޮޅުންފިލުވައިދިނެވެ. [ނިޝާނާއި އިދްރީސްބެ މި ރަށުގައި ނެތް ނަމަ، މިއަދު ނީނާއެއް ދުނިޔޭގައެއް ނުހުންނާނެޔޭ. އެހެންވެ ތިޔައީ އެ ކަމުގެ އަގާ އަޅައި ބަލާ އިރު، އަދި ވަރަށް ކުޑަ މިންވަރެއް.]

އިދްރީސް ތައްޚާނާއި ނިޝާން ދެބަފައިން އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށްފަހު ނީނާއާ ދިމާއަށް އިދްރީސްބެ ބުނެލިއެވެ. [ބުނާނެ އެއްޗެއް ވެސް ނޭނގުނު. ވަރަށް ލަދު ވެސް ގަނެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! މާތް ﷲއަށް ޙަމްދުހުރި! ﷲ ދަތިފުޅަށް ހެޔޮ ޖަޒާދެއްވާށި!]

ޖެހިގެން އައިދުވަހު ހުރިހާ ސާމާނެއް މާވަށަށް ފޮނުވަން ބުނެފައި ގުދަނާ ބައްޕައާ ޙަވާލުކުރުމަށްފަހު މަންމަ ގޮވައިގެން އިދްރީސް ތައްޚާނުގެ ދެބަފައިންނާ އެކު ނީނާ މާވަށަށް ފުރައިފިއެވެ.

(12)

 [މާވަށު ނިބޫ ބުރުޖު] ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު

މާވަށަށް ގޮސް އިދްރީސް ތައްޚާނުބެމެން ގެޔަށް އެ މީހުން ގެންގޮސް ދިނުމަށްފަހު، ނީނާ މަންމަ ގޮވައިގެން އެމީހުންގެ ރިސޯޓަށް (މާވަށު އެއަރޕޯޓް ގާރޑްން ހޮޓެލަށް) ހިނގައްޖެއެވެ. ރިސޯޓްގައި ތިބި ތިބުމުގައި އިދްރީސް ތައްކާނު ވެސް، އަދި ނީނާގެ އެދުމުގެ މަތީން ނިޝާން ވެސް، ވަރަށް ގިނަގިނައި ރިސޯޓަށް އައިސް ގޮސް އުޅެއެވެ. 

ނީނާގެ މަންމަ، އެއް ހަފުތާގައި ރިސޯޓްގައި އިނުމަށްފަހު، ނީނާގެ ހުއްދަ ހޯދައިގެން ރަށަށް ހިނގައްޖެއެވެ. މިހާރު ނީނާއާއި ނިޝާން ވެސް ވަރަށް ރައްޓެހި ކަމާއެކު ވާހަކަދައްކައި އުޅެއެވެ.

އެއް ދުވަހަކު ދެ މީހުން އެކަނި ވީ ވަގުތެއްގައި ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަދައްކައިލައިފިއެވެ. 

[ނިޝާން ޖޮބެއްގައިތަ އުޅެނީ. މެރިޑްތަ]؟

[ޖޮބެއް ނުލިބޭ އަދި. މުދިންބެ ރިޓަޔަރކުރީމާ އިމާމްކަމަށް އެދޭން ވެގެން މި ހުންނަނީ. ޖޮބެއް ނުލިބޭތީ އަދި މެރީކުރާކަށް ޚިޔާލެއް ވެސް ނުކުރަން.] ނިޝާން ޖަވާބު ދިނެވެ. [އެކަމަކު އަދި ދެ އަހަރު އެބަ އޮތް ކަމަށް ވަނީ، މުދިންބެ ރިޓަޔަރވާން ވެސް.]

[އިމާމް ކޯސްތަ ހެދީ؟]

[އަސްލު ނިޝާން ހެދީ އެޗް.އާރު. ބެޗްލާރސް ހަދައިގެން އައިސް އުޅޭތާ ތިން އަހަރު ވެއްޖެ. އެކަމަކު ރަށަކުން ވަޒީފާއެއް ނުލިބޭނެތާ. އިމާމް ކޯހެއް ނަހަދަން.] ނިޝާން އޮޅުން ފިލުވައިދިނެވެ. [ޑިޕްލޮމާ އިން ޤިރާއަތު ހެދިން. އެއީ ދެން ޤުރުއާން ކިޔަވަން ޝައުޤު ހުންނާނީ ހަދައިލި ކޯހެއް. މޭޖާރ އެއްޗަކީ އެޗްއާރ.]

[ރިސޯޓް ކަމުނުދަނީތަ މިތާގެ ޖޮބަކަށް ނާންނަނީ؟] ނީނާ ސުވާލުކުރިއެވެ. [މިހާރު ވެސް އެޗް އާރު މެނޭޖަރަކަށް އިއުލާންކޮށްފައި އެބަ އޮތް.]

[އެޕްލައި ކުރިޔަކަސް ނުލިބޭ. ދެ ފަހަރަކު އިމާމްކަމަށް ވެސް އެދުނިން.] ނިޝާން އޮޅުން ފިލުވައިދިނެވެ. [އަޅައިގަންނަ ގޮތެއް ނުވޭ. ޖަވާބު ދިން، އިންޓަރވިއުއަށް ނުހޮވޭ ކަމަށް.]

[އަޅެ އަވަހަށް އެޕްލައިކޮށްބަލަ! އޮންލައިންކޮށް އެޕްލައިކުރެވޭނެ. ސެޓިފިކެޓް ނުފޮނުވިޔަސް އޯކޭވާނެ. ވަނަވަރާއެކު ފޮނުވާ!] ނީނާ ބުނެލިއެވެ. [ބަސްދީގަތުމަށް އަންނައިރު ސެޓްފިކެޓްގެ ކޮޕީ ގެނައިމާ ރަނގަޅުވާނެ. އިމާމްކަން ކުރާ ހިތް ވޭތަ؟]

[ވަރަށް އިންޓަރެސްޓް ހުރޭ. ރަށުގައި އިމާމްވެ ހުކުރުކޮށް ވެސް އުޅެން.] ނިޝާން އޮޅުންފިލުވައިދިނެވެ. [އެކަމަކު އިމާމްކަމުގެ ވަޒީފާގެ މުސާރަ ކުޑަވީމާ މައްސަލައަކީ.]

[އިމާމްކަން ކުރެވޭނެނު އެހެން ވަޒީފާއެއް އަދާކުރަމުން ވެސް!] ނީނާގެ ޚިޔާލު ފާޅުކުރިއެވެ. [މިސާލަކަށް އެޗްއާރ ޖޮބެއްގައި އުޅެމުން ވެސް.]

***

ނިޝާން އިދްރީސްއަށް މާވަށު އެއަރޕޯޓް ގާޑްން ހޮޓެލްގެ ހިޔުމަން ރިސޯސް މެނޭޖަރެއްގެ ވަޒީފާއާއި އިމާމެއްގެ ވަޒީފާ ލިބިއްޖެއެވެ. އަދި ހުކުރުކުރުމުގެ ވަޒީފާ ވެސް ހަވާލުކުރެވުނީ އޭނާއަށެވެ. އެޗްއާރު މެނޭޖަރެއްގެ މުސާރައަށް މަހަކު 1000 ޑޮލަރާއި އިމާމެއްގެ މުސާރައަށް 5000 ޑޮލަރާއި ކުރާ ކޮންމެ ހުކުރަކަށް 500 ޑޮލަރު ހަމަޖެހުނެވެ. އަދި އެހެން މުވައްޒިފުންނެކޭ އެއް ފަދައިން ސަރވިސް ޗާޖް ލިބެއެވެ. އެހެންކަމުން ދިވެހި ރުފިޔާއިން ބަލާނަމަ، މަހެއްގެ މައްޗަށް ސާޅީހަކަށް ހާސް ރުފިޔާ އެ ތަނުން ގެއަށް ގެންދާން ލިބޭކަމަށް ނިޝާން އޭނާގެ މަންމަ ގާތު އެއްދުވަހަކު ބުންޏެވެ.

ނިޝާނަށް ހޮޓެލްގެ ވަޒީފާ ލިބުމާއެކު ނީނާއާ ސީދާސީދާ ބައްދަލުވެ އުޅުން ރަނގަޅު ނުވާނެކަމަށް ވިސްނިގެން ނީނާ ހުންނަ [ގަނޑުވަރަށް] ގޮސް އުޅުން ހުއްޓައިލައިފިއެވެ. ނަމަވެސް މެސެންޖަރުންނާއި ވައިބަރުން ދެ މީހުން މެސެޖްކުރެއެވެ. ގުޅުން ވަރަށް ބަދައްސެވެ.

އެއް ދުވަހަކު ނީނާ ވަރަށް ދިގު މެސެޖެއް ފޮނުވައިފިއެވެ.

[ނިޝާން ގާތު ދައްކާނެ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. ނަމަވެސް އެ ވާހަކަތައް ޢިބާރާތްކުރާނެ ގޮތެއް ނުވިސްނެއެވެ. ބުނެދޭނެ ކިތަންމެ އެއްޗެއް އެބަހުއްޓެވެ. ބުނެދޭނެ ގޮތެއް ޚިޔާލަކަށް ނާދެއެވެ. ކުރާން ބޭނުން ކިތަންމެ ސުވާލެއް އެބަހުއްޓެވެ. ކުރާންވީ ކޮން ސުވާލެއް ކަމެއް ނޭނގެއެވެ. އޮޅުން ފިލުވާން ބޭނުން ކިތަންމެ ކަމެއް އެބަހުއްޓެވެ. އަހާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ބުނެލަން ވަރަށް ބޭނުން ވާހަކައެއް އެބަ އޮތެވެ. ބުނާނެ ލަފްޒެއް ދޫމައްޗަށް ތިލައެއް ނުވެއެވެ. އަންހެންކުއްޖަކު ފިރިހެނެއްގެ ގާތުގައި ވަކި ވާހަކައެއް ބުނުމަކީ ހުތުރުކަމެކޭ ހިތަށް އަރައެވެ. އެކަމަކު އެކަން އަހަރެންގެ ސިކުންޑި ގަބޫލެއް ނުކުރެއެވެ. މި ހުރިހާ ކަމެއް ނިޝާން ކުރިމަތިން ފެނުމާއެކު ހަނދާނެއް ނުހުރެއެވެ. ބަޓް އައި ރިމެމްބަރ އެންޑް ނޯ ސަމްތިންގ ޓްރޫ. އައި އޮންލީ ނޯ ދެޓް އައި ލަވްޔޫ ސޯ މަޗް.]

މި މެސެޖަށް ނިޝާން ޖަވާބުދިނީ ވަރަށް ޑިޕްލޯމެޓިކްކޮށެވެ. އޭނާ ދިވެހިބަހުން ލިޔުނެވެ. [އަޅުގަނޑުގެ ވެރީންނާއި ރައްޓެހިން އަޅުގަނޑު ދެކެ ލޯބިފުޅުވުމަކީ އަޅުގަނޑުގެ މަސައްކަތާއިގެ ކުރިއަށް ދާން ލިބޭ ވަރަށް މަތިވެރި ހިތްވަރެކެވެ. ޝުކުރު ދަންނަވަމެވެ.]

މި މެސެޖް ލިބުމާއެކު ނީނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. ނަމަވެސް އޭނާގެ މަޤުޞަދު ނިޝާނަށް ނުވިސްނުނީ ކަމަށް ހީކޮށް އަލުން މެޖެސެއް ކޮށްލިއެވެ. [މިއަދު މެންދުރު ކެއުމަށް ނީނާގެ 'ޖިފުޓިއަށް' އަންނާން ދަޢުވަތުދެން. އެކެއް ޖަހާ އިރަށް އިންތިޒާރުކުރާނަން. ސެކިޔުރިޓީއަށް އަންގާފަ ބާއްވާނަން.]

މެންދުރު ކެމަށް އިންސާފުކުރަމުންދިޔައިރު ހާލުއަޙުވާލަށްފަހު، ނީނާ ފޮނުވި މެސެޖް ނުވިސްނުނުތޯ ސުވާލުކޮށްލިއެވެ.

[ނޫން އަޅުގަނޑަށް ވިސްނުނު. އެހެންނަމަވެސް އަޅުގަނޑާ އެކަށީގެންވާ ކަމަކަށް ނުވާތީ... ޖެހިލުންވަނީ.]

[އަޅުގަނޑޭ ނުކިޔަބަލަ. މިއީ ފްރެންޑްސް. މައިންބަފައިން ވެސް އެހާ ރައްޓެހި.] ނީނާ އަމުރުކުރިއެވެ. [ދެން އެކަށީގެން ނުވެޔޭ ތިޔަ ބުނަނީ ކީއްވެ؟ އަހަރެން މުއްސަނދީމަތަ؟]

[އެހެންވެގެން އެކަށީގެން ނުވެޔޭ ހިތަށް އަރަނީ. އަދި ނީނާ މާ ރީތި ވެސް މެ.] ނިޝާން ޖަވާބު ދިނެވެ.

[ސީދަލަށް ބުނޭ! ނީނާދެކެ ލައިކްވޭތަ ނޫންތަ؟] ނީނާ ސީދާ ސުވާލުކޮށްފިއެވެ. [ކޮންމެ ޖަވާބެއް ދިނަސް ރުޅިއެއް ނާންނާނަން. އެކަމަކު ނިޝާން ނީނާއަށްވުރެ މާ ރީތި.]

[ވޭ ވަރަށް ބޮޑަށް.] ނިޝާންގެ ޖަވާބު ވަރަށް ކުރެވެ.

[ތޭންކްޔޫ! އެހެންވީއްޔާ މިރޭ ނިދާންވާނީ ދެ މީހުން އެކީގައި.]

[މާފުކުރޭ! ކިތަންމެ ލައިކް ވިޔަސް ލޯބިވިޔަސް، ކާވެނީގެ ކުރީން ނުކެރޭނެ ތިޔަ ކަން ކުރާކަށް.]

ނިޝާންގެ މި ޖުމުލައިން ނީނާ ވަރަށް ހައިރާންވެއްޖެއެވެ. މި ޒަމާނުގެ ޒުވާނެއްގެ ފުށުން އިވޭނެ ކަމަށް އިންތިޒާރުކުރި ވާހަކައެއް ނޫނެވެ. ކުއްލިއަކަށް ހަނދާނަށް އައީ ދާއޫދާއި އަލޫފު އޭނާއާ އެކަހެރިކޮށް ބައްދަލުވާން ފުރުޞަތު ބޭނުންވާ ވަރާއި އެ ފަދަ ކޮންމެ ފުރުޞަތެއްގައި އެ މީހުންގެ ޝައުޤުހުންނަ ގޮތެވެ. އެހެންކަމުން ނިޝާނަކީ ވަރަށް މާތް އިންސާނެއްކަން ނީނާއަށް ޔަގީން ވެއްޖެ އެވެ. އަދި ހިތުގައި އޮތް ގަދަރު އެތައް ތަނެއް އިތުރުވެއްޖެއެވެ.

[އެހެންވިއްޔާ މެރީކުރާން އެއްބަސްތަ؟] ނީނާ ސީދާސީދަލަށް އަސްލު ސުވާލު ދޫކޮށްލިއެވެ. [އައި ލަވް ޔޫ ސޯ މަޗް.]

[ބައްޕައާ މަޝްވަރާކޮށްލުމަށްފަހު މާދަމާ ޖަވާބެއް ދޭނަން.] ނިޝާންގެ ޖަވާބުތައް ހުންނަނީ ވަރަށް ސާފުކޮށް ސީދާކޮށް ކުރުކޮށެވެ.

[މިރޭ ދާނަން ޢިޝާނަމާދުން ނިމިގެން ނިޝާން ގެޔަށް ދާ ވަގުތާ ދިމާކޮށް ތިގެއަށް] ނީނާގެ ގަސްތު ކިޔައިދިނެވެ. [ނީނާ ތިޔަކަމުގެ ހުއްދަ ހޯދާނަން.]

[އެންމެ ރަނގަޅު.] ނިޝާން ހިނިތުންވެލިއެވެ.

***

ދެ ޢާލިލާގެ ރުހުން ލިބުމާއެކު ނީނާ ބޭނުންވީ ދެ މީހުން ދިރިއުޅޭނެ ހިޔާވައްސެއް މާވަށުގައި ބިނާކުރުމަށްފަހު ކާވެނީގެ ކަންތައް އަވަހަށް ނިންމައިލާށެވެ. މި ކަމަށްޓަކައި މާވަށުން ދިހަ ހާސް އަކަފޫޓްގެ ބިމެއް ގަނެ، 25 ބުރީގެ ދެ ޓަވަރު ބިނާކުރާން ފަށައިފިއެވެ. އެއަށްވުރެ އުހަށް ނަގާން ސިވިްލް އޭވިއޭޝަނުން ހުއްދަ ނުދިނީއެވެ.

ބަރާބަރު ދިހަ މަސްދުވަހުން ދެ ޓަވަރު ނިންމައިލިއިރު، ދެ ޓަވަރުގެ ތިރީ ތިންބުރި އެއްކޮށްލައި އެންމެ ތިރީ ދެބުރި، ބޮޑު ޝޮޕިންގ މޯލެއްގެ ގޮތުގައި ތަރައްޤީކުރިއެވެ. އަދި ތިންވަނަ ބުރިއަކީ (އިނގިރޭސި ގޮތަށް ނަމަ ސެކަންޑް ފްލޯއަކީ) ޖަލްސާތަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ބޮޑު މާލަމެވެ. ބޭނުން މީހަކަށް ފްލެޓް ވިއްކާ ގޮތަށާއި ކުއްޔަށް ދޭ ގޮތަށް އެތައް އެޕާޓްމަންޓްތަކެއް ޚާއްޞަކުރިއެވެ. އެންމެ މަތީ ޓެރަސް ހުންނަނީ ދާލަމަކުން ގުޅައިލައިފައެވެ. އެއް ޓަވަރުގެ މަތީގައި މުޅި ހުވަދޫ ކަނޑާއި ތ. އަތޮޅު ފުރިހަމައަށް ބަލައިލެވޭ ގޮތަށް ބޮޑު ތިން ޓެލެސްކޯޕެއް ހަރުކޮށްފައި ހުރެއެވެ. މިއީ ބޭނުން މީހަކަށް ކުޑަ އަގަކަށް ޚިދުމަތް ލިބޭ ގޮތަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. ނަމަވެސް އަނެއް ޓަވަރުގެ ޓެރަސް ތައްޔާރުކޮށްފައިވަނީ ނީނާގެ އަމިއްލަ ބޭނުންތަކަށެވެ. ސްވިމިންގ ޕޫލަކާއި ކުޑަ ބަގީޗާއަކާވެސް އެކީގައެވެ. މިއީ ދިވެހިރާއްޖޭގައި މާލެއިން ބޭރުގައި މި އުސްމިނަށް ބިނާކުރެވުނު ފުރަތަމަ ޢިމާރާތެވެ. އަދި [ލިފުޓު] ހަރުކޮށްފައި ހުރި ފުރަތަމަ ޢިމާރަތް ވެސް މެއެވެ.

މި ޢިމާރާތުގެ އެންމެ ތިރީގައި ހުންނަ ޝޮޕިންގ މޯލަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ހުރިހާ ޚިދުމަތެއް ލިބޭ، އަދި ވަރަށް އަގުހެޔޮކޮށް މުދާ ލިބޭން ހުންނަ ތަނެކެވެ. މި ޢިމާރާތުގެ ސަބަބުން މާވަށަށް ހިޖުރަކުރާ މީހުން އިތުރުވެ، ތަފާތު ގެސްޓްހައުސްތައް ވެސް އެ ޢިމާރާތުގައި ޤާއިމުކުރެވިއްޖެއެވެ. މި ޓަވަރަށް [މާވަށު ނިބޫ ބުރުޖު]ގެ ނަންދީ ރަސްމީކޮށް އެ ޢިމާރާތް ހުޅުއްވައިދެއްވީ ނީނާގެ މަންމައާއި ބައްޕައާއި ނިޝާންގެ ބައްޕައެވެ.

މި ޢިމާރާތުގައި ނީނާއާއި ނިޝާން ފަސް ދަރީންނާއެކު ދަތި ނުވެ ދިރިއުޅެވޭ ވަރަށް ލަގްޒަރީ އެޕާޓްމެންޓައް ތައްޔާރުކޮށްފައި ހުއްޓެވެ.

ކޮންމެއަކަސް [މާވަށު ނިބޫ ބުރުޖު] ރަސްމީކޮށް ހުޅުވުނުތާ ހަތްވަނައަށް ވީ ދުވަހުގެ ރޭ ވަރަށް ކުލަގަދަ ހަވާއެރުވުމުގެ ރަސްމިއްޔާތަކާއެކު ނީނާއާއި ނިޝާންގެ ކާވެނީގެ ގޮށްޖަހައިފިއެވެ. މިއީ މުންޑޫގެ އެތައް ޒުވާނުންނަކާއި މާވަށުގެ ގިނަ ޖިންސުއްލަޠީފުންގެ ހިތްތައް ކަތިލެވުނު ކުލަގަދަ އިޙުތިފާލެކެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ