Print

ކުޑަކުދީންގެ ވާހަކަ (1): ކަޅު ކުކުޅު ދިން ކޭން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް

މިއަދަކީ ކަޅު ކުކުޅަށް ވަރަށް އުފާވެރި ދުވަހެކެވެ. ކަޅު ކުކުޅު އުފާވީ އެ ކުކުޅު ކޮއްޓި 12 ފިޔޮއް ބޮޑުވެ މައިގެ ވީއްލީތީއެވެ. ކުދި ފިޔޮއްކޮޅު ކާޅުތުނބުން އަރަންދެން، އެ ސޮރުމެން ގޮވައިގެން ކަޅު ކުކުޅު އުޅޭން ޖެހުނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، ނުހަނު ބުރަކޮށެވެ. ފިޔޮއްކޮޅުގެ ބަފާ، ރަތްހާލުގެ ފުށުން އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބިއެވެ.

އެކަނިވެރި މަޔަކު އަމިއްލަޔަށް މަސައްކަތް ކޮށްގެން، ކާބޯތަކެތި ހޯދައި، ދަރިންނަށް ކާންދީ، ކާޅުތަކާއި ކުކުޅުކޭތަކުގެ ކިބައިން ޅަ ދަރިންކޮޅު ޙިމާޔަތްކޮށް، ކާނާ ހޯދާނެ ގޮތްތައް އެސޮރުމެންނަށް ދަސްކޮށްދީ، ހެޔޮ ގޮތުގައި އެ ކުދިކުދި ފިޔޮއްކޮޅު ބޮޑުކުރުރުމަކީ ވަރަށް ބުރަ ކަމެކެވެ. އެހެނަސް އެ ކުދިކުދި ފިޔޮއްކޮޅު ދިރިއުޅުމަށް ތައްޔާރުކޮށްދެވުމަކީ، ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން، މިއަދު އެންމެ ރަނގަޅަށް އިހުސާސްކުރެވެނީ ހަމަ ކަޅު ކުކުޅަށެވެ.

މި އުފާވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކަޅުކުކުޅު ބޭނުންވީ، ކޭމެއް ތައްޔާރުކޮށްފައި، ކާފުން ނަން ފެށޭ އެކުވެރިންނަށް، ހުކުރު ދުވަހު ކާންދޭށެވެ. ކޮންމެ އެކުވެރިޔަކު ވެސް ކޭމަށް އަންނަ އިރު، ކާކީ ކުލައިގެ ކޯރިއެއް އަޅައިގެން އަންނާން، ދައުވަތު ކާޑުގައި ކަޅު ކުކުޅު ލިޔުނެވެ.

ކޭމުގައި ބައިވެރިވާން، ކޮތަރާއި ކޮވެއްޔާއި ކަނބިއްޔާއި ކިރުދޫނި، އަންނަތަން ފެނިގެން އެ ދޫނިތަކުގެ ފަހަތުން ކާޅު ވެސް އަޔެވެ. ކުކުޅު އުޅޭ ސަރަހައްދު އެ ދުވަހު އޮތީ ކުނިކަހައި ސާފުކޮށްލައިފައެވެ. ކޭމަށް މެހުމާނުން އައި އިރު، ކަޅު ކުކުޅުގެ، ކާޅު ތުނބުން ވީއްލިފައިވާ ފިޔޮއްތައް ތިބީ، ސަފަކަށް ރުކުރުވައިލައިގެންނެވެ. އެންމެ  ކުރީގައި އިނީ ރަތްހާލެވެ. އެސޮރުމެންގެ ބޮލުގައި ވެސް ހުރީ ކާކީ ކުލައިގެ ކޯރި އަޅައިފައެވެ. ކޭމަށް އައި ދޫނިތައް އަރައި ހަމަވުމުން، [ކައްކަކާކޯ] ގޮވާލައި ރަތްހާ މަރުޙަބާކިޔެވެ.

ކުކުޅު ތައްޔާރުކުރި ކޭމުގައި ހުރީ ކަނޑުލާއި، ކައްޓަލައާއި، ކުއްޅަވަކެވެ. އެއާ އެކީގައި ކެއުމަށްޓަކައި ކާއްޓާއި ކާށި ހުނި ވެސް ހުއްޓެވެ. ކޯރާ ހަނޑޫ ވެސް ހުއްޓެވެ. ކާމަރަނގައާއި، ކުންނާރު ވެސް ހުއްޓެވެ. ކުޑަކުޑަ ފެން ކޫދެއްގެ ތެރޭފައި ކުދިކުދި ކޮރަކަލިތަކަކާއި، ކައްޓަފުޅިތަކެއް ވެސް ހުއްޓެވެ. ކެއުމުގެ ފަހުން އަނގަ ފޮނިކޮށްލާން ހުރީ، ކަށިކޭލު ކަންޖާއި، ޗޮކްލެޓް ކޭކެވެ. އަނގައިން، ކެއި ރަހަ ކަނޑުވައިލާން، ބަހައްޓައިފައި ހުރީ ކަރަންފުލާއި، ކާފޫރުތޮތިޅާއި، ފޮނިތޮއްޓެވެ.

ކެއިމުން ކާން ފެށުމުގެ ކުރިން މިއީ ކޮންކަމަކާ ގުޅިގެން ދޭ ކޭމެއްކަން ކަޅު ކުކުޅު ކިޔައިދިނެވެ. އަދި ކޭމަށް ކާޅު ވެސް އައީތީ އުފާވިކަމަށް ބުންޏެވެ. ކޭން ތައްޔާރުކުރުމުގައި ކަމަނަ ދައިތައާއި، ކާސިންބޭ ވެދިން އެހީތެރިކަމަށްޓަކައި، ކަޅު ކުކުޅު ޝުކުރު އަދާކުރިއެވެ.

ކޭމުގައި ހުރި ތަކެތީގެ ތެރެއިން ކޮތަރު ކެއީ ކޯރާ ހަނޑުލެވެ. ކޮވެލި ކެއީ ކާމަރަނގައާއި ކުންނާރެވެ. ކިރުދޫނި ކެއީ ކޮރަކައްޔާއި ކައްޓަފުޅިއެވެ. ކަނެއްގައި އޮތް ކުއްޅަވައް ފަތެއްގެ ދަށަށްވަދެ، ކޮރޯނާ ޖެހިދާނެތީ، ބޮނދައި އޮވެގެން، ކެއީ ކަނބިލި ކެއީ ހަމަ އެކަނި ކަރަންފުލަކާއި ކާފޫރު ތޮޅިއެކެވެ. ކާޅު، ތުން ނުކޮއްޕާކަ އެކައްޗެއް ވެސް ސުފުރާމައްޗަކު ނެތެވެ. ކާޅުގެ ސަބަބުން މުޅި ސުފުރާމަތި ހީވަނީ ގޮއިބެ އޮޑީގައި ހަކުރު ދަމައިފައި އޮތްހެނެވެ.

_____________________________________

އިދާރާ

ވާހަކަ