އަދުގެ ޚާއްސަ

Print

މައްސަރާއި ވަގުތުތައް ދެނެގަތުމުގެ ކަށަވަރު ޢިލްމަކީ ފަލަކީ ޙިސާބެއް ނޫންތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

މީގެ ސާދަ ސައްތަ އަހަރު ކުރިން ބާވައިލެއްވި ކީރިތި ޤުރުއާނަކީ، އޭގެ ކުރިމަތިން ވެސް އަދި ފަހަތުންވެސް އެއްވެސް ބާޠިލްކަމެއް ނާންނާނެ ފޮތެކެވެ. ކަނޑައެޅިގެންހުރި، ކާފިރަކު މެނުވީ އެއާމެދު އިންކާރެއް ނުކުރާނެއެވެ.

ފަލަކީ ކަންކަން ޙިސާބެއްގެ މަތީގައި ލައްވާފައިވާކަން ކީރިތި ޤުރުއާނުގެ އެތައް އާތަތެއްގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި އެކަން އަންގަވާފައި އޮތުމަކުން، އޭގެ ފަދައެއް ނޭނގޭނެއެވެ. އެކަމަށްޓަކައި އޮތީ ޙިސާބު ޢިލްމުގެ ބާވަތްތަކުން ފަލަކީ ޙިސާބުގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ޙާޞިލްކުރުމެވެ. 

އިސްލާމް ދީނުގެ ޢިބާދާތްތައް ވެސް ބިނާވެފައި ހުރީ ޙިސާބު ޢިލްމުގެ ބާވަތްތަކުގެ މަތީގައިކަމީ އިންކާރު ކުރެވޭނޭ ކަމެއް ނޫނެވެ. އެންމެ އިސް ޢިބާދާތަކީ ނަމާދެވެ. ނަމާދު ވަގުތު ދެނެގަތުމުގައި އޮތީ ދެ ގޮތެކެވެ. އެއީ، ދުވާލުނަމަ ހިޔަނިން ދެނެގަތުމެވެ. ހިޔަނީގެ މިންވަރު ބެލުމުގައި މެންދުރު ނަމާދު ވަގުތުނަމަ، އުތުރާ ދެކުނުގެ ސީދާ މިޞްރާބު ދެނެގަނެ، އެބަޔަކު ތިބި ތަނަކުން އުތުރުން ދެކުނަށް ދަމައިލެވޭ ރޮނގަށް، (އެބައެއްގެ މެރީޑިއަމް ލައިނަށް) އޮލަނބަށް ހުންނަ އެއްޗެއް ޖަހައި އެ އެއްޗެއްގެ އުތުރު ފަރާތުން ނުވަތަ ދެކުނު ފަރާތުން ނުވަތަ މެދުން އެ އެއްޗެއްގެ ހިޔަނި އަރައި އެ ރޮނގާއި ބަރާބަރަސް ހަމަވާ ހަމަހަމަވުން ދެނެގަތުމެވެ.

އުތުރާއި ދެކުނު ނުވަތަ އިރާއި ހުޅަނގު ނުވަތަ އެނޫންވެސް މިޞްރާބެއް ދެނެގަތުމަށްޓަކައި އޮތް އާލާތަކީ ސަމުގާއެވެ. އެކަމަކު ސަމުގާ ނުގުޑުވައި، ބަހައްޓައިގެން، އެ ވަގުތަކު ފަލަކީ ގޮތުން އިރުހުރި މިޞްރާބާއި ޕޮޒިޝަނުގެ ގޮތުން އިރުގެ ބެއާރިންގ ނަގައި، ސަމުގާއާއި އަޅުވައި، އިރުގެ ބެއާރިންގ އާއި ސަމުގާގެ ތަފާތު، ދަރަޖަ، ދަގީގު، ސާނިޔާއިން ދެނެގަނެ، އެ މިންވަރެއް، ސަމުގާ މިޞްރާބަށް ޕްލަސްކޮށް ނުވަތަ މައިނަސް ކޮށްގެން، މެނުވީ، އެއްވެސް މިޞްރާބެއްގެ ސީދާ މިޞްރާބު ސަމުގާއަކުން ދެނެއެއް ނުގަނެވޭނެއެވެ. އެކަމަށްޓަކައިވެސް އޮތީ ފަލަކީ ޙިސާބެވެ. ފަލަކީ ޙިސާބުން ސަމުގާގެ ތަފާތު ދެނެގަނެވޭ މިންވަރު އުނގެނުމެވެ. 

ޢަޞުރު ނަމާދު ވަގުތު، ހިޔަނިން ދެނެގަންނަ ނަމަ، ހިޔަނީގެ ދިގުމިން، އެކި ދުވަހު އެކިވަރަށް އޭގެ ދިގު ކުރުމިން ދެމިގެން ދާކަން ދެނެގަންނަން ޖެހެއެވެ. އެކި ދުވަހު ޢަޞުރު ވަގުތު ވާއިރު ހިޔަނީގެ ދިގުމިނުގެ ތަފާތު އެ ދުވަހަކަށް ހުންނަ މިންވަރު ދެނެގަނެވެނީ "ކާވު" އަޅައިގެން ކުރެހޭ ރޮނގާއި، އިރުގެ ސަބަބުން ހިޔަނި އުފެދޭ އެއްޗެއްގެ ހިޔަނީގެ ދުރުކޮޅު ގޮސްހަމަވެ އެއްވަރު ވީމައެވެ. އެކަން "ވަގުތުގާ"ތަކުގައި (ނުވަތަ ހިޔަނިގާ) ކުރަހައިފައިވާ ޢަޞުރު ވަގުތު ދެނެގަންނަ ކާވުގެ ކުރެހުންތަކުން ފެންނާން ހުންނާނެއެވެ. މާލޭ ހުކުރު މިސްކިތު މުންނާރުގެ ހުޅަނގުގައި ހުރި ވަގުތުގަލުން މިހާރު ވެސް އެކަން ހުންނާނީ ފެންނާށެވެ. 

ޢަޞުރު ވަގުތުގެ ހިޔަނިން ދެނެގަތުމުގައި ހިޔަނީގެ ދިގުމިން، މާލެއަށް އެންމެ ތަފާތު ބޮޑުކޮށް ދެކެ ތަޖުރިބާ ކުރަން ބޭނުން ނަމަ، ޖޫންމަހުގެ 21 ވަނަ ދުވަހުގެ ޢަޞުރު ވަގުތު މާލޭ ހުންނަ މީހާގެ، އިރު ދެކުނަށް ދެމިފައި ހުންނަ ހިޔަނީގެ ދިގުމިނާއި، ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ޢަޞުރު ވަގުތު މާލޭގައި ހުންނަ މީހާގެ އިރުމައްޗަށް ދެމިފައި ހުންނަ ހިޔަނީގެ ދިގުމިނާއި، ޑިސެމްބަރުމަހު 22 ވަނަ ދުވަހު ޢަޞުރު ވަގުތު މާލޭގައި ހުންނަ މީހާގެ އިރު އުތުރަށް ދެމިފައި ހުންނަ ހިޔަނީގެ ދިގުމިނާއި، މާރިޗު މަހު 31 ވަނަ ދުވަހު ޢަޞުރު ވަގުތުގައި މާލޭގައި ހުންނަ މީހާގެ އިރުމައްޗަށް ދެމިފައިހުންނަ ހިޔަނީގެ ދިގުމިން ތަޖްރިބާ ކޮށްފިނަމަ، ހިޔަނީގެ ދިގުމިނުގެ ވާހައިގެ ޙަޤީޤަތަކީ، ކޮބައިކަމާއި އެކަމަކީ، ފަލަކީ ޙިސާބާ ނުލައި އެނގޭނޭ ކަންކަމެއް ނޫންކަން ގަބޫލު ކުރެވޭނެއެވެ. ސޫރަތުލްފުރުޤާނުގެ 45 ފަވަ އާޔަތުގައިވާ ހިޔަނި ދެންމެވި ގޮތުގެ ޢިލްމުގެ ޢިލްމީ ބާބުގައި މި ބާވަތުގެ ހިޔަނި ވެސް ހިމެނެއެވެ. 

އިސްވެ ބަޔާންކުރި ދުވަސްދުވަހު މާލޭގައި ހުންނަ މީހާއޭ އޮތްނަމަވެސް ކޮންމެ ރަށެއްގައި ހުންނަ މީހަކަށް ވެސް، ޖޫން މަހުގެ 21 ވަނަ ދުވަހާއި، ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު، ޢަޞުރު ވަގުތުގައި ހިޔަނީގެ ދިގުމުނުގެ ތަފާތު ދެނެގަތުމުގެ ފުރުޞަތު އޮންނާނެއެވެ. ކޮންމެ ރަށަކަށް ފުރުޞަތު ނޯންނާނީ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހާއި، މާރިޗު މަހުގެ 31 ވަނަ ދުވަހު މާލެއަށް އެންމެ ކުރު ހިޔަނިން ޢަޞުރު ވާ ވަގުތުގައި ކުރު ހިޔަނީގެ ދިގުމިނުން، ކުރު ހިޔަނީގެ ދިގުމިން ދެނެގަތުމުގެ ފުރުޞަތެވެ. އެހެނީ، ކުރު ހިޔަނިން ޢަޞުރުވަގުތުވުން އެކިރަށްރަށަށް ތަފާތު ވާނެތީއެވެ. އެ ކަންކަމަކީ ވެސް ފަކަލީ ޢިލްމުގެ ކުޑަވިޔަސް ފަދަ އަކާ ނުލައި ދެނެގަނެވޭނެ ކަންކަމެއް ނޫނެވެ. 

ނަމާދު ވަގުތުތަކުން ފަތިސްނަމާދު ނިމޭ ވަގުތާއި، މަޣުރިބު ނަމާދު ފެށޭ ވަގުތު، އިރު އަރާވަގުތާއި އިރު އޮއްސޭ ވަގުތު، ވިއްސާރަ ނޫންނަމަ އިރު އަރާތަނާއި އޮއްސޭ ތަން ބަލައިގެން ފަލަކީ ޙިސާބާއި ނުލައި ވެސް ދެނެގަނެވިދާނެއެވެ. އެކަމަކު، ޢިޝާނަމާދާއި ފަތިސް ނަމާދު ފެށޭ ސީދާ ވަގުތު ކަށަވަރުކޮށް ދެނެގަނެވޭނީ ނަމާދު ވަގުތުތައް ދެނެގަތުމުގެ މައްޗަށް ހުރި ޙަދީސްފުޅުތަކުގެ ޝަރަޙައިގެ މައްޗަށް ބަލައިގެން، ހެދޭ ފަލަކީ ޙިސާބުންނެވެ. އެނޫން ގޮތެއްގައި ފަތިސްނަމާދު ފެށޭ ވަގުތާއި ޢިޝާނަމާދު ވަގުތު ކަށަވަރުކޮށް ދެނެއެއްނުގަނެވޭނެއެވެ.  ޒަކާތުގެ ހުރިހައި ކަމެއްގެ ވެސް ކަނޑައެޅިފައިވާ މިންވަރު ދެނެގަނެވުން ހުރީ ޙިސާބު ޢިލްމުގެ މައްޗަށެވެ. ވާރުތަ މުދާ ބެހުން ވެސް ހަމަ އެ ދަފައެވެ. 

ދުނިޔެ ވަށްކޮށް އޮންނަ އޮތުމުގެ ސަބަބުން ގައުމެއް އޮންނަ ޢަރުޟާއި ޠޫލުގެ ގޮތުން، ޚައްޠު އިސްތަވާއާއި ފެޔަށް އުތުރަށް ނުވަތަ ދެކުނަށް ރަށެއް ޖެހިފައި އޮންނަ މިންވަރެއްގެ މަތީންނާއި، އިރު އެ ދުވަސް ވަރެއްގައި ހުންނަ ޑިކްލިނޭޝަންގެ ގޮތުން ފަތިސް ނަމާދާއި ޢިޝާ ނަމާދު ވަގުތުގައި، އުދަރެހާއި އިރާ ހުންނަ ދުރުމިން، ދަރަޖައިގެ ގޮތުން ތަފާތުވާނެ މިންވަރާއި ޓްރޮޕިކް އޮފް ކެޕްރިކޯނުގައި އިރު ހުންނަ ދުވަސްވަރާއި، ޓްރޮޕިކް އޮފް ކެންސަރގައި އިރު ހުންނަ ދުވަސްވަރު، އެ ގައުމު އޮންނަ ޢަރުޟުގެ ގޮތުން އެ ތަނަކަށް ދުވަހުގެ ދިގު-ކުރުމިނުގައި ހުންނަ ބޮޑަތި ތަފާތާއި، އަހަރުން ހިނގާ ދުވަސްވަރުގެ ގޮތުން، އަމުދުން އިރު ނާރާ ތަންތަނާއި، އިރު ނޯއްސޭ ތަންތަން ހުންނައިރު، ނަމާދު ވަގުތުތައް ދެނެގަތުމުގައި އެ ތަނެއް އޮންނަ ޢަރުޟާއި، އިރު ހުންނަ ޢަރުޟުގެ އިތުރުން، އަހަރުގެ ދުވަސްވަރު ބަލައިގެން، ފަލަކީ ގޮތުން ވަގުތު ދެނެގަތުން ފިޔަވައި، ރަށަކަށް ނަމާދު ވަގުތު ދެނެގަނެވޭ ކަށަވަރު ވަސީލަތެއް ނުވެއެވެ. 

މި މައުޟޫޢުން ދެކެވޭ ވާހަކަ ފަހުމުވުމުގައި ނުވަތަ ދެނެގަތުމުގައި ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ، ވަގުތަކީ ކޮބައިކަމާއި ވަގުތުގެ ނަންތައް ދެނެގަތުމެވެ. އެ ލަފްޒެއް ބުނުމުން، އިވުމުން، އެއީ، ވަގުތުގެ ނަމެއްކަން އެނގި ފަހުމުވުމެވެ. އެކަން ފަހުމު ނުވެ ވަގުތާމެދު ދެކެވޭ ވާހަކައިން، ވަގުތުގެ އަޞްލު ދެނެ ނުގަނެވޭނެތީއެވެ.

ވަގުތަކީ، ޒަމާނުގެ މިންވަރެކެވެ. އޭގެ އެންމެ ކުޑަ މިންވަރު ޢަދަދު ކުރަން ފެށެނީ ސިކުންތުންނެވެ. އެހެންވީމާ އެނގެނީ "ސިކުންތު" އެއީ ވެސް ވަގުތަށް ކިޔާ ނަމެއްކަމެވެ. ވަގުތުގެ ކޮންމެ ނަމަކީ ޙިސާބުން ސިކުންތައް ބަދަލު ކުވޭ ކޮންމެ ލަފްޒެކެވެ.

ވަގުތުގެ މައިގަނޑު ނަންތަކަކީ: 

1 ސިކުންތު = 1 ސިކުންތު.

1 މިނެޓް = 60 ސިކުންތު. 

1 ގަޑި = 60 މިނެޓު، 60 މިނެޓު = 3,600 ސިކުންތު.

1 ރޭ = 12 ގަޑި، 12 ގަޑި = 720 މިނެޓު = 43,200  ސިކުންތު.

1 ދުވާލު = 12 ގަޑި، 12 ގަޑި = 720 މިނެޓު = 43,200 ސިކުންތު.

1 ދުވަސް = 24 ގަޑި، 1,440 މިނެޓު = 86,400 ސިކުންތު.

1 ހަފުތާ = 168 ގަޑި، 168 ގަޑި = 10,080 މިނެޓު = 604,800 ސިކުންތު.

1 މަސް = 720 ގަޑި، 720 ގަޑި = 43,300 މިނެޓު = 2,592,000 ސިކުންތު.

1 އަހަރު = 365 ދުވަސް، 365 ދުވަސް = 8,760 ގަޑި = 525,600 މިނެޓު = 31,536,000 ސިކުންތު. 

1 ގަރުނު = 100 އަހަރު

1 ސާސްކަފު = 1000 އަހަރު ވެސް ހިމެނެނީ ހަމަ އެފަދައިންނެވެ. އެއީ، ވަގުތުގެ ނަންނަމެވެ. 

ފަހެ، ސޫރަތުލް ބަގަރާގެ 189 ވަނަ އާތަޔުގައި މާނައަށް ބަލާއިރު، اَلْأَهِلَّةُ  މިއީ، އެއްވެސް އޮޅުމެއް ނެތި، هِلَالُ ގެ ގިނަ ގޮތްކަން އެނގެއެވެ. އެ ކަލިމައިގެ މާނަ ދިވެހިބަހުން އޮތީ "ހުޅެވިހަނދު" ގެ މާނައިގައެވެ. ހުޅެވިހަނދު މިއީ، ދިވެހި ބަހުގައި ނަން އިތުރުގެ ޢިބާރާތެކެވެ. އެތާނގައި އޮތް މުރާދަކީ ހިލާލުގެ ގިނަ މާނައެއް ދޭހަވާނެ ކަލިމައެއް ކަމުގައި ވުން ލާޒިމެވެ. އެއީ، ކީރިތި ޤުރުއާނުގައި ޖަމްޢު (ގިނަ) ލަފްޒެއް ތަރުޖަމާގައިވެސް ސީދާ މުޠްލަޤަށް، ގިނަކަމުގެ ދޭހަވާ މާނައެއް އޮތުމުން، އެ ބަސްފުޅު ފުރިހަމައަށް ފަހުމުވާނެތީއެވެ. ދިވެހި ބަހުން އޭގެ އައުލާ މުނާސަބު މާނައަކީ، "ހުޅެވިތަކެވެ." 

އެހެން ކަމުން ހުޅެވިތަކުން އަންގައިދެނީ ވަގުތެވެ. މައްސަރުގެ ދުވަސްތަކުގެ ޢަދަދެވެ. އިސްވެ ދިޔަ ތާވަލުން މައްސަރާއި ދުވަސްވެސް ހިމެނެނީ ވަގުތުގެ ތެރެއިންކަން އެނގެއެވެ. ހުޅެވި (ބަސްފޮތުގައިވާ "ފުޅެވި") މި ބަހަކީ ޢަރަބި ބަހުގެ "ހިލާލު" މި ކަލިމައިގެ ދިވެހިބަހެވެ. ހުޅެތްވަކީ، އިރުގެ ޟިޔާއު ހަނދަށް އެޅިގެން ހަނދުން ފާޅުވާ ނޫރު، އެކި ރޭރެޔަށް ރޭސިއޯއިން ނުވަތަ ނިސްބަތުން އެރެއެއް، އަންގައިދޭ ދަރަޖައެއްގައި ހަނދުގެ އަލިކަން ފައުޅުވެ ފެންނާން ހުންނަ މިންވަރުތަކަށް ކިޔޭ ނަމެވެ. 

ހަނދުގެ މައްސަރެއްގައި ހަތަރު ކުއާޓާރ އޮންނަ އިރު، ފުރަތަމަ ކުއާޓަރ ފިޔަވައި ދެން އޮންނަ ތިން ކުއާޓަރ، ސާބިތުވާ 3 މަގާމެއް ވަންހަނާއެެއް ނެތި ސާބިތުވެގެން ވެއެވެ. އަދި އެ ތިން މަގާމުގައި ހަނދުގެ އަލިކަމުގެ ނިސްބަތް ވެސް ހުންނާނީ އޮޅުމެއް ނާރާނެ ގޮތެއްގައި ދާއިމަށް ވެސް، އެއް ގޮތަކަށްކަމުން، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ، މި މަތިވެރި އާޔަތުގައި އަންގަވައި ބަޔާންކޮށް ދެއްވާފައިވާ ވަގުތު ދެނެގަތުމުގެ ޢިލްމީ ޙަޤީޤަތާމެދު އިންކާރު ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ 

އެ މަތިވެރި އާޔަތުގެ މާނައިގައި ވަގުތު ދެނެގަތުމާއި އަދި ޙައްޖު ދެނެގަތުން ބަޔާންވެގެން ވެއެވެ. މައްސަރެއްގައި، ރެއެއް އެއީ، ކޮން ރެއެއްކަން، ހިލާލުން ވަކިކޮށް ދެނެގަތުން ދަސްވެފައި ނެތް މީހަކަށް ވެސް އެއްވެސް އޮޅުމެއް ނެތި ސާބިތުވެ ކަށަވަރުވާނެ 4 ރެއިން، ހަމައެކަނި، 3 ކުއާޓަރ ފުރިހަމަވާ ރޭތަކުގެ ތަފްޞީލުގެ ބަޔާނެއް ހާމަކޮށްލާނަމެވެ. 

ފުރަތަމަ ކުއާޓަރ ފުރިހަމަވަނީ މައްސަރުގެ 7 ވަނަ ދުވަހުގައެވެ. 7 ވަނަ ދުވަހުގެ އިރު އޮއްސޭއިރު، ހަނދު ހުންނާނީ ކޮންމެ ރަށަކަށްމެ އެރަށެއްގެ މެރީޑިއަމް ލައިނަށް (އެބައެއްގެ މެދުން އުތުރުން ދެކުނަށް އެއްޕޯލުން އަނެއް ޕޯލަށް ދަމައިލެވޭ ޚިޔާލީ ރޮނގު) މެދުވާ ގޮތަށް އެ ބައެއްގެ މެދު އުޑުގައެވެ. ހަނދުގެ އަލިކަން ހުންނާނީ އެއްފަޅިއެވެ. އެއްފަޅިއަށް ވުރެ ބަލާ ބެލުމުގައި ކުޑަކޮށް އުނި އިތުރު ބައެއް މަސްމަހު ފާހަގަވާވަރު ވާނެއެވެ. އަދި ކުޑަ މިންވަރަކަށް ސީދާ މެދަށްވުރެ އިސްފަސް ވެސް ވާނެއެވެ. އެއީ، އެ މައްސަރެއް ފެށުމުގައި އެއްއުއިވި (އިޤްތިރާންވި) ވަގުތުގެ، އިސް ފަސްމިނުގެ ތަފާތާ ގުޅިފައިވާ ކަމެކެވެ. އެކަން އެނގޭނީ ފަލަކީ ޙިސާބުގެ އަހުލުވެރިންނަށެވެ. އެ ދުވަހުގެ ރޭ (8 ވަނަ ވިލޭރޭ) ހަނދުގެ އަލިކަން ހުންނަ ފަޅި ހުންނާނީ ހުޅަނގުފަރާތަވެ. 

ދެން އެ އާޔަތުގައި އޮތް އަނެއް ޙަޤީޤަތަކީ، "ޙައްޖު" އެވެ. ޙައްޖަކީ ވެސް ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. ހަނދު މައްސަރުގެ 8 ވަނަ ދުވަސް ބުނެވި ދިޔަ ހަމައިން ކަށަވަރުވުމުން އެ ދެނެގަނެވުނީ ޙައްޖު ދުވަހެވެ. އެހެނީ، ޙައްޖު މަހުގެ 8 ވަނަ ދުވަހަކީ، ތަމައްތަޢު ޙައްޖު ކުރާ މީހާވެސް، އަލުން ޙައްޖަށް އިޙުރާމް ބަންނަ ދުވަހެވެ. އަދި ތަމަތައްޢު ޙައްޖުވާ މީހުންނާއި އެ ނޫން މީހުން ވެސް 8 ވަނަ ދުވަހުގެ ރޭ (9 ވަނަ ވިލޭރޭ ނުވަތަ ޙައްޖުވިލޭރޭ) މިނާގައި ރޭ ކުރުމަށް މިނާއަށް ދާނެ ރޭ ޔަޤީންވީއެވެ.

ނުވަ ވަނަ ރެއާމެދު އެއްވެސް އޮޅުމެއްނެތި، 8 ވަނަ ހުޅެވި ކަށަވަރުވެ އެނގުމުން، ޙައްޖު ދުވަސް އޮޅުމެއް ނެތި ކަށަވަރު ވީއެވެ. އެކަން ދެނެގަނެވޭނެ ގޮތް ހުޅެވި ދެނެގަތުމުގެ މައްޗަށް ލައްވައިފައިވާކަން ޔަގީންނުކުރެވޭނެ ހެއްޔެވެ؟ ކީރިތި މި އާޔަތުގައި ހިމެނޭ ޢިލްމީ ޙަޤީޤަތަކީ، މީސްތަކުން ވަގުތު ދެނެގަތުމާއި، ޙައްޖުގެ ދުވަސްތައް ދެނެގަތުން ހަނދުގެ ހުޅެވިން ދެނެގަތުން ލައްވާފައިވާކަމެވެ. 

ދެ ވަނަ ކުއާޓަރ އަކީ، ސާދަވަނަ ދުވަހު ފުރިހަމަވާ ކުއާޓަރއެވެ. ހަނދު މައްސަރެއްގެ ސާދަ ވަނަ ދުވަސް ފުރިހަމަވެ އިރު އޮއްސޭ ފަނަރަ ވިލޭރޭ އަކީ، ހަނދުގެ އަލިކަން ފުރިހަމަވާ ރޭ ކަމަށް އިއްތިފާގުވެއެވެ. އެގޮތުން ހަނދުމަހުގެ ފަނަރަ ވިލޭރެއާއި ދުވަސް އޮޅުމެއް ނެތި އެނގޭ ގޮތް، ހަނދުގެ ހުޅެތްވާއި ގުޅިގެންވާކަން އޮޅުމެއް ނެތި އެނގެއެވެ. ނަމަވެސް، ހަނދު ފުރިހަމަވާ ވަގުތު، އެކި މަސްމަހު އިސްފަސްވާނެއެވެ. އެއީ، ކުރިން ބަޔާން ކުރެވުނު ފަދައިން އެ މައްސަރު ފެށުމުގައި އެއްއުއިވި ވަގުތުގެ އަވަސް ލަސްމިނާ ގުޅިފައިވާ ތަފާތެކެވެ. ފަލަކީ ޙިސާބުގެ އަހުލުންނަށް އެކަން އެނގޭނެއެވެ

ދެން އޮތީ ތިންވަނަ ކުއާޓަރެވެ. އެއީ މައްސަރުގެ 21 ވަނަ ދުވަހެވެ. 22 ވިލޭރެއަށް އިރު އޮއްސޭ އިރު، ހަނދު އަބަދުވެސް އޮއްސިފައިވާތީ، ހަނދު ފެންނާން ނެތުމުން ހަނދުގެ ހުޅެވީގެ މިންވަރު އިރު އޮއްސޭ ވަގުތު ބަލައިގެން ދެނެއެއް ނުގަނެވެއެވެ. އެހެނަސް، 22 ވަނަ ދުވަހު އިރު އަރާ ވަގުތު ހަނދު ހުންނާނީ އެބައެއްގެ މެރީޑިއަމް ލައިނަށް ވުރެ ކުޑަތަން ކޮޅެއް އިރަށް ޖެހިލައިފައެވެ. އެއީ، ތިންވަނަ ކުއާޓަރ ހަމަވާ ވަގުތަށް ވުރެން އިތުރަށް ވަގުތު ހިނގުމުގެ ސަބަބުން ފަސްވެފައިވާ މިންވަރެވެ. ހަނދުގެ އަލިކަން ހުންނާނެ މިންވަރަކީ އެއްފަޅިއެވެ. ހަނދުގެ އަލިކަން ހުންނަ ފަޅި ހުންނާނީ އިރުމައްޗަށެވެ. ހަނދުގެ އަކިލަމުގެ އުނި އިތުރު ގުޅިފައިވާނީ ކުރީ ދެ ކުއާޓަރުގައި ވެސް ފާހަގަކުރި ފަދައިން އެއްއުއިވާ ވަގުތުގެ ގޮތުން އިސްފަސްވީ މިންވަރާ ގުޅިފައެވެ. ފަލަކީ ޙިސާބުން މެނުވީ އެ މިންވަރެއް ނޭނގޭނެއެވެ.

މި ހިނގާ ޝައްވާލު މަހުގެ 22 ވަނަ ދުވަހު މާލެއަށް އިރުއަރާ ވަގުތުކަމުގައިވާ 5:55:00 އަށް ވުރެ އެ ދުވަހު ހަނދު މެދަށް އަންނަ ވަގުތު، މި ބުނި ގޮތުގެމަތީން 56 މިނެޓު ފަސްވާނެއެވެ. އެދުވަހު ހަނދު މެދަށް އަންނާނީ 6:51:00 ގައެވެ. ސަބަބަކީ، 3 ވަނަ ކުއާޓަރ ފުރިހަމަވަނީ، މި ޝައްވާލު މަހުގެ 21 ވަނަ ދުވަހު މާލޭ ގަޑިން 11:24 ގައިކަމަށް ވުމުން، 22 ވަނަ ދުވަހު މާލެއަށް އިރު އަރާއިރު، ހަނދު 3 ވަނަ ކުއާޓަރ ފުރިހަމަ ކުރިތާ 18 ގަޑިއުރާއި 32 މިނެޓް ވެފައިވާތީ، އެ މިންވަރުގެ ގޮތުން ހަނދު ފަސްވެފައި ވުމެވެ. 

އަދި ޔޫނުސު ސޫރަތުގެ 5 ވަނަ ޢާޔަތުން އެނގޭ ފަދައިން، އަހަރު ތަކުގެ ޢަދަދާއި، ޙިސާބު ދެނެގަތުމުގެ އަޞްލަކީ، ހަނދަށް މިންވަރު ކުރެއްވި މަންޒިލްތައް  (ނަކަތްތައް) ދެނެގަތުމާއެކު، ޙިސާބު ދެނެގަތުންކަން ހާމަވެއެވެ. އަދި "إنًا أمّة أميّة" މި ޙަދީސް ފުޅުގެ މާނައަށް ބަލާއިރު ޙިސާބުން ދެނެގަނެވޭ ކަމެއްކަން އޮޅުމެއް ނެތި ބަޔާންވެއެވެ. އެ ޙަދީސްފުޅުގެ މާނައިގައި ވަނީ، "އަހަރުމެން އުއްމިއްޔަ ޤައުމެއް ކަމުގައި ވީމުއެވެ. އަހަރުމެން ނުލިޔަމުއެވެ. އަދި ޙިސާބު ނުކުރަމުއެވެ." (މި ޙަދީސްފުޅުގެ މާނަ ނަކަލު ކުރީ: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، 18 އޭޕްރީލް 2020 ގައި "ލިޔުންތެރީންގެ ގުޅުން" އަށް ލިޔުއްވާފައިވާ "މުސްލިމުންގެ އެއްބައިވަންތަކަމާއި ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގައި ފަލަކީ ޙިސާބުގެ މައްޗަށް ބަރޯސާވުން" އެ މައުޟޫޢުގައިވާ ލިޔުމުގައި ތަރުޖަމާ ލިޔުއްވާފައިވާ ގޮތަށެވެ.)

ވީމާ، ވަގުތުތައް ކަށަވަރަށް ދެނެގަތުމުގައި ޙިސާބު ޢިލްމާ ނުލައި އެކަން ޙާޞިލް ވާނެހެއެޔެވެ؟

___________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ