އަދުގެ ޚާއްސަ

Print

بسملة ކިޔުމުގެ ޙުކުމް (4)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

(10 ޖޫން 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

އިސްވެދިޔަ ވާހަކަތަކުން އެނގޭގޮތުގައި ޝާފިޢީ މަޛްހަބުގައި މައުމޫމުންނަށް ވެސް ޤުރްއާން ކިޔެވުން ވާޖިބުވެގެން ވެއެވެ. ޙަނަފީ މަޛްހަބުގައި މައުމޫމުންނަށް ޤުރްއާން ކިޔެވުމަކީ މަނާކަމެކެވެ. މާލިކީ މަޛްހަބުގައި ޤުރްއާން ކިޔެވުން ސުންނަތްވެގެން ވަނީ ހަމައެކަނި ސިއްރިއްޔަ ނަމާދުތަކުގައެވެ. ޙަންބަލީ މަޛްހަބުގައި އިމާމުގެ ކިޔެވުމުގެ އަޑު ނީވޭނަމަ ޤުރްއާން ކިޔެވުން ސުންނަތްވެގެން ވެއެވެ. 

ރައުޔު ތަފާތުވުމުގެ ސަބަބު  

މި މަސްއަލާގައި ރައުޔު ތަފާތުވުމުގެ ސަބަބަކީ ނައްޞުން ދޭހަވާ ބޭރުފުށުގެ ދޭހަވުން ތަފާތުވުމެވެ. ބައެއް ޙަދީޘްތައް ބުނާގޮތުގައި سورة الفاتحة ނުކިޔަވާ ނަމާދެއް ނަމާދަކަށް ނުވާނެއެވެ. އަނެއްބައި ޙަދީޘްތައް ބުނާގޮތުގައި އިމާމެއްގެ ފަހަތުގައި ނަމާދުކުރާނަމަ އިމާމުގެ ކިޔެވުމަކީ އޭނާގެ ވެސް ކިޔެވުމެވެ. 

ފުރަތަމަ މަޛްހަބު: މި މަޛްހަބު ބުނާގޮތުގައި ނަމާދުގައި ޤުރްއާން ކިޔެވުމަކީ ވާޖިބުކަމެކެވެ. މިކަމުގެ ދަލީލަކީ: 

ހ- މާތްﷲ ވަޙީކުރައްވަނީ ((فَٱقْرَءُوا۟ مَا تَيَسَّرَ مِنَ ٱلْقُرْءَانِ ۚ)28) – ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!)) މި އާޔަތުގައި މާތްﷲ ޤުރްއާނުން ފަސޭހަވެގެންވީ މިންވަރެއް ކިޔެވުމަށް މިވަނީ އަމުރުކުރައްވައިފައެވެ. މިއީ ޢާންމު ބަސްފުޅެކެވެ. އިމާމުން މައުމޫމުން ތަފާތު ކުރައްވައިފައެއް ނުވެއެވެ. އަދި ސިއްރިއްޔަ ނަމާދެއް ޖަހްރިއްޔަ ނަމާދެއްވެސް ތަފާތު ކުރައްވާފައެއް ނެތެވެ. ޤުރްއާނުން ކިޔަވަންވީ ކޮން އެއްޗެއްކަން ރަސޫލުﷲގެފާނުވަނީ ބަޔާން ކޮށްދެއްވައިފައެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ ((لَاصَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ(29) - ސޫރަތުލްފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއްނެތެވެ.))

ށ- ބުޚާރީ ފިޔަވައި ޖަމާޢަތުގެ ހުރިހާ ބޭކަލުން އަބޫހުރައިރާގެ އަރިހުން ރިވާކުރެއްވި ޙަދީޘް ބުނާގޮތުގައި ((مَنْ صَلَّى صَلَاةً لَمْ يَقْرَأْ فِيهَا بِأُمِّ الْقُرْآنِ فَهِيَ خِدَاجٌ(30) - އެނަމާދެއްގައި އުއްމުލްޤުރްއާނު ނުކިޔަވާ ކުރާނަމާދަކީ އުނި ނަމާދެކެވެ.)) އަބޫހުރައިރާއަށް ދެންނެވުނެވެ. އަޅުގަނޑު ބައެއް ފަހަރަށް އިމާމުގެ ފަހަތުގައި ހުރެ ވެސް ނަމާދުކުރަމެވެ. އެހިނދު އަބޫހުރައިރާ އަހުރެންގެ އަތަށް ފިއްތަވާލައްވައިފާ ވިދާޅުވިއެވެ. [އޭ މިހިރަ ފާރިސީ މީހާއޭވެ! ތިބާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔަވާށެވެ!](31) މިޙަދީޘް ބުނާގޮތުގައި އިމާމާ سورة الفاتحة ކިޔެވިޔަސް މައުމޫމުން ވެސް އެސޫރަތް ކިޔަވަން ޖެހޭނެއެވެ. ޝާފިޢީން ވިދާޅުވާގޮތުގައި ޙަނަފީން ކިޔަވަން ނުޖެހޭނެކަމަށް ހެއްކެއްގެ ގޮތުގައި ދައްކާ ޙަދީޘަކީ سورة الفاتحة ނޫން އެހެން ސޫރަތްތަކާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘެކެވެ. 

ނ- ޢުބާދަތު ބުނުއްޞާމިތުގެ އަރިހުން ރިވާވެގެންވެއެވެ. ޤުރްއާން ބާރަށް ކިޔަވަންޖެހޭ ބައެއް ނަމާދުތައް ރަސޫލުﷲގެފާނު އަހުރެމެންނާއިގެން ކުރެއްވިއެވެ. ނަމާދުފުޅުކުރައްވާ އަވަދިވެ ވަޑައިގެން ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ބާރަށް ކިޔަވާ ވިދާޅުވުމުން ތިޔަބައިމީހުން ކިޔެވިހެން ހެއްޔެވެ؟ ބައެއްމީހުން ކިޔެވިކަމަށް ދެންނެވިއެވެ. އެހިނދު ޙަދިޘްކުރެއްވިއެވެ. ((لاَتَفْعَلُوا إِلاَّ بِأُمِّ الْقُرْآنِ، فَإِنَّهُ لاَصَلاةَ لِمَنْ لَمْ يَقْرَأْ بِهَا(32) - އުއްމުލްޤުރްއާނު ފިޔަވާ އެހެން އެއްޗެއް ނުކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެ ސޫރަތް ނުކިޔަވާ މީހަކަށް ނަމާދެއްނެތެވެ.))

ރ- ޝާފިޢީން ވިދާޅުވާ ގޮތުގައި سورة الفاتحة ކިޔެވުމަކީ ނަމާދުގެ ރުކްނެކެވެ. ކޮންމެ މީހަކުވެސް ރުކުންތައް ފުރިހަމަކުރަން ޖެހޭނެއެވެ.

ދެވަނަ މަޛްހަބު: މި މަޛްހަބު ބުނާގޮތުގައި ނަމާދުގައި މައުމޫމުން ޤުރްއާން ކިޔަވައިގެން ނުވާނެއެވެ. މިކަމުގެ ދަލީލަކީ 

ހ- މާތްﷲ ވަޙީކުރައްވަނީ ((وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ (33) – އަދި ޤުރްއާން ކިޔެވޭނަމަ ތިޔަބައިމީހުން ހަނުތިބެ އެއަށްކަނުލައި އަހާށެވެ!)) ޙަނަފީން ވިދާޅުވާގޮތުގައި މިއާޔަތް ބާވައިލެއްވީ ނަމާދާ ބެހޭގޮތުންނެވެ. މި އާޔަތުގައި އެ އަންގަވަނީ ޤުރްއާން ކިޔެވޭއިރު ހަނުތިބެ އެއަށް ކަނުލައި އެހުމަށެވެ. އެހެންކަމުން ސިއްރިއްޔަ ނަމާދުތަކުގައްޔާއި ޖަހްރިއްޔަ ނަމާދުތަކުގައި މައުމޫމުން ކިޔަވައިގެން ނުވާނެއެވެ. އެމީހުން ތިބެންޖެހޭނީ ހަނުހިމޭނުންނެވެ. ޙަނަފީންނަށް ރައްދު ދެއްވައި ޢިލްމުވެރިން ވިދާޅުވަނީ " ޤުރްއާން ކިޔެވޭނަމަ "  އޭ އޮތުމުން ޤުރްއާން ކިޔެވާ އަޑުއިވުން ލާޒިމުވެގެން ވެއެވެ. އަޑު ނީވޭނަމަ ކިޔަވަން ޖެހޭނެއެވެ. 

ށ- ކީރިތިރަސޫލާގެ ސުންނަތަށް ބަލައި އިރު އެކަލޭގެފާނު ޙަދީޘްކުރައްވަނީ [مَنْ كَانَ لَهُ إِمَامٌ فَقِرَاءَةُ الْإِمَامِ لَهُ قِرَاءَةٌ (34) - އިމާމަކު ލިބިގެންވާމީހާ، ފަހެ އޭނާގެ އިމާމުގެ ކިޔެވުމަކީ އޭނާގެ ކިޔެވުމެވެ.] މި ބަސްފުޅުން އެނގޭގޮތުގައި މައުމޫމުން ކިޔަވާކަށް ނުޖެހޭނެއެވެ. އެހެނީ އިމާމު ކިޔެވުމުން މައުމޫމުން ކިޔެވި ފަދައެވެ. އެހެނަސް ޤުރްއާން ކިޔަވާ އަޑު ނީވޭނަމަ އިމާމާ ކިޔެވިކަމެއް ނުކިޔަވާކަމެއް ނޭނގޭނެއެވެ. އިމާމާ ކިޔަވާ އަޑު ނީވޭނަމަ މައުމޫމާ އެ ހުރިހާ ވަގުތެއް ހޭދަކުރާނީ އެއްވެސް ކަމެއް ނުކޮށެވެ. މިއީ ނަމާދު ކުރާ މީހާ  ޚުޝޫޢަތްތެރިކަމާ ދުރުހެލިކޮށްފާނެ ކަމެކެވެ. 

ނ- ނަމާދުގައި މަސްބޫޤަށް ކިޔަވާކަށް ނުޖެހެއެވެ. އިމާމުގެ ކިޔެވުން ފުދެއެވެ. އެހެންކަމަށް ވާނަމަ މައުމޫމުންނަށްވެސް ކިޔަވާކަށް ނުޖެހޭނެއެވެ. މި ބަހަށް ރައްދު ދެއްވައި ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއީ އިސްތިސްނާ ޙާލަތެކެވެ. މި ޙާލަތަށް ޤިޔާސްކޮށް އެ ޙުކުން ޢާއްމެއް ނުކުރެވޭނެއެވެ. 

ތިންވަނަ މަޛްހަބު: މިއީ މަލިކީ މަޛްހަބާއި ޙަންބަލީ މަޛްހަބެވެ. މަލިކީ މަޛްހަބުގައި ސިއްރިއްޔަ ނަމާދުގައި ކިޔެވުން ސުންނަތްވެގެންވެއެވެ. ޙަންބަލީ މަޛްހަބުގައި ސިއްރިއްޔަ ނަމާދުތަކުގައި ކިޔެވުން ވާޖިބު ވެގެންވެއެވެ. އަދި ޖަހްރިއްޔަ ނަމާދުތަކުގައި އިމާމުގެ އަޑުނީވޭނަމަ މައުމޫމުންނަށް ކިޔެވުން ސުންނަތްވެގެން ވެއެވެ. މާލިކީން ވިދާޅުވާގޮތުގައި އަބޫހުރައިރާގެ އަރިހުން އައްދާރު ޤުޠުނީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. [ތިމަންކަލޭގެފާނު ސިއްރުން ކިޔަވާ ވިދާޅުވާނަމަ ތިޔަބައިމީހުން ކިޔަވާށެވެ. އެކަމަކު ތިމަން ކަލޭގެފާނު ބާރަށް ކިޔަވާ ވިދާޅުވާނަމަ ތިޔަބައިމީހުންގެ ތެރެއިން ހަމައެކަކުވެސް ނުކިޔަވާ ހުށިކަމެވެ!] މި ޙަދީޘުގައި މިވަނީ ޖަހްރިއްޔަ ނަމާދުތަކުގައި ނުކިޔަވަން އަދި ސިއްރިއްޔަ ނަމާދުތަކުގައި ކިޔަވަން ވިދާޅުވެފައެވެ. 

ޙަންބަލީންގެވެސް ދަލީލަކީ މިއެވެ. އެބޭކަލުން ޖަހްރިއްޔަ ނަމާދުގައި އިމާމުގެ ކިޔެވުން އަޑުނީވުމަކީ ސިއްރިއްޔަ ނަމާދަކާ އެއްފަދަވުންކަމަށް ވިދާޅުވެ  ޤިޔާސްކުރައްވަނީއެވެ. 

ބުރަވެވޭ ރައުޔު 

މިދަލީލުތަކަށް ބަލާއިރު ބުރަވެވޭ ރައުޔަކީ ސިއްރިއްޔަ ނަމާދުތަކުގައި މައުމޫމުން ޤުރްއާން ކިޔަވަން ޖެހޭނެއެވެ. އެކަމަކު ޖަހްރިއްޔަ ނަމާދުތަކުގައި އިމާމުގެ އަޑުއިވޭނަމަ މައުމޫމުންނަށް ޤުރްއާން ކިޔަވާކަށް ނުޖެހޭނެއެވެ. މިއީ މާލިކާއި އަޙްމަދާއި އިބްނުލް މުބާރަކާއި އިސްޙާޤުގެ ބަސްފުޅެވެ. މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ޝަލްތޫތާއި އައްސާއިސް ފަދަ ޢިލްމުވެރިން ބުރަވެވަޑައިގަންފައިވަނީ މިރައުޔަށެވެ. 

އިބްނު ޙަޖަރު ވިދާޅުވެފައިވާ ފަދައިން ޖަހްރިއްޔަ ނަމާދުތަކުގައި އިމާމާ سورةالفاتحة ކިޔެވުމަށްފަހު މައުމޫމުންނަށް سورة الفاتحة ކިޔެވޭހާ މިންވަރަށް ހަނުހިމޭނުން ހުރުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ سورة الفاتحة ކިޔަވަން ޖެހޭކަމަށް ޤަބޫލުކުރާ މީހުންނަށް ވަގުތު ދިނުމަށް ޓަކައެވެ. (35)

ނިންމުން

1- ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމަށް ވިދާޅުވާ ބޭކަލުންގެ ރައުޔަށް ބަލާއިރު ބިސްމި ނުކިޔައިފިނަމަ އެމީހުންގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. މިއީ އިމާމުއްޝާފިޢީއާއި އިމާމު އަޙްމަދުގެ ރައުޔެވެ. އެހެނަސް އިމާމު އަބޫ ޙަނީފާއާއި އިމާމު މާލިކުގެ ރައުޔަށް ބަލާއިރު އަލްޙަމްދު ކިޔަވާއިރު ބިސްމި ނުކިޔެވިޔަސް އެނާގެ ނަމާދު ބާޠިލެއް ނުވާނެއެވެ. 

2-ބަސްމަލާއަކީ ޤުރްއާނުގެ ބައެކެވެ. ޤުރްއާނުގެ ބައެއް ނޫންކަމަށް ބުނާ ބުނުންތަކަކީ ބާޠިލު ބުނުންތަކެކެވެ.

3-ބަސްމަލާ މުތަވާތިރުކޮށް ވާރިދުވެފައިނުވާ ކަމަށް ބުނާބުނުމަކީ ވެސް ބާޠިލު ރައުޔެކެވެ. ބިސްމިއަކީ ޤުރްއާނުގެ އާޔަތެއް ކަމަށް ބުނާ ޤިރާއަތްތަކަކީ މުތަވާތިރު ޤިރާއަތްތަކެކެވެ. 

4-އެހެންކަމުން ނަމާދުކުރާއިރު ބިސްމި ކިޔުމަކީ އެންމެ ކުޑަމިނުން ސުންނަތެކެވެ. ވީމާ އެންމެ ރައްކައުތެރި ގޮތަކީ އަލްޙަމްދު ކިޔަވާއިރު ބިސްމި ކިޔުމެވެ. 

 (ނިމުނީ)

 ފުޓް ނޯޓާއި ޙަވާލާ:

28- المزمل  : 20

29- رواه البخارى ومسلم وأبو داود والترمذى والنسائى وأحمد والبيهقى والطبرانى وابن خزيمة والدار قطنى عن عبادة بن الصامت

30- رواه مالك ومسلم وأبو داود والترمذى والنسائى وابن ماجه وأحمد وابيهقى  عن أبى هريرة

31- نيل الأوطار  حـ 2

32- رواه البيهقى والحاكم وأبو داود والدارقطنى والترمذى وأحمد والنسائى وأبو شيبة

33- الأعراف : 204

34- رواه ابن ماجه والبيهقى وأحمد والطبرانى والدار قطنى

35- انظر فتح البارى  

ހަމަމިގަލަމުން

އިދާރާ

ވާހަކަ