އަދުގެ ޚާއްސަ

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (7)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

މުޙަންމަދު ޝާހިދު ޙަލީމު

(13 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

3.2- ތަމްސީލުތަރުޖަމާވެރީންނާއި ތަމްސީލު

ބޭރުގެ އެކި ލިއުންތެރީން ލިއެފައި ވާ ބައެއް ތަމްސީލު، ބައެއް ތަރުޖަމާވެރީން ދިވެހިބަހަށް ތަރުޖަމާކޮށްފައި އެބަހުށްޓެވެ. ނަމަވެސް އެ ހުރިހައި ތަމްސީލަކީ އިސްޓޭޖުގައި ކުޅެފައި ވާ ތަމްސީލެއް ނޫނެވެ. ތިރީގައި މި ބަޔާންކުރަނީ މިހައިތަނަށް މަޢުލޫމާތު ލިބިފައި ވާ، ބޭރުގެ އެކިއެކި ތަމްސީލު ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ރޮނގުން ދިވެހި އަދަބަށް ޚިދުމަތްކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުން ތަރުޖަމާކުރެއްވި ތަމްސީލުތަކެވެ.

ހ- އިސްމާޢީލް ޢަބްދުﷲ

1. ވެނިހުގެ ވިޔަފާރިވެރިއާ. މިއީ އިނގިރޭސި އަދީބު ވިލިއަމް ޝެކްސްޕިއަރުގެ ތަމްސީލު ދަ މާޗެންޓް އޮފް ވެނިހުގެ ތަރުޖަމާއެކެވެ. މި ތަރުޖަމާ ޗާޕުވެގެން ނުކުތީ "ވިޔަފާރި މިއަދު"ގައި 9 ފެބުރުއަރީ 1959 ން ފެށިގެންނެވެ. އަދި ވިޔަފާރި މިއަދުން ނަކަލުކޮށްގެން ފަތްތޫރައިގައި އެ މަޖައްލާގެ 235 ވަނަ އަދަދު (އޮކްޓޫބަރު 1998) އިން ފެށިގެން ޝާއިޢުކޮށްފައި ވެއެވެ. މި ތަރުޖަމާ އޮތީ ތަމްސީލެއްގެ އިސްކިރިޕްޓުގެ ގޮތަކަށް ނޫނެވެ. ވާހަކައެއްގެ ގޮތަށެވެ.

2. އިސްމާޢީލް ޢަބްދުﷲ ދަ މާޗެންޓް އޮފް ވެނިސްގެ އިތުރަށް ޝެކްސްޕިއަރުގެ އެހެން ތަމްސީލެއް ވެސް ތަރުޖަމާކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް އެ ތަމްސީލު މިހައި ތަނަކަށް އަޅުގަނޑަކަށް އަދި ނުފެނެއެވެ. އަދި އެ ތަމްސީލުގެ ނަމާއި އެހެން މަޢުލޫމާތެއް ވެސް އެނގޭ ގޮތެއް ނުވެއެވެ.

ށ- އަޙްމަދު ޝާޠިރު

1. އުންމު މޫސާ. މިއީ މިޞްރުގެ ލިއުންތެރިއެއް ކަމުގައި ވާ އަލްއުސްތާޛު ޢަބްދުއް ސަލާމު މުޙަންމަދުލް ޢަޝްރީ އަރަބި ބަހުން ލިއުއްވައިފައި ވާ ދެ ފަރުދާގެ ތަމްސީލެއްގެ ތަރުޖަމާއެވެ. މި ތަރުޖަމާ ޗާޕުވެގެން ނުކުތީ މޫން ލައިޓުގައި 1971 ސެޕްޓެންބަރު 8 އިން ފެށިގެންނެވެ. މި ތަމްސީލު އިސްޓޭޖުގައި ކުޅުނުކަން އެނގޭކަށް ނެތެވެ.

2. މަރްޔަމުލް ޢަޛްރާއާއި އަލްމަސީޙް ޢަލައިހިމުއް ސަލާމް. މިއީ ކުވޭތުގެ ލިއުންތެރިއެއް ކަމަށް ވާ ޑޮކްޓަރު މުޞްޠަފާ ޢަބްދުލް ވާޙިދު އަރަބި ބަހުން ލިއުއްވައިފައި ވާ ތަމްސީލެއްގެ ތަރްޖަމާއެކެވެ. މި ތަރުޖަމާ ޗާޕުވެގެން ނުކުތީ މޫން ލައިޓުގައި 1971 އޯގަސްޓު 3 އިން ފެށިގެންނެވެ. މި ތަމްސީލު އިސްޓޭޖުގައި ކުޅުނުކަން އެނގޭކަށް ނެތެވެ.

ނ- މުޙަންމަދު ޒާހިރު ޙުސައިން

1. ލޯބިވާ ހުސް ހުސް. މިއީ މިޞްރުގެ އަދީބު އައްސައްޔިދު ތައުފީޤުލް ޙަކީމް އަރަބި ބަހުން ލިއުއްވައިފައި ވާ ތަމްސީލެއްގެ ތަރުޖަމާއެވެ. މި ތަރުޖަމާ ޗާޕުވެގެން ނުކުތީ އަމާޒުގެ 4 ވަނަ އަދަދު (1 ނޮވެންބަރު 1972) އިން ފެށިގެންނެވެ. މި ތަމްސީލު އިސްޓޭޖުގައި ކުޅުނުކަން އެނގޭކަށް ނެތެވެ.

ރ- ޢަބްދުﷲ މޫސާ

1. ރޯމިއޯއާއި ޖޫލިއަޓް. މިއީ އިނގިރޭސި އަދީބު ވިލިއަމް ޝެކްސްޕިއަރުގެ ރޯމިއޯއާއި ޖޫލިއަޓުގެ ތަރުޖަމާއެކެވެ. މި ތަރުޖަމާ ޗާޕުވެގެން ނުކުތީ "ހިންމަތު"ގައި އެ މަޖައްލާގެ 7 ވަނަ އަދަދު (އޮކްޓޫބަރު 1974) އިން ފެށިގެންނެވެ. މި ތަރުޖަމާ އޮތީ ތަމްސީލެއްގެ އިސްކިރިޕްޓުގެ ގޮތަކަށް ނޫނެވެ. ވާހަކައެއްގެ ގޮތަށެވެ.

ބ- އާދަމް ޒާހިރު

1. ތިން ދޮގު. މިއީ އުރުދޫ ބަހުން ތަރުޖަމާ ކުރެއްވި ތަމްސީލެކެވެ. ތަމްސީލުގެ އަސްލު ލިއުއްވި ލިއުންތެރިއާއާއި އެ ތަމްސީލުގެ ނަން އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1986ގައެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

2. ހަނދާން ބަލި ޙަކީމު. މިއީ އިނގިރޭސި ބަހުން ލިއެފައިވާ "އެބްޒެންޓް މައިންޑެޑް ޑޮކްޓަރު"ގެ ތަރުޖަމާއެކެވެ. ތަމްސީލުގެ އަސްލު ލިއުއްވި ލިއުންތެރިއާ އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1986ގައެވެ. މިއީ 2 ފަރުދާގެ ހެއްވާ ތަމްސީލެކެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

3. ބައްތިހިފާ ކަނުމީހާ. މިއީ އުރުދޫ ބަހުން ލިއެފައިވާ "އަންދޭކާ ޗިރާޣު"ގެ ތަރުޖަމާއެކެވެ. ތަމްސީލުގެ އަސްލު ލިއުއްވި ލިއުންތެރިއާ އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1987ގައެވެ. މިއީ 1 ފަރުދާގެ އިޖްތިމާޢީ ތަމްސީލެކެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

4. ގަބު އަޅާ. މިއީ އުރުދޫ ބަހުން ލިއެފައިވާ "އާލްސީ ނޯކަރު"ގެ ތަރުޖަމާއެކެވެ. ތަމްސީލުގެ އަސްލު ލިއުއްވި ލިއުންތެރިއާ އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1989ގައެވެ. މިއީ 1 ފަރުދާގެ ހެއްވާ ތަމްސީލެކެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

5. ކުޅަނދުރާއި ޖުޕިޓަރު. މިއީ އިސޮޕްގެ ފެބަލްގެ ވާހަކައެއްގެ ތަރުޖަމާއެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 2003ގައެވެ. މިއީ 1 ފަރުދާގެ ހެއްވާ ތަމްސީލެކެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގއި ކުޅެފައެވެ.

(އާދަމް ޒާހިރު ލިއުންތެރިއާއަށް ދެއްވި މަޢުލޫމާތަށް ބުރަވާ އިރު މި ތަމްސީލުތަކަކީ ބޭރު ބަހަކުން ލިއެފައި ވާ ވާހަކަތަކެއްގެ ތަރުޖަމާ ތަމްސީލަށް ބަދަލުކުރައްވައިފައިވާ ތަމްސީލުތަކެއް ކަމަށް ބުރަވެވެއެވެ.)

ޅ- އަޝަރަފް ޢަބްދުއްރަޙީމް

1. ފަތިފުށް. މިއީ އުރުދޫ ބަހުން ލިއެފައިވާ "ބޭގަމް މޭރީ ބީބީސީ"ގެ ތަރުޖަމާއެކެވެ. ތަމްސީލުގެ އަސްލު ލިއުއްވި ލިއުންތެރިއާ އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1993ގައެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

2. ސަނދަރަބޮލި. މިއީ އުރުދޫ ބަހުން ތަރުޖަމާ ކުރެއްވި ތަމްސީލެކެވެ. ތަމްސީލުގެ އަސްލު ނަމާއި ލިއުއްވި ލިއުންތެރިއާ އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1994ގައެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

3. ދެބޯގެރި. މިއީ އުރުދޫ ބަހުން ތަރުޖަމާ ކުރެއްވި ތަމްސީލެކެވެ. ތަމްސީލުގެ އަސްލު ނަމާއި ލިއުއްވި ލިއުންތެރިއާ އެނގޭކަށް ނެތެވެ. މި ތަމްސީލު ތަރްޖަމާކުރެއްވީ 1995ގައެވެ. މި ތަމްސީލު ވަނީ އިސްޓޭޖުގައި ކުޅެފައެވެ.

4- ތަމްސީލާއި އިސްޓޭޖު

ތަމްސީލުކުޅުމަކީ އިންސާނީ ފިޠުރަތާ ގުޅިފައި ވާ ކަމަކަށް ވުމާ އެކު ދިވެހި ރާއްޖޭގައި ވެސް މީހުން ވަޒަންވެރިވީއްސުރެން ވެސް ތަމްސީލުކުޅުން އޮންނާނެ ކަމަށް ފެނެއެވެ. ނަމަވެސް އެއީ ފަންނީ ގޮތެއްގައެއް ނޫނެވެ. ހަމައެކަނި މުނިފޫހިފިލުވައިލުމަށް ޓަކައި އެކުވެރީންގެ މެދުގައި ބޭއްވޭ ކަމެއްގެ، ނުވަތަ ބައެއްގެ ނަކަލުކުރުންތަކެއްގެ ގޮތުގައެވެ.

މޮސްކޯގޭ މުޙަންމަދު ޖަލީލު 24 ސެޕްޓެންބަރު 2003 ގައި ލިއުންތެރިއާ ގާތު ވިދާޅުވި ގޮތުގައި، އޭނާ މުސްކުޅީންގެ ފަރާތުން އަޑުއައްސަވާ ގޮތުގައި 1930 ހައި ހިސާބުގައި މާލޭގައި ވަލުމައިޒާނާ ދިމާ އަތިރިމަތީގައި ބައަކު އަމީރު ޙަމްޒާ ވާހަކަ ކުޅުނެވެ. އެ ތަމްސީލުގައި އަމީރް ޙަމްޒާ ކާފަރުންގެ މީހުން އުފުލައިލައިފައި ބިމަށް ޖެހުމަށް ފަހު ޝަހާދަތް ކިއަން އެންގެވުމުން އެ މީހުން ޝަހާދަތް ނުކިއާނެ ކަމަށް ބުނެގެން، ކާފަރުންގެ ބައި ކުޅުނު މީހުން އޭރުގެ ފަނޑިޔާރުގެއަށް ގެންގޮސް އެ މީހުންނަށް ސަރިޔަތުން އަދަބު ލިބުނު ކަމަށް ވެއެވެ. ނަމަވެސް އެ ތަމްސީލުގެ މަޢުލޫމާތު މިއަށް ވުރެ އިތުބާރު ހުރި ގޮތަކަށް ނުލިބުނެވެ.

ރާއްޖޭގައި އިސްޓޭޖުގައި ފުރަތަމަ ތަމްސީލެއް ކުޅުނީ މީލާދީން 20 ވަނަ ގަރުނުގެ ފުރަތަމަ ފަންސާހުގެ ތެރޭގައެވެ. އެއީ މަދްރަސަތުއް ސަނިއްޔާގެ ކުޑަކުދީން ކުޅުނު "އަބަދަށް ފެހި އޯކިޑު މަލެއްގެ މަންޒަރެކެ"ވެ. އޭރު ރާއްޖޭގައި ތިއޭޓަރެއް ނުހުރެއެވެ. އެ ތަމްސީލު ކުޅުނީ ނާދިއްތަމައްދުންގައެވެ. އެ ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ.

މުޙަންމަދު އަމީނުގެ ދައުރުގައި މުޙަންމަދު އަމީނުގެ ބެއްލެވުމުގެ ދަށުން ކުޅެވުނު ހުރިހައި ތަމްސީލެއް ވެސް ކުޅެވުނީ ނާދިއްތަމައްދުންގައެވެ. އެ ތާނގައި އިސްޓޭޖެއް ހަދައިގެންނެވެ. ސައިކުރާ އިބްރާހީމް ނަޢީމް ބަޔާންކުރައްވައިފައި ވާ ގޮތުގައި(1)(1) ރާއްޖޭގައި އާންމުކޮށް ފުރަތަމަ ދެއްކި ތަމްސީލު "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ" ކުޅުނު ނާދިއްތަމައްދުންގެ އިސްޓޭޖަކީ ދޮންވެލި އަޅައިގެން އުސްކޮށް ހަދައިފައި ހުރި އިސްޓޭޖެކެވެ.

މުޙަންމަދު އަމީނުގެ ދައުރުގައި ތަމްސީލުތައް ކުޅުނު އިރު މައިކެއް ބޭނުމެއް ނުކުރެއެވެ. ބާރަށް ވާހަކަދައްކައިގެން އަޑު އިއްވަނީއެވެ. އަދި ފަސްމަންޒަރު މިއުޒިކެއް، މޭކަޕުކުރުމެއް ނޯވެއެވެ. އިސްޓޭޖު އަލި ވެސް މަންޒަރާ ގުޅޭ ގޮތަށް ގަދަކޮށް ފަނޑުކުރުމެއް ނޯވެއެވެ.

މުޙަންމަދު އަމީނުގެ ދައުރަށް ފަހު ފާހަގަކޮށްލެވޭ ގޮތަކަށް އިސްޓޭޖުގައި ތަމްސީލުކުޅެން ފެށީ ޖިންސުއްލަޠީފުންގެ ރޫޙުންނެވެ. އެއީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. ޖިންސުއްލަޠީފުންގެ ރޫޙު އުފެދުނީ 1958ވަނަ އަހަރުގެ މެދުތެރޭގައެވެ. މޫންލައިޓް ކުލަބަކީ ވެސް ތަމްސީލު ކުޅުމުގައި ފާހަގަކޮށްލެވުނު ކުލަބެކެވެ. 

އެދުވަސްވަރު އާންމު ގޮތެއްގައި ތަމްސީލުތައް ކުޅުނީ ހީނާމާގޭގައާއި، ކުރީގެ އަމީނިއްޔާގައާއި، އޯޑިއޯން ތިއޭޓަރުގައެވެ. އަދި ބައެއް ފަހަރު ލަކްޝަމީ ތިއޭޓަރުގައެވެ. 21 މޭ 1959 ގައި އޮލިމްޕަސް ތިއޭޓަރު ހުޅުވި ނަމަވެސް ފުރަތަމަކޮޅު އެ ތިއޭޓަރުގައި ތަމްސީލެއް ނުކުޅެއެވެ. ބޭނުންކުރަމުން ދިއައީ ފިލްމު ދެއްކުމަށެވެ. އޭރު ތަމްސީލުކުޅުނީ ހީނާމާގެ ނުވަތަ ލަކްޝަމީ ތިއޭޓަރު ފަދަ ތަނެއްގައެވެ. ނޫނީ ކޮންމެވެސް ބޮޑު ގޯއްޗެއްގައި އިސްޓޭޖެއް ހަދައިގެންނެވެ. އޮލިމްޕަހުގައި ތަމްސީލުކުޅެން ފެށި، އެ ކަން ފުޅާވެގެން ދިއައީ 1970ގެ އަހަރުތަކުން ފެށިގެންނެވެ.

އޮލިމްޕަސް ހުޅުވުނުތާ ދެ އަހަރު ފަހުން 28 ޖުލައި 1961 ގައި އޯޑިއޯން ތިއޭޓަރު (އެންޓަޓެއިންމެންޓްސުގެ ނަމުގައި) ހުޅުވުނެވެ. މި ތިއޭޓަރުގައި ވެސް ބައިސްކޯފު ދެއްކޭ ގޮތަށް ހުރި ނަމަވެސް މި ތިއޭޓަރު ހުޅުވުނު ފަހުން ބޭއްވުނު ގިނަ ތަމްސީލު ޝޯތައް ބޭއްވުނީ މި ތިއޭޓަރުގައެވެ. މި ތިއޭޓަރަކީ ވެސް ކުޅިބަލާ މީހުން ތިބޭ ހޯލު އިސްޓޭޖު ކައިރިއަށް ތިރިކޮށް ދުރަށް އުސްކޮށް ހަދައިފައި ހުރި ތަނެކެވެ.

1960ގެ އަހަރުތަކުގެ ތެރޭގައި ކުޅުނު ތަމްސީލުތަކުގައި މައިކު ބޭނުންކުރަން ފެށިއެވެ. ނަމަވެސް މި މައިކަކީ އިސްޓޭންޑުގައި ހަރުކޮށްފައި ހުންނަ، ނުވަތަ އިސްޓޭޖުމަތީގައި ބަހައްޓައިފައި ހުންނަ މައިކެވެ. މި ކަމުގެ ސަބަބުން މުމައްސިލުން މައިކަށް ސަމާލުކަން ދޭން ޖެހޭތީ އެ މީހުން ކުރަން ޖެހޭ ހަރަކާތްތަކަށް އުނިކަން އާދެއެވެ. މި ދައުރުގައި މޭކަޕުކުރުން ވެސް ކޮންމެވެސް ވަރަކަށް ފެށިގެން ކުރިއަށް ދިއައެވެ.

ތަމްސީލުކުޅުމުގައި ދެން ފާހަގަކުރެވިގެން ދިޔައީ  މާލޭ ޓެނިސް ކުލަބެވެ. އެ ކުލަބުން 1969 އިން 1971 އަށް ކޮންމެ އަހަރަކު ތަމްސީލު ޝޯއެއް އޯޑިއޯނުގައި ބޭއްވިއެވެ. ޖިންސުއްލަޠީފުންގެ ރޫޙުން ފެށިގެން މާލޭ ޓެނިސް ކުލަބާ ހަމައަށް ކުޅެވުނު ހުރިހައި ތަމްސީލެއް ހެން ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.

މާލޭ ޓެނިސް ކުލަބުގެ މި ތަމްސީލުތަކުން ތަމްސީލުކުޅުމުގެ ފޯރީ އިތުރުވެގެން ދިއައެވެ. ނަތީޖާއެއްގެ ގޮތުން 1960ގެ އަހަރުތަކުގެ ފަހުކޮޅާއި 1970ގެ އަހަރުތަކުގެ ކުރީކޮޅު މަދްރަސަތުލް އަމަލު، މަދްރަސަތުލް ޢުލޫމިއްޔާ ފަދަ މަދަރުސާތަކުން ވެސް އޯޑިއޯން ތިއޭޓަރުގައި ތަމްސީލުތައް ކުޅުނެވެ.

1970ގެ އަހަރުތަކުގެ މެދަކާ ހަމައަށް ދިއަ އިރު އިސްޓޭޖުގައި ތަމްސީލުކުޅުން އޮތީ ހިސާބަކަށް މެދުކެނޑިފައެވެ. އަލުން އިސްޓޭޖުގައި ތަމްސީލުކުޅެން ފެށުނީ 1977 ވަނަ އަހަރު ބޭއްވުނު މަޖީދިއްޔާ ރަން ޔޫބީލު ކާނިވަލުގައި އެ މަދަރުސާގެ މުސްކުޅި ދަރިވަރުން ކުޅުނު ތަމްސީލުތަކުންނެވެ. މި ތަމްސީލުތައް ވެސް ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.

މަޖީދިއްޔަ ރަން ޔޫބީލު ކާނިވަލުގެ ތަމްސީލުތަކަށް ފަހު، އޭރު އޮލިމްޕަސް ތިއޭޓަރުގައި ހަފުތާއަކު އެއް ފަހަރު ކުޅެމުން ދިއަ އޮލިމްޕިއަންސުގެ މިއުޒިކު ޝޯގައި، މަޖީދިއްޔަ ރަން ޔޫބީލު ކާނިވަލުގެ ތަމްސީލުތަކުގެ މުމައްސިލުންގެ ތެރެއިން ކޮޕީ މުޙަންމަދު ރަޝީދާއި، ޗިޅިޔާ މޫސާ މަނިކާއި، ކަށިމާ އަޙްމަދު ޝާކިރާއި، މުޙަންމަދު ޝާހިދު ޙަލީމު ކޮންމެ ހަފްތާއަކު ކުރު ތަމްސީލެއް ކުޅެން ފެށްޓެވެ. މި ހަތަރު މުމައްސިލުންގެ ތެރެއަށް ފަހުން މުމައްސިލުން އިތުރުވަމުން ދިއައެވެ. މި ތަމްސީލުތައް ޕްރޮޑިއުސްކުރީ އޮލިމްޕިއަންސުންނެވެ. ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.

އެހައި ހިސާބުން ކުރިން މި ދެންނެވި ހަތަރު މުމައްސިލުން އިސްކޮށް ތިބެގެން ތަމްސީލު ގުރޫޕެއް އުފައްދައި ބޮޑު ތަމްސީލު ޝޯތަކެއް ކުޅެން ނިންމިއެވެ. މި ގުރޫޕުން ބޭއްވި ފުރަތަމަ ދެ ޝޯ 1978 ގައާއި 1980 ގައި ބޭއްވީ އިސްކަންދަރު އިސްކޫލުގެ އިސްޓޭޖުގައި މާލޭ އިސްޕޯޓްސް ކުލަބުން ބޭއްވި ތަމްސީލުތަކެއްގެ ގޮތުގައެވެ. އެއަށްފަހު އެ ގުރޫޕުން ތަމްސީލު ކުޅެން ޖަމްޢިއްޔާއެއް ރަޖިސްޓަރީކުރިއެވެ. އެއީ "ކަލްޗަރަލް އެންޑް ޑްރަމެޓިކް ސޮސައިޓީ" (ސީޑީއެސް)ގެ ނަމުގައެވެ. މި ޖަމްޢިއްޔާއިން 1981 އިން 1986 އާ ދޭތެރޭ 5 ތަމްސީލު ޝޯ އޮލިމްޕަސް ތިއޭޓަރުގައި ބޭއްވިއެވެ. ސީޑީއެސް އަކީ ތަމްސީލުކުޅެން ރާއްޖޭގައި އުފެއްދި ފުރަތަމަ ޖަމްޢިއްޔާއެވެ. މި ގުރޫޕުގެ ތަމްސީލުތައް ޑައިރެކްޓުކުރެއްވީ އާންމު ގޮތެއްގައި ކޮޕީ މުޙަންމަދު ރަޝީދާއި، ކަށިމާ އަޙްމަދު ޝާކިރެވެ.

1986ގައި ފެނުނު ސީޑީއެސްގެ ޝޯއަށް ފަހު ދެން ބޮޑެތި ތަމްސީލު ޝޯތަކެއް ބޭއްވީ މާލޭގެ ދެ އަވަށެއް ކަމުގައި ވާ މައްޗަންގޮޅިއާއި ގަލޮޅުންނެވެ. އަދި ސޮސައިޓީ ފޯ ލިންގްއިސްޓިކްސް އާޓްސް އިން މޯލްޑިވްސްގެ ނަމުގައި ރަޖިސްޓަރީ ކުރެވުނު ޖަމްޢިއްޔާއަކުން ވެސް ތަމްސީލު ކުޅުނެވެ. މި ދެންނެވި ތަމްސީލުތަކަކީ ވެސް ކޮޕީ މުޙަންމަދު ރަޝީދު ނުވަތަ ކަށިމާ އަޙްމަދު ޝާކިރު ޑައިރެކްޓުކުރައްވައިފައި ވާ ތަމްސީލުތަކެކެވެ.

(ނުނިމޭ)

މި ބައިގެ ފުޓްނޯޓާއި ޙަވާލާ:

(1) ސައިކުރާ އިބްރާހީމް ނަޢީމް. (2002). ސިނަފްގެ ތަމްސީލުތައް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ