އަދުގެ ޚާއްސަ

Print

بسملة ކިޔުމުގެ ޙުކުމް (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

البسملة ނުވަތަ  (بسم الله الرحمن الرحيم)  އަކީ ކީރިތި ޤުރްއާނުގެ ތަޅުދަނޑިއެވެ. އައްލައުޙުލްމަޙްފޫޡުގައި ޤަލަމުން ފުރަތަމަ ލިޔެވުނު ކަލިމައަކީ بسملة(1)އެވެ. ނުވަތަ ބިސްމިއެވެ. ޖިބްރީލުގެފާނު ވަޙީގެ ފުރަތަމަ  ބަސްފުޅައިގެން ލޮބުވެތި  ނަބިއްޔާ  ގެ އަރިހަށް ވަޑައިގެން ކުރެއްވި އަމުރުފުޅުގައި ވަނީ: اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ އެވެ.  މާނައަކީ: ﷲގެ ނަންފުޅުން ކިޔަވާ ވިދާޅުވަން ފަށްޓަވާށެވެ! އަޅުގަނޑުމެންނަށް ނިސްބަތް ކުރާނަމަ އެ ބަސްފުޅުގެ މުރާދަކީ އިބަރަސްކަލާނގެ އިސްމުފުޅުން ބަރަކާތް ޙާޞިލުކޮށްގެން މި އަޅާ ކިޔަވަން ފަށަމެވެ. 

ބަސްމަލާއަކީ މުސްލިމުންގެ ޙަޔާތުގައި ވަރަށް އަހައްމިއްޔަތު ބޮޑު ކަލިމައެކެވެ. ކޮންމެ ރަނގަޅު ކަމެއް، ކޮންމެ މުހިއްމު ކަމެއް ކުރަން ފަށާއިރު ބިސްމި ކިޔައިގެން ކުރަން ފެށުމަށް މުސްލިމުންނަށް އެމީހުންގެ ދީން ގޮވައިލައެވެ. ﷲގެ ފޮތުންނާއި ކީރިތި ރަސޫލާ ނަމޫނާއަކަށް ބަލައިގެން އަޅުގަނޑުމެން ވެސް ސިޓީތަކާއި، ފޮތްތަކާއި، ޢިލްމީ ދިރާސާތައް ފަށަން ވާނީ ބިސްމީގެ ބަރަކާތުންނެވެ. ކީރިތި ރަސޫލާ ﷺ ރަސްރަސްކަލުންނަށް ފޮނުއްވި ފަތްކޮޅުތައް ފައްޓަވައިފައިވަނީ ބަސްމަލާއިންނެވެ. ބަސްމަލާގެ މާތްކަމާ ބެހޭގޮތުން ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [ސުލައިމާނު ބިން ދާވޫދު ނަބިއްޔާއަށާއި ތިމަންކަލޭގެފާނުގެ މައްޗަށް މެނުވީ ބާވައިނުލައްވާ އާޔަތެއް ތިމަންކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއްޖެއެވެ. އެއީ : بسم الله الرحمن الرحيم އެވެ.](2)

ބަސްމަލާގެ އަހައްމިއްޔަތު ބަޔާންކޮށްދެއްވައި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [كلُّ كلامٍ -أو أَمرٍ- ذي بالٍ لا يُفتَحُ بذِكْرِ اللهِ فهو أَبتَرُ. أو قال: أَقطَعُ(3) – ﷲގެ ނަންފުޅު ނުގަނެ ކުރެވޭ ކޮންމެ މުހިއްމު ކަމަކީ ހެޔޮކަމުން މަޙްރޫމުވެފައިވާ ނުވަތަ ބަރަކާތް ކެނޑިފައިވާ ކަމެކެވެ.]  

މާތް ﷲ ރުއްސުންލެއްވި ޢުޘްމާނު ބިން ޢައްފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެކަލޭގެﷲފާނު بسم الله الرحمن الرحيم އާ ބެހޭ ގޮތުން ރަސޫލާ ﷺ އަށް ސުވާލު ދެންނެވުމުން ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [هو اسم من أسماء الله ما بينَه وبينَ اسمِ اللهِ الأكبرِ إلا كان بين سوادِ العَينِ وبياضِها من القُربِ(4) – އެއީ ﷲގެ އިސްމުފުޅުތަކުން އިސްމުފުޅެކެވެ.  މި އިސްމުފުޅާ  ﷲގެ އެންމެ މަތިވެރި އިސްމުފުޅާ ދެމެދުގައިވާ ދުރުމިނަކީ ކަޅުކަޅިއާ ހުދުކަޅިއާ ދެމެދުގައިވާ ދުރުމިނެވެ.]

މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނު  ވިދާޅުވިއެވެ. [بسم الله إنه شفاء من كل داء، وعون على كل دواء - ހަމަކަށަވަރުން بسم الله އަކީ ކޮންމެ ބައްޔަކަށް ލިބިގެންވާ ޝިފާއެކެވެ. އަދި އެއީ ކޮންމެ ފަރުވާއަކަށް ލިބިގެންވާ ވާގިވެރިކަމެކެވެ.](5) 

بسملة  ޤުރްއާނުގެ އާޔަތެއް

ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތުގައި ބަސްމަލާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. ހަމައެފަދައިން އެބޭކަލުން އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި އެއީ އައްނަމްލު ސޫރަތުގެ އާޔަތެއްގެ ބައެކެވެ.  ޢިލްމުވެރީންގެ މެދުގައި ރައުޔު ތަފާތުވެފައި ވަނީ އެއީ ސޫރަތުލް ފާތިޙާ (އަލްޙަމްދު)ގެ ފުރަތަމަ އާޔަތް ހެއްޔެވެ؟ އެއީ އައްތައުބާ ސޫރަތްނޫން ކޮންމެ ސޫރަތެއްގެ ފުރަތަމަ އާޔަތް ހެއްޔެވެ؟ 

ޤާރީވެރީންގެ ރައުޔު 

ކީރިތި ޤުރްއާނާ ބެހޭ ޢިލްމުވެރީންނަށް ޤާރީވެރީންނޭ ކިޔެއެވެ. އެއީ ޤާރީ ކޯސް ހެދީމާ ލިބޭ ލަޤަބެއްނޫނެވެ. ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާން ބާވައިލެއްވީ ހަތް ޙަރްފުންނެވެ. އެބަހީ ޤުރްއާން ބާވައިލައްވައިފައިވަނީ  ޢަރަބީންގެ ތަފާތު ބަހުރުވަތަކުންނެވެ. މި ބަހުރުވަތަކާ އެއްގޮތަށް ރަސޫލާ ﷺ ގެ އަރިހުން ޞަޙާބީން  ޤުރްއާން ކިޔަވަން ދަސްފުޅު ކުރެއްވިއެވެ. އެ ބޭކަލުންގެ އަރިހުން އަޅުގަނޑުމެންނާ ހިސާބަށް ފިޤްހު އައިސްފައިވާ ފަދައިން ޤުރްއާން ކިޔަވާނެ ގޮތްތައް ވެސް ވަނީ އައިސްފައެވެ. 

ފިޤްހީ މަސްއަލަތަކުގައި ފަޤީހުންގެ ރައުޔަށް ބަލާ ގޮތަށް ޤުރްއާން ކިޔެވުމާއި، ލިޔުމާއި، އާޔަތްތައް ޢަދަދުކުރުމާއި، ފިލިފަދަ ކަންތައްތަކުގައި ބަލަން ޖެހޭނީ މަތީގައި ދެންނެވި ޤާރީވެރީންގެ ބަސްފުޅުތަކަށެވެ.

1- ޢާޞިމާއި، ޤާލޫނާއި، އަލްކިސާއީއާއި، ޙަމްޒާއާއި، ޚަލަފާއި، އިބްނު ކަޘީރު(6) ވިދާޅުވިއެވެ: ބަރާއަތު ސޫރަތްނޫން ކޮންމެ ދެ ސޫރަތެއްގެ ދެމެދުގައި ބަސްމަލާ  (بسم الله الرحمن الرحيم)  ކިޔާން ޖެހޭނެއެވެ.  މި ބޭކަލުންގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ސަޢީދު ބުނު ޖުބައިރު ރިވާކުރެއްވި ބަސްފުޅެވެ.އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. [كان النبي -صلى الله عليه وآله وسلم- لا يعلم ختم السورة حتى تنزل عليه بسم الله الرحمن الرحيم(7)  -  بسم الله الرحمن الرحيم   ބާވައިލައްވައިފުމަށް ދާންދެން ރަސޫލާ  އަށް  ސޫރަތް ނިމިއްޖެކަން އެނގިވަޑައެއްނުގަންނަވައެވެ.] މީގެ އިތުރަށް މި ބޭކަލުން ވިދާޅުވާ ގޮތުގައި އިސްލާމީ އުއްމަތުގެ ފުރަތަމަ ޚަލީފާ މާތްﷲ ރުއްސުންލެއްވި އަބޫބަކްރުގެފާނު އަންގަވައިގެން މާތްﷲ ރުއްސުންލެއްވި ޒައިދު ބިން ޘާބިތުގެފާނު މުޞްޙަފު ލިޔުއްވިއިރު އެކަލޭގެފާނު ބަރާއަތު ސޫރަތްނޫން އެހެން ކޮންމެ ސޫރަތެއް ފެށޭއިރު ބިސްމި ވަނީ ލިޔުއްވައިފައެވެ. އަދި ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނުގެ ޚިލާފަތުގައި މުޞްޙަފު ލިޔުއްވިއިރު އެ މުޞްޙަފުގައި ވެސް ހަމަ އެ ގޮތަށް ދެ ސޫރަތް ދެމެދުގައި ބިސްމި ލިޔުއްވައިފައިވެއެވެ. ޢުޘްމާނުގެފާނުގެ އަމުރުފުޅަށް މި މަސައްކަތް ކުރެއްވީ ކޮމެޓީއަކުންނެވެ. މި ކޮމެޓީގެ ރައީސަކީ ވެސް ހަމަ ޒައިދު ބިން ޘާބިތުގެފާނެވެ. ކީރިތި ޤުރްއާނުގައި ނެތް އެއްޗެއް ޤުރްއާނަށް އިތުރު ކުރުމަކީ ކުފްރެއްކަމުގައިވާއިރު މި ކޮމެޓީގެ ބޭކަލުން ޢުޘްމާނުގެފާނާއި ޢަލީގެފާނުފަދަ ބޮޑެތި ޞަޙާބީންގެ ކުރިފުޅުމަތީގައި އެ ބޭކަލުންގެ ތާއީދާއެކު މި ފަދަ ކަމެއް ކުރައްވާނެ ހެއްޔެވެ؟ 

2- ނާފިޢު ވިދާޅުވިއެވެ:  ބަސްމަލާއަކީ  السبع المثاني (ނުވަތަ އަލްޙަމްދު)ގެ ފުރަތަމަ އާޔަތް ކަމަށް އަހުރެން ހެކިވަމެވެ.  އަދި އެއީ މާތް ﷲ ބާލެއްވި އާޔަތެކެވެ.

ދެ ސޫރަތް ދެމެދުގައި ބިސްމި ކިޔުން 

އައްތައުބާ ސޫރަތް ނޫން ކޮންމެ ސޫރަތެއް ފަށާއިރު ބިސްމި ކިޔުމުގެ ޙުކްމަކީ ކޮބައި ހެއްޔެވެ؟ 

1- މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. [އަހުރެމެން ފުރަތަމަ ލިޔެއުޅުނީ باسمك اللهم އެވެ. ފަހެ މާތް ﷲ ހޫދު ސޫރަތުގެ 41ވަނަ އާޔަތް [بِسْمِ ٱللَّـهِ مَجْر۪ىٰهَا وَمُرْسَىٰهَآ] ބާވައިލެއްވުމުން (بسم الله) ލިޔުނީމުއެވެ. ފަހެ މާތްﷲ އަލްއިސްރާއު ސޫރަތުގެ 110 ވަނަ އާޔަތް [قُلِ ٱدْعُوا۟ ٱللَّـهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ] ބާވައިލެއްވުމުން (بسم الله الرحمن)ލިޔުނީމެވެ. އެއަށްފަހު އައްނަމްލު ސޫރަތުގެ 30 ވަނަ އާޔަތް [إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّـهِ ٱلرَّحْمَـٰنِ ٱلرَّحِيمِ] ބާވައިލެއްވުމުން (بسم الله الرحمن الرحيم) ލިޔުނީމެވެ.]

(ނުނިމޭ)

ފުޓް ނޯޓާއި ޙަވާލާ:

1.      بسم الله الرحمن الرحيم

2.      تاريخ  بغداد  : 3 / 319

3.      أخرجه  أبو داود (٤٨٤٠)، والنسائي  في «السنن الكبرى» (١٠٣٢٨)، وابن  ماجه (١٨٩٤)  وأحمد (٨٧١٢)

4.      قال  الحاكم : صحيح  الإسناد

5.      تفسير القرطبى

6.      މިއީ ޤިރާއަތްތަކުގެ އިމާމުންނެވެ. ދިވެހިން ކިޔަވާ އުޅެނީ ޢާޞިމުގެ އަރިހުން ޙަފްޞު ނަޤްލު ކުރެއްވި ގޮތަށެވެ.

7.      أخرج الحاكم في المستدرك "1/ 231" في كتاب الصلاة، عن ابن عباس -رضي الله عنهما -

  قال: هذا حديث  صحيح على شرط  الشيخين  ولم  يخرجاه، كما رواه أبو داود وصححه الألباني  في الجامع  الصغير

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ