އަދުގެ ޚާއްސަ

Print

އެންމެ ލަފުޒެއްގެ ސަބަބުން އިންތިޚާބަށް ފޯރި އަސަރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ބޮޑު ބިޔަ ބައްރެއްގެ އެއް ފަރާތެއްގައި އޮންނަ ކުޑަ ޤައުމެކެވެ. އެ ޤައުމުގެ ސަރުދާރު ހޮވަނީ އާންމު ވޯޓަކުން ވަކި މުއްދަތަކަށެވެ. ސަރުދާރުކަމަކީ އެ ޤައުމުގެ އެންމެ މަތީ ވަޒީފާއެވެ. އެންމެ ޝަރަފުވެރި މަޤާމެވެ. ކުރީ ޒަމާނުގައި އެކަމާ ކުރިމަތިލާނެ މާ ގިނަ ބަޔަކު ނުވަނީ ޤައުމަށް ލިބޭ އާމްދަނީގެ ކުޑަކަމުން ކަމަށް ވެދާނެއެވެ. ޤައުމުގެ ހުރިހާ ރައްޔިތުންގެ ކަންކަން ފުއްދައިދިނުމަކީ ފަސޭހަކަމަކަށް ނުވެދާނެތީއެވެ.

ނަމަވެސް ފަހަކަށް އައިސް އެ ޙާލަތު ބަދަލުވެއްޖެއެވެ. ޤައުމު ތިޔާގިވެއްޖެއެވެ. އެ ތަނަށް ޒިޔާރަތްކުރާ މީހުން އިތުރުވެއްޖެއެވެ. ލިބޭ އާމްދަނީ ގިނަވެއްޖެއެވެ. އެހެންކަމުން ސަރުދާރުކަމާ ކުރިމަތިލާނެ މީހުން އައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ސަރުދާރުކަމުގެ އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވެއްޖެ އެވެ. އެންމެ ފަހުން އެ ޤައުމުގައި ބޭއްވި ޢާއްމު އިންތިޚާބުވީ އަދި މާ ވާދަވެރި އިންތިޚާބަކަށެވެ. ދޮން ސިކުނޑިތައް ވެސް އެ އިންތިޚާބަށް ޝައުޤުވެރިވެ ފަންނީ އެހީ ދޭން ނިންމައިފިއެވެ. އިންތިޚާބުގެ ތެރެއަށް ތަދައްޚުލުވެއްޖެއެވެ.  ސަރުދާރުކަމަށް ވާދަކުރަނީ މާ ގިނަ ބަޔެކެވެ. އެކަމަކު އެންމެ ގިނަ ބަޔަކު ތާއީދުކުރަނީ ދެ މީހަކަކަށެވެ. ކޮންމެ މީހަކަށްމެ ތާއީދު ހޯދައިދިނުމުގައި ގުރޫޕްތައް ޙަރަކާތްތެރިވަމުން އާދެއެވެ. ޚިޔާލު ހޯދުމުގެ ނަތީޖާ ދައްކާ ގޮތުން އެއްވެސް މީހަކަށްފުރަތަމަ ބުރުގައި 50 އިންސައްތަ ވޯޓު ކާމިޔާބުކުރެވޭނެ ކަމަކަށް ނުވެއެވެ. އެކަމަކު ފުރަތަމަ ބުރުން ފުރިހަމަ ނަތީޖާއެއް ލިބުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތެވެ. ކޮންމެ ކެންޑިޑޭޓަކު ބޭނުންވަނީ ވެސް އެ ގޮތެވެ. ތާއީދު ހޯދުމުގެ މަސައްކަތް މިހާހިސާބަށް އައުމުން އެއް ގްރޫޕުން މޮޅު ގޮތެއް ރާވައިލައިފިއެވެ. އެ ޤައުމުގެ ސަރަހައްދުބަލަހައްޓާ މީހުންގެ ތާއީދު ހޯދިއްޖެ ނަމަ ނަތީޖާ، އެ ކޮޅަށް ބުރަވާނެކަން އެނގޭތީއެވެ. އެހެންކަމުން ވަރުގަދަ ކެންޕޭނު ޖަލްސާއެއް ބާއްވައިފިއެވެ. އެ ޖަލްސާގައި އެއް ކެންޑިޑޭޓަކަށް ތާއީދު ކުރާ ގުރޫޕަކުން ބޭއްވި ޚައްޞަ ޖަލްސާއެއްގައި ކެންޑިޑޭޓް ވަރުގަދަ ތަޤްރީރެއް ދީފިއެވެ. އޭނާގެ ތަޤުރީރުގައި ބުންޏެވެ. ކުރިން ސަރުދާރުކަން ކުރި މީހުން ސަރަހައްދުބަލަހައްޓާ މީހުން ބޭނުންކުރީ ވަރަށް އިހާނެތި ގޮތަކަށެވެ. ތިމަންނަމެން ޕާޓީގެ ކެންޑިޑޭޓަށް ތިމަންނައަށް ސަރުދާރުކަން ލިބިއްޖެ ނަމަ، ސަރަހައްދުބަލަހައްޓާ މީހުންނަކީ އެ ކަހަލަ ބަޔަކަށް ވިޔަކަ ނުދޭނަމެވެ. އެ ހުރިހާ އެންމެންނަކީ ވެސް އަދަބީ ބަޔަކަށް ހަދާނަމެވެ. މި ތަޤުރީރަށް ޓަކައި އުފާކުރި ބަޔަކީ ހަމަ އެކަނި ބަސްވާރުންނެވެ. އަދީބުންނެވެ. ލިޔުންތެރީންނެވެ. ޅެންވެރީންނެވެ. އަދަބީ މީހުންނެވެ. އެކަމަކު އެ މީހުން ވެސް ގަބޫލު ނުކުރާ ކަމެއް އޮތެވެ. އެއީ ސަރަހައްދުބަލަހައްޓާ ހުރިހާ މީހުންނަކީ އަދަބީ ބަޔަކަށް ވެއްޖެ ނަމަ، އަދަބީ ގޮތުން ޤައުމަށް ފައިދާތަކެއް ލިބުނަސް ޤައުމީ ސަލާމަތަށް އެކަމުން ފައިދާއެއް ނުކުރާނެ ކަމެވެ. އަދީބުން ވެސް ޤަބޫލުކުރީ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައެވެ. އެހެނީ ޤައުމުގެ ސަރަހައްދު ބަލަހައްޓަން ތިބޭ މީހުން އެކަން ދޫކޮށްލައި، އަދަބީ ބަޔަކަށް ވެއްޖެ ނަމަ ޤައުމު ދިފާޢުކުރުމުގައި އުޅޭނެ ބަޔަކު ނުތިބޭނީއެވެ. 

އިންތިޚާބު ނިމިއްޖެއެވެ. އިންތިޚާބުގެ ނަތީޖާ ލިބިއްޖެއެވެ. ސަރަހައްދުބަލަހައްޓާ މީހުން އަދަބީ ބަޔަކަށް ހަދާނެ ކަމަށް ވަޢުދުވީ މީހުންގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 5 އިންސައްތަ ވޯޓެވެ. މި ނަތީޖާ ގަބޫލުނުކުރާން ވެސް އެ ގުރޫޕުން މަސައްކަތްކުރިއެވެ. ނަމަވެސް އިންތިޚާބުގެ ހުރިހާ ކަމެއް ހިނގީ ދޮން މީހުންގެ ސީދާ ބެލުމުގެ ދަށުން ކަމަށް ވާތީ، އިންތިޚާބު ރަނގަޅުކަމަށް ނިންމައި އެންމެ ގިނަ ވޯޓް ހޯދައިގެން ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރި މީހާ އަށް ސަރުދާރުކަން ލިބިއްޖެއެވެ. ކުރިން އެހާބޮޑު ތާއީދެއް އޮތް މީހަކަށް މިފަދަ ނަތީޖާއަކާ ކުރިމަތިލާން ޖެހުނީ ކީއްވެތޯ ދިރާސާކުރާ މީހުން ބަލައި ހޯދާން ފަށައިފިއެވެ. ދިރާސާގެ ނަތީޖާ ދެއްކީ އެއީ ލަފުޒެއްގެ މާނަ ނުބައިކޮށް ކުރެވިގެން ދިމާވި ކަމެއް ކަމުގައެވެ. ބޭނުންކުރާންވީ ލަފުޒުގެ ބަދަލުގައި ނުގުޅޭ ލަފުޒެއް ނުގުޅޭ ތަނެއްގައި ބޭނުންކުރުމުގެ ނަތީޖާ ކަމުގައެވެ. މިއީ [ޚުލްޤު ހެޔޮ] [އަޚުލާޤު ރަނގަޅު] [އަދަބުވެރި] މި މާނަތައް ދޭހަކުރުމަށް ޓަކައި [އަދަބީ] މި ލަފުޒު ބޭނުންކުރެވުމުގެ ނަތީޖާއެވެ.

__________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ