އަދުގެ ޚާއްސަ

Print

ވަށްބޮޅު ކޭތަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސައިންސް

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ދިވެހި ރާއްޖެއަކީ ވެސް މިއަދު ޢިލްމީ ގޮތުން ކުރިއަރަމުން އަންނަ ގައުމެކެވެ. ދިވެހި ހުރިހައި ދަރީންނަކީ، ތަޢުލީމީ ބަޔެކެވެ. އެހެންކަމުން މިއަދު ޢިލްމީ ކަންކަން ހާމަކުރެވެން ޖެހޭނީ، ކަންކަން ހިނގާ ގޮތާއި ކަމުގެ ޙަޤީޤަތް ޢިލްމީ ގޮތުން ސާބިތުވާ ގޮތަށެވެ. ޚިޔާލަށް ނުވަތަ ހީ ގެ މައްޗަށް ޢިލްމީ ކަންކަން ހާމަ ކުރެވިގެން ނުވާނެވެ. 

ކަމެއްގެ އިލްމީ ޙަޤީޤަތާ ތަފާތު ގޮތަަކަށް ޢިލްމީ ކަންކަމެއްގެ ވާހަކަ ހާމަވުމަކީ، ޢިލްމީ ގޮތުން ކުރިއަރަމުން އަންނަ ޒުވާން ޖީލަށް ކަންކަމުގެ އަޞްލާމެދު އޮޅުން އަރާނެ ކަމެކެވެ. އެއީ، ވެގެންވާނެ ގޮތެއް ނޫނެވެ. 

ދިވެހި ދަރީންނަކީވެސް މިއަދާއި މާދަމާ، ދުނިޔޭގެ ފެންވަރުގެ އެކިއެކި ޢިލްމީ ލިޔުންތައް ލިޔާނެ ބައެކެވެ. އެގޮތުން ލިޔާ ލިޔުމެއްގައި ކަމެއްގެ ޢިލްމާ ޚިލާފަށް ލިޔެވިފައިވާނަމަ ލިޔުނު މީހާގެ، ނުވަތަ ރަސްމީ އިދާރާއެއް ނަމަ އެ އިދާރާއެއްގެ، ނާޤާބިލްކަން ހާމަވާނެއެވެ. އަދި އެފަދަ ލިޔުމެއް ދުނިޔޭގެ ރަސްމީ ފަރާތަކުން ދިރާސާ ކޮށްފިނަމަ، ހިނގާ ގޮތުގެ ޢިލްމާއި އެފަދަ ލިޔުމެއް ޚިލާފުވުމަކީ، ރާއްޖޭގެ އުނގަންނައި ދިނުމުގެ ޙާލަތުގެ ފެންވަރު ދަށްވުމުން ފޯރާ އަސަރު ކަމުގައި، ދުށުމުގެ ފުރުޞަތު އޮންނާނެއެވެ. އެއީވެސް، ވެގެން ވާނޭ ކަންކަމެއް ނޫނެވެ. ރާއްޖެއަކީ، މިއަދު ދުނިޔޭގެ ފެންވަރުން ކުރިއަރަމުން އަންނަ ގައުމެކެވެ. ޒުވާން ޖީލުތަކަށް ޢިލްމީ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށް ދެވެންވާނީ ކަންކަމުގެ ޢިލްމީ އަޞްލުތަކާ އެއް ގޮތަށެވެ. 

ކޭތައިގެ ބާވަތްތަކުން ޢާންމުކޮށް ބަލައި އުޅެނީ މައިގަނޑު ދެ ބާވަތެވެ. އިރު ކޭތައާއި ހަނދު ކޭތައެވެ. ހަނދު ކޭތައިގެވެސް އިރުކޭތައިގެވެސް މައިގަނޑު ދެ ބާވަތް އޮވެއެވެ. އެއީ، ފަޅި ކޭތައާއި ފުރިހަމަ ކޭތައެވެ.  

މި ލިޔުމުގައި އަޅުގަނޑު ހާމަކޮށްލަން ބޭނުންވަނީ އިރުކޭރައިގެ ވާހަކަ އެކަންޏެވެ. ކޮންމެ އިރު ކޭތައެއްވެސް އަބަދުވެސް ހިފާނީ ފުރިހަމަ ކޭތައެއްގެ ގޮތުގައެވެ. ކޭތަ ފުރިހަމަ ކޭތައަކަަށް ނުވަތަ ފަޅި ކޭތައަކަށްވަނީ ދުނިޔެއަށް ނުވަތަ ދުނިޔޭގެ ވަކިތަނަކަށް އެ ކޭތައެއް ފެންްނަ މިންވަރުގެ މައްޗަށް ނިސްބަތްކޮށް ކިޔާ ކިޔުމުގައެވެ. އެހެނަސް އިރާއި ދުނިޔެއާއި ދެމެދުން ހަނދު ހުރަސްކުރާ ކުރުމުގައި އަބަދުވެސް އިރާއި ހަނދާއި ހަމަހަމަވެފައި ހުއްޓާ ފެންނަ ދިމާއެއް އަބަދު ވެސް ހުންނާނެއެވެ. އެދިމާއަށް އަބަދުވެސް ފެންނާނީ ފުރިހަމަ ކޭތައެކެވެ. ދުނިޔެއަށް ކޮންމެ ކޭތައެއް ނުފެނިވެސް ހިނގައިދާނެއެވެ. ނުވަތަ ފުރިހަމަ ވެފައިވާތަން ނުވެނިވެސް ހިނގައިދާނެއެވެ.

އިރުކޭތައިގެ މައިގަނޑު ދެ ބާވަތުން "ވަށްބޮޅު ކޭތަ" ފެންނަނީ، އިރާއި ހަނދާއި ދޭތި އެކަތި އަނެކައްޗާއި ހުންނަ ދުރުމިނުގެ ގޮތުންނާއި، އިރާއި ހަނދު ދުނިޔެއާއި ދުރުމިން ހުންނަ ނިސްބަތުން، ހަނދަށް ވުރެން އިރުގެ ސެމީޑައިމީޓަރު ބޮޑު ދުވަހަކު، އިރާއި ދުނިޔެއާއި ދެމެދުން، ހަނދު ހުރަސް ކުރާ ވަގުތު ދުނިޔޭގެ ބިމަށް އެފަދަ ކޭތައެއް %100 ފެންނަ ތަނަކަށެވެ.

އިރުގެ ސީދާ މެދު ޕޮއިންޓާއި، ހަނދުގެ ސީދާ މެދު ޕޮއިންޓް ވަކި ދިމާޔަކަށް ހަމަހަމަވާ ވަގުތު ހަނދުގެ %100 އަލިކަން ހުންނަނީ ދުނިޔެއަށް ފުރަގަސްދީ، އިރާ ދިމާޔަށް ކުރިމަތިކޮށް ކަމުން، ދުނިޔެއަށް އެވަގުތު ފެންނާނީ ހަނދުގެ އަލިކަން ނެތް އަނދިރި ފަރާތް (ކަޅު ކުލައިގައި) ވަނިކޮށެވެ. އިރާއި ހަނދު އެގޮތުން ފުށުއަރާފައިވާ ވަގުތުގައި އިރު ފެންނާނީ އޭގެ މެދުގައި އަލިކަމެއް ނެތި ކަޅު ކުލައިގައެވެ. އަދި ސެމީ ޑައިމީޓަރުގެ ގޮތުން ހަނދަށް ވުރެ އިރުގެ ސައިޒުން، އިތުރުވީ މިންވަރު، ހަނދުގެ ފިޔަވައި ހަނދުގެ ވަށައިގެން އިރުން ނުފޮރުވި ފެންނާން ހުންނަ އަލިކަން ދުނިޔެއަށް ފެންނާނީ އަލި ވަށްބޮޅެއްގެ ގޮތުގައެވެ. 

ވަށްބޮޅު ކޭތަ، ބޮޅުގެ ފަލަމިން އެކި ފަހަރު ފެންނާނީ އެކި މިންވަރަށެވެ. އިރު ދުނިޔެއާއި ކައިރީ ހުރެފައި، ހަނދު ދުނިޔެއާއި ދުރުގައި ހުންނަ ދުވަސްދުވަހު ހިފާ އިރުކޭއަކީ ވަށްބޮޅު އިރުކޭތައެވެ. އެފަދަ ދުވަސްދުވަހު ފެންނަ އިރު ކޭތައިގެ ދުރުމިން ހުންނަ ނިސްބަތުން އެ ބޮޅުގެ ފަލަހިމަ މިން ތަފާތުވެސް ވާނެއެވެ. 

ހަމަ އެހެންމެ، އިރު ދުނިޔެއާއި އެންމެ ދުރު ހުރެފައި، ހަނދު ދުނިޔެއާއި އެންމެ ކައިރީ ހުންނަ  ދުވަސް ދުވަހު ހިފާ އިރުކޭތައިގެ ވަށްބޮޅެއް ނުފެންނާނެއެވެ. %100 އަށް ކޭތަ ފެންނަ ޕޮޒިޝަނަށް ފެންނާނީ އިރު އެއްކޮށް ގެއްލިފައި ކަޅު ވަށްބުރެކެވެ. ކަޅު ބުރެއްގެ ވަށައިގެން އަލިކަމެއް ފެންނަ މަންޒަރެކެވެ. އަދި އެ އަލިކަން އެކިފަހަރު އެކި ދިމާއިން ބޮޑުވެ ކުޑަވާ މަންޒަރުވެސް ފެންނާނެއެވެ. މި ދެ ފޮޓޯއިން އެ ފެންނަނީ ބުނެވިދިޔަ އިރު ކޭތައިގެ ދެ ބާވަތެވެ. 

ހަނދު ދުނިޔެ ވަށައިގެން ހިނގާ ފަލަކުން ދުނިޔެއާއި އެންމެ ކައިރީގައި ހަނދު ހުންނަ ހުރުމަށް އިނގިރޭސި ބަހުން ކިޔަނީ "ޕެރިޖީ" އެވެ. އެ ޙާލަތާ މަހުގެ ފަނަރަފޮޔާ ދިމާވުމުން ފެންނާނީ މާ ހަނދެވެ.

ހަނދު ދުނިޔެއާއި އެންމެ އެންމެ ދުރުގައި އޭގެ އޯބިޓްގައި ހުންނަ ހުރުމަށް އިނގިރޭސި ބަހުން ކިޔަނީ "އެޕޮޖީ" އެވެ. ދުނިޔެއާއި އެންމެ ކައިރީގައި ހަނދު ހުންނަ ދުރުމިނަކީ، 224,000 މޭލެވެ. އެންމެ ދުރުގައި ހުންނަ ދުރުމިނަކީ، 251,655 މޭލެވެ. 

"ޕެރިޖީ" އާއި "އެޕޮޖީ" އަކީ، ހަނދުގެ މަންޒިލް ކަމުގައި ވެސް މިހާރަކަށް އައިސް ލިޔެފައި ހުންނާތީވެސް ފެނެްެއެވެ. ނަމަވެސް، ޕެރިޖީއާއި އެޕޮޖީއަކީ ހަނދުގެ މަންޒިލެއް ނޫނެވެ. އެއީ، ހަނދު ދުނިޔެއާއި ހުންނަ ދުރުމިނާއި ކައިރި މިނަށް ކިޔާ ނަމެކެވެ. 

ޕެރިޖީ އާއި އެޕޮޖީ އަކީ، މަންޒިލެއްގެ ނަމެއް ނޫނެވެ. އެކަމުގެ ފަލަކީ ދަލީލަކީ، ހަނދު ދުނިޔެއާއި އެންމެ ދުރުގައި ހުންނަ ފަހަރު ފަހަރު ހަނދުގެ ހުންނަނީ އެއް މަންޒިލެއްގައި ނޫންކަން ފަލަކީ ގޮތުން އެނގެން އޮވެއެވެ. 

މި 2020 ވަނަ އަހަރު ދުނިޔެެއާއި އެންމެ ކައިރިއަށް އައި ދެ ދުވަހުން ކުރެ މާރިޗު މަހުގެ 9 ވަނަ ދުވަހު ހަނދު ހުރި ނަކަތަކީ (މަންޒިލަކީ) އުތުރަ ނަކަތްކަމާއި، އަދި މި އަހަރު ދުނިޔެއާއި އެންމެ ކައިރިއަށް ހަނދު އައި ދުވަސް ކަމުގައިވާ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ހަނދު ހުރި ނަކަތަކީ (މަންޒިލަކީ) ހެއި ނަކަތްކަން ފަލަކީ ގޮތުން އެނގެން އޮވެއެވެ.

ހަނދުގެ 28 މަންޒިލަކީ، ހަނދު ހިނގާ ފަލަކު (ބުރު) ގެ 360 ދަރަޖައިން 12.86 ދަރަޖައިގެ މިންވަރަށް ކިޔާ ނަމެވެ. އަދި އެއިން ކޮންމެ ދިމާއަކާއި ދިމާވާ މިޞްރާބުގައި ސާބިތުވެ ހުންނަ ތަރިތަކެއް ހުންނާތީ ފަލަކުގެ އެ ދިމާއަަކާ ދިމާވާ ސާބިތު ތަރީގެ ނަމުން އެ މަންޒިލް ތަކަށް ނަން ދީފައިވަނީ އެވެ. އެއީ، މާލޭހައި ހުންނަ މީހާ އުޅަނދެއް ހުރި ދިމާ ބުނުމަށްޓަކައި އުތުރު ފަރާތުން ނަމަ ބަނޑޮހާ ދިމާއޭ ބުނާ ބީދައިން ދުނިޔޭގެ ނިސްްބަތުގައި އިރާ ހަނދާ ގުރަހަތައް ހުންނަ ފަލަކީ މިޞްރާބަށް ކިޔާ ނަންތަކެކެވެ. 

ހަނދުގެ މަންޒިލްތަކަށް ދިވެހިން ކިޔާ ނަމަކީ، ނަކަތެވެ. އެއީ، އައްސިދަ. ބުރުނު. ކެތި. ރޯނު. މިއަހެލި. އަދަ. ފުނޯސް. ފުސް. އަހުލިހަ. މާ. ފުރަ. އުތުރަ. އަތަ. ހިތަ. ހެއި. ވިހާ. ނޮރަ. ދޮށަ. މުލަ. ފުރަހަޅަ. އުތުރުހަޅަ. އަވިހި. ހުވަން. ދިނަށަ. ހިޔަވިހާ. ފުރަބަދުރުވަ. ފަސްބަދުރުވަ. ރޭވަ. މި 28 ނަކަތެވެ.

ޢަރަބި ބަހުން ކިޔަނީ މަންޒިލެވެ. ޢަރަބި ބަހުން ކިޔާ ނަންތަކަކީ، شرطين. بطين. ثريّا. دبران. هقعه. هنعه. زراع. نثره. طرفه. جبهه. زبره. صرفه. عوى. سماك. غفر. زبان. إكليل. قلب. شوله. نعائم. بلده. سعد الذابح. سعد بلع. سعد السعود. سعد الأخبية. فرع المقدم. فرع المؤخر. رشا. މި 28 މަންޒިލެވެ.

ވީމާ، 21 ޖޫން 2020 ގެ ވަށްބޮޅު ކޭތައެއް ފެންނަ ސަބަބާމެދު ކަން ހިނގާ ގޮތް ބަޔާން ކުރީމެވެ. 

_________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ