އަދުގެ ޚާއްސަ

Print

ކޮރޯނާ ޖާއިހާއާ ބެހޭ މަހާސިންތާގެ ބައެއް ނިންމުންތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

ކުވައިތު ޔުނިވަރސިޓީގެ (އައްޝަރީޢާ ވައް ދިރާސަތުލްއިސްލާމިއްޔާ) މަޖައްލާއިން މި ޝައްވާލު މަހުގެ 6 ން 7 ށް (29- 30 މޭ ގައި)  ކޮރޯނާ ޖާއިހާއާ ބެހޭގޮތުން އިފްތިރާޟީ މަހާސިންތާއެއް ބާއްވައިފިއެވެ. މި މަހާސިންތާއަށް ޢިލްމީ  26  ކަރުދާހެއް ހުށައެޅުނެވެ. މި ކަރުދާސްތަކަށް މާކުސް ދެއްވުމުގައި 56 ނިޔާވެރިން ބައިވެރިވެ ވަޑައިގަތެވެ. 

ކުވައިތު ޔުނިވަރސިޓީގެ (އައްޝަރީޢާ  ވައް ދިރާސާތުލްއިސްލާމިއްޔާ) ކޮލެޖުގެ ޢަމީދު ޑރ. ފަހްދުއް ދުބައިސް ހާމަކުރެއްވި ގޮތުގައި މި މަހާސިންތާގައި މަޝްވަރާކުރެވުނީ ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ކޮރޯނާ ޖާއިހާއާ ބެހޭ ތަފާތު މަސްއަލަތަކާމެދުއެވެ. މި ޖާއިހާއާ ވިދިގެން ފިޤްހީ އެތައް އައު ޙުކުންތަކެއް އުފަންވިއެވެ.  

އަޅުގަނޑު މި ލިޔުމުގައި ގެނެސްދެވޭތޯ ބަލާނީ މި މަހާސިންތާއިން ނެރުއްވި ފަތުވާތަކުގެ މުލައްޚަޞެކެވެ. 

ޠަހާރަތާ ބެހޭ ޙުކުންތަކުގެ ތެރެއިން 

1- ކޮރޯނާ ބަލި ޖެހިފައިވާ ބަލިމީހާ ނޭވާ އަޅައިފައިވާ  ނުވަތަ އޭނާ އަތް ގަންބައިފައިވާ ފެން ބޭނުންކުރުން ޙަރާންވާނެއެވެ. އެއީ  އެ ބަލީގެ ވައިރަސް އެ ފެން ބޭނުންކުރާ މީހަކަށް އަރާފާނެތީއެވެ. އެހެނަސް އޭގައި ސައިބޯނީގެ ނުވަތަ ޠާހިރުކޮށްދޭ އެއްޗެހީގެ އަސަރު ހުރި ފެން ބޭނުންކުރުން ހުއްދަވާނެއެވެ.

2- ރައްކައުތެރިކަމުގެ ދަހަނާ އަޅައިގެން ހުންނަ ޑަކްޓަރަކީ ދެ ޠަހާރަތު ގެއްލިފައިވާ މީހެކެވެ. އެ ހެދުމުގައި ހުރެގެން ނަމާދު ކުރުން ހުއްދަވާނެއެވެ.

3- ވުޟޫ ކުރުމަށް ޓަކައި ނުވަތަ ތަޔައްމުމު ކުރުމަށް ޓަކައި އަންގި ބާލަން އުދަނގޫވާނަމަ އެ އަންގި މަތީގައި ފުހުމުން ފުދޭނެއެވެ.

4- ކޮރޯނާ ބަލީގައި މަރުވާމީހުން ހިނަވައި ކަފުން ކުރާނީ ކުޅަދާނަވެގެންވާ މިންވަރަކުންނެވެ. އޭނާގެ މައްޗަށް ކަށުނަމާދު ޣާއިބުގައި ވެސް ކުރެވިދާނެއެވެ. ކޮރޯނާ ވަބާގައި މަރުވާ އިންސާނުން ވަޅުލަން ޖެހޭނެއެވެ. 

ނަމާދުގެ ޙުކުންތަކުގެ ތެރެއިން 

1- ކޮރޯނާއިން ރައްކައުތެރިވުމަށް ޓަކައި ދުރުދުރުގައި ތިބެގެން ނަމާދު ކުރުން މަކްރޫހަވެގެން ނުވެއެވެ.

2- ބަލިމަޑު ކަމަކަށް ޓަކައި ނުވަތަ ބަލިމަޑުކަމުން ރައްކައުތެރިވުމަށް ޓަކައި މާސްކު އަޅައިގެން ނަމާދު ކުރުމަކީ މަކްރޫހަ ކަމެއް ނޫނެވެ. 

3- ކޮރޯނާ ބަލިޖެހިފައިވާ މީހާ ޖަމާޢަތުގެ ނަމާދުތަކަށާއި ހުކުރުނަމާދަށް ދިޔުން ޙަރާންވާނެއެވެ. 

4- ކޮރޯނާ ބަލި ޖެހިފައިވާ މީހާއަށް ދެ ނަމާދު ޖަމްޢުކޮށް ކުރުން ހުއްދަވެގެންވެއެވެ. 

5-ކޮރޯނާ ވައިރަސް ޖެހިދާނެ ކަމަށް ބިރުގަންނަމީހާ (ޚާއްޞަކޮށް: މުސްކުޅިން، ހިތުގެ ބައްޔެއް ޖެހިފައިވާ މީހުން ، ނޭވާހިއްލާމީހުން) ޖަމާޢަތުގެ ނަމާދަށާއި  ހުކުރު ނަމާދަށް ދިޔުން ލާޒިމުވެގެން ނުވެއެވެ.

6- ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭ ޑަކްޓަރުންނާއި ޞިއްޙީ އެހީތެރީން ޖަމާޢަތުގެ ނަމާދަށާއި ހުކުރުނަމާދަށް ޓަކައި މިސްކިތަށް ދިޔުން ވާޖިބުވެގެން ނުވެއެވެ.

7- ކޮރޯނާފަދަ ޖާއިހާގެ ދުވަސްވަރުގައި މިސްކިތުގައި އެތައް ފަހަރަކު ޖަމާޢަތް ހެދުމުގެ ހުއްދަ ކަމާބެހޭ ފަރާތުން ދެވިދާނެއެވެ.

8- ކޮރޯނާ ޖެހިގެން މަރުވާ މީހުންގެ ކަށުނަމާދު  ބާއްވަން ދަތިވެއްޖެނަމަ  ޣާއިބުގައި ކަށުނަމާދު ކުރުން ހުއްދަވާނެއެވެ.   .

ޒަކާތާ ބެހޭ ބައެއް ޙުކުންތައް 

1- ކޮރޯނާގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ޓަކައި ޒަކާތް އެއް އަހަރަށް ނުވަތަ ދެ އަހަރަށް ނެރުން އަވަސްކުރުން ހުއްދަވާނެއެވެ. އެހެނަސް އެއީ ނިޞާބު ހަމަވާނަމައެވެ. ހަމައެފަދައިން މުދާ ދުރުގައި ހުރުމުގެ ސަބަބުން އެ މުދަލާ ހަމައަށް ވާޞިލުވުމަށް  ޢުޒްރުވެރިވާނަމަ ޒަކާތް ނެރުން ފަސްކުރުން ވެސް ހުއްދަވާނެއެވެ.  

2- ކޮރޯނާ ބަލި ޖެހިފައިވާ މީހަކީ ފަޤީރު މީހެއްނަމަ އޭނާއަށް ބޭސްފަރުވާ ކުރުމަށް ޓަކައި ޒަކާތު މުދަލުން  ހޭދަކުރުން ހުއްދަވާނެއެވެ.

3- ކޮރޯނާ  ޖެހިފައިވާ މީހުން ކަރަންޓީނު ކޮށްފައި ބައިތިއްބުމަށް ކުއްޔަށް ހިފާ ތަންތަނަށް ކުލި ދެއްކުމަށް ޓަކައި ޒަކާތު މުދާ ރަސްމީ ފަރާތްތަކަށް ސީދާ ދިނުން ހުއްދަވެގެން ނުވެއެވެ. 

4- ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އޭނާގެ ރަށަށް ނުދެވިފައިވާ މީހާ ރަށަށް ދިޔުމަށް ޓަކައި ޒަކާތު މުދަލުން ހޭދަކުރުން ހުއްދަވާނެތެވެ. 

ރޯދައާއި ޙައްޖާއި ޢުމްރާއާ ބެހޭ ބައެއް ޙުކުންތައް 

1- ކޮރޯނާ ޖެހިފައިވާ މީހާއަށް ރަމަޟާން މަހު ރޯދަހިފުން ހުއްދަވާނެ ކަމަށް ޢާއްމު ގޮތެއްގައި ފަތުވާއެއް ނުދެވޭނެއެވެ. ކޮރޯނާ ޖެހުމުގެ ސަބަބުން ރޯދަނުހިފުން ހުއްދަވާނީ ޢުޒްރުވެރީންނަށް ރޯދަނުހިފުން ހުއްދަވާ  ޙާލަތްތަކުގައެވެ. 

2- ނޭވާލުމަށް އެހީވެދޭ ޞިނާޢީ މެޝިން ބޭނުންކުރުމުން ރޯދަ ނުގެއްލޭނެތެވެ.

3- ޙައްޖަށާއި ޢުމްރާއަށް ދިޔުމަށް ބޭނުންވާ ވީޒާ ދިނުން ވަކި މުއްދަތަކަށް ހުއްޓައިލެވިދާނެއެވެ. އެއީ އެކަމުގެ ސަބަބުން ކޮރޯނާ ރޯގާ އިތުރަށް ފެތުރިގެން ހިނގައިދާނެތީއެވެ. މައްކާގައި އުޅޭ މީހުން ޙައްޖުވުމުން ޙައްޖުގެ ފަރްޟު އަދާކުރެވުނުކަމަށް ވާނެއެވެ. އޭރުން އެކަމުގެ ފަރްޟިއްޔަތު އަދާކުރެވުނީއެވެ. 

4- ކޮރޯނާ ރޯގާ ފެތުރިދާނެކަމުގެ ބިރު އޮތުމަކީ  ޙައްޖަށް ދިޔުމަށް ބޭނުންވާ ކުޅަދާނަކަން ނެތިގެންދާނެ ކަމެކެވެ.

5- ކޮރޯނާ ވައިރަހުން ރައްކައުތެރިވުމަށް ޓަކައި މުޙްރިމު ފިރިހެނާއަށް ފޭސް މާސްކު އެޅުން ހުއްދަވާނެއެވެ. އެހެނަސް މުޙްރިމު އަންހެނާ ފޭސް މާސްކު އަޅައިފިނަމަ ފިދްޔަ ދޭންޖެހޭނެއެވެ.

6- ކޮރޯނާ ވައިރަސް ފެތުރިގެން ހިނގައިދާނެތީ މުޙްރިމު ފިރިހެނާއަށާއި މުޙްރިމު އަންހެނާއަށް އަންގި ލެއްވުން ހުއްދަވާނެއެވެ. އެހެނަސް އެމީހުން ފިދްޔަ ދޭން ޖެހޭނެއެވެ. 

މާލީ މުޢާމަލާތާ ބެހޭ ބައެއް ޙުކުންތައް

1- ކޮރޯނާ ޖާއިހާގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޓަކައި ތަޢުމީން ކުރުން ހުއްދަވާނެއެވެ.

2- މީހުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދީފައިވާ ތަންތަނާ ބެހޭ ޢަޤްދުތަކުގެ މައްޗަށް  ކޮރޯނާ ޖާއިހާގެ ސަބަބުން މެދުވެރިވާ ޚާއްޞަ ޙާލަތު ރިޢާޔަތެއް ނުކުރެވޭނެއެވެ. އެކަމުގެ  ނުބައި އަސަރެއް ނުފޯރާނެއެވެ. އެ ފަދަ ޢަޤްދުތަކާމެދު  ޢަމަލު ކުރެވޭނީ ފިޤްހާއި ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ. އިސްލާމީ ފިޤްހީ ޤަވާއިދުތައް ބުނާގޮތުގައި ކުއްޔަށް  ހިފައިގެން އުޅޭ ފަރާތަށް ކުލިދެއްކުމުގެ ޤާބިލުކަން ލިބިފައިވާނަމަ އޭނާއަށް އިތުރު ވަގުތެއް ނުދެވޭނެއެވެ. އޭނާ ޢުޒްރުވެރިވާނަމަ އޭނާއަށް މުހްލަތު ދެވިދާނެއެވެ.

3- މުދާ އެތެރެކުރުމާ ބެހޭ ޢަޤްދުތަކަށް ބަލާއިރު އެ އަޤްދަށް ޢަމަލުކުރުން މުސްތަޙީލު ކަމަކަށް ވެއްޖެނަމަ އެ ޢަޤްދު އޭގެ އަމިއްލަ ޒާތުގައި ބާޠިލުވެގެންދާނެއެވެ.އެ ޢަޤްދުގައި ހިމެނޭ  ބައެއް ކަންކަން ތަންފީޒު ކުރުން މުސްތަޙީލު ކަމަކަށް ވެއްޖެނަމަ އެ ޢަޤްދު ދެމެހެއްޓުމާއި ބާޠިލު ކުރުމުގެ އިޚްތިޔާރު ދަރަނި ދިން ފަރާތަށް ލިބިގެންވެއެވެ.  އެ ޢަޤްދު ބާޠިލުކޮށްފިނަމަ ދަރަނިދިން ފަރާތަށް ލިބުނު ގެއްލުމަށް ބަދަލެއް ނުލިބޭނެތެވެ. އެ  ޢަޤްދު ތަންފީޒު ކުރުމަކީ ދަރަނިނެގި ފަރާތަށް ނޫފުއްލޭވަރުގެ ބުރައަކަށް ވެއްޖެނަމަ ލިބުނު ގެއްލުން ތަޙައްމުލު ކުރަން ޖެހޭނީ ދެ ފަރާތަށެވެ.

4- ކޮރޯނާގެ ސަބަބުން ކުރިމަތިވި ކުއްލި ޙާލަތުގެ އަސަރު ވިޔަފާރީގެ އީޖާރާބެހޭ ޢަޤްދުތަކުގެ މައްޗަށް ފޯރާނެއެވެ.  

5- ބޭންކުން މީހުން ނަގައިފައިވާ ލޯންތަކަށް މަހުންމަހަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކުރުމަށް ބޭންކުތަކަށް އެންގުމަކީ މަރްކަޒީ ބޭންކަށް ހުއްދަވެގެންވާ ކަމެކެވެ. ބޭންކުތަކުން މި އަމުރާ އެއްގޮތަށް ޢަމަލު ކުރަން ޖެހޭނެއެވެ. 

6- ވަގުތީ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ކަރަންޓީނުގެ ޒަމާނުގައި ގޭގައި ތިބޭއިރު އެމީހުންނަށް މަސައްކަތްދިން ފަރާތުން އެމީހުންނަށް އުޖޫރަ ދޭންޖެހޭނެއެވެ. އެމީހުންގެ މުސާރަތައް ކަނޑައިލުމަކީ އަދި ވަޒީފާއާ ބެހޭ ޢަޤްދު އުވައިލުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

ކޮރޯނާ ބަލި ޖެއްސުވުމުގެ ޙުކުންތަކުގެ ތެރެއިން 

1- މި މަހާސިންތާގެ ބައިވެރިން ވިދާޅުވެފައިވާ ގޮތުގައި ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ މީހަކު ވަކި މީހަކަށް މި ބަލި ޖައްސަންވެގެން އެ މީހާގެ ގާތަށްގޮސް އެ ބަލި ޖައްސުވައިގެން އެ މީހާ މަރުވެއްޖެނަމަ އޭނާގެ ކިބައިން ޤިޞާޞުހިފޭނެއެވެ.

2- ގިނަ ބަޔަކަށް މި ބަލި ޖެއްސުމުގެ ގަސްތުގައި ބޭރަށް ނުކުމެ މީސްތަކުންނާ ގައިގޯޅިވުމުގެ ސަބަބުން އެތައް ބަޔަކަށް މި ބަލި ޖެހުނުނަމަ އެއީ ޙިރާބާގެ ޢަމަލެކެވެ. މުޖްތަމަޢު ޙިމާޔަތް ކުރުމާއި މީސްތަކުންގެ ފުރާނަ ރައްކައުތެރިކުރުމަށް ޓަކައި އޭނާއަށް މަރުގެ އަދަބު ދެވޭނެއެވެ. 

3- އޭނާ އެ ފަދަ ގަސްތެއްނެތި އެހެނަސް އޭނާގެ އިހްމާލުގެ ސަބަބުން މީހަކަށް ކޮރޯނާ  ރޯގާ ޖެހި މަރުވެއްޖެނަމަ އެ ކަން ވާނީ ޤަތުލު ޚަޠައަކަށެވެ. އޮޅުމަކުން މީހަކު މެރިކަމަށެވެ. އޭނާގެ ޢާޤިލާއިންގެ މައްޗަށް މަރުގެ ދިޔަ ދެއްކުން ވާޖިބުވާނެއެވެ. 

___________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ