އަދުގެ ޚާއްސަ

Print

بسملة ކިޔުމުގެ ޙުކުމް (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

(8 ޖޫން 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ދެ ސޫރަތް ދެމެދުގައި ބިސްމި ކިޔުން 

އައްތައުބާ ސޫރަތްނޫން ކޮންމެ ސޫރަތެއް ފަށާއިރު ބިސްމި ކިޔުމުގެ ޙުކްމަކީ ކޮބައި ހެއްޔެވެ؟ 

1- މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. [އަހުރެމެން ފުރަތަމަ ލިޔެއުޅުނީ باسمك اللهم އެވެ. ފަހެ މާތް ﷲ ހޫދު ސޫރަތުގެ 41ވަނަ އާޔަތް [بِسْمِ ٱللَّـهِ مَجْر۪ىٰهَا وَمُرْسَىٰهَآ] ބާވައިލެއްވުމުން (بسم الله ) ލިޔުނީމުއެވެ. ފަހެ މާތްﷲ އަލްއިސްރާއު ސޫރަތުގެ 110 ވަނަ އާޔަތް [قُلِ ٱدْعُوا۟ ٱللَّـهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ] ބާވައިލެއްވުމުން (بسم الله الرحمن)ލިޔުނީމެވެ. އެއަށްފަހު އައްނަމްލު ސޫރަތުގެ 30 ވަނަ އާޔަތް [إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّـهِ ٱلرَّحْمَـٰنِ ٱلرَّحِيمِ ] ބާވައިލެއްވުމުން (بسم الله الرحمن الرحيم) ލިޔުނީމެވެ.]

2- ދެ ސޫރަތުގެ ދެމެދުގައި  ބަސްމަލާ ކިޔަވަން ނުޖެހޭނެކަމަށް ވިދާޅުވާ ބޭކަލުން ވިދާޅުވާ ގޮތުގައި ކޮންމެ ދެ ސޫރަތެއް ދެ އާޔަތްފަދައެވެ. ދެ އާޔަތް ވަޞްލުކޮށް ކިޔެވުން ހުއްދަވެގެންވާފަދައިން ދެ ސޫރަތްވެސް ވަޞްލުކޮށް ކިޔެވުން ހުއްދަވެގެންވެއެވެ. ވަޞްލުކޮށް ކިޔަވާއިރު ބިސްމި ކިޔުމެއް ނެތެވެ. އެހެނަސް ސޫރަތުލް ފާތިޙާގައި ބިސްމި ކިޔަން ޖެހޭނެއެވެ. 

3- ވަރްޝާއި އަބޫ ޢަމްރާއި އިބްނު ޢާމިރު ވިދާޅުވަނީ: ދެ ސޫރަތް ވަޞްލުކޮށް  ކިޔެވުމާއި ހުއްޓައިލައިފައި (ވަޞްލުނުކޮށް) ކިޔެވުން ހުއްދަވެގެން ވެއެވެ. މި ބޭކަލުން ވިދާޅުވާ ފުރަތަމަ ސޫރަތުގެ އެންމެ ފަހު އާޔަތާއި ދެވަނަ ސޫރަތުގެ ފުރަތަމަ އާޔަތަކީ ދެ އާޔަތެވެ. އަދި އެއީ ދެ ސޫރަތެވެ. މި ބޭކަލުން ބުރަވެވަޑައިގަންނަވަނީ ސަކްތާއަށެވެ. މި ބޭކަލުން ވިދާޅުވާ ގޮތުގައި ހަތަރު ސޫރަތެއްގައި ވަޞްލުކޮށްގެން ނުވާނެއެވެ. އެއީ (1) އައްމުއްދައްޘިރު ސޫރަތް ނިންމައިފާ  އަލްޤިޔާމަތު ސޫރަތާ ނުގުޅުވުމާއި (2)  އަލްއިންފިޠާރު ސޫރަތް ނިންމައިފާ އަލްމުޠައްފިފީން ސޫރަތާ ނުގުޅުވުމާއި (3) އަލްފަޖްރު ސޫރަތް ނިންމައިފައި އަލްބަލަދު ސޫރަތާ ނުގުޅުވުމާއި (4) އަލްޢަޞްރު ސޫރަތް ނިންމައިފައި އަލްހުމަޒާ ސޫރަތާ ނުގުޅުވުމެވެ. އެއީ މާނައަށް ބައްލަވައިފައި ނެރުއްވައިފައިވާ ޙުކްމެކެވެ. 

4- ހުރިހާ ޢިލްމުވެރީންވެސް އެއްބަސްވެ ވަޑައިގެންފައިވާ ގޮތުގައި އަންފާލު ސޫރަތް ނިންމާއިރު އައްތައުބާ ސޫރަތާ ގުޅުވިޔަސް ނުގުޅުވިޔަސް ބިސްމި ކިޔައިގެން ނުވާނެއެވެ. އެއީ ބިސްމިއަކީ އަމާން ކަމެކެވެ. ބަރާއަތު ސޫރަތުގައި އަމާންކަމެއް ނެތެވެ. ޞަޙީހު ބަހަކީ "އަލްއިތުޤާނު ފީ ޢުލޫމިލް ޤުރްއާނި" ގައި އައްސުޔޫޠީ ވިދާޅުވެފައިވާފަދައިން ބަރާއަތު ސޫރަތުގައި ބިސްމި ނުކިޔުމެވެ. އެ ސޫރަތް ބަވައިލެއްވި އިރު ޖިބްރީލުގެފާނު ބިސްމި ވިދާޅެއް ނުވެއެވެ. 

5- ޤާރީވެރިން ބުރަވެ ވަޑައިގަންނަވާ ރައުޔަކީ ބަރާއަތު ސޫރަތް ނޫން ކޮންމެ ސޫރަތެއް ފަށާއިރު ބިސްމި ކިޔައިގެން ފެށުމެވެ. ސޫރަތެއްގެ ތެރޭގައި ކިޔަވާ މީހާއަށް މި ކަމުގައި އިޚްތިޔާރު ލިބިގެންވެއެވެ. ވީމާ ބަރާއަތު ސޫރަތް ނޫން ކޮންމެ ސޫރަތެއް ކިޔަވަން ފަށާއިރު ބިސްމި ކިއައިގެން ކިޔެވުމަށް އާދަކުރުން ހުށްޓެވެ. މިއީ ގިނަ ޢިލްމުވެރީންގެ ރައުޔެވެ. އެބޭކަލުން ވިދާޅުވާގޮތުގައި ބިސްމި ނުކިޔަވާ ޤުރްއާން ކިޔަވައި ޚަތިމުކޮށްފިނަމަ އެ ޚަތިމުކުރުން ފުރިހަމައެއް ނުވާނެއެވެ.  

ނަމާދުގައި ޤުރްއާން ކިޔެވުން

މަތީގައި މި ދެންނެވީ ޤާރީވެރީންގެ އަރިހުގައި ބަސްމަލާގެ (ބިސްމި ކިޔުމުގެ) ޙުކްމެވެ. ދެން ބަލާލާނީ ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުމާއި ސޫރަތުލް ފާތިޙާ ކިޔަވާއިރު ބަސްމަލާ ކިޔުމުގެ (ބިސްމި ކިޔުމުގެ) މަސްއަލައަށެވެ. 

1- ނަމާދުގައި سورة الفاتحة ކިޔެވުން: ނަމާދުގައި ޤުރްއާންކިޔެވުމަކީ ވާޖިބުކަމެއްކަމަށް ހުރިހާ ދަންނަބޭކަލުންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެނީ މާތްﷲ ވަޙީކުރެއްވިއެވެ. [فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ (8) – ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!]  ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވަނީ ނަމާދުގައި سورة الفاتحة ކިޔެވުމާ ބެހޭގޮތުންނެވެ. 

ހ- ފުރަތަމަ މަޛްހަބު: ނަމާދުގައި سورة الفاتحة ކިޔެވުމަކީ ނަމާދުގެ ފަރްޟުތަކުގެ ތެރެއިން ފަރްޟެކެވެ. އެސޫރަތް ނުކިޔަވާ ނަމާދު ޞައްޙައެއް ނުވާނެއެވެ. سورة الفاتحة ގެ ބަދަލުގައި އެހެން ސޫރަތެއް ނުކިޔެވޭނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ. އޭގެ ތެރޭގައި ޝާފިޢީންނާއި ޡާހިރީންނާއި އިމާމު އަޙްމަދާއި ޞަޙާބީންގެ ތެރެއިން ގިނަބަޔަކު ހިމެނެއެވެ. މާލިކީ މަޛްހަބުގައިވެސް މަޝްހޫރު ބަހަކީ މިއެވެ. (9) 

ށ- ދެވަނަ މަޛްހަބު: سورة الفاتحة ކިޔެވުމަކީ ފަރްޟެއްނޫނެވެ. ނަމާދުގައި ކަނޑައެޅިގެން سورة الفاتحة ކިޔަވަން އަންގަވައިފައެއް ނެތެވެ. ކީރިތި ޤުރްއާނުން ކޮންމެ ތަނެއް ކިޔެވިޔަސް ނަމާދު ޞައްޙަވާނެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އިމާމު އަޙްމަދުގެވެސް ދެވަނަ ރައުޔަކީ މިއެވެ. 

ރައުޔު ތަފާތުވުމުގެ ސަބަބު

މިކަމުގައި ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައިވަނީ މި ކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ އަޘަރުގެ ސަބަބުންނެވެ. 

1- އަބޫހުރައިރާގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެއް ދުވަހަކު މީހަކު މިސްކިތަށް އަރައި ނަމާދުކޮށް ސަލާމްދިނުމަށްފަހު ރަސޫލުﷲގެފާނު އަރިހަށްގޮސް ސަލާމްދެންނެވުމުން އޭނާގެ ސަލާމަށް ރައްދުދެއްވާފައި ވިދާޅުވިއެވެ. [ތިބާ އަލުން ނަމާދުކުރާށެވެ. ފަހެ، ތިބާ އަދި ނަމާދެއް ނުކުރެއެވެ.] އޭނާ ނަމާދުކޮށްގެން އައުމުން އަނެއްކާވެސް ނަމާދުކުރުމަށް ވިދާޅުވިއެވެ. އެކަލޭގެފާނު އޭނާއަށް ތިންފަހަރު ނަމާދުކުރުމަށް އަމުރުކުރެއްވިއެވެ. އެހިނދު އޭނާ ދެންނެވިއެވެ. މިއަށްވުރެ ރަނގަޅަށް ނަމާދުކުރާކަށް އަޅުގަނޑަކަށް ނޭނގެއެވެ. މިހެން ދެންނެވުމުން އޭނާއަށް ނަމާދުކުރާނެ ގޮތް ވިދާޅުވެ ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ނަމާދުކުރަން ގަސްތުކޮށްފިނަމަ ރަނގަޅަށް ވުޟޫކޮށް ވުޟޫ ފުރިހަމަކުރާށެވެ. އެއަށްފަހު ޤިބްލައަށް ކުރިމަތިލައި ތަކްބީރުކިޔާށެވެ. އެއަށްފަހު ޤުރްއާނުން ފަސޭހަވީ މިންވަރެއް ކިޔަވާށެވެ. ދެން ރުކޫޢުކުރާށެވެ! .......](10)

2- މިޙަދީޘްފުޅާ ތަޢާރުޟުވާކަމަށް ބެލެވޭ ފުރަތަމަ ޙަދީޘަކީ [لَاصَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ(11) - ސޫރަތުލްފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއްނެތެވެ.] 

3- މިޙަދީޘްފުޅާ ތަޢާރުޟުވާކަމަށް ބެލެވޭ ދެވަނަ ޙަދީޘަކީ [مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ(12) - އެނަމާދެއްގައި އުއްމުލް ޤުރްއާނު ނުކިޔަވާ  މީހަކު ކުރާ ނަމާދަކީ އުނި ނަމާދެކެވެ.] 

4- މި ޙަދީޘްފުޅާ ތަޢާރުޟު ތިންވަނަ ޙަދީޘަކީ لَاتُقْبَلُ صَلَاةٌ لَايُقْرَأُ فِيهَا بِأُمِّ الْكِتَابِ(13) - އެނަމާދެއްގައި [އުއްމުލް ކިތާބި] ނުކިޔެވޭ ނަމާދެއް ޤަބޫލުވެވިގެންނުވެއެވެ.

5- ޢިލްމުވެރިން ވިދާޅުވާގޮތުގައި [ޤުރްއާނުން ފަސޭހަވީ މިންވަރެއް ކިޔަވާށެވެ.] ވިދާޅުވި ބަސްފުޅުން ސޫރަތުލްފާތިޙާ ކިޔަވަން ވިދާޅުވި ބަސްފުޅުވަނީ އިތުރަށް ވަރުގަދަވެފައެވެ. އައްދާރު ޤުޠުނީގެ ރިވާޔަތުގައިވަނީ [لا تجزئ صلاة - ނަމާދު ކަމަކު ނުދާނެއެވެ.] އަޙްމަދުގެ ރިވާޔަތުގައިވަނީ [لاتقبل صلاة - ނަމާދު ޤަބޫލުވެވިގެން ނުވެއެވެ.] މި ޙަދީޘުން އެގޭގޮތުގައި ނަމާދުގައި ކިޔަވަންޖެހެނީ سورة الفاتحةއެވެ. އެހެން ސޫރަތެއް ކިޔަވައިގެން އެ ނަމާދު ޞައްޙައެއް ނުވާނެއެވެ. މި ޙަދީޘުން އެނގޭ ގޮތުގައި سورة الفاتحة ނުކިޔަވައި ކުރާ ނަމާދަކީ އުނި ނަމާދެކެވެ. 

އެހެންކަމުން ބުރަވެވޭ ރައުޔަކީ ނަމާދުގައި سورة الفاتحة ކިޔަވަން ޖެހޭނެކަމަށް ބުނާ ރައުޔެވެ. 

(ނުނިމޭ)

ފުޓް ނޯޓާއި ޙަވާލާ: 

8.     المزمل  : 20

9.    نهاية المحتاج،  المغنى ، المحلى، މާލިކީ މަޛްހަބުގައި ދަންނަބޭކަލުންގެ މެދުގައިވެސް ރައުޔުވަނީ ތަފާތުވެފައެވެ. އެމަޛްހަބުގެ ބައެއް ދަންނަބޭކަލުން ވިދާޅުވާގޮތުގައި سورة الفاتحة ކިޔުމަކީ ސުންނަތެކެވެ. އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި އެސޫރަތް ކޮންމެ ރަކްޢަތެއްގައި ކިޔެވުމަކީ ވާޖިބު ކަމެކެވެ. انظرحاشية الدسوقى  والشرح الكبير

10. މިޙަދީޘްގެނައްޞަކީ: إِذَاقُمْتَ إِلَىالصَّلَاةِ فَأَسْبِغْ الْوُضُوءَ ثُمَّ اسْتَقْبِلْ الْقِبْلَةَ  فَكَبِّرْ ثُمَّ اقْرَأْ بِمَا تَيَسَّرَمَعَكَ مِنْ الْقُرْآنِ ثُمَّ ارْكَعْ   حَتَّى تَطْمَئِنَّ رَاكِعًا ثُمَّ ارْفَعْ حَتَّى تَسْتَوِيَ قَائِمًا ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا ثُمَّ ارْفَعْ حَتَّى تَطْمَئِنَّ  جَالِسًا ثُمَّ اسْجُدْ   حَتَّى  تَطْمَئِنَّ سَاجِدًا ثُمَّ ارْفَعْ حَتى تَطْمَئِنَّ جَالِسًا ثُمَّ افْعَلْ ذَلِكَ فِي صَلَاتِكَ كُلِّهَا – رواه البخارى ومسلم وأبوداود وابن ماجه وابن خزيمة  

11.   رواه البخارى ومسلم  وأبوداود  والترمذى  والنسائى  وأحمد  والبيهقى والطبرانى وابن خزيمة والدارقطنى عن عبادة بن الصامت

12.  رواه مالك  ومسلم  وأبوداود  والترمذى والنسائى  وابن ماجه  وأحمد  والبيهقى  عن أبى هريرة

13.  رواه أحمد  ، مسندالصحابة فى الكتب الستة

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ