އަދުގެ ޚާއްސަ

Print

(3) ޢަރަބީންގެ އުއްތަމަ ފަނޑިޔާރު: ޤާޟީ ޝުރައިޙު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ޤާޟީ ޝުރައިޙަކީ އިސްލާމީ އުއްމަތުގެ ކުރީކޮޅުގައި އެންމެ މަޝްހޫރު އެއް ޤާޟީއެވެ. ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢާލީގެފާނާއި، މުޢާވިޔަތުގެފާނުގެ ޒަމާނުގައި ޤާޟީ ޝުރައިޙު ކޫފާގެ ޤާޟީކަން ކުރެއްވިއެވެ. 

ޤާޟީ ޝުރައިޙަކީ، ޝުރައިޙު ބިން އަލްޙާރިޘު ބިން ޤައިސު ބިން ޢާމިރުލް ކިންދިއްޔުލް ކޫފީއެވެ.  އެކަލޭގެފާނުގެ ލޯބިނަންފުޅަކީ އަބޫ އުމައްޔަތެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިސްލާމްވެ ވަޑައިގަތް ނަމަވެސް ޤާޟީ ޝުރައިޙާ ރަސޫލާއާ ބައްދަލުވެ ވަޑައެއް ނުގަންނަވައެވެ. 

ޤާޟީ ޝުރައިޙު ކޫފާގެ ޤާޟީކަމުގައި ހަތްދިހަވަރަކަށް އަހަރު ހުންނެވިއެވެ. އޭނާ ޤާޟީކަމުން ވަކިވެވަޑައިގަތީ ޙައްޖާޖު ބުނު ޔޫސުފު  ކޫފާގެ ވާލީކަމަށް އިސްކުރެވުމުންނެވެ. 

މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނު  ރަށްފުށުގެ އަރަތްބެއްގެ އަތުން އަހެއް ބައްލަވައިގަތެވެ. މި އަސް ރަނގަޅުތޯ ބެއްލެވުމަށް ޓަކައި އެ އަހަށް ސަވާރުވެވަޑައިގަތެވެ. އިރުކޮޅެއްގެ ތެރޭގައި މި އަސް ކޮރުޖަހަން ފަށައިފިއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ތިބާގެ އަސް ގެންދާށެވެ. މި އަރަބިމީހާ އެކަމާ ދެކޮޅުހަދައި ޝުރައިޙުގެ އަރިހަށް މަސްއަލަ  ހުށައެޅިއެވެ. އެހިނދު ޤާޟީ ޝުރައިޙު ވިދާޅުވިއެވެ. " އޭ އަމީރުލްމުއުމިނީނޭވެ! ކަލޭގެފާނު ބައްލަވައިގެންނެވި އެތި ގެންދަވާށެވެ! ނޫނީ ކަލޭގެފާނު ނެންގެވި އެތި ރައްދު ކުރައްވާށެވެ! ޢުމަރުގެފާނަށް ޝުރައިޙުގެ ޢަދްލުވެރިކަމާއި ޙިކްމަތްތެރިކަން ފެނިވަޑައިގަތުމުން ކޫފާގެ ޤާޟީކަމަށް އިސްކުރެއްވިއެވެ. 

ހުބައިރަތު ބިން މަރްޔަމުގެ އަރިހުން ރިވާވެގެންވެއެވެ. ޢަލީގެފާނު ކޫފާއަށް ވަޑައިގަތުމުން އެ ސަހަރުގެ ހުރިހާ ޢިލްމުވެރިން ޢަލީގެފާނުގެ އަރިހަށް ކަންތައްތައް ސާފު ކުރެއްވުމަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން ވަޑައިގަތީ ޝުރައިޙެވެ. ޝުރައިޙު ވަޑައިގަތުމުން ޢަލީގެފާނު ވިދާޅުވިއެވެ. [ތިބާ ދާށެވެ!  ތިބާއަކީ ޢަރަބީންގެ އުއްތަމަ ފަނޑިޔާރެވެ.]

ޢަލީގެފާނާ ނަޞާރާއަކާ ދެމެދުގައި އައްޑަނައެއްގެ މިލްކުވެރިކަމުގައި  އަރާރުމެއް އުފެދުނެވެ. މި މަސްއަލަ ޝުރައިޙުގެ މަޖިލީހަށް ހުށައެޅުނެވެ. ޢަލީގެފާނު ވިދާޅުވިއެވެ. [މިއީ ތިމަންކަލޭގެފާނުގެ އައްޑަނަކޮޅެކެވެ. ތިމަންކަލޭގޭފާނު މި މީހާއަށް އެ އެއްޗެއް ނުވިއްކަވަމުއެވެ. އަދި ހިބައަކުން ވެސް ނުދެއްވަމުއެވެ.] ނަޞްރާނީ މީހާ ބުންޏެވެ. [މިއީ އަޅުގަނޑުގެ އައްޑަނައެކެވެ. އަޅުގަނޑުގެ ގާތުގައި އަމީރުލްމުއުމިނީން އެ ހައްދަވަނީ އިތުރުފުޅެކެވެ.] ޤާޟީ ޝުރައިޙު ޢަލީގެފާނާ ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ކަލޭގެފާނުގެ ބައްޔިނާއަކީ ކޮބައިތޯއެވެ؟ ޢަލީގެފާނު ވިދާޅުވިއެވެ. ބައްޔިނާއެއް ނެތެވެ. އެހިނދު ޤާޟީ ވިދާޅުވިއެވެ. އެހެންވިއްޔާ މި އައްޑަނައިގެ ވެރިފަރާތަކީ މި މީހާއެވެ. އެހިނދު ނަޞާރާ މީހާ ޙައިރާންވެގެން ބުންޏެވެ. އަމީރުލްމުއުމިނީން އަހަރެން ގޮވައިގެން އެކަލޭގެފާނުގެ ޤާޟީގެ އަރިހަށް ވަޑައިގަތުމުން އެ ޤާޟީ މަށާ އެއްކޮޅަށް މަސްއަލަ ނިންމަވައިފިއެވެ. މިހެންބުނެ އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވިއެވެ. އަދި އެ އައްޑަނައަކީ ޢަލީގެފާނުގެ އައްޑަނަކޮޅެއްކަމަށް އެއްބަސްވެ މި އައްޑަނަކޮޅު ޢަލީގެފާނަށް އެރުވިއެވެ. 

ޤާޟީ ޝުރައިޙު ނިޔާ އިއްވަވާން ޝަރީޢަތުގެ މަޖިލީހުގައި އިންނަވަނީ އިސްތަށިފުޅު މަތީގައި ދެ ކަނޑި ބަހައްޓަވައިގެން، އެއް އަތްޕުޅުން ޗާބޫކު ހިއްޕަވައިގެން އެކަލޭގެފާނުގެ އެއް ފަރާތްޕުޅުގައި ފުލުހުންގެ މީހަކު ބަހައްޓަވައިގެންނެވެ. ނިޔާ އިއްވެވުމަށްފަހު މީހަކު ލައްވާ ހަރުއަޑުން ގޮވައިލައެވެ. [މީސްތަކުންނޭވެ! ބޭއިންސާފުން އަނިޔާ ލިބުނު މީހާ ނަޞްރަށް އިންތިޒާރު ކުރާނެތެވެ. އަނިޔާވެރިޔާ ޢުޤޫބާތަށް އިންތިޒާރު ކުރާނެތެވެ. ތިޔަބައިމީހުން އިސްވެ ނުކުންނާށެވެ! އޭރުން ﷲ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާނެތެވެ.] 

ޝުރައިޙުގެ ބޭފުޅަކު ވިދާޅުވިއެވެ. [ލޯބިވާ ބައްޕާއެވެ! އަޅުގަނޑާ ބަޔަކު މީހުންނާ ދެމެދުގައި ޚުޞޫމަތެއް އެބަ އޮތެވެ. ނިކަން އަޑުއައްސަވާށެވެ! އަޅުގަނޑާ އެއްކޮޅަށް ނިމޭނެނަމަ އަޅުގަނޑު ޝަރީޢަތަށް ދާނަމެވެ. އެކަމުގައި އަޅުގަނޑުގެ ޙައްޤެއް ނުވާނަމަ އެ މަސްއަލަ ހިފައިގެން ޝަރީއަތަކަށް ނުދާނަމެވެ.] އެ މަސްއަލަ ދެންނެވުމުން ޝުރައިޙު ވިދާޅުވިއެވެ. [އެމީހުންނާ ދެކޮޅަށް ޝަރީޢަތަށް ދާށެވެ!] ޝުރައިޙުގެ ދަރިކަލުން މި މަސްއަލަ ޝަރީޢަތަށް ހުށައެޅުއްވުމުން ޝުރައިޙު މަސްއަލަ ނިންމެވީ އެކަލޭގެފާނުގެ ދަރިކަލުންނާ ދެކޮޅަށެވެ. އެހިނދު އެ ދަރިކަލުން ވިދާޅުވިއެވެ. [ލޯބިވާ ބައްޕާއެވެ!  އަޅުގަނޑު ފަޟީޙަތް ކުރައްވައިފީމުއެވެ.] އެހިނދު ޝުރައިޙު ވިދާޅުވިއެވެ. [ލޯބިވާ ދަރިފުޅާއެވެ! ބިން ފުރާހައި އެއްޗަކަށްވުރެ ދަރިފުޅުދެކެ މާ ލޯބިވަމެވެ. އެހެނަސް ދަރިފުޅަށްވުރެ ﷲދެކެ ބައްޕަ ލޯބިވަމެވެ.  އެމީހުންނާއެކު ދަރިފުޅު ޞުލްޙަވެދާނެތީ އެ ޝަރީޢަތް ނިމޭނީ ދަރިފުޅާ ދެކޮޅަށްކަމަށް ނުބުނީއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ބައެއް ޙައްޤުތައް ގެއްލިދާނެތީއެވެ.] 

އެއްދުވަހަކު އަންހެނަކު ރޮމުންރޮމުން ޝުރައިޙުގެ އަރިހަށް އައެވެ. ޝަޢުބީ ވިދާޅުވިއެވެ. އަހަރެން އޭރު އެ މަޖިލީހުގައި އިނީމެވެ. އަހުރެން ދެންނެވީމެވެ. [އޭ އަބޫ އުމައްޔަތެވެ! އަޅުގަނޑަށް ހީވާ ގޮތުގައި އެއީ އަނިޔާ  ލިބިފައިވާ އަންހެނެކެވެ.] އެހިނދު ޝުރައިޙު ވިދާޅުވިއެވެ. ޔޫސުފުގެފާނުގެ އަޚުން ޢިޝާ ވަގުތުގައި އެ ބޭފުޅުންގެ ބަފައިކަލުންގެ އަރިހަށް ވަޑައިގަތީ ރޮމުން ނޫންހެއްޔެވެ؟ 

ޤާޟީ ޝުރައިޙު އަވަހާރަވީ ކޫފާގައި ހިޖްރައިން 87ވަނަ އަހަރުގައެވެ. މިއީ ދެބަސްވުން އޮތް ކަމެކެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ ސަތޭކަ އަހަރުކަމަށް ބުނެވެއެވެ. 

______________________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ