އަދުގެ ޚާއްސަ

Print

އިސްލާމް އޮންލައިންގެ ނާދިލް މުބްދިޢީން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

މިއީ، ފަންވަތުގެ އަހުލުވެރިންނަށް ޢާއްމުކޮށް ހުޅުވާލެވިފައިވާ މަޒުމޫނެކެވެ. ނަމަވެސް މި މަޒުމޫނު ހަދިޔާކުރާ ޚާއްޞަ ފަރާތެއް ވެއެވެ. އެއީ، ދާދި ފަހުން ފަންވަތަށް ވާހަކައެއް ފޮނުއްވި ޒުވާން ލިއުންތެރިޔާ، ޝިފްޒާން އަޙްމަދެވެ.

އިސްލާމް އޮންލައިން ވެބްސައިޓްގައި ހިމެނޭ ބައިތަކުގެ ތެރެއިން މި މަޒުމޫނުގައި ބަލައިލާނީ، "ނާދިލް މުބްދިޢީން" ގެ މައްޗަށެވެ. އެބައިގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޅެމާއި ކުރުވާހަކައާއި ޢަރަބި ލިއުމާއި ފޮޓޯގްރަފީއާއި ކުރެހުމާއި ގްރެފިކްސް އާއި ކާޓޫނެވެ. މިއިން ކޮންމެ ބަޔެއްގައިވާ ތަކެތިން، ދަރިވަރުންގެ ޚިޔާލާއި ފިކުރު ތާޒާކުރެވިދާނެއެވެ. މިއީ، ދަރިވަރުން، ފަންނުތައް އުނގެނުމަށްޓަކައި ހުޅުވާލެވިފައިވާ ނާދީއެކެވެ.

އިސްލާމް އޮންލައިންގެ ނާދިލް މުބްދިޢީން، ތައްޔާރުކޮށްފައިވަނީ، ޢަރަބި ބަހުންނެވެ. އެހެންވީމާ، މި ނާދީން ފައިދާ ޙާޞިލުކުރުމަށް އެންމެ އެކަށޭނަ ބަޔަކަށް ވާނީ، ޢަރަބި ބަހުން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނެވެ. އިނގިރޭސި ބަހުން ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް އެހީތެރިކަން ލިބޭނެ، މިފަދަ އެތައް މަޞްދަރުތަކެއް އެބަހުއްޓެވެ. މަދީ، ޢަރަބި ބަހުން ތަޢުލީމް ޙާޞިލުކުރާ ކުދިންނަށް ލިބެންހުރި މަޞްދަރުތަކެވެ. މިހެންވެ، މި ނާދީއަށް ޒިޔާރަތްކުރުމަށް، ޢަރަބި އިސްލާމީ ތަޢުލީމުގެ ދަރިވަރުންނަށް ނަސޭހަތްތެރިވަމެވެ.

ނާދިލް މުބްދިޢީންގައި ޢާއްމު ބަހުން ހަދާ ޅެންތަކަށް ވަކި ބަޔެއް ޚާއްޞަކޮށްފައި ވެއެވެ. ޢަރަބި ޤައުމުތަކުގެ ޢާއްމު ދިރިއުޅުމުގެ ސަގާފަތު ދެނެގަތުމަށް މިއީ ވަރަށް ރަނގަޅު މަދުރަސާއެކެވެ. މިބައިގައި ޝާއިޢުކޮށްފައިވާ ޅެންތައް އެހާ ގިނައެއް ނޫނެވެ. ނަމަވެސް އެއިން ކޮންމެ ޅެމެއްގެ ތިރީގައިވާ ފާޑުކިއުމާއި ޚިޔާލަކީ، ވަރަށް ވެސް އަގު ބޮޑު ދަރުސްތަކެކެވެ.

ނާދިލް މުބްދިޢީން ގައި ވާ ކޮންމެ އެއްޗަކަށް ވެސް ފާޑުކިޔައި ޚިޔާލު ހުށަހަޅާފައިވެއެވެ. ނަމަވެސް އެ ތަނުގައި އެކަން އޮތީ މި ތަނުގައި (މި ފަންވަތުގައި) އެކަން އޮތް ގޮތަކަށް ނޫނެވެ. އެ ތަނުގައި ކޮންމެ އެއްޗަކަށް ފާޑުވިދާޅުވެ ޚިޔާލު ހުށަހަޅުއްވަނީ، އެއެއްޗެއްގެ ދާއިރާގެ ޢިލްމުވެރިންނެވެ. އެ ފާޑުވިދާޅުވުމާއި ޚިޔާލުތަކަކީ، ތިޔަ ކުދިން ތަޢުލީމު ޙާޞިލުކުރާ މަޖިލިސްތަކުން އަޑުއިވޭނެ އަދި ފެންނާނެ އެއްޗެއް ނޫނެވެ.

މަތީގައި ނަންގަނެވިދިޔަ ފަންނުތަކުގެ ތެރެއަށް ވަންނަން ޖެހޭ، ރަނގަޅު ދޮރުންވަދެ އުނގެނުމަށް މި ހުޅުވާދިނީ ދޮރާއްޓެކެވެ. ފަހެ، ތިޔަކުދިންގެ ތެރޭގައި މި ދޮރާށިން ވަދެ އުނގެނޭނެ ބަޔަކު އެބަތިބިހެއްޔެވެ؟

"ނާދިލް މުބްދިޢީން" އަށް ޒިޔާރަތްކުރެއްވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ!

ހަމަމިގަލަމުން

އިދާރާ

ވާހަކަ