އަދުގެ ޚާއްސަ

Print

ބުދު ''ކަތިލީ'' އިބުރާހީމު ހެއްޔެވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009)

''މިއަދު ހެނދުނު މަސައްކަތް ފައްޓާން އިނިސްޕެކްޓަރު ދޮންމަނިކު ދިޔަލެކަށް ވުރެ އަވަހަށް، އައިސް ބުނީ '' ރޭގައި ބުދުގައި ގަލަކުން ޖެހިޖެހީނުން ކަނދުރާ ބިންދާލާ މޫނުމަތި ހަޑި ކޮށްލައިފިއެވެ. ތިރީގައިވެސް ކިތަންމެ ރެނދެއް އިތުރަށް އަޅައިފިއެވެ.'' ދެން އަވަސް އަވަހަށް އަޅުގަނޑު ގޮސް ބެލި އިރު، ބުދުގެ ކަރުދޮށުން ތަންގަނޑެއް ނެއްޓުމާއެކު، ކަރުވަނީ ބިނދިފައެވެ. އެކަމަކު، ބޮލެއް ނުވެއްޓެއެވެ. ކަންފަތު ފޫޅާއި، ނޭފަތާއި، ކަނާއަތްފަރާތުގެ ކޮނޑުމައްޗަށް، އަނިޔާ ލިބިފައި ހުއްޓެވެ. އެކަން ކުޅަގޮތަކާމެދު ވިސްނާލާއިރު، ފެނުނު ގޮތަކީ، މުންނާރުގެ އަނެއް ފަރާތުގައި ބަހައްޓާފައި ހުރި، ވެލިގަލުން އެއްގާ ހިފައިގެން، ބޭރު ބުރުގެ މަތީގައި ހުރެފައި، ބުދާ ދިމާޔަށް އެއްލީއެވެ. ނަމަވެސް އެ އެތިފަހަރު ބުދުގައި ނުޖެހި ދިޔަކަމުން، އެގާ ބުދުގެ ކައިރިޔަށް ވެއްޓިފައި އޮތެވެ. ދެން އަވަސް އަވަހަށް ގޮސް އަނެއްގާ ހިފައިގެން އައިސް، އެއްލީމާ ބުދުގެ މޫނުމަތީގައި ޖެހުނުލެއް ބާރުކަމުން ބުދު ބިންދައިގެން ދިޔައީ އެވެ. އެގާވެސް ބިންދައިގެން ގޮސް ދެބުރި އެތަނަށް ވެއްޓިފައި އޮތެވެ.''

ތޮއްޑޫ ދާގަބާ ނުވަތަ ރަށު މީހުން ކިޔާ ގޮތުންނަމަ ''ބޮޑުގާފުނި'' މިއީ  ދިވެހި ރާއްޖޭން ފެނިފައިވާ އާސާރީ ސަރަހައްދުތަކުގެ ތެރޭން ވަރަށް ކުރީއްސުރެ ފާހަގަ ކުރެވިފައިވާ ތަނެކެވެ.  ސަރުކާރުން މި ތަން ބައްލަވަން ބޭނުންފުޅުވެގެން، މާލޭން ވަފުދެއް ފޮނުއްވި އެވެ. މި ވަފުދުގެ ފަރާތުން ދާގަބާ ކޮނުމުގެ ޢަމަލީ މަސައްކަތް ފެއްޓެވި ކަމަށްވަނީ 20 ޛުލްޙިއްޖާ 1377ގަ އެވެ. 7 ޖުލައި 1958ގަ އެވެ. ރަށުގެ ފަރާތުން ކޮނުމުގެ މަސައްކަތުގައި ބައިވެރިވި ކޮންމެ މީހަކަށް، ދުވާލަކަށް 2.50 ލާރި (ދެރުފިޔާ ބައި) ގެ އުޖޫރައެއް ދެއްވައިގެން ކުރުއްވި މި މަސައްކަތަށް އެތައް ދުވަހެއް ހޭދަވި އެވެ.

ޙައްޖުމަހު 25 ވަނަ ދުވަހުގެ މަސައްކަތް ރޭގަނޑަށް ހުއްޓާލީ، ހަވީރު 5.00ގަ އެވެ. '' ދިވެހި ތާރީޚަށް އާ އަލިކަމެއް'' މި ފޮތް ބުނާ ގޮތުން އޭރު ދާގަބާގެ ބޮޑު ބައެއް ވަނީ ފެނި ފައެވެ. ބޮޑު ބުދާއި އެނޫންވެސް ތަކެތި ހުރީ ދިމާޔަށް ކަޝްފުވެފައެވެ.
އަނެއް ދުވަހު ހެނދުނު މަސައްކަތު ޓީމު ދާގަބާޔަށް ދިޔަ އިރު، މަސައްކަތުވެށި އޮތް ގޮތް މި މަޒުމޫނުގެ ފެށުމުގައި އެވަނީ އެވެ.  އެ ލިޔުންކޮޅު ނަކަލު ކޮށްފައި  އެވަނީ،  ދާގަބާގެ މަސައްކަތް ކުރިޔަށް ދިޔަ ގޮތާބެހޭ ރިޕޯޓުންނެވެ. ''ބުދަށް އަނިޔާ ކުޅައުން''  މި މައުޟޫޢުގެ ދަށުގައި  ''ދިވެހި ތާރީޚަށް އާ އަލިކަމެއް'' މި ފޮތުގެ 267 ވަނަ ޞަފުޙާގައި ލިޔުއްވާފައިވާ ލިޔުމަކުންނެވެ. 

މި ހާ ހިސާބުން ތާރީޚަށްޓަކައި ބައެއް ސުވާލު  ކޮށްލަމާތޯއެވެ؟ ފުރަތަމަ ސުވާލަކީ، ބުދަށް ލިބުނު ގެއްލުމެއް ލިބިފައިވަނީ ވަފުދުގެ ފަރާތުން ލަފާ ކުރެއްވި ގޮތަށްބާވައެވެ؟ ދާގަބާގައިވާ ބޮޑު ބުދުގެ ބޯ ބިންދާލީ ގަލަކުން ޖަހައި ބާވައެވެ؟ ނޫނީ އެނޫން ގޮތަކުން ބާވައެވެ؟  އަޅުގަނޑު ދެކޭ ގޮތުގައި  ދެންހުރި ސުވާލުތައް އަދި މިޔަށްވުރެ މުހިންމެވެ؟ އެއީ އެކަން ކުރި މީހަކާމެދު ނުވަތަ ކުރި ބަޔަކާ މެދު އުފެދޭ ސުވާލެވެ. މި ކަން ކުރީ ކާކު ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ ކިހިނެއްހެއްޔެވެ؟ މި ސުވާލުތަކެވެ.

ތޮއްޑޫ އެންދެރިމާގޭ ދޮންއިބްރާހީމު (90 އ) ކިޔައިދެއްވި ގޮތުގައި ބުދުގެ ބޯ ބިންދައިލި މީހަކީ އޭނާ އެވެ. އޭނާ އެކަންކުރީ ޙައްޖުމަހު 26ވީ ހޯމަ ވިލޭރޭ އެވެ. އެކަމަށް އޭނާޔާ އެކީގައި އިތުރު ދެމީހަކުވެސް ދިޔަ އެވެ. ހަތިޔާރަކަށް ގެންދިޔައީ ފުރޯ އެކެވެ. އެމީހުން ގަސްތުކުރީ އެއީ ބަޔަކު މީހުން ކަލެއްކަމަށް ބަގޫލުކުރާ އެމީހުންގެ ކަލާނގެ ކަމަށްވީތީ، ކަލާނގެ ކަތިލާށެވެ.  އޭގެ ބާޠިލުކަން ދައްކާށެވެ.

ބުދުފެންނަ ފަށަށް ދެވުމާއެކު، އައިސްފައިވާ ރުޅީގެ ގަދަކަމުން އެކަކު ފުރަތަމަވެސް ގާގަނޑެއް އެއްލި އެވެ. ދެން ހުރި މީހާވެސް ގަޅިބުރިއެއް ހޫރާލި އެވެ.  ނަމަވެސް އޭން އެއްވެސް އެތިފަހަރަކުން، ބުދުގެ ބޯ ދުއްވާލެވޭ ގޮތެއް ނުވިއެވެ. ދެން ތިމަންނަ ގެންދިޔަ ފުރޯއިން ޖެހިޖެހީނުން ބުދުގެ ކަނދުރާ ބިންދާލީއެވެ. ބޮލާއި ހަށިގަނޑު ވަކި ކޮށްލީއެވެ. ވިއްސައިގެން ދިޔަ ބޯ ބިންމައްޗަށް ޖެހުނު އިރު ހީވީ ބޮޑުރުކު ގަބުޅިއެއް ޖެހުނު ހެންނެވެ.  ދެން ބުދުގެ ބޯ ނަގައި އަލުން ތަރުތީބު ކުރީއެވެ.

ދޮންއިބުރާހީމްބޭގެ މިވާހަކައާއި، ވަފުދުގެ ބަޔާނާއި އަޅާބަލާއިރު ކުދި ކުދި ފަރަގު ފެނެއެވެ. އެކަމަކު މި ވާހަކަ ކޮޅުން  ބުދަށް ލިބުނު އަނިޔާއާ މެދު  ވަފުދުގެ ފަރާތުން ކުރައްވާފައިވާ ލަފާޔަށް އިތުރު އަލިކަމެއް ލިބޭ ކަމަށް ހީކުރަމެވެ.  ޣައިރު ދީނުގެ ރަމްޒުތަކާމެދު އޭރުގެ ދިވެހިންގެ ވިސްނުން ހުރިގޮތްވެސް ވަރަށް ރަނގަޅަށް މޭރުންވެއެވެ.


ތޮއްޑޫ ދާގަބާ


ކަން މިހެން އޮތް އިރު އަޅުގަނޑުމެން ދޮން އިބުރާހީމްބޭގެ ވާހަކަ ގަބޫލު ކުރާނީ ހެއްޔެވެ؟ އޭނާ ބުނާ ގޮތުގައި މި މަސައްކަތުން ނިމިގެން ގެޔަށް ދާން ހިނގައިގަތްތަނާ  އެތާ ރުއްބުޑެއްގެ މަތީގައި އޮތް ނަންނު ގައްޗެއް ފެނިގެން ފުރޯއިންޖަހާ އެ ސޮރު ވެސް މެދުން ދެބުރި ކޮށްލި ހަނދާން ހަމަ ރަނގަޅަށް އެބަހުއްޓެވެ. 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ