Print

(1) އިސްލާމީ ދައުލަތުގެ ފުރަތަމަ ޤާޟީ: މުޢާޛު ބިން ޖަބަލު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި، މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް، ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެމީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މި ބޭކަލުންގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ އެންމެ  ފުރަތަމަ ޤާޟީއަކީ (ފަނޑިޔާރަކީ) މާތް ﷲ ރުއްސުން ލެއްވި މުޢާޛު ބިން ޖަބަލެވެ.  

މި ޒުވާން ޞަޙާބީ އިސްލާމްވެ ވަޑައިގަތީ އެކަލޭގެފާނުގެ ޢުމުރުފުޅުން 18 އަހަރުގައެވެ. މުޢާޛުގެފާނަކީ އަންޞާރީ ބޭކަލެކެވެ. ރަސޫލާ r މުޢާޛުގެފާނު ޤާޟީއެއްގެ ގޮތުގައި ފޮނުއްވީ ޔަމަނަށެވެ. މުޢާޛުގެފާނަކީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ކީރިތި ޤުރްއާން ހިތުދަސްކުރެއްވި 6 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޙާފިޡެކެވެ. މީގެއިތުރަށް އެކަލޭގެފާނަކީ ޢަޤަބާގެ ދެވަނަ ބައިޢަތުގައި ބައިވެރިވެ ވަޑައިގަތް މަދީނާގެ 70 ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ރަސޫލާ r ގެ މަދުރަސާއިން ދަސްވެނިވެވަޑައިގެން އެކަލޭގެފާނު ޙާޞިލުކުރައްވައިފައިވާ ސަނަދުގެ ނަމަކީ [وأَعْلَمُها بالحلالِ والحرامِ معاذُ بنُ جبلٍ(1) – ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންކުރެ ޙަލާލާއި ޙަރާމު އެންމެ ބޮޑަށް ދަންނަ މީހަކީ މުޢާޛު ބިން ޖަބަލެވެ.] އެކަލޭގެފާނަކީ ރަސޫލާގެ ޙަޔާތްޕުޅުގައި ފަތުވާ ދެއްވި މަދު  ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޒުވާން ޞަޙާބީއެކެވެ. ރަސޫލާ r މުޢާޛުގެފާނަށް ދެއްވި ދެވަނަ ސަނަދަކީ ޤުރްއާން ދަންނަކަމުގެ ސަނަދެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. [اسْتَقْرِئُوا القُرْآنَ مِن أَرْبَعَةٍ: مِنِ ابْنِ مَسْعُودٍ، وَسالِمٍ، مَوْلى أَبِي حُذَيْفَةَ، وَأُبَيِّ بنِ كَعْبٍ، وَمُعاذِ بنِ جَبَلٍ (2)  - ތިޔަބައިމީހުން ހަތަރު މީހެއްގެ ގާތުން ޤުރްއާން ކިޔަވަން ދަސްކުރާށެވެ. އެއީ އިބްނު މަސްޢޫދާއި، އަބޫ ޙުޛައިފަތުގެފާނު މިނިވަންކުރެއްވި ސާލިމާއި، އުބައްޔު ބިން ކަޢުބާއި، މުޢާޛު ބިން ޖަބަލެވެ.] 

ރަސޫލާ r މުޢާޛުގެފާނު ޔަމަނަށް ޤާޟީއެއްގެ ގޮތުގައްޔާއި އެދުރެއްގެ ގޮތުގައި ފޮނުއްވީ އެކަމުގެ ޤާބިލުކަން އެކަލޭގެފާނުގެ ކިބައިގައި ހުރީތީއެވެ. ޔަމަނަށް ފޮނުއްވުމުގެ ކުރިން ރަސޫލާ މުޢާޛުގެފާނަށް ވިދާޅުވިއެވެ. [ކަލޭގެފާނަށް މަސްއަލައެއް ހުށައެޅިއްޖެނަމަ ނިޔާ އިއްވަވާނީ ކިހިނަކުންތޯއެވެ؟ މުޢާޛުގެފާނު ދެންނެވިއެވެ. ﷲގެ ފޮތުގައިވާ ގޮތަށެވެ. ރަސޫލާ  ވިދާޅުވިއެވެ. ﷲގެ ފޮތުން ފެނިވަޑައިނުގެންނެވިނަމަ ދެން ހައްދަވާނީ ކިހިނެއްތޯއެވެ؟ މުޢާޛުގެފާނު ދެންނެވިއެވެ. ﷲގެ ރަސޫލާގެ ސުންނަތުގައިވާ ގޮތަށެވެ. ރަސޫލާ ވިދާޅުވިއެވެ. ﷲގެ ފޮތާއި ﷲގެ ރަސޫލާގެ ސުންނަތުން ފެނިވަޑައިނުގެންނެވިނަމަ ދެން ހައްދަވާނީ ކިހިނެއްތޯއެވެ؟ މުޢާޛުގެފާނު ދެންނެވިއެވެ. އިޖްތިހާދުކޮށް އަޅުގަނޑުގެ ރައުޔާ އެއްގޮތަށް ޢަމަލު ކުރާނީއެވެ.] އެހިނދު ރަސޫލާ r މުޢާޛުގެފާނުގެ މޭފުޅުމަތީގައި އަތްޕުޅު ބީއްސަވައިލައްވައިފައި ޙަދީސް ކުރެއްވިއެވެ. [الحمدُ للهِ الَّذي وَفَّقَ رسولَ رسولِ اللهِ، لِما يُرضي رسولَ اللهِ(3)  -  ﷲގެ ރަސޫލާ ރުހިވަޑައިގަންނަވާ ގޮތަށް ޢަމަލު ކުރެއްވުމަށް ﷲގެ ރަސޫލާގެ ރަސޫލާއަށް ތައުފީޤުދެއްވިކަމަށް ޓަކައި ﷲއަށް ޙަމްދު ކުރައްވަމެވެ.]

ކީރިތި ރަސޫލާގެ ޞަޙާބީން ދީނުގެ ކަންތައްތައް މުޢާޛުގެފާނު އަރިހުން އުނގެނިވަޑައިގެންނެވިއެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. [ފިޤްހަށް އެދޭ މީހާ ފަހެ މުޢާޛު ބިން ޖަބަލުގެ އަރިހަށް ދާށެވެ!]

އެއްދުވަހަކު މީހަކު މުޢާޛުގެފާނު އަރިހަށް ގޮސް އުނގަންނައި ދެއްވުމަށް ދެންނެވިއެވެ. އެހިނދު މުޢާޛުގެފާނު ވިދާޅުވިއެވެ. [ތިބާ ތިމަންކަލޭގެފާނަށް ކިޔަމަންގަންނާނަން ހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. ތިބާ ރޯދާހިފާށެވެ! އަދި ރޯދަ ވީއްލާށެވެ! ތިބާ ދަމުނަމާދު ކުރާށެވެ! އެހެނަސް ނިދާށެވެ! ތިބާ މަސައްކަތްކޮށްގެން ދިރިއުޅޭށެވެ! އެހެނަސް ފާފަވެރިނުވާށެވެ! ތިބާ މުސްލިމެއްގެ ޙާލުގައި މެނުވީ މަރުނުވާށެވެ! އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ތިބާ ބިރުވެތިވާށެވެ!] 

މުޢާޛުގެފާނަކީ ވަރަށް ގިނައިން ދަމުނަމާދު ކުރެއްވި ބޭކަލެކެވެ. މުޢާޛުގެފާނު އަވަހާރަވީ ހިޖްރައިން 18ވަނަ އަހަރު ޝާމުކަރައިގެ އުރްދުންގައި ޠާޢޫން ޢިމަވާސް ޖެހިވަޑައިގެންނެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 38 އަހަރެވެ. މި ޠާޢޫނުގައި 30 ހާސް މުސްލިމުން މަރުވިއެވެ. މުޢާޛުގެފާނު މި ޠާޢޫނާ ބެހޭ ގޮތުން ވިދާޅުވިއެވެ. [މިއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ރަޙްމަތެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ދުޢާއެވެ. ތިޔަބައިމީހުންގެ ކުރީގެ ޞާލިޙުން އަވަހާރަވެފައިވެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި ރަޙްމަތުގެ ނަޞީބުވެރިންގެ ތެރޭގައި  މުޢާޛުގެ އާލުން ލައްވާނދޭވެ!] 

 ________________________

ފުޓްނޯޓާއި ޙަވާލާ: 

(1)      أخرجه الترمذي (٣٧٩٠وابن ماجه (١٥٤وأحمد (١٢٩٢٧)

(2)      أخرجه البخاري (٣٧٥٨ومسلم (٢٤٦٤)

(3)      جامع بيان العلم٢/٨٤٤

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ