އަދުގެ ޚާއްސަ

Print

(6) ހިނިފުޅުނުވަޑުވާ ޤާޟީ: މޫސާ ބިން އިސްޙާޤުލް އަންޞާރީ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމް ދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

ބަޣްދާދުގެ ޚަޠީބު ޤާޟީ މޫސާ ބިން އިސްޙާޤު ބިން މޫސަލް އަންޞާރީ ރައްކައުވީ ހިޖްރައިން 210ވަނަ އަހަރުގައެވެ. އެކަލޭގެފާނު ނިސްބަތްވަނީ ޚަޠުމާ ވަންހައަށެވެ. އެކަލޭގެފާނަކީ ވަރަށް ފިޤްހުވެރި ، ވަރަޢުވެރި ޢާލިމެކެވެ. 

އެކަލޭގެފާނު ދުވަހަކު ވެސް ހިނިފުޅުވަޑުވައިނުލައްވާކަމަށް ބުނެވެއެވެ. މިކަމާހެދި އަންހެނަކު އެކަލޭގެފާނަށް ދެންނެވިއެވެ. [ޢިއްޒަތްތެރި ޤާޟީއޭވެ! ކަލޭގެފާނު މީސްތަކުންގެ މަސްއަލަތައް ބެއްލެވުން ރަނގަޅުވެގެން ނުވެއެވެ. އެހެނީ  ރަސޫލާ r ޙަދީސްކުރެއްވިއެވެ. ޤާޟީ ރުޅިއައިސްގެން ހުރެ ދެމީހެއްގެ ދެމެދުގައި ނިޔާކަނޑަނާޅާށެވެ!  ކަލޭގެފާނު މުޅި ޢުމުރުފުޅުގައި ތިޔަ ހުންނަވަނީ ކޯފާ އިސްކުރައްވައިގެންނެވެ.]  އެހިނދު އެކަލޭގެފާނު ހިނިފުޅުވަޑުވައިލެއްވިއެވެ. 

އެއް ދުވަހަކު އެކަލޭގެފާނުގެ ޝަރީޢަތުގެ މަޖިލީހަށް ފިރިހެނަކާއި އަންހެނަކު އައެވެ. މި އަންހެނާ ދެންނެވިއެވެ. މިއި އަޅުގަނޑުގެ ފިރިމީހާއެވެ. އަޅުގަނޑުގެ ރަނަށްވާ 500 ދީނާރު މީނާ އަދިވެސް އަޅުގަނޑަކަށް ނުދެއެވެ. އެވަގުތު އެ ފިރިހެނާ މިކަމާ އިންކާރުކޮށް އަދާކުރާންޖެހިފައިވާ މާލީ އެއްވެސް ޒިންމާއެއް ނޯންނާނެކަމަށް ދެންނެވިއެވެ. އެހިނދު ޤާޟީ ވިދާޅުވިއެވެ. ތިބާ ހެކިވެރިން ގެންނާށެވެ. ފިރިމީހާ ހެކިވެރިން ގެނައުމުން އޭގެތެރެއިން ހެކިވެރިއަކާ ދިމާއަށް ޤާޟީ ވިދާޅުވިއެވެ. ތިބާ ހެކިބަސް ދިނުމަށް ތެދުވާށެވެ. އަދި ޤާޟީ އެ އަންހެނާއަށް ވިދާޅުވިއެވެ. ހެކިވެރިޔާއަށް ތިޔައީ ކާކުކަން އެނގިގެންނޫނީ ހެކިބަހެއް ނުދެވޭނެއެވެ. ވީމާ ކަނބުލޭގެ މޫނު ބުރުގާ ނަގައި ކަނބުލޭގެ މޫނު އޭނާއަށް ދައްކާށެވެ! އެހިނދު ފިރިމީހާ ބުންޏެވެ. އެމީހާ މި އަންހެނާގެ ކިބައިން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ. ޤާޟީ ވިދާޅުވިއެވެ. ތިބާގެ އަންހެނުންގެ މޫނު ހެކިވެރިޔާއަށް ފެނިގެން ނޫނީ ހެކިބަހެއް ނުދެވޭނެއެވެ. ފިރިމީހާ އޭނާގެ އަންހެނުންގެ މޫނު މީސްތަކުންގެ ކުރިމަތީގައި ހާމަކުރާން  ބޭނުން ނުވާތީ ބުންޏެވެ. [އަހުރެން ޤާޟީ ހެކިކޮށް ބުނަމެވެ. އަހުރެންގެ އަނބިމީހާ އެ ބުނާގޮތަށް އޭނާގެ ރަން އަހުރެންގެ ޒިންމާގައި އެބަ އޮތެވެ. އެހެނަސް ހިލޭ މީހުންގެ ކުރިމަތީގައި އޭނާގެ މޫނު ހާމަ ނުކުރާށެވެ!] އަނބިމީހާއަށް މި އަޑު އިވުމުން ފިރިމީހާ އޭނާ ދެކެ ލޯބިވާ މިންވަރާއި އޭނާގެ ޢިއްފަތްތެރިކަން ޙިމާޔަތްކުރަން އެދޭ މިންވަރު ފެނި ބުންޏެވެ. އަހުރެން ޤާޟީ ހެކިކޮށް ބުނަމެވެ. އަހުރެންގެ ފިރިމީހާގެ ބޮލުގައި އެޅިފައި އޮތް ރަން އޭނާއަށް ހިބައިން  ދީ އޭނާގެ ޒިންމާ މި ދުނިޔެއާއި އާޚިރަތުގައި ޚަލާޞްކޮށްދީފީމެވެ.   

________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ