އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގައި ބިން މިލްކުރެވޭ ގޮތްތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މައުޟޫޢަށް ތަން ހޯދުން:

ބިމޭ ބުނެވޭ ބަހުގެ މާނަ ވަރަށް ގިނަ ގޮތްގޮތަށް ކުރެވިދާނެއެވެ. ބައެއް ބަސްފޮތްތަކުގައިވާ ގޮތުން "ބިން" މި ލަފުޒުން ކުރެވޭ އެއް މާނައަކީ ދުނިޔެއޭ މި ކިޔާ ބޯޅައިގެ އެންމެ ބޭރު ފަށަލައިގައި ހިމެނޭ ކަނޑު ނުހިމެނޭ ހުރިހާ ބައިތަކެވެ. އަނެއް މާނައަކީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ބިމުގެ އެކި ސަރަޙައްދެވެ. މިސާލަކަށް ދަނޑުވެރިކަން ކުރުމަށާއި ޢިމާރާތްކުރުމަށް ބޭނުންކުރެވެނީ ބިމެވެ.(1)

ދިވެހިބަސްފޮތް ބުނާ ގޮތުން "ބިން" ހަތަރު މާނައެއްގައި ބޭނުންކުރެވެއެވެ. އެއީ "ދުނިޔެ" އާއި "ދުނިޔޭގެ ހިކިފަސްތަން"ކަމަށާއި އެއީ "ބިންގަނޑު" ނުވަތަ "އެއްގަން" ކަމަށް ވެސް ދިވެހި ބަސްފޮތުގައި އޮވެއެވެ.(2)

ޤާނޫނީ ގޮތުން ބަލާއިރު ބިމުގެ މާނަ ބޭނުންކުރެވެނީ ބިމުގެ އަޞްލު މާނައިގައެވެ. އެއީ ފަސްގަނޑާއި ބިންމައްޗާއި ވެލިގަނޑުވެސް ހިމެނޭ ގޮތުންނެވެ. ބިމާ ގުޅިފައިވާ ޢިމާރާތްތަކާއި އެހެނިހެން ތަކެތި ވެސް ބިމުގެ މާނައިގައި ހިމެނެއެވެ. އެހެންކަމުން މި ރިޕޯޓުގައި އަޅުގަނޑު "ބިން" މާނަކުރާނީ ފަހުން މި ދެންނެވި މާނައިގައެވެ. އަދި ޤާނޫނީ ގޮތުން ބިން ބޭނުންކުރާ މާނައިގައެވެ. އެއީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި "ބިން" މާނަކޮށްދީފައިނުވާތީ އެވެ.

ދިވެހިރާއްޖެއަކީ ބިމުގެ ސަރަޙައްދު ކުޑަ، ކަނޑުގެ ސަރަޙައްދު ބޮޑު، ޤައުމަކަށް ވާތީ ބިމުގެ އަގު ދިވެހިރާއްޖޭގައި ވަރަށް ބޮޑެވެ. ޚާއްޞަކޮށް ވެރިރަށް މާލޭގައި ބިމުގެ އަގު މިވަނީ "ރަނަށް"ވެފައޭ ދެންނެވިދާނެއެވެ. މި ސަބަބަށްޓަކައި ބިމެއްގެ މިލްކުވެރިކަން އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރުމުގައި ހަރުދަނާ ޤާނޫނީ ނިޒާމަކަށް ބޭނުންވެއްޖެ ކަމަށް ދިވެހިރައްޔިތުންނަށް ޤަބޫލުކުރެވުނު ހިނދު އެކަމާބެހޭ ޚާއްޞަ ޤާނޫނެއް 2002 ވަނަ އަހަރު ވުޖޫދަށް ގެނެވިފައިވެއެވެ. އެ ޤާނޫނަށް ޢަމަލުކުރާން ފެށުމާއެކު ދިވެހިރާއްޖޭގައި "ބިން މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތުކުރާންވާނީ" މި ދެންނެވި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.(3)

( މިޤާނޫނަށް ޢަމަލުކުރާން ފެއްޓީ އެ ޤާނޫނު ތަޞްދީޤުކުރެވުނުތާ 1 އަހަރު ފަހުން 2003 މެއި 5 ގައެވެ. އެއީ އެ ޤާނޫނުގައި އެ ގޮތަށް ޢަމަލުކުރާން ބަޔާންކޮށްފައިވާތީއެވެ.)

މި ރިޕޯޓުގައި އަޅުގަނޑު އިންސާފުކުރެވޭތޯ މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށާއި ބިމުގެ އެކިއެކި މުޢާމަލާތުތަކާ ބެހޭ ގޮތުން ހެދިފައި ހުރި އެހެން ޤާނޫނުތަކަށް ރިޢާޔަތްކޮށްގެންނެވެ. އެއީ އަޅުގަނޑު މި ވާހަކަދައްކަނީ ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމާ ބެހޭ ގޮތުން ކަމަށްވާތީއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ އުޞޫލުތަކުގެ ފަސްމަންޒަރު:

ދިވެހިރާއްޖެއަކީ ބިންކުޑަ، ވަސީލަތްތައް މަދު ޤައުމަކަށް ވިޔަސް އެންމެ އިހުޒަމާނުއްސުރެ ވެސް ބިމުގެ ބޭނުންކުރަމުން އައީ ހަރުދަނާ އުޞޫލެއްގެ މަތީންނެވެ. ފާސްކުރެވިފައިވާ ޤާނޫނެއް ނެތް ޒަމާނުގައިވެސް ބިމަކީ ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެކެވެ. އެހެން ނަމަވެސް މާ ދިގުވެދާނެ ކަމަށްޓަކައި ރާއްޖޭގެ މެދު ޒަމާނާއި އިހު ޒަމާނުގެ ވާހަކަތަކަށް ނުގޮސް 20 ވަނަ ޤަރުނުގެ މެދުތެރޭގައި ދިވެހިރާއްޖޭގައި ޤާނޫނީ ޙުކޫމަތެއް އުފެދުނު ފަހުން ބިމުގެ މުޢާމަލާތުގައި ޤާނޫނީ ދައުރު އޮތް މިންވަރަށް ކުޑަކޮށް ނަޒަރެއްދޭނަމެވެ. އާދޭހެވެ! މިއަދުވެސް ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރި ފަރާތަކީ ސަރުކާރެވެ.

ދިވެހިރާއްޖޭގައި ގިނަ ޤާނޫނުތައް ހަދާން ފެށީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނުކުރުމަށްފަހު އައި ދުވަސްތަކުގައެވެ.  ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނުކުރުމަށްފަހު އުފެދިގެން އައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެކިއެކި ޤާނޫނުތައް ފާސްކޮށް އަނެއްބައި ޤާނޫނުތަކަށް ބަދަލު ގެނެސް ނުވަތަ އުވައިލައިފައިވެއެވެ. 1954 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ބިމާބެހޭ މުޢާމަލާތްތައް ހިނގަމުން އައިސްފައިވަނީ މި ފަދަ ކޮންމެވެސް ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ޤާނޫނީ ނިޒާމެއްގެ ތެރެއިންނެވެ.

މީލާދީން 1968 ވަނަ އަހަރު ފާސްކުރެވުނު، ޤާނޫނު ނަންބަރު: 68/3 (ބިން ހިއްކާ މީހުންނަށް ގޯތިދިނުމާއި، ހިއްކިތަނުގެ 2/1 އަމިއްލަކޮށްދިނުމުގެ ޤާނޫނު) ވެސް ބެލެވެނީ ބިމާބެހޭ ގޮތުން ފާސްކުރެވުނު މުހިއްމު ޤާނޫނެއް ކަމުގައެވެ. މިދެންނެވި ޤާނޫނު އުވޭ ގޮތަށް ހަމަ 1968 ވަނަ އަހަރު ފާސްކުރެވުނު އަނެއް ޤާނޫނަކީ، ޤާނޫނު ނަންބަރު: 68/7 (ބިން ހިއްކާ މީހުންނަށް ބިން އަމިއްލަ ކޮށްދިނުމުގެ ޤާނޫން) އެވެ. މިޤާނޫނުގެ ދަށުން މާލޭގެ ފަޅުތެރެއިން ހިއްކާ ބިމުން އެ ހިއްކި މީހަކަށް ދެބައިކުޅަ އެއްބައި އަމިއްލަކުރެވޭ އުޞޫލު ހަމަޖެހުނެވެ. އަދި ހަމަ އެ އަހަރު ފާސްކުރެވުނު ޤާނޫނު ނަންބަރު: 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ ދަށުން އެކެއްގެ ކިބައިން އަނެކަކަށް ޝަރީޢަތް މެދުވެރިކޮށް ބިން ބަދަލުކުރެވޭނެ އުޞޫލުތަކެއް ހަމަޖެހުނެވެ.

ޤާނޫނު ނަންބަރު: 70/2 (މާލޭގައިވާ ވަޤުފު ބިންތައް އެހެން ރަށަކަށް ބަދަލުކުރުމާއި މާލެއިން ބިން ވަޤުފުކުރުން މަނާކުރުމުގެ ޤާނޫނު)ގެ ދަށުން ޒަމާނުއްސުރެ ރާއްޖޭގައި ޢަމަލުކުރަމުން އައި ވަޤުފުގެ ނިޒާމުގެ ދަށުން މާލޭގައި ހުރި ވަޤުފު ބިންތައް އެހެން ރަށްރަށަށް ބަދަލުކޮށް މާލޭއިން ބިން ވަޤުފު ކޮށް ނުދޭގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުމަކީ ވެސް ބިމާބެހޭ ގޮތުން ޤާނޫނީ ނިޒާމަށް ގެނެވުނު މުހިއްމު ބަދަލެއް ކަމަށް ދެންނެވިދާނެ އެވެ.

މީގެ އިތުރަށް 1971 ވަނަ އަހަރު ފާސްވެފައިވާ ޤާނޫނު ނަންބަރު: 71/28 (އެއްފަރާތަކަށް މިލްކުވެފައިވާ ބިމެއްގައި އެހެން ފަރާތެއްގެ ތަކެތި ހުރުމުގެ ޤާނޫނު) އަކީ ވެސް ބިމުގެ މުޢާމަލާތާ ގުޅޭ މުހިއްމު ޤާނޫނެއްކަން ފަހަގަކުރެވެއެވެ. އެހެނީ މި ޤާނޫނުގައިވާ ގޮތުގެ މަތިން އެއް ފަރާތުން އަނެއް ފަރާތަކަށް ބިމެއްގެ މިލްކުވެރިކަން ބަދަލުކުރާއިރު ދެވޭ އަގުގެ ތެރޭގައި އެބިމުގައި ހުރި ރުއްގަހުގެ ތެރެއިން އެހެން ފަރާތެއްގެ ރުއްގަހަށް އަގެއް ކަނޑައެޅޭނީ ލިޔުމަކުން ޝަރީޢަތަށް އެކަން ސާބިތުކުރުމުން އެކަނި ކަމަށާއި އެހެން ނޫނީ އެފަދަ ރުއްގަހަށް ވަކި އަގެއް ކަނޑައެއްނޭޅޭނެ ކަމަށް ކަނޑައެޅުނީ މި ޤާނޫނުގެ ފަހުންނެވެ.

 އަދި 1972 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު ނަންބަރު: 72/15 (މީސްމީހުންގެ އަމިއްލަ ބިންތަކުގެ ތެރެއިން އެކަށީގެންވާ ޢިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ޤާނޫނު) ގައި އަމިއްލަ މީހުންގެ ބިންތަކުގައި އެކަށީގެންވާ ޢިމާރާތެއް ނުކޮށް މީހުން ދިރިނޫޅޭނަމަ އެފަދަ ބިންތައް އަތުލުމުގެ ޤާނޫނީ ބާރު ސަރުކާރަށް ދީފައިވެއެވެ.

މިފަދަ ކިތަންމެ ޤާނޫނުތަކެއް ބިމާބެހޭ ގޮތުން ފާސްވެ ކިތަންމެ ޤަވާޢިދުތަކެއް އެކަށައެޅެމުން ދިޔައެވެ. މި ފަދަ ހުރިހާ ޤާނޫނުތަކެއްގެ ވާހަކަ ބަޔާންކުރުމަކީ އެކަށީގެންވާ ކަމެއްވެސް ނޫނެވެ. މި ވާހަކަތައް މި ބަޔާންކޮށްލީ ދިވެހީންނަކީ އެންމެ އިހު ޒަމާނުއްސުރެވެސް ހަރުދަނާ ޤާނޫނީ ނިޒާމެއް ދަށުން ބިމާބެހޭ މުޢާމަލާތުތައް ކުރަމުން އައި ބަޔެކޭ ދަންނަވައިލާން ވެގެންނެވެ.

އަދިވެސް އިތުރު ބައެއް ޤާނޫނުތަކުގެ ވާހަކަ މިތާ ޒިކުރުކޮށްލާނަމެވެ. 1978 ވަނަ އަހަރު ޤާނޫނު ނަންބަރު: 78/52 (މާލޭގެ ގޯތިގޯއްޗާއި ބިންބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ފާސްވުމާ ގުޅިގެން އެ އަހަރުން ފެށިގެން މާލޭގައި ހުންނަ ގޯއްޗާއި ބިން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ރަޖިސްޓްރީ ކުރެވެމުން އައެވެ.  1978 ގައި ފާސްކުރެވުނު ބިމާ ގުޅޭ އަނެއް ޤާނޫނަކީ ޤާނޫނު ނަންބަރު: 78/54 (މާލޭގެ ގޯތިގޯއްޗާއި ބިންބިމުގެ އިންވަކިކުރުމާއި އިމުގައި ނުވަތަ އިމާކައިރީގައި ޢިމާރާތްކޮށް ތަންތަން ހެދުމާއި މަގަށް ދޮރުކެނޑުމާއި ބެހޭ ޤާނޫނު) އެވެ. މި ޤާނޫނުގެ ދަށުން މާލޭގެ ގޯތިތަކުގައި ޢިމާރާތްކޮށް އިންވަކިކޮށް ހަދާނެ އުޞޫލުތަކެއް ހަމަޖެހުނެވެ.

 އިސްވެ ބަޔާންވެފައިވާ ޤާނޫނުތަކުގެ މައްޗަށް އެތައް އަހަރަކު ޢަމަލުކުރަމުން އައުމަށްފަހު ދިވެހިރާއްޖެއަށް އައި އިޖުއިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ އެތައް ބަދަލެއްގެ ސަބަބުން ޤާނޫނީ އަވަސް ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހަލުވި ކުރިއެރުންތަކެއް އައިސްފައިވުމާއެކު 1999 ވަނަ އަހަރު ޓުއަރިޒަމްއާ ބެހޭ އައު ޤާނޫނެއް ފާސްކުރެވެނުވެ. މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމަށް ފަޅުރަށްރަށް ދޫކުރެވޭ އުޞޫލުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. މިއަދާ ހަމައަށްވެސް ޢަމަލުކުރަމުން މިއަންނަނީ މިދެންނެވި ޤާނޫނަށެވެ. މި ޤާނޫނަށް އެކި ދުވަސްވަރު ގެނެވުނު އިޞްލާޙުތަކާއެކުގައެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް ގޮއިފާލައްބަ އާއި ހިންނަ ފަދަ، ބަންޑާރަ ބިންތައް ގެންގުޅުމުގެ އާދަކާދަތަކަށް 1998 ވަނަ އަހަރު ވަރަށް ބޮޑު ބަދަލެއް އައެވެ. އެއީ ޤާނޫނު ނަންބަރު: 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ޤާނޫނު) ފާސްވުމާ ގުޅިގެން ގެނެވުނު ބަދަލުތަކެކެވެ. މިދެންނެވި ޤާނޫނު ފާސްވުމާއެކު 12 ވަނަ ޤަރުނުން ފެށިގެން އެކި ޒަމާންތަކުގައި ރާއްޖޭގައި އޮތް ފަޅުރަށްރަށާއި ގޮއި ފާލައްބާއާއި ހިންނަފަދަ ތަންތައް ވަރުވާރަށް ދޫކޮށްފައިވާ އުޞޫލަށް ޒަމާނީ ބަދަލުތަކެއް އައިސް ސަރުކާރަށް ކުލި ލިބޭގޮތަށް ކުއްޔަށް ދޫކުރެވޭ ބިންތަކަކަށް ބަދަލުކުރެވުނެވެ.

މިގޮތަށް އިޤްތިޞާދީ މަސައްކަތްތައް ދޫކުރެވޭ ފަޅުރަށްރަށުގެ މައްޗަށް ހިނގާ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަންޑާރަ ބިން ދޫކޮށް، ގެންގުޅެ ހެދުން އޮތީ 1970 ގެ ފަހު އަހަރުތަކުގައި ފާސްވި ޤާނޫނުތަކުގެ ދަށުންނެވެ. ނަމަވެސް 2002 ވަނަ އަހަރުން ފެށިގެން މި ބިންތަކާމެދު ޢަމަލުކުރެވޭ ގޮތް ވެސް ބަދަލުވީ ކުރީން ދެންނެވިފައިވާ ބިމާބެހޭ ޤާނޫނުގެ ދަށުންނެވެ.

މިލްކުވެރިކަން:

މިލްކުކުރުމަކީ އެއްޗެއް ތިމާގެ އަމިއްލަވުމެވެ. އެ އެއްޗެއް ތަޞައްރުފުކުރުމުގެ ޙައްޤު ނުވަތަ އެކަމުގެ ޤާނޫނީ ބާރު މީހަކަށް ލިބުމެވެ. "މިލްކުވެރިކަން" ދިވެހި ބަސްފޮތުގައި މާނަކޮށްފައިވަނީ "މުދަލުގެ ވެރިކަން" ކަމުގައެވެ.(4) އެހެންކަމުން މި ދިރާސާގައި އަޅުގަނޑު މިލްކުވެރިކަން މާނަކުރާނީ މިދެންނެވި މާނައިގައެވެ. އެއީ "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" ގައި "މިލްކުވެރިކަން" މާނަކޮށްދީފައިނުވާތީއެވެ.

މިލްކުވެރިކަމުގެ މާނަ ޤާނޫނީ ޑިކްޝަނަރީތަކުގައި ކޮށްފައި ހުންނަނީ ކިހިނެއްތޯ ބަލައިލީމެވެ. ގިނަ ޤާނޫނީ ގިނަ ޑިކްޝަނަރީތަކުގައި (Law Dictionary) "މިލްކުވެރިކަން" (ownership) މާނަކޮށްފައިހުންނަނީ އަންނަނިވި މާނަތަކުގައެވެ.

"މިލްކުވެރިކަމަކީ، އެ މީހެއްގެ ނުވަތަ އެ ފަރާތެއްގެ ބާރުވެރިކަމުގެ ދަށުގައި އެއްޗެއް ބޭނުންކުރުމަށާއި، ބެލެހެއްޓުމަށާއި އެއިގެން ފައިދާ ލިބިގަތުމަށް ބާރުދޭ ފުރިހަމަ އަދި ހުރިހާ ޙައްޤުތަކެއް އެމީހަކަށް ނުވަތަ އެ ފަރާތަކަށް ލިބިގެންވުމެވެ. އެޙައްޤުތަކުގެ ތެރޭގައި އެފަދަ އެއްޗެއް އެހެން ފަރާތަކަށް ނަޤުލުކުރުމުގެ ބާރުވެސް ހިމެނޭ ގޮތުންނެވެ. އަދި މިލްކުވެރިކަމާ ގުޅިފައިވާ ޙައްޤުތަކަކީ، ޢާއްމުވެގެންވާ، ދާއިމީ އަދި ވިރާސީ ޙައްޤުތަކެކެވެ."(5)

 

އިސްވެ ދެންނެވުނު މާނައަށް ބަލާއިރު، އެއްޗެއްގެ މިލްމުވެރިކަން މީހެއްގެ މައްޗަށް ނުވަތަ ވަކި ފަރާތަކަށް ސާބިތުވާނީ އެ އެއްޗެއް އެހެން ފަރާތަކަށް ނަޤުލުކުރުމުގެ ބާރު ވެސް އޮވެގެންކަން އެބަ އެނގެއެވެ. އެހެން ފަރާތަކަށް ނަޤުލުކުރުމުގެ މާނައިގެ ތެރޭގައި ވިއްކައިލުމާއި ދިނުން ވެސް ހިމެނިގެންދާނެކަން ކަށަވަރެވެ. ދިނުމުގެ ތެރޭގައި ހަދިޔާކުރުމާއި ހިބަކޮށްދިނުންވެސް ހިމެނޭނެކަމީ ދަންނަވާން ޖެހޭނެ ވާހަކަތަކެއްވެސް ނޫނެވެ.

ބިން މިލްކުކުރުން:

ދިވެހިރާއްޖޭގައި ބިމާ ބެހޭ ގޮތުން މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު 2002/1  (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި ދެ ބާވަތެއްގެ ބިމެއް ފާހަގަކުރެވެއެވެ. އެއީ ބަންޑާރަ ބިމާއި އަމިއްލަ ބިމެވެ. ބަންޑާރަ ބިމަކީ އެ ބިމުގެ މިލްކުވެރިކަން ސަރުކާރަށް ނުވަތަ ދައުލަތަށް އޮންނަ ބިމެވެ. މިފަދަ ބިންބިން ވިޔަފާރި ބިމެއްގެ ގޮތުގައި ނުވަތަ ދިރިއުޅުމަށްޓަކައި ވެސް ސަރުކާރުން ކަނޑައަޅާ އުޞޫލެއްގެ މަތީން ދޫކޮށްފައިހުރެއެވެ. އެ ޤާނޫނުގައިވާ ގޮތުން މި ފަދަ ބިމެއް ތިމާއަށް އަމިއްލަކުރެވިދާނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

"ވިޔަފާރި ބިމެއްގެ ގޮތުގައި ދޫކުރެވިފައިވާ ބަންޑާރަ ބިން، ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި"  މި ދެންނެވި ޤާނޫނުގެ ދަށުން ހަދައިފައިވާ ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ "ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެއްފަހަރާ އަގު ދެއްކުމަށްފަހު، ނުވަތަ އެކި ފަހަރުމަތިން ފައިސާ ދައްކައި އަގު އަދާކުރާ އުސޫލުން، އެ ބިން ގަނެ އަމިއްލަ ކުރެވިދާނެ"ކަމަށް ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (6)

 އަދި ވިޔަފާރި ބިމެއްގެ ގޮތުގައި ދޫކޮށްފައިވާ ބަންޑާރަ ބިން، "އަގު ދައްކައިގެން އަމިއްލަކުރާ އުސޫލުން އަމިއްލަކުރާ ނަމަ، ބިމުގެ މިލްކުވެރިކަން ބަދަލުވާނީ، ބިމުގެ އަގު އަދާކޮށް ނިންމުމުން" ކަމަށް މި ދެންނެވި ޤަވާޢިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ބަންޑާރަ ބިމެއް ރަޖިސްޓްރީކުރެވިފައިވާ ފަރާތަކީ އެބިމުގެ ޙަޤީޤީ މިލްކުވެރި ފަރާތްކަމުގައެއް ނުބެލެވޭނެއެވެ. އެފަދަ ބިމެއް މިލްކުވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ބިން އަމިއްލަކުރުމުންނެވެ. އެއީ އެ ބިމަށް ކަނޑައެޅޭ އަގެއް ޤާނޫނުގައި ވާ ގޮތުގެ މަތީން އަދާކުރާންޖެހޭ ފަރާތަކަށް އަދާކޮށް ނިންމުމުން އެކަމަށް ހަމަޖެހިގައިވާ އުޞޫލެއްގެ މަތީންނެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ބިމެއް ވިއްކާނަމަ ވެސް، އެންމެ ފުރަތަމަ އެ ބިމެއް އަމިއްލަ ކުރަންޖެހޭނެއެވެ. މި ޤަވާޢިދުގައިވާ ގޮތުން ބިމެއް އަމިއްލަކުރެވޭނީ ދިވެހި ރައްޔިތަކަށެވެ. އަދި ބިން ވިއްކުމާ ނުވަތަ މިލްކުކުރުމާ ބެހޭ ހުރިހާ މުޢާމަލާތެއް ހިންގަންވާނީ ޝަރީޢަތްމެދުވެރިކޮށެވެ.(7)

 

ބިން މިލްކުކުރެވޭ ތަފާތު ގޮތްތައް:

ދިވެހިރާއްޖޭގައި ބިމާބެހޭ ގޮތުން ޢަމަލުކުރެވޭ ޤާނުނުތަކަށް ބަލާއިރު މައިގަނޑު ތިން ބާވަތެއްގެ ބިމެއް ފާހަގަވެއެވެ. އެއީ:

§       މީހުން ދިރިއުޅޭ ރަށްރަށުން ދޫކުރެވޭ ބިންތަކާއި،(8)

 

§       ޓުއަރިޒަމް ތަރައްޤީކުރުމަށް ދޫކުރެވޭ ފަޅުރަށްރަށާއި ބިންތަކާއި،(9)

 

§       އެކިއެކި މަސައްކަތްތައް ކުރުމަށް ދޫކުރެވޭ ފަޅުރަށްރަށެއެވެ.(10)

 ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ފާސްވެ، 23 މެއި 2003 ން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރާން ފެށުމާއެކު އެ ޤާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުމުގެ މަތިން ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ ބިމާއި ގޯއްޗާ ބެހޭ އެންމެހައި މުޢާމަލާތެއް ކުރެވޭނީ މި ދެންނެވި ޤާނޫނުގެ ދަށުންނެވެ.

މި ޤާނޫނުގެ ދަށުން ބިމާބެހޭ ސިޔާސަތުތައް ކަނޑައަޅައި ބިން އެކަށައަޅާ ފަރާތަކީ ވަޒީރުންގެ މަޖްލީހުގެ ލަފާފުޅުގެ މަތިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަށް، ބިންބިން އެކަށައަޅޭނީ، އެ ބިމުން ކުރެވޭ ބޭނުމަށް ބަލައި މައިގަނޑު 5 ކަމަކަށެވެ. އެއީ: 

§       ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމާއި އިމާރާތްކުރުމަށް އެކަށައެޅޭ ބިންތަކާއި،

§       އިޤްތިޞާދީ ބޭނުންތަކަށާއި،

§       އިޖުތިމާޢީ ބޭނުންތަކަށާއި،

§       ތިމާވެށި ރައްކާތެރިކުރުމަށާއި،

§       ދަޢުލަތުގެ އެކިއެކި ބޭނުންތަކަށެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ތިން ވަނަ މާއްދާއާއި ހަތަރު ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކަންކަމަށް، އެކަށައެޅޭ ބިންތައް، ޤާނޫނުގެ ފަސްވަނަ މާއްދާގައި ވާގޮތަށް ކަމާބެހޭ މިނިސްޓްރީތަކާއި ހަވާލުކުރެވުމަށްފަހު ކަމާބެހޭ މިނިސްޓްރީތަކުން ބިން ދޫކުރާ ބޭނުމަށް ބަލައިފައި ޤާނޫނު ނަންބަރު: 2002/1 ގެ މާއްދާތައް އެބިމުގެ މައްޗަށް ހިނގާނީ ތަފާތުކޮށެވެ.

އަނެއްކޮޅުން ބަލާއިރު ސަރުކާރުން ދޫކުރާ ބިން ޤާނޫނުގެ ބޭނުމަށްޓަކައި ދެ ބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ: 

1- ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ތަކާއި އަމިއްލަ ގޯތިތަކާއި، 

2- ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށާއި ކަންކަމަށް ދޫކުރާ ބިމެވެ. 

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ދިރިއުޅުމަށް ދޫކުރާ ގޯތިތައް ވަނީ މައިގަނޑު ދެބަޔަކަށް ބައްސަވާލައްވައިފައެވެ. އެއީ: 

(ހ) ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި 

(ށ)އަމިއްލަ ގޯއްޗެވެ.

ބިން މިލްކުކުރާ ގޮތް ތައް:

(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަނޑާރަ ބިން އަމިއްލަކުރުން :

ދިއިރުޅުމަށް ދޫކުރާ ބަނޑާރަ ބިން އަމިއްލަ ކުރާ ގޮތް ބަޔާންކޮށްފައިވަނީ ބިމާ ބެހޭ ޤާނޫނުގެ 16 ވަނަ މާއްދާއާއި އެމާއްދާއިން ބާރުލިބިގެން ކަމާބެހޭ މިނިސްޓްރީ އިން ފާސްކޮށްފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާ ބެހޭ ޤަވާޢިދު" ގައެވެ. އޭގައިވާ ގޮތުގައި ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށްޓަކައި ޢަމަލުކުރަންޖެހޭނީ އަންނަނިވި ތަރުތީބުންނެވެ.

§       ބަންޑާރަ ބިން ރަޖިސްޓަރީކުރެވިފައިވާ ފަރާތުން، އެ ބިން އަމިއްލަ ކުރުމަށްޓަކައި އެކަމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޯމެއް ލޯކަލް ކައުންސިލް އަށް ހުށަހެޅުން.

§       ބިން އަމިއްލަ ކުރުމަށްޓަކައި ދައްކަންޖެހޭ އަގު އަދާކުރާނީ އެއްފަހަރާތޯ ނުވަތަ ދިގުމުއްދަތަށް ބަހައިލައިގެންތޯ ކަނޑައެޅުން.

§       އެއްފަހަރާ ދައްކާނަމަ، ހައުސިން މިނިސްޓްރީގައި އެކުލަވައިލައިފައިވާ ޚާއްޞާ ކޮމިޓީއިން ކަނޑައަޅާ އަގު ލޯކަލް ކައުންސިލަށް އަދާކޮށް ބިން އަމިއްލަކުރުމަށްފަހު އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނީއެވެ. 

§       ދިގުމުއްދަތަށް ބަހައިލައިގެން އަގު އަދާކުރާނަމަ، އިސްވެދެންނެވުނު އަގު ކަނޑައެޅޭ ރޭޓަށް ބަދަލު އަންނާނެއެވެ. އެފަދައިން ކަނޑައެޅޭ އަގެއް އަދާކުރެވޭނީ އެންމެ ދިގުވެގެންވެސް 20 (ވިހި) އަހަރުދުވަހަށް ބަހައިލައިގެންނެވެ. އަދި އަގު އަދާކުރަން ފެށޭނީ އެކަމަށްޓަކައި ބަންޑާރަ ބިން ރަޖިސްޓަރީކޮށްފައިވާފަރާތާއި ލޯކަލް ކައުންސިލްއާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބިން އަމިއްލަވާނީ ފުރިހަމަ އަގު އަދާކޮށް ނިންމުމުންނެވެ. އެއަށްފަހު އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

§       ބަންޑާރަ ބިން ގަނެ ވިއްކޭނީ ބިމާ ބެހޭ ޤާނޫނުގެ 18 ވަނަ މާއްދާއާއި، "ބަންޑާރަ ބިން އަމިއްލަކުރުމާއި، ގަނެ ވިއްކުމާ ބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިންނެވެ. އަދި ބިމެއް ގަނެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުންފުންޏެއްގެ %100 ޙިއްޞާދާރުންނަކީ ދިވެހިން ކަމަށްވާ ކުންފުނިތަކާއި މިފަދަ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހިންގެ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތްތަކަށެވެ. އެފަރާތްތަކުން ބިން ގަންނަނަމަ، އެކަންކުރާނީ އަންނަނިވި ތަރުތީބުންނެވެ.

§       މަތީގައިވާ ގޮތުގެ މަތިން ބިން އަމިއްލަކުރުމަށް އަދާކުރަންޖެހޭ އަގު އަދާކުރުމާއި، ގޯތި ވިއްކާން އެދޭ މީހާއާއި، އެމީހަކު ޝަރުޢީ ގޮތުން ބަލާންޖެހޭ އެންމެހާ ފަރާތްތައް ދިރިއުޅޭން އެހެން ތަނެއް ހަމަޖެހިފައިވާކަން ޔަޤީންކުރުން. 

§       ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގުން.

8- ބިން ވިއްކައިލި އަގުގެ %15 (ފަނަރަ އިންސައްތަ) ނުވަތަ ކަމާބެހޭ މިނިސްޓްރީގައި އޮންނަ އަގު ކަނޑައަޅާ ކޮމިޓީއިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގު، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ފަރާތަކަށް ދެއްކުން. 

(ށ) އަމިއްލަކޮށްފައިވާ ބިން ހިބައިން ނުވަތަ ވަޞިއްޔަތުން ލިބިގަތުން 

ބިމާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާ ބުނާ ގޮތުން، އަމިއްލަ ބިމެއްވެސް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ ބިމާ ބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާއި އެއްގޮތަށެވެ. އެގޮތުން އެފަދަ ބިމެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ ދެވައްތަރެއްގެ ގިންތިއެއްގެ ބަޔަކަށެވެ. 

ފުރަތަމަ ގިންތީގައި ހިމެނެނީ ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މީހާގެ އަނިބިމީހާ/ފިރިމީހާ، މަންމަ/ބައްޕަ، ދަރިއެއް ނުވަތަ މަރުވެފައިވާ އުފަންދަރިއެއްގެ ދަރިއަކަށެވެ. މިއިން މީހަކަށެވެ. ނުވަތަ ބަޔަކަށެވެ.

މިދެންނެވި މީހުންގެ ތެރެއިން އެކަކަށް ދޭނަމަ، އެ ގިންތީގައި ހިމެނޭ އެނޫން އެހެން މީހުންނަށް ބިމުގެ ތަނަވަސްކަން ލިބިފައިވުން ނުވަތަ އެ މީހުން އިޢުތިރާޟުނުކުރުމަކީ ޝަރުޠެކެވެ.

އަދި ހިބައިން ނުވަތަ ވަޞިއްޔަތުންދޭ މީހާއާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނޭ އެހެން ތަނެއް ހަމަޖެހިފައިވުމާއި ، ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭ މީހުންނަކީ ދިވެހިރައްޔިތުން ކަމަގައިވުމަކީވެސް މިކަމުގެ ޝަރުޠުތަކެވެ. 

ދެވަނަ ގިންތިއަކީ، ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ ފަރާތުގެ ބަފައިފުށުން ނުވަތަ މައިފަށުން ތިމާގެކަމުގެ ގުޅުން ހުރި ފަރާތްތަކެވެ. މިފަރާތްތަކަށްވެސް ބިން ދެވޭނީ އަންނަނިވި ދެ ޝަރުޠުގެ މަތީންނެވެ. 

1- ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭ ބިން އޮންނަ ރަށުގައި، ބިން ލިބޭ ފަރާތުގެ ރަޖިސްޓަރީގައި 600 (ހަސަތޭކަ) އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ލިބިފައިނެތުން. 
2-
ފުރަތަމަ ގިންތީގައިވާ ފަރާތްތަކުން އިޢުތިރާޟުނުކުރުން ނުވަތަ އެއިން އެކަކު ވެސް ދުނިޔޭގައި ނެތުން. 

ނިންމުން 

ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަނޑާރަ ގޯއްޗެއްގައި ވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ވަޞިއްޔަތުން ދޭ މީހާގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ، ނުވަތަ މަރުވެފައިވާ ދަރިއެއްގެ ދަރިއަކަށެވެ. މިގޮތަށް ދޭ ދިނުމުގައި އެމީހެއްގެ ގޯއްޗެއް އޮތްކަމުގައިވީނަމަވެސް ހިބަ ނުވަތަ ވަޞިއްޔަތުން ދެވިދާނެއެވެ. މީގެ އިތުރަށް މަތީގައި ބަޔާންކޮށްފައިވާ މީހުންކުރެ މީހަކު އިޢްތިރާޟެއް ނުކުރާނަމަ ނުވަތަ އެއިން އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ ހިބައިން ނުވަތަ ވަޞިއްޔަތުންދޭ މީހާއަށް އޭނާގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށް ދެވިދާނެއެވެ.  އެހެންނަމަވެސް މިފަދަ ގޮތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ހިބަ ނުވަތަ ވަޞިއްޔަތް ލިބޭމީހާ ދިރިއުޅުމަށް ތަނެއް ލިބިފައި ނުވާނަމަވެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ހިބައިން ނުބަތަ ވަޞިއްޔަތުން ދެވޭ ޙާލަތުގައި މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މީހަކަށް ނުވަތަ ވަކި ބަޔަކަށް ދެވޭނީ ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ބާކީ ތިބި މީހުން އެއިން މީހަކަށް ދޭން އިންކާރު ނުކުރާ ނަމައެވެ. ނުވަތަ އެމީހުންނަށް ބިމުގެ ތަނަވަސްކަން ލިބިފައިވާނަމައެވެ. ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު އުސޫލެއްގެ ގޮތުން ހިބައިންނާއި ވަޞިއްޔަތުން ދޭ ދިނުމުގައި ބަންޑާރަ ބިން، މިލްކުކުރާކަން ނުޖެހެއެވެ. ހަމައެއާއެކު ހިބައިން ނުވަތަ ވަޞިއްޔަތުން ތިމާއަށް ލިބިފައިވާ ބަންޑާރަ ގޯތިގައިވާ އިމާރާތާއި އެ ނޫންވެސް ނުއުފުލޭ މުދާ ހިބައިން ނުވަތަ ވަޞިޔަތުން މީހަކަށް ދިނުމުގެ ނަތީޖާއަކަށް ވަނީ އެ އިމާރާތެއްކޮށްފައިވާ ބިންކޮޅު ވެސް ހިބައިން ނުވަތަ ވަޞިއްޔަތުން އިމާރާތް ދޭ ފަރާތައް (ބޭނުންކުރާން) ލިބުމެވެ. އެހެންނަމަވެސް ހިބަޔާ ޚިލާފަށް ދިވެހިރާއްޖޭގައި އަމަލުކުރެވެމުން އަންނަ ޝަރުޢީ އުސޫލުގެ ސަބަބުން ކޯޓުގައި ރަޖިސްޓްރީކޮށް ވަޞިއްޔަތުން ގޯއްޗެއްގެ ބައެއް ނުވަތަ މުޅިގޯތި ދީފައިވީނަމަވެސް ގޯތީގެ ވެރިފަރާތް މަރުވުމުން ވަސީޔަތް ތަންފިޒުކުރެވެނީ، ވާރިސުންގެ ބަހެއް ހޯދުމަށްފަހުގައެވެ. އެ ގޮތުން ވަސިއްޔަތުން ދީފައިވީނަމަވެސް ވާރިސަކު އެކަމާ އިންކާރު ކުރާނަމަ، ވަސިއްޔަތުގެ ގޮތުގައި ކޯޓުން ނަގައިދެމުންދަނީ 3/1 ބައެވެ. މީހަކަށް ލިބިފައިވާ ބިމެއްގައި ކޮށްފައިވާ އިމާރާތް ހިބައިން އެހެންފަރާތަކަށް ދީފިނަމަ ވަގުތުން އެމީހަކަށް އެބިމެއްގެ މިލްކުވެރިކަން ބަދަލުވާނެއެވެ. އެހެންނަމަވެސް ވަސިއްޔަތުން ދީފައިވާ ތަނެއްނަމަ އެތަނެއްގެ މިލްކުވެރިކަން ވަސިއްޔަތުން ދިންފަރާތަށް ލިބިގެންދާނީ ވަސިއްޔަތްކުރި ފަރާތް ނިޔވުމުން، ޝަރުޢީ ކޯޓަކުން އެކަން ބެލުމަށްފަހުގައެވެ.

ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަނޑާރަ ގޯއްޗެއްގައި ވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ވަޞިއްޔަތުން ދޭ މީހާގެ އަނބިމީހާ، ފިރިމީހާ، ދަރިއެއް، މަންމަ، ބައްޕަ، ނުވަތަ މަރުވެފައިވާ ދަރިއެއްގެ ދަރިއަކަށެވެ. މިގޮތަށް ދޭ ދިނުމުގައި އެމީހެއްގެ ގޯއްޗެއް އޮތްކަމުގައިވީނަމަވެސް ހިބަ ނުވަތަ ވަޞިއްޔަތުން ދެވިދާނެއެވެ. މީގެ އިތުރަށް މަތީގައި ބަޔާންކޮށްފައިވާ މީހުންކުރެ މީހަކު އިޢްތިރާޟެއް ނުކުރާނަމަ ނުވަތަ އެއިން އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ ހިބައިން ނުވަތަ ވަޞިއްޔަތުންދޭ މީހާއަށް އޭނާގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށް ދެވިދާނެއެވެ.  އެހެންނަމަވެސް މިފަދަ ގޮތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ހިބަ ނުވަތަ ވަޞިއްޔަތް ލިބޭމީހާ ދިރިއުޅުމަށް ތަނެއް ލިބިފައި ނުވާނަމަވެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ހިބައިން ނުބަތަ ވަޞިއްޔަތުން ދެވޭ ޙާލަތުގައި މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މީހަކަށް ނުވަތަ ވަކިބަޔަކަށް ދެވޭނީ ބިމާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ބާކީތިބި މީހުން އެއިން މީހަކަށް ދިނުމަށް އިންކާރު ނުކުރާ ނަމައެވެ. ނުވަތަ އެމީހުންނަށް ބިމުގެ ތަނަވަސްކަން ލިބިފައިވާނަމައެވެ.

ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު އުޞޫލެއްގެ ގޮތުން ހިބައިންނާއި ވަޞިއްޔަތުން ދޭ ދިނުމުގައި ބަންޑާރަ ބިން މިލްކުކުރާކަން ނުޖެހެއެވެ. ހަމައެއާއެކު ހިބައިން ނުވަތަ ވަޞިއްޔަތުން ތިމާއަށް ލިބިފައިވާ ބަންޑާރަ ގޯތިގައިވާ އިމާރާތާއި އެނޫންވެސް ނުއުފުލޭ މުދާ ހިބައިން ނުވަތަ ވަޞިޔަތުން މީހަކަށް ދިނުމުގެ ނަތީޖާއަކަށް ވެގެންދަނީ އެ އިމާރާތެއްކޮށްފައިވާ ބިންކޮޅުވެސް ހިބައިން ނުވަތަ ވަޞިއްޔަތުން އިމާރާތް ދޭ ފަރާތައް ލިބުމެވެ.

އިސްވެ ބަޔާންވެފައިވާ ކަންތައްތަކަށް ބަލާ ނަމަ، ޢާއްމު ގޮތެއްގައި ދިވެހިރާއްޖޭގެ އެންމެހާ ބިންތަކަކީ ދައުލަތުގެ ބިންތަކެވެ. އަދި އެބިންތައް ދިރިއުޅުމަށް ޓަކައި ދޫކުރަނީ އެކަމަށް ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. އެފަދައިން ދޫކުރެވޭ ބިންތަކަށް ރާއްޖޭގައި ދެވެނީ "ބަންޑާރަ" ކިޔާ ވަކި ޙައިޘިއްޔަތެކެވެ. ނަމަވެސް، އެފަދަ ބަންޑާރަ ބިމަކީ "މިލްކުކުރެވިފައިވާ" ބިމެއް ނޫނެވެ. އެހެނީ، އެ ބިންތައް ރަޖިސްޓްރީކުރެވި ފަރާތްތަކަށް އެ ބިންތައް އަމިއްލަ ނުކޮށް ދެވަނަ ފަރާތަކަށް ވިއްކައެއްނުލެވޭނެއެވެ. ބިން މިލްކުކުރުމުން އެ ބިން ބަދަލުވެގެން ދަނީ "އަމިއްލަ" ބިމަށެވެ. އެފަދަ ބިންތަކަކީ ވިއްކޭނެ ބިންތަކެކެވެ. ނަމަވެސް އެއީވެސް ސަރުކާރަށް ޓެކްސެއް ދެއްކުމަށްފަހުގައެވެ. އެފަދަ ޓެކުހެއް ދައްކާން ނުޖެހެނީ ހަމައެކަނި ދައުލަތުގެ ބިންތަކުން ކުރާ މުޢާމަލާތްކުގައެވެ. އެހެންކަމުން ބިމުގެ މައްޗަށް އެންމެ ފުރިހަމަ މިލްކުވެރިކަމަށް ރާއްޖޭގައި އޮންނަނީ ދައުލަތަށެވެ.

ބިން މިލްކު ކުރުމުގައި ރާއްޖޭގައި ޚާއްޞަ ނިޒާމެއް ރޭވިފައިވެއެވެ. އެ ނިޒާމަކީ 2002 ވަނަ އަހަރު ބިމާބެހޭ ޤާނޫނުން ތަޢާރަފުކޮށްފައިވާ ޤާނޫނީ އޮނިގަނޑެކެވެ.

އާބާދީ ބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭނެ ފްލެޓް ޢިމާރާތްކުރުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުތައް ކުރަންޖެހިފައިވާތީ، އަމިއްލަ ފަރާތްތަކުން އެފަދަ ކަންކަމަށް ފައިސާ ޚަރަދު ކުރެވޭ ގޮތަށް ބިން އަމިއްލަކޮށް އޭގެ ބާޒާރެއް އުފެއްދުމުގެ ނިޔަތުގައި ސަރުކާރުގެ ސިޔާސަތު ވަނީ ބިން އަމިއްލަ ކުރެވޭނެ ގޮތްތައް ފަހިކޮށްދެއްވުމަށް ޤާނޫނުތަކަށް ބަދަލުގެންނަވަމުން އެބަދެއެވެ. އެފަދަ ބަދަލުތައް ޤާނޫނުތަކަށްވެސް ވަނީ އަންނަން ފަށާފައެވެ.

ކުރުކޮށް ދަންނަވާނަމަ، ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ވިއްކައިގެންނާއި ހިބައިން ނުވަތަ ވަޞިއްޔަތުން (ނުވަތަ އެހެން ގޮތަކުން ނަމަވެސް) ދީގެންނާއި ވާރުތަވެގެންނެވެ. މި އިން ކޮންމެ ގޮތަކުން ނަމަވެސް ބިމުގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޤާނޫނު ނަންބަރު 2002/2 (ބިމާބެހޭ ޤާނޫނު) އާއި އެ ޤާނުން ބާރު ލިބިގެން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

___________________________

ފުޓްނޯޓާއި ޙަވާލާ ލިސްޓް:

ފުޓްނޯޓް:

(1)  http://dictionary.cambridge.org/dictionary/english/land

(2)  ދިވެހި ބަސްފޮތް (2011). މާލެ: ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (ޞ:231)

(3)   މިޤާނޫނަށް ޢަމަލުކުރާން ފެއްޓީ އެ ޤާނޫނު ތަޞްދީޤުކުރެވުނުތާ 1 އަހަރު ފަހުން 2003 މެއި 5 ގައެވެ. އެއީ އެ ޤާނޫނުގައި އެ ގޮތަށް ޢަމަލުކުރާން ބަޔާންކޮށްފައިވާތީއެވެ.

(4)   ދިވެހި ބަސްފޮތް (2011). މާލެ: ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (ޞ:674)

(5)   Black’s Law Dictionary Free Online Legal Dictionary 

(6)   file:///C:/Users/User/Downloads/20060602-Reg-Viyafaari-Bandaara-Bin-Amilla-Kurumuge-Qavaaidhu%20(2).pdf

(7)  ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ "ޤަވާއިދު ގެ 5 ވަނަ މާއްދާ

(8)   ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)

(9)   ޤާނޫނު ނަންބަރު: 99/2 (ދިވެހިރާއްޖޭގެ ޓުއަރިޒަމް އާ ބެހޭ ޤާނޫނު)

(10)   ޤާނޫނު ނަންބަރު: 98/2 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ޤާނޫނު)

ޙަވާލާ:

·       ދިވެހި ބަސްފޮތް (2011). މާލެ: ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒު/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (ޞ:231)

·       ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ "ޤަވާއިދު ގެ 5 ވަނަ މާއްދާ

·       ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)

·       ވިޔަފާރި-ބަންޑާރަ ބިން އަމިއްލަކުރުމުގެ ގަވާއިދު

·       ޤާނޫނު ނަންބަރު 2008/4 (ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު،)

·       ދިވެހިރާއްޖޭގެ އަޙްކާމު ޢާއްމާ، 16 ޖުލައި 1934، އެޓާރނީ ޖެނެރަލްގެ އޮފީސް 2008

·       ދިވެހިރާއްޖޭގެ އަޙްކާމު ޢާއްމާ، 3 ސެޕްޓެމްބަރ 1951، ޤަޢުމީ ކުތުބުޚާނާ

·       މުޙައްމަދު އިބްރާހީމް ލުޠުފީ. (1992) ދަނޑުވެރިކަންކުރުމާއި އެކަމުގެ އާދަކާދަ، ފަތްތޫރަ (މާޗް 1992)

·       ޤާނޫނު ނަންބަރ 1999/2( ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު)

·       ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު)

·       ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިނާބެހޭ ޤާނޫނު، 17 ވަނަ މާއްދާ

·       ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިނާބެހޭ ޤާނޫނު، 17 ވަނަ މާއްދާގެ (ށ)

·       ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިނާބެހޭ ޤާނޫނު، 17 ވަނަ މާއްދާގެ (ނ)

·       ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިނާބެހޭ ޤާނޫނު، 17 ވަނަ މާއްދާގެ (ރ)

·       ޤާނޫނު ނަންބަރު 2002/1 ދިވެހިރާއްޖޭގެ ބިނާބެހޭ ޤާނޫނު، 19 ވަނަ މާއްދާ

·       http://dictionary.cambridge.org/dictionary/english/land

ހަމަމިގަލަމުން

އިދާރާ

ވާހަކަ