އަދުގެ ޚާއްސަ

Print

(4) ނަޞާރާ ދީނުން އިސްލާމްދީނަށް ސާބިތުކަމާއެކު ވަޑައިގެންނެވި ކަޢުބު ބިން ސޫރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވިއެވެ. [لَيْسُوا۟ سَوَآءً ۗ مِّنْ أَهْلِ ٱلْكِتَـٰبِ أُمَّةٌ قَآئِمَةٌ يَتْلُونَ ءَايَـٰتِ ٱللَّـهِ ءَانَآءَ ٱلَّيْلِ وَهُمْ يَسْجُدُونَ ﴿١١٣﴾ يُؤْمِنُونَ بِٱللَّـهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ ﴿١١٤﴾  وَمَا يَفْعَلُوا۟ مِنْ خَيْرٍ فَلَن يُكْفَرُوهُ ۗ وَٱللَّـهُ عَلِيمٌۢ بِٱلْمُتَّقِينَ (1) -  އެއުރެން، ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهل ވެރިންގެ ތެރެއިން ސީދާކަންމަތީ قائم ވެ ތިބޭ ބަޔަކުވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ. اللَّه އަށާއި، آخرة ދުވަހަށް އެއުރެން إيمان ވެތެވެ. އަދި، އެއުރެން ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކުރެތެވެ. އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެން ވަނީ صالح ންގެ ތެރެއިންނެވެ. ހެޔޮކަމުގެ ތެރެއިން އެއުރެންކުރާ އެއްވެސްކަމެއް، ފަހެ، އެކަމެއްގެ ثواب ން އެއުރެން محروم ނުކުރައްވާހުށްޓެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] މި ބަސްފުޅުގައި ހިމެނޭ މަދު މީހުންގެ ތެރޭގައި ކަޢުބު ބިން ސޫރު ހިމެނިވަޑައިގަންނަވާކަމަށް މުފައްސިރުން ވިދާޅުވެއެވެ. އެކަލޭގެފާނު ޒިއްމީއެއްގެ ގޮތުގައި އުޅުއްވައި އިސްލާމްދީނަށް ވަދެވަޑައިގަތީއެވެ. 

ޔަމަނުގެ ޤާޟީކަން ކުރެއްވިއެވެ. ޢަދްލުވެރިކަމާއި ޒިންމާދާރުކަމުގައި އެކަލޭގެފާނު ވަނީ ނަމޫނާ ދައްކަވައިފައެވެ. އެކަލޭގެފާނަކީ ކަޢުބު ބިން ސޫރު ބިން ބަކްރުލްއުޒްދީ އެވެ. އަވަހާރަވީ ޖަމަލު ހަނގުރާމައިގައި ހިޖްރައިން 36 ވަނަ އަހަރުއެވެ. 

ޢުމަރުގެފާނު ބަޞްރާގެ ޤާޟީކަމަށް ކަޢުބު ބިން ސޫރު އިސްކުރެއްވީ ހިޖްރައިން 13ވަނަ އަހަރުއެވެ. ހިޖްރައިން 23 ވަނަ އަހަރު ޢުމަރުގެފާނު އަވަހަރަކޮށްލުމަށް ދާންދެން މި މަޤާމުގައި ހުންނެވިއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު މަދީނާގެ ޤާޟީކަމަށް ބަދަލުކުރެވުނެވެ. ޢުޘްމާނުގެފާނު އަވަހާރަކޮށްލުމާ ހަމައަށް ކަޢުބުގެފާނު މި މަޤާމުގައި ހުންނެވިއެވެ. އެކަލޭގެފާނުގެ ފަނޑިޔާރުކަމުގައި އަންހެނަކު ޢުމަރުގެފާނު އަރިހަށް އައިސް ދެންނެވިއެވެ. [އަޅުގަނޑުގެ ފިރިމީހާއަށްވުރެ ހެޔޮ ރަނގަޅު ފިރިހެނަކު އަޅުގަނޑު ދުވަހަކުވެސް ނުދެކެމެވެ. އޭނާ މުޅި ރޭ ހޭދަކުރަނީ އަޅުކަމުގައެވެ. މުޅި ދުވާލު ހޭދަކުރަނީ ރޯދަހިފުމުގައެވެ.]  ޢުމަރުގެފާނު އެ އަންހެނާއަށް ތާރީފު ކުރައްވައި އެކަނބުލޭގެ ފިރިމީހާއަށް ފާފަފުއްސަވައިދެއްވުމަށް ދުޢާކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަކީ އަންހެނުންނަށް ހުރި ހެޔޮ މިސާލެކެވެ. މި އަންހެނާ ލަދުން ތެދުވެ ގެއަށް ދިޔުމަށް އެނބުރިގަތެވެ. ފަހެ، ކަޢުބު ވިދާޅުވިއެވެ. އޭ އަމީރުލް މުއުމިނީނޭވެ! އެކަނބުލޭގެ އެ އައީ އޭނާގެ ފިރިމީހާއާ ބެހޭ ގޮތުން ކަލޭގެފާނަށް ޝަކްވާ ހުށައަޅާށެވެ! ޢުމަރުގެފާނު ވިދާޅުވިއެވެ. އެކަނބުލޭގެ އެދެނީ އެ ކަން ބާވައެވެ؟ ކަޢުބު އާދޭހޭ ދެންނެވުމުން ޢުމަރުގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ތިބާގެ ބަހުގައި މަސްއަލައެއް ނެތެވެ. ތިބާގެ ފިރިމީހާ އެނދާ ދުރުހެލިވާތީ ޝަކްވާކުރާން އައީ ހެއްޔެވެ؟ އެ އަންހެނާ ދެންނެވިއެވެ. އަޅުގަނޑަކީ ޒުވާން އަންހެނަކީމުއެވެ. އަޅުގަނޑު ވެސް އެހެން އަންހެނުން ތަބާވާ ކަންތަކަށް ތަބާވަމުއެވެ. އެ ހިނދު މި އަންހެނާގެ ފިރިމީހާ ގެންނެވިއެވެ. އަދި އެ ދެމަފިރީންގެ މަސްއަލަ ބައްލަވާން ޢުމަރުގެފާނު ކަޢުބަށް ވިދާޅުވިއެވެ. އެ ހިނދު ކަޢުބު ދެންނެވިއެވެ. މި މަސްއަލަ ބެއްލެވުން އެންމެ ޙައްޤުވެގެން ވަނީ އަމީރުލްމުއުމިނީނެވެ. 

ކަޢުބު ބިން ސޫރު ޖަމަލު ހަނގުރާމައިގައި އަވަހާރަވެފައިވަނިކޮށް ޢަލީގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. [ކަލޭގެފާނު ޙައްޤު މަގުގައި ހަރުދަނާކަން މަތީގައި އަދި ޤާޟީކަމުގައި ޢަދްލުވެރިކަން މަތީގައި ހުންނަވަނިކޮށް މެނުވީ ތިމަންކަލޭގެފާނު ދެކެވަޑައެއްނުގަންނަވަމުއެވެ.]

______________________________________

 

ޙަވާލާ:

(1)   آل عمران : 113- 115

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ