އަދުގެ ޚާއްސަ

Print

بسملة ކިޔުމުގެ ޙުކުމް (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

(09 ޖޫން 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

2-    ނަމާދުގައި ބިސްމި ކިޔުން

ބިސްމިކިޔުމުގެ މަސްއަލައިގައި ޢިލްމުވެރިންގެ ދެރައުޔެއް ވެއެވެ.

ހ- سورة الفاتحة ކިޔަވާއިރު ބިސްމި ކިޔުމަކީ ލާޒިމުކަމެކެވެ. ބިސްމި ނުކިޔައިފިނަމަ سورة الفاتحة ކިޔެވި ކަމަކަށް ނުބެލޭނެއެވެ.(14) މިއީ ޝާފިޢީ މަޛްހަބެވެ. އަދި އެއީ އަޙްމަދުގެ ރައުޔުތަކުގެ ތެރެއިން ރައުޔެކެވެ. 

ށ- ބިސްމި ކިޔުމަކީ ލާޒިމުކަމެއް ނޫނެވެ. ބިސްމި ނުކިޔަސް ނަމާދު ޞައްޙަވާނެއެވެ. މިއީ ޙަނަފީ މަޛްހަބެވެ. 

ބިސްމި ކިޔާން ޖެހޭނެކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލުތައް

ހ- ބުޚާރީ ރިވާކުރެއްވި ޙަދީޘެއް ބުނާގޮތުގައި ރަސޫލުﷲގެފާނު ޙަދީޘްކުރައްވާ ގޮތުގައި سورة الفاتحة ގައި ހަތް އާޔަތްވެއެވެ. އެކަލޭގެފާނު މި އާޔަތްތައް ގުނުއްވިއިރު ބިސްމިއަކީ އާޔަތެއްކަމަށް ގުނުއްވާފައި ވެއެވެ. 

ށ- ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [إِذَا قَرَأْتُمُ (الْحَمْدُ لِلَّهِ) فَاقْرَءُوا (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) إِنَّهَا أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِى وَ (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) إِحْدَاهَا].(15) ތިޔަބައިމީހުން (الْحَمْدُ لِلَّهِ) ކިޔަވާނަމަ (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) ކިޔަވާށެވެ. ހަމަކަށަވަރުން އެއީ (އެބަހީ سورة الفاتحة އަކީ) ޤުރްއާނުގެ މަންމައެވެ. ފޮތުގެ (الكتاب(16)ގެ) މަންމައެވެ. އެއީ السَّبْعُ الْمَثَانِى (ތަކްރާރުކޮށް ކިޔެވޭ ހަތް އާޔަތް) އެވެ. އަދި (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) އަކީ އެ ސޫރަތުގެ އާޔަތެކެވެ. 

ނ- އުއްމުސަލަމާގެ އަރިހުން އިބްނު ޚުޒައިމާ ރިވާކުރެއްވި ޙަދީޘް ބުނާގޮތުގައި رسول الله صلى الله عليه وسلم ސޫރަތުލް ފާތިޙާގެ އާޔަތްތައް ގުނާ ޢަދަދުކުރެއްވިއިރު  (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) އަކީ އާޔަތެއްކަމަށް ވިދާޅުވިއެވެ. ދެން (الْحَمْدُ لِلَّهِ رب العالمين) އާޔަތެއްކަމަށް ވިދާޅުވިއެވެ.(17)

ރ- ކީރިތި ޤުރްއާނުގެ توبة سورة ފިޔަވާ ކޮންމެ ސޫރަތެއް ފަށާއިރު (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) ލިޔުއްވާފައިވަނީ ރަސޫލާގެ ޞަޙާބީންނެވެ. އެއީ ޤުރްއާން ކަމުގައިނުވާނަމަ އެބޭކަލުން މުޞްޙަފުގައި (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) އެއް ނުލިއުއްވާނެއެވެ. 

ބ- ކީރިތިރަސޫލާގެ ޞަޙާބީން ކޮންމެ ސޫރަތެއް ފެށޭތާނގައި (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) ލިއުއްވީ ސޫރަތް ވަކިކުރާކަށް ނޫނެވެ. އެހެންނަމަ توبة سورة ފެށޭ ތާނގައިވެސް (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) ލިއުއްވާނެއެވެ. 

ޅ-  ސޫރަތުލް ފަތިޙާގެ އާޔަތްތަކުގެ ނަންބަރަށް ބައްލަވާށެވެ! (بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) ލިޔުއްވައިފައި އެތާނގައި 1 ޖައްސަވައިފައިވެއެވެ. އެހެން ސޫރަތްތަކުގައި ބިސްމީގައި އެކެއް ޖައްސަވައިފައެއް ނުވެއެވެ. މިއިން އެނގެނީ ކޮން އެއްޗެއްތޯއެވެ؟ އެއީ އަލްޙަމްދުގެ ފުރަތަމަ އާޔަތް ކަމެވެ. ބިސްމި އާޔަތެއްކަމުގައި ނުބަލާނަމަ އަލްޙަމްއދުގެ ހަތްވަނަ އާޔަތަކީ ކޮބައިތޯއެވެ؟ ރަސޫލާ  ވަނީ އަލްޙަމްދުގައި ހަތް އާޔަތްވާކަން ކަށަވަރުކޮށް ދެއްވައިފައެވެ.  

ރަނގަޅު ރައުޔު  

އިސްވެދިޔަ ދަލީލުތަކަށް ބަލާއިރު ބުރަވާންޖެހެނީ ބިސްމި ކިޔަންޖެހޭނެކަމަށް ވިދާޅުވާ ބޭކަލުންގެ ރައުޔަށެވެ. މި ބޭކަލުންގެ ދަލީލުތައް ވަރުގަދަކަމަށް ވާތީއެވެ. 

الحمدކިޔަވާއިރު بسمކިޔުމުގެ ޙުކުމް

ހ- މާލިކީ މަޛްހަބު: بسم އަކީ سورة الفاتحة ގެ އާޔަތެއް ނޫނެވެ. އެހެންވީމާ ފާޅުގައިވެސް އަދި ސިއްރުގައިވެސް بسم ކިޔުމެއް ނެތެވެ. 

ށ- ޙަންބަލީ މަޛްހަބު: بسم އަކީ سورة الفاتحة ގެ އާޔަތެކެވެ. ނަމާދުގައި سورة الفاتحة ކިޔަވާއިރު بسم ކިޔަން ޖެހޭނެއެވެ. 

ނ- ޝާފިޢީ މަޛްހަބު: بسم އަކީ سورة الفاتحة ގެ އާޔަތެކެވެ. ނަމާދުގައި سورة الفاتحة ކިޔަވާއިރު بسم ކިޔަން ޖެހޭނެއެވެ. ޖަހްރިއްޔަ ނަމާދުތަކުގައި بسم ކިޔާނީ ބާރަށެވެ. އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. [أن النبي صلى الله عليه وسلم جهر ببسم الله الرحمن الرحيم] ނަބީކަލޭގެފާނު بسم ބާރަށް ކިޔަވާ ވިދާޅުވިއެވެ. (18) އަދިވެސް ވާރިދުވެގެންވެއެވެ. [سعيد بن عبد الرحمن بن أبزي عن أبيه أن عمر جهر ببسم الله الرحمن الرحيم.(19) – ސަޢީދު ބިން ޢަބްދުއްރަޙްމާނު ބިން އަބްޒީ އެކަލޭގެފާނުގެ ބަފައިކަލުންގެ އަރިހުން ރިވާކުރެއްވިއެވެ:  ޢުމަރުގެފާނު ބިސްމި ބާރަށް ވިދާޅުވިއެވެ. "އަބޫ ހުރައިރަތުގެފާނު އަރިހުން ވާރިދުވެފައިވާ ގޮތުގައި ނަބީކަލޭގެފާނު އަޑުހަރުކޮށް ބިސްމި ވިދާޅުވެ އެގޮތަށް ޢަމަލުކުރުމަށް އަމުރު ކުރެއްވިއެވެ.(20)

އަބޫބަކްރުލްޚަޠީބު ޞަޙާބީންގެ ޖަމާޢަތެއްގެ ކިބައިން ނަޤްލުކުރައްވާ ގޮތުގައި ނަބީކަލޭގެފާނު ބިސްމި ބާރަށް އަޑުހަރުކޮށް ކިޔަވާވިދާޅުވިއެވެ. މި ޖަމާޢަތުގައި ހިމެނިވަޑައިގަންނަވާ 17ބޭކަލުންގެ ތެރޭގައި އަބޫބަކްރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި ޢަލީގެފާނާއި އިބްނު ޢައްބާސާއި އިބްނު ޢުމަރާއި ޢައްމާރުބިން ޔާސިރު ހިމެނިވަޑައިގަންނަވާކަމަށް އިމާމު ޣަޒާލީ ވިދާޅުވެފައި ވެއެވެ.(21)  

އަނަސުގެފާނު އަރިހުން ރިވާވެގެންވާ ޙަދީޘް [كانوا يستفتحون القراءة بالحمد لله رب العالمين– ކިޔަވައިވިދާޅުވާން ފައްޓަވަނީ އަލްޙަމްދުންނެވެ. ޣަޒާލީ ވިދާޅުވާގޮތުގައި [ކިޔަވާވިދާޅުވަން ފަށްޓަވަނީ] މި ބަހުގެ މާނައަކީ ނަމާދުގައި ކިޔަވާވިދާޅުވަން ފަށްޓަވާ ސޫރަތަކީ އަލްޙަމްދެވެ.(22)

މާތްﷲ ރުއްސުންލެއްވި ޤަތާދަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ  ޤުރްއާން  ކިޔަވާ ވިދާޅުވިގޮތާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މަލިކުގެފާނާ ސުވާލު ކުރެވުނެވެ. އެހިނދު އަނަސުގެފާނު ވިދާޅުވިއެވެ. [ރަސޫލުﷲގެފާނު ކިޔަވާ ވިދާޅުވީ ކޮންމެ ކަލިމައެއް ވަކިވަކީންނެވެ.] އެކަލޭގެފާނު (بسم الله الرحمن الرحيم) ވިދާޅުވިއިރު ވިދާޅުވީ (بسم الله) އެވެ. ދެން (الرحمن) އެވެ. ދެން (الرحيم) އެވެ. މި ބަސްފުޅުން ރަސޫލުﷲގެފާނު ބިސްމި ވިދާޅުވީ ބާރަށްކަން ވެސް އެނގެއެވެ. އެހެންނޫންނަމަ އަނަސުގެފާނަށް މި ގޮތަށް ވިދާޅެއް ނުވާނެއެވެ. އަނަސުގެފާނުގެ ބަސްފުޅަކީ މުޠުލަޤު ބަސްފުޅެކެވެ. ނަމާދުގައްޔާއި ނަމާދުން ބޭރުވެސް ޝާމިލުވެއެވެ. 

ޝާފިޢީން ޙުއްޖަތް ދައްކަވަން ބޭނުން ކުރައްވާ އިތުރު ދަލީލަކީ އުއްމު ސަލަމާގެ އަރިހުން ވާރިދުވެފައިވާ ހަދީސެވެ. އެކަމަނާ ވިދާޅުވިއެވެ. [ރަސޫލާ  ކިޔަވާ ވިދާޅުވީ (بسم الله الرحمن الرحيم ) (الحمد لله رب العالمين) މި ގޮތަށެވެ. އެކަލޭގެފާނު ބަސްމަލާ އާޔަތެއްގެ ގޮތުގައި ގުނުއްވިއެވެ.]

އެއްފަހަރަކު މުޢާވިޔަތުގެފާނު މަދީނާގައި ޖަހްރިއްޔަ ނަމާދެއް ކުރެއްވިއިރު ބިސްމި ވިދާޅުވެގެން އަލްޙަމްދު ކިޔަވާ ވިދާޅުވިއެވެ. އެކަމަކު ސޫރަތް ވިދާޅުވިއިރު ބިސްމި ވިދާޅެއް ނުވެއެވެ. ނަމާދުކޮށް އަވަދިވެވަޑައިގަތުމުން މިނަމާދުގައި ބައިވެރިވެ ވަޑައިގެންނެވި މުހާޖިރުންނާއި އަންޞާރުން މުޢާވިޔާއަށް ގޮވައިލައްވާ ވިދާޅުވިއެވެ. [ތިބާ ނަމާދުން ވައްކަން ކުރެއްވީތޯއެވެ؟ ނުވަތަ ހަނދުމަފުޅު ނެތުނީތޯއެވެ؟ އޭގެފަހުން މުޢާވިޔަތުގެފާނު ކުރެއްވި ނަމާދުގައި ސޫރަތް ވިދާޅުވިއިރު ބިސްމި ބާރަށް ވިދާޅުވިއެވެ.(23) 

މައުމޫމުން ޤުރްއާން ކިޔެވުން 

ނަމާދުގައި އިމާމުގެ މައްޗަށާއި މައުމޫމުންގެ މައްޗަށް ޤުރްއާން ކިޔެވުން ވާޖިބުވެގެންވާކަމަށް ހުރިހާ ދަންނަބޭކަލުން ވެސް އެއްބަސްވެވަޑައި ގަންނަވައެވެ. 

ހަމައެފަދައިން އެބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އިމާމަކީ މައުމޫމުގެ ކިބައިން ކަންތައްތަކެއް ތަޙައްމުލު ކުރާނެ މީހެކެވެ. އެކަމަކު ކިޔެވުން ތަޙައްމުލުކުރުމުގެ މަސްއަލާގައި އެބޭކަލުންގެ ރައުޔު ތަފާތެވެ. މިކަމުގައި ތިން މަޛްހަބެއްވެއެވެ.

ހ- ހުރިހާ ނަމާދެއްގައިވެސް (އެއީ ސިއްރިއްޔަ ނަމާދަކަށް ވިޔަސް ޖަހްރިއްޔަ ނަމާދަކަށް ވިޔަސް) މައުމޫމުން ޤުރްއާން ކިޔަވަން ޖެހޭނެއެވެ. އިމާމުގެ ކިޔެވުމުގެ އަޑުއިވުނަސް ނީވުނަސް ތަފާތެއްނެތެވެ. މިއީ ޝާފިޢީންނާއި ޡާހިރީންގެ ރައުޔެވެ. ކީރިތިރަސޫލާގެ ޞަޙާބީންގެ ތެރެއިންނާއި ތާބިޢީންގެ ތެރެއިން ވަރަށް ގިނަ ބޭކަލުންގެ ރައުޔަކީ މިއެވެ. (24) 

ށ- އެއްވެސް ނަމާދެއްގައި މައުމޫމުންނަށް ޤުރްއާން ކިޔެވުން ވާޖިބެއް ނުވާނެއެވެ. އިމާމުގެ ކިޔެވުމުގެ އަޑު އިވުނަސް ނީވުނަސް މަސްއަލައެއްނެތެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އެހެނީ އިމާމުގެ ކިޔެވުމަކީ އެމީހުންގެ ފަރާތުން ކިޔެވޭ ކިޔެވުމެކެވެ.(25) 

ނ- އެއްވެސް ނަމާދެއްގައި މައުމޫމުންނަށް ޤުރްއާން ކިޔެވުން ވާޖިބެއްނުވާނެއެވެ. ނަމަވެސް މާލިކީން ވިދާޅުވާގޮތުގައި ސިއްރިއްޔަ ނަމާދުތަކުގައި މައުމޫމުންނަށް ޤުރްއާން ކިޔެވުން ސުންނަތްވެގެންވެއެވެ.(26) 

ރ- ޙަންބަލީ މަޛްހަބު ބުނާގޮތުގައި ސިއްރިއްޔަ ނަމާދުގައްޔާއި ޖަހްރިއްޔަ ނަމާދުތަކުގައި އިމާމުގެ ކިޔެވުމުގެ އަޑު ނީވޭނަމަ މައުމޫމުންނަށް ކިޔެވުން ސުންނަތްވެގެން ވެއެވެ.(27)

އިސްވެދިޔަ ވާހަކަތަކުން އެނގޭގޮތުގައި ޝާފިޢީ މަޛްހަބުގައި މައުމޫމުންނަށް ވެސް ޤުރްއާން ކިޔެވުން ވާޖިބުވެގެން ވެއެވެ. ޙަނަފީ މަޛްހަބުގައި މައުމޫމުންނަށް ޤުރްއާން ކިޔެވުމަކީ މަނާކަމެކެވެ. މާލިކީ މަޛްހަބުގައި ޤުރްއާން ކިޔެވުން ސުންނަތްވެގެން ވަނީ ހަމައެކަނި ސިއްރިއްޔަ ނަމާދުތަކުގައެވެ. ޙަންބަލީ މަޛްހަބުގައި އިމާމުގެ ކިޔެވުމުގެ އަޑު ނީވޭނަމަ ޤުރްއާން ކިޔެވުން ސުންނަތްވެގެން ވެއެވެ. 

(ނުނިމޭ)

ފުޓް ނޯޓާއި ޙަވާލާ:

14- مغنى المحتاج

15- أخرجه الدارقطني (١/٣١٢والبيهقي (٢٤٨٦)

16- މުސްލިމުންގެ ގާތުގައި الكتابއޭ ބުނެވިއްޖެނަމަ އެއީ ކީރިތިޤުރްއާނެވެ.

17- مغنى المحتاج ،  نيل الأوطار  حـ 2

18- رواه البخارى ومسلم عن أبى هريرة وأم سلمة وابن عباس وأنس بن مالك  وعلى بن أبى طالب وسمرة بن جندب

19- مصنف ابن أبى شيبة

20-  الوسيطفي المذهب للإمام الغزالى ، 2 / 112صش

21-  الوسيطفي المذهب ، 2 / 113

22 انظرالوسيطفي المذهب للإمام الغزالى  ، 12 / 114

23-أخرجه الحاكم

24- المجموع، المحلى

25- بدائع الصنا ئع

26- حاشية الدسوقى، الشرح الكبير

27- المغنى

)ނުނިމޭ(

ހަމަމިގަލަމުން

އިދާރާ

ވާހަކަ