އަދުގެ ޚާއްސަ

Print

އިސްތިހްލާކުގެ ސަޤާފަތް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

 

އިބްރާހީމް ރަޝީދު މޫސާ

ވިހިވަނަ ސައްތަ ފެށުނުއިރު ކާރަކީ ދުނިޔޭގެ ޤައުމުތަކުގައި ހަމައެކަނި މުޖްތަމަޢުގެ އިސް ކުންނައިގައި ހިމެނޭ [ބޭފުޅުން]ނަށް ޚާއްޞަ އެއްޗެކެވެ. އެއީ ބޭނުންކުރަން ބުރަ، އުނދަގޫ އެއްޗެކެވެ. ކާރަކާއެކު ޑްރައިވަރަކަށާއި މެކޭނިކަކަށާއި ވަރަށް ގިނަ ސާމާނަށް ބޭނުންވެއެވެ. ދަތުރުގެ މެދުތެރޭގައި ނުހުއްޓި ދަތުރެއް ކުރެވެނީ ވަރަށް މަދު ފަހަރަކުއެވެ.

ކާރު އުފައްދާ ކުންފުނީގެ ވެރިޔާ ހެންރީ ފޯޑް  ގާތުގައި މީހަކު  ބުންޏެވެ. ތަންކޮޅެއް އޮޅުންބޮޅުންކަން ކުޑަ، ބޭނުންކުރަން ފަސޭހަ، މީހުންނަށް ގަނެވޭވަރުގެ ކާރެއް އުފައްދަން ޚިޔާލެއް ނުކުރަން ހެއްޔެވެ؟ މި ސުވާލާމެދު ފޯޑް ވަރަށް ބޮޑަށް ވިސްނެވިއެވެ. އެ ދުވަހު އެ ސުވާލަށް އާއެކޭ ވިދާޅުނުވިނަމަވެސް އޭނާ އެ ސުވާލަށް ޖަވާބު ދެއްވޭތޯ މަސައްކަތް ފެށްޓެވިއެވެ. ނަތީޖާއަކަށް ވީ އިޤްތިޞާދީ ކާރެއް ވުޖޫދަށް އައުމެވެ. 1914 ވަނަ އަހަރު އޭނާ  ފަޚްރުވެރިކަމާއެކު ވިދާޅުވިއެވެ. [ފޯޑް ޓީ] މަރުކާގެ ކާރެއް، މީހެއްގެ މަހު މުސާރައިން ގަނެވޭނެއެވެ. 1907ވަނަ އަހަރު 1200 ޑޮލަރަށް ގަންނަން ލިބުނު ކާރު 2014ވަނަ އަހަރުވަނީ  270 ޑޮލަރަށް ގަންނަން ލިބޭވަރު ކޮށްދެއްވައިފައެވެ.ފޯޑް އޭނާގެ ކާރު އިޝްތިހާރު ކުރެއްވުމަށް އިޝްތިހާރުކޮށްދޭ ކުންފުނިތައް ބޭނުން ކުރެއްވިއެވެ. އެހެނަސް މިލިއަނުން މިލއަނުން އޯޑަރުތައް އޮހެން ފެށުމުން އިޝްތިހާރު ކުރަން ބޭނުންނުވާކަން އެނގިވަޑައިގެން އިޝްތިހާރު ކުރެއްވުން ހުއްޓައިލެއްވިއެވެ. އެ ދުވަސްވަރު ނޫސްތަކާއި މަޖައްލާތަކުގައި ފޯޑް ކާރުގެ ވާހަކަތައް މެދުނުކެނޑި ލިޔެވެމުން ދިޔައެވެ. 

ފޯޑްގެ މި މަސައްކަތްޕުޅުން  ކާރަކީ އެމެރިކާގެ ކޮންމެ ފަރްދަކަށް ބޭނުންވާ ޟަރޫރީ އެއްޗެއް ކަމުގައި ވެގެން ދިޔައެވެ. އޭގެ އަސަރު އެމެރިކާގެ މުޅި މުޖްތަމަޢަށް ވަރަށް ފުންކޮށް  ފޭދިގެންދިޔައެވެ. މި ޞިނާޢަތާ ވިދިގެން އިތުރު އެތައް ޞީނާޢަތްތަކެއް އުފެދި ތަރައްޤިވެގެން ދިޔައެވެ. ކާރަށް ބޭނުންވާ ފުރޮޅު އުފެއްދުމަށް ރަބަރާއި، ކާރަށް ބޭނުންވާ ބިއްލޫރިއާއި މަޢުދަނާއި ، ކާރު ދުއްވަން  ބޭނުންވާ ތެލާއި، ކާރު ދުއްވާނެ މަގުތަކަށް ބޭނުންވިއެވެ. ދިގު ދަތުރުތައް ކުރާއިރު މަޑުކޮށްލައިފާ ކައިލާނެ ހޮޓާތަކަށާއި ، ތެޔޮ އަޅާދޭނެ އިސްޓޭޝަންތަކަށް ބޭނުންވިއެވެ. އަދި ކާރު ދުއްވަމުންދާއިރު ޖެހޭ މަސްއަލަތައް ޙައްލުކޮށް މަރާމާތު ކޮށްދޭނެ ވަކްޝޮޕްތަކަށް ވެސް ބޭނުންވިއެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. 

ފޯޑްގެ މި ޞިނާޢަތުގެ ސަބަބުން އެމެރިކާގެ އެންމެ އާދައިގެ މީހާއަށް ހަމައެކަނި ކާރެއް ގަނެވުނީއަކީއެއް ނޫނެވެ. އެހެނަސް އެމެރިކާގެ ބައެއް މީހުން ބުނާގޮތުގައި [ހެންރީ ފޯޑް މުޅި ދުނިޔޭގެ މޫނުމަތި ބަދަލުކޮށްލައްވައިފިއެވެ.] 

ޙަޔާތުގެ ހަވާސާމަތީގައި ދިރިއުޅުމަކީ އުދަނގޫ ކަމެއްކަން ކަށަވަރެވެ. ބައިނަލްއަޤްވާމީ މާދަލާ (equation)ގައި އެއްވެސް ޢަދަދަކަށް ނުވާ ބައްޓަމެއްގައި އެހެން މީހުންގެ މައްޗަށް ބަރޯސާވެގެން ޤައުމެއް އޮތުމަކީ ވަރަށް ވޭންދެނިވި ކަމެކެވެ. އިސްތިހްލާކީން ގިނަވެ އުފެއްދުންތެރީން މަދުވެއްޖެނަމަ އެއީ ބޮޑު ކާރިސާއެކެވެ. ތިމާގެ ދުވަހު ކޮއްތު ތިމާގެ ދުޝްމަނުގެ އަތަށް އަރައިފިނަމަ، ބަލިފަސޭހަވުމަށް ނޭދޭ މީހާ އަތުގައި ބޭސް ހުރެއްޖެނަމަ، އެއީ ބޮޑު މުޞީބަތެކެވެ. އެބައިމީހުން ތިޔަބައިމީހުންގެ މައްޗަށް ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި ޢަހްދަކަށް ވެސް  ތިޔަބައިމީހުންނާމެދު އެބައިމީހުން ނުބަލާނެތެވެ.

މިއީ [އިސްތިހްލާކުގެ ސަޤާފަތް]އެވެ. އުފެއްދުންތެރިކަމެއް ނެތުމުގެ ސަބަބުން ކާއެތިކޮޅު ހޯދުމަށް ޓަކައި އެމީހުންނަށް މި ވަނީ މިނިވަންކަމާއި، ކަރާމަތާއި ސިޔާދަތު ވިއްކައިލަން ޖެހިފައެވެ. އެއީ ހިއްމަތާއި ގަދައަޅައި މަސައްކަތް ކުރުމުގެ މައްޗަށް ކަންނެތްކަން ވެރިކުރުވާ ސަޤާފަތެކެވެ. އެއީ ޖޯޝާއި ހެވިކަމުގެ ބަދަލުގައި ކަންނެތްކަމާއި  ބުރަހެލިކަން ވެރިކުރުވާ ސަޤާފަތެކެވެ. 

[މީޒާނުލް ޢަމަލި] ފޮތުގައި އަލްއިމާމު އަބޫ ޙާމިދުލް ޣަޒާލީ އަދި އެކަލޭގެފާނުގެ ފަހުން [އަލްޙަމަވިއްޔާ] ފޮތުގައި ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. [މީސްތަކުން ފާސިދުވަނީ ½ މުތަކައްލިމުންނާއި(2)، ½ ފަޤީހުންނާއި، ½ ނަޙްވީންނާއި(3)، ½ ޑަކްޓަރުން ތިބޭތީއެވެ. އޭނާ ރަށް ފަސާދަކުރެއެވެ. އަނެކާގެ ދީން ފަސާދަ ކުރެއެވެ. އަނެކާގެ ދޫ ފަސާދަ ކުރެއެވެ. އަނެކާގެ ހަށިގަނޑު ފަސާދަ ކުރެއެވެ.] ފަސާދައާ ½ އާ ބެހޭ ގޮތުން މި ގޮތަށް ވިދާޅުވާއިރު، ސުމަކާ ބެހޭ ގޮތުން ވިދާޅުވާނީ ކީކޭބާވައެވެ؟ 

އިސްތިހްލާކުގެ ސަޤާފަތަކީ މުއްސަނދިކަން ދިރުވައިލާ ސަޤާފަތެކެވެ. އެއީ އެއްޗެހީގެ އަގު ވަޒަންކުރުމުގެ ޝުޢޫރު ކަނޑުވައިލާ ސަޤާފަތެކެވެ. އެއީ ވެން މަސް ވެނަށް ކާންދޭ ސަޤާފަތެކެވެ. މި ސަޤާފަތުގައި ފަރްދުން އިސްކަންދޭނީ ބޭރު ތޮށިގަނޑަށެވެ. މި ސަޤާފަތުގައި ފަރްދުން ހޭދަކުރާނީ ތަޙްސީނާތަށެވެ. ޗޮކްލެޓަށާއި އެންމެ ފަހުގެ މޯބައިލްފޯނުތަކަށާއި ،ރީތިވާ ސާމާނަށާއި، އަނގައަށް މީރު އަވަސް ކާބޯތަކެއްޗަށާއި،  ހެދުން އަލަމާރިއަށެވެ.މި ސަޤާފަތް  ބައެއްފަހަރަށް ނަފްސާނީ ބައްޔަކާ  ހަމައަށް އުފުލިގެން ވެސް ހިނގައިދާނެއެވެ. ހާރޓްލީ ގްރެޓަން (Hartley Grattan) ވިދާޅުވިއެވެ. [އިސްތިހްލާކީއަކީ އޮޅުންބޮޅުން  ބޮޑު ދުނިޔެއެއްގައި އުޅެމުންދާ  އޮޅުންބޮޅުން ބޮޑު މަޚްލޫޤެކެވެ.] 

ދިރާސާ ކުރައްވާ މުޙައްލިލުން ވިދާޅުވާ ގޮތުގައި އެއްޗެހި އިސްތިހްލާކު ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އޭގެ ސަބަބުން އިސްތިހްލާކީންގެ ވިސްނުން ކޮށިވެ ، ކަންކަމާމެދު ޚިޔާލު ކުރުމާ ދުރުހެލިކުރުވާނެއެވެ. އެމީހުން އަބަދުވެސް ވިސްނާނީ ބާޒާރަށް ނެރޭ އައު އެއްޗެއްސާމެދުއެވެ. މިއާޚިލާފަށް އުފައްދާމީހާއަށް  އަބަދުވެސް ވިސްނަން ޖެހޭނެއެވެ. ތަޖްރިބާކުރަން ޖެހޭނެއެވެ. އަޅައިބަލަން ޖެހޭނެއެވެ. ރަނގަޅާއި ނުރަނގަޅު ހޯދަން ޖެހޭނެއެވެ. އިސްތިހްލާކީން ދަލުގައި ޖައްސާނެ ގޮތްތައް އީޖާދު ކުރަން ވެސް  ޖެހޭނެއެވެ. ރޭރު ކުރެވޭނެ ވަސީލަތްތައް ފަހިކުރަން ޖެހޭނެއެވެ. މިކަމުގެ ސަބަބުން ހަކަތަތައް ފައްވާރާވެގެންދާނެއެވެ. އައު އީޖާދުތައް އިތުރުވެ އައު އުސްމިންތަކަށް އަރާނެއެވެ.

ވޭތުވެދިޔަ ސައްތައިގެ މެދުތެރެއާ ހަމައަށް ދެވުނުއިރު ލޮޔާއި، ހަކަތައާއި، އެއްގަމުމަހާއި، އެކަތައާއި ، ލަކުނޑި ވަނީ   ދުނިޔޭގެ އިސްތިހްލާކުގެ ފަރްދީ  ނިސްބަތުން ދެ ގުނައަށް އިތުރުވެފައެވެ. ކާރު ބޭނުންކުރުން  ވަނީ ހަތަރު ގުނައަށް އިތުރުވެފައެވެ. ޕްލާސްޓިކު ބޭނުންކުރުން ވަނީ ފަސް ގުނައަށް އިތުރުވެފައެވެ. އެލިމިނިއަމު ބޭނުން ކުރުންވަނީ ހަތްގުނައަށް އިތުރުވެފައެވެ. 

އިސްތިހްލާކަކީ ވަސީލަތެއް، ލަނޑުދަނޑިއެއްނޫން

އިސްލާމްދީން ދެކޭގޮތުގައި އިސްތިހްލާކަކީ ވަސީލަތެކެވެ. އެއީ ލަނޑުދަނޑިއެއްނޫނެވެ. އެއީ ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެއްނޫނެވެ. ކަމާލިއްޔާތުގެ ތެރެއަށް އިންސާނާ ވައްޓައިލާ އިސްތިހްލާކަކީ އިސްލާމްދީން އެކަމަށް މަލާމާތްކުރާ ކަމެކެވެ. އިސްލާމްދީން ދެކޭ ގޮތަކީ އިންސާނާއަކީ  އެދުންތައް ގިނަ،  ހިތް ނުފުރޭ މަޚްލޫޤެކެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. [ކާބޯތަކެއްޗާއި ފޭރާމާއި ކާވެނީގެ ކަންތައްތަކަކީ އިންސާނާގެ ނަފްސު ދެމެހެއްޓުމަށާއި ފަސާދައާއި ހަލާކުން ރައްކައުތެރިކުރުމަށް ބޭނުންވާ ކަންތައްތަކެކެވެ. އެކަންތައްތަކުގެ ސަބަބުން އިންސާނީ ނައުޢު ނެތިގެން ދިޔުމުން ސަލާމަތް ކުރެވެއެވެ. ﷲ އޭނާއާ އުފުލަން ޙަވާލު ކުރެއްވި އަމާނަތް އަދާކުރެވޭނީ މި ކަންތައްތައް ޙާޞިލުވެގެންނެވެ. އޭނާއަށް ﷲއަށް ޝުކްރު އަދާ ކުރެވޭނީ ވެސް އޭރުންނެވެ. 

މުޙައްމަދު ބިން ޙަސަނުއް ޝައިބާނީ ވިދާޅުވިއެވެ. [މަސްއަލަ ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އޭނާގެ ބަނޑުފުރާނަ މުއްތި ކުރެވި ﷲއަށް ކިޔަމަންގަތުމަށް ބޭނުންވާ މިންވަރަށް ބޭނުން ކުރުމުން ސަވާބު ލިބޭނެއެވެ. އެކަމަށް ޢިޤާބު ނުލިބޭނެއެވެ. އެ މިންވަރަށްވުރެ އިތުރުވެ ބަނޑުބޮޑުވާ މިންވަރަށް ދިޔުމަކީ ހުއްދަ ކަމެކެވެ. އެކަމާ ބެހޭގޮތުން އޭނާއާ ސުވާލު ކުރެވޭނެތެވެ. ޙަލާލު ގޮތުގައި ޝަހްވަތްތައް ފުއްދުމާއި ލައްޒަތްތައް ޙާޞިލު ކުރުމަކީ ހުއްދަކުރެއްވިގެންވާ ކަންތައްތަކެކެވެ. އެކަމުގައި ހައިހޫނުކަމުގައި ތިބި މީހުންގެ ޙައްޤުތައް  އަދާކޮށްދޭން ޖެހޭނެއެވެ. އެކަމަށް ޓަކައި ﷲއަށް ޝުކްރިވެރިވާން ޖެހޭނެއެވެ. ބަނޑުބޮޑުވާ މިންވަރަށްވުރެ މައްޗަށް ދިޔުމަކީ ޙަރާންވެގެންވާ މިންވަރެވެ.] 

މިއީ އިސްތިހްލާކުގެ ސަޤާފަތަށް ނަޒަރު ހިންގައިލާއިރު  އިސްލާމްދީނުން ފެންނަންހުރި އަގުތަކެވެ. ހޮއި ހެދިފައިވާ ބައިނަލްއަޤްވާމީ އިސްތިހްލާކީ ނިޒާމާ ވަރަށް ތަފާތެވެ. އިސްލާމީ އަގުތަކުގައި ވެށި ވިސަޑުވުމެއް ނެތެވެ.  ޤުދްރަތީ މުއްސަނދިކަން  ގިރައިގެން ދިޔުމެއް ނެތެވެ. މީގެއިތުރަށް އިޖްތިމާޢީ އަގުތައް ކަފާސްވެ ހަލާކުވުމެއް ނެތެވެ. ނަފްސާނީ ބަލިތައް ފެތުރުމެއް ނެތެވެ. 

އިސްތިހްލާކީ މަފްހޫމު 

އިސްތިހްލާކީ ރޯގާއިން މީސްތަކުން ސަލާމަތް ކުރަން ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. މި ކަމާ ބެހޭގޮތުން ވަރަށް ގިނަ ނަޒަރިއްޔާތުތައް އުފަންވެފައިވެއެވެ. މި ހުރިހާ ނަޒަރިއްޔާތުތަކެއް ވެސް ގޮވައިލަނީ މީހުންގެ ސުލޫކު ރަނގަޅު ކުރުމަށެވެ. ޙަޤީޤީ މުހުތާދުތަކާއި ބިލާހީ  މުހުތާދުތައް ވަކިކުރުމަށެވެ. އެއްޗެހި އިސްތިހްލާކު ކުރުމުގައި މީހުން ގެންގުޅޭ ސުލޫކަށް ބަދަލު ގެނައުމަށެވެ. 

މި ރޯގާއަށް އިސްލާމްދީނަށްވުރެ ރަނގަޅު ފަރުވާއެއް ނެތްކަން ކަށަވަރެވެ. އިސްލާމްދީނަކީ ފަރްދުންގެ ބޭނުންތައް ފުއްދާއިރު  މުޖްތަމަޢުގެ ބޭނުންތަކަށް ރިޢާޔަތް ކުރުމަށް ގޮވައިލާ ދީނެކެވެ. އިސްލާމްދީން އަބަދުވެސް ގޮވައިލަނީ އިސްރާފު ނުކުރުމަށެވެ. އިސްތިހްލާކީ ރޯގާއަކީ އިސްރާފީ ވައިރަހެކެވެ. ލޮބުވެތި ރަސޫލާ e ޙަދީސް ކުރެއްވިއެވެ. [طَعامُ الواحِدِ يَكْفِي الاثْنَيْنِ، وَطَعامُ الاثْنَيْنِ يَكْفِي الأرْبَعَةَ، وَطَعامُ الأرْبَعَةِ يَكْفِي الثَّمانِيَةَ(4) - އެކެއްގެ ކާއެއްޗެހި ދެ މީހަކަށް ފުދެއެވެ. ދެމީހެއްގެ ކާއެއްޗެހި ހަތަރު މީހަކަށް ފުދެއެވެ. ހަތަރު މީހެއްގެ ކާއެއްޗެހި އަށް މީހަކަށް ފުދެއެވެ.] ޢާމުއް ރިމާދާގެ(5) ތެރޭގައި ޢުމަރުގެފާނު ވިދާޅުވިއެވެ. [މީހަކު ބައި ބަނޑު މަތީ ހުއްޓައި ހަލާކުވެގެން ނުދާނެތެވެ.] އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. [إِيَّاكُمْ وَالْبِطْنَةَ مِنَ الطَّعَامِ ، فَإِنَّهَا مَكْسَلَةٌ عَنِ الصَّلَاةِ ، مُفْسِدَةٌ لِلِجَسَدِ ، مُوَرِّثَةٌ لِلسَّقَمِ ، وَأَنَّ اللَّهَ تَبَارَكَ وَتَعَالَى يُبْغِضُ الْحَبْرَ السَّمِينَ ، وَلَكِنَ عَلَيْكُمْ بِالْقَصْدِ فِي قُوتِكُمْ ، فَإِنَّهُ أَدْنَى مِنَ الْإِصْلَاحِ ، وَأَبْعَدُ مِنَ السَّرَفِ ، وَأَقْوَى عَلَى عِبَادَةِ اللَّهِ ، وَإِنَّهُ لَنْ يَهْلِكَ عَبْدٌ حَتَّى يُؤْثَرَ شَهْوَتَهُ عَلَى دِينِهِ(6) - ތިޔަބައިމިހުން  ހިސާބަށްވުރެ ގިނައިން ކައިބޮއި ހެދުމާ ދުރުހެލިވާށެވެ! ހަކަށަވަރުން އެއީ ނަމާދަށް ކަންނެތްކުރުވާނެ ކަމެކެވެ. އެއީ ހަށިގަނޑު ފަސާދަކުރުވާނެ ކަމެކެވެ. އެއީ ބަލިމަޑުކަން ވާރުތަކުރުވާނެ ކަމެކެވެ. ހަމަކަށަވަރުން ﷲ ތަބާރަކަ ވަ ތަޢާލާ ބަނޑުލައިފާ ހުންނަ ޙަބްރު ދެކެ ރުހިވޮޑިނުގަންނަވަތެވެ. ތިޔަބައިމީހުންގެ މައްޗަށް އޮތީ ކެއުންބުއިމުގައި މެދުމިންވަރުގައި ހިފެހެއްޓުމެވެ.ހަމަކަށަވަރުން އެއީ އިޞްލާޙާ އެންމެ ކައިރި ގޮތެވެ. އިސްރާފާ އެންމެ ދުރު ގޮތެވެ. ﷲއަށް އަޅުކަންކުރުމަށް އެންމެ ބާރު ލިބެނިވި ގޮތެވެ. އަޅަކު އޭނާގެ ދީނުގެ މައްޗަށް އޭނާގެ ޝަހްވަތް އިސްކޮށްފުމަށް ދާންދެން އޭނާ ހަލާކުވެ ނުދާނެތެވެ.] 

އިސްލާމީ ތަރިކައަކީ މި ފަދަ މަތިވެރި އިރްޝާދުތަކުން ފުރިގެންވާ ޚަޒާނާއެކެވެ. އަޅުގަނޑުމެންގެ އިސްލާމީ އަގުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ސުލޫކާއި ވައްޓަފާޅިތައް ބައްޓަން ކުރެވިއްޖެނަމަ، އެހެނިހެން ރޯގާތަކުން ސަލާމަތްވެވޭ ގޮތަށް އިސްތިހްލާކީ ރޯގާއިން ވެސް އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެއެވެ.

__________________________________ 

ޙަވާލާއާއި ފުޓްނޯޓް:

1.     Consumer culture (މިއީ ސުރުޚީގެ މާނައެވެ. ސުރުޚީގައި ކުޑަކޮށް ޢަދަދު (1) ނުޖެހުނީ ފަންނީ ސަބަބަކާ ހުރެއެވެ.)

2.     މުތަކައްލިމުންނަކީ ޢަޤީދާއާ ބެހޭ ޢިލްމުވެރީންނެވެ.

3.     ނަޙްވީންނަކީ ބަހުގެ ޤަވާޢިދާ ބެހޭ ޢިލްމުވެރީންނެވެ.

4.     صحيح مسلم ٢٠٥٩

5.     އެއީ މަދީނާއާއި މަދީނާގެ ވަށައިގެންވާ ރަށްތަކަށް އައި ބޮޑު ތަދެވެ. މި ތަދު 9ވަރަކަށް މަސްދުވަހަށް ދެމިގެން ދިޔައެވެ. ވާރޭ ނުވެހުމުގެ ސަބަބުން ގަސްތައް މަރުވެ ، ވަޅުތައް ހިނދި، ފަސްގަނޑު ހަނަފަސްވެ އަޅިޔާ އެއްވައްތަރުވިއެވެ. މި އަހަރަށް ޢާމުއްރިމާދާ – އަޅީގެ އަހަރު – މި ނަން ދެވުނީ މިހެން ވެގެންނެވެ.

6.     الجوع لابن أبى الدنيا ، حجيث رقم  81

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ