އަދުގެ ޚާއްސަ

Print

ރަސޫލާﷺގެ ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވި ދުވަސް ކަނޑައަޅައިދިން އިރުކޭތަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމް ރަޝީދު މޫސާ

މި ޖޫން މަހުގެ 21ވަނަ ދުވަހު ހިފި އިރުކޭތައިގެ ވާހަކަ ދައްކާއިރު މި އިރުކޭތަ ވެފައިވަނީ  މުސްލިމުންނަށް ވަރަށް މުހިއްމު ކޭތައަކަށެވެ. މި ކޭތަ މުސްލިމުންނާ ގުޅިފައިވާ މުހިއްމު ތާރީޚެއް ހާމަކޮށްދޭ ޙާދިސާއަކަށް ވާތީއެވެ. މީގެ 1383 އަހަރު ކުރިން މަދީނާގައި އަވަހާރަވި، ކީރިތި ރަސޫލާﷺގެ ލޮބުވެތި ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވި ދުވަހު އިރުކޭތައެއް ހިފިކަން ރަސޫލާގެ ޞައްޙަ ޙަދީސްފުޅުތަކުން  އެނގެއެވެ.

މާތް ﷲ ރުއްސުންލެއްވި އަލްމުޣީރަތު ބިން ޝުޢުބާގެ އަރިހުން ރިވާވެގެންވެއެވެ. [انكسَفَتِ الشَّمسُ على عَهدِ رسولِ اللهِ ﷺ يومَ مات إبراهيمُ، فقال النّاسُ: انكسَفَتْ لمَوتِ إبراهيمَ، فقال رسولُ اللهِ ﷺ: إنَّ الشَّمسَ والقَمرَ آيتانِ مِن آياتِ اللهِ، لا يَنكسِفانِ لمَوتِ أحَدٍ، ولا لحَياتِه، فإذا رَأَيتُموه، فادْعوا اللهَ، وصَلُّوا حتى تَنكشِفَ(1) -މާނައީ : ރަސޫލާ  ގެ ޒަމާނުގައި އިބްރާހީމުގެފާނު އަވަހާރަވި ދުވަހު އިރު ކޭތައެއް ހިފިއެވެ. ފަހެ މީސްތަކުން ބުނޫއެވެ: އިރުކޭތަ ހިފީ އިބްރާހީމުގެފާނު އަވަހާރަވުގެންނެވެ. އެހިނދު ރަސޫލާ  ޙަދީސް ކުރެއްވިއެވެ. ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުން ހެކިތަކެކެވެ. މީހަކު މަރުވުމުގެ ސަބަބުން ނުވަތަ އުފަންވުމުގެ ސަބަބުން އެއިން އެއްޗެއްގައި ކޭތަ ނުހިފާނެތެވެ.ތިޔަބައިމީހުންނަށް ކޭތަ ހިފައިފައިވާ ތަން ފެނިއްޖެނަމަ ފަހެ ﷲއަށް ދުޢާކޮށް ކޭތަ ވިއްލައިފުމަށް ދާންދެން ނަމާދު ކުރާށެވެ!]

މި ބަސްފުޅުން ކަށަވަރުވާ ގޮތުގައި އެކަލޭގެފާނު އަވަހާރަވީ އިރުކޭތަ ހިފި ދުވަހުގައެވެ. ފަލަކީ ހިސާބުތައް ކަށަވަރުކޮށްދޭ ގޮތުގައި އެއީ ހިޖްރައިން 10 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29ވަނަ ދުވަހެވެ. އިއްޔެ (29 ޝައްވާލުގައި) ހިފި ކޭތަ މަދީނަތުލް މުނައްވަރާގެ މީހުންނަށް ފެނިފައިވަނީ ހެދުނު 7:00 އާ 10:00 އާ ދެމެދުގެ ވަގުތެއްގައެވެ. ރަސޫލާގެ ދަރިކަލުން އަވަހާރަވި ދުވަހުގައި ވެސް ކޭތަ ހިފާފައި ވަނީ ހަމަ މި ގަޑީގެ ތެރޭގައެވެ. އެއީ ވަރަށް ހޫނު ގަދަ ދުވަހެކެވެ. ރަސޫލުﷲގެފާނު ބިރުފުޅުން މިސްކިތަށް ވަޑައިގެން މީސްތަކުންނަށް ނަމާދަށް އައުމަށް އެންގެވިއެވެ. މި ނަމާދުގައި ފިރިހެނުންނާއި އަންހެނުން ބައިވެރިކުރެއްވިއެވެ. ކޭތަ ނަމާދު ކުރެއްވުމަށްފަހު  ތެދުވެވަޑައިގެން ޚުޠުބާއެއް ދެއްވިއެވެ. މި ޚުޠުބާގައި ޙަދީސް ކުރެއްވި ބަސްފުޅުތަކުގެ މާނާގައިވެއެވެ. [ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުގެ ތެރޭގައި ހިމެނޭ ދެ ދަލީލެވެ. އެއީ އެކަލާނގެ އަޅުތަކުން ތައުބާގެ މަގަށް ގެންދެވުމަށް ޓަކައެވެ. އެބައިމީހުންނަށް  ބިރުދެއްކެވުމަށް ޓަކައެވެ. އެއީ މީހަކު މަރުވެގެން ނުވަތަ މީހަކު އުފަންވެގެން ވާ ކަމެއް ނޫނެވެ. ފަހެ ކޭތަ ހިފައިފިނަމަ ތިޔަބައިމީހުން ނަމާދު ކުރުމަށާއި، ޛިކްރުކުރުމަށާއި، ދުޢާކުރުމަށާއި،  އިސްތިޣްފާރު ކުރުމަށް  އަވަސްވެ ގަންނާށެވެ!] އެހެން ރިވާޔަތެއްގައވެއެވެ. [ކޭތަ ވީއްލައިފުމަށް ދާނދެން ތިޔަބައިމީހުން ﷲއަށް ދުޢާ ދަންނަވައި،  ތަކްބީރު ކިޔައި،  ޞަދަޤާތް ކުރާށެވެ!]

މާޟީގައި ހިފާފައިވާ ކޭތަތަކާއި ކުރިމަގުގައި ހިފާނެ ކޭތަތަކުގެ މަޢުލޫމާތުތަކަކީ ޢިލްމީ މަރްކަޒުތަކުގައި މިއަދު ރައްކައުކުރެވިފައިވާ މަޢުލޫމާތުތަކެކެވެ. އެމެރިކާގެ [ނާސާ] އަކީ މި ރޮނގުގައި ފާހަގަކުރެވޭ އެންމެ ބޮޑު މަރްކަޒެވެ. މި މަޢުލޫމާތުތައް މި މަރްކަޒުން ތަފާތު އެތައް ބަހަކުން މިއަދު ލިބެން ހުއްޓެވެ. މި ހިސާބުތައް ކުރަނީ ބިމުގެ ވަށައިގެން ހަނދު ދައުރު ކުރާގޮތާއި އިރުގެ ވަށައިގެން ބިން ދައުރުކުރާ ހިސާބުތަކަށް ބަލައިގެންނެވެ. 

ސީރަތު ފޮތްތައް ބުނާގޮތުގައި ހިޖްރައިން 10 ވަނަ އަހަރު މަދީނާއަށް އިރުކޭތައެއް ފެނުނެވެ. އެއީ އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވި ދުވަހެވެ. މި ފޮތްތައް ބުނާގޮތުގައި މި ދަރިކަލުން އުފަންވެވަޑައިގަތީ ހިޖްރައިން 8 ވަނައަހަރުގެ  ޛުލްޙިއްޖާމަހުގައެވެ. އެއީ  މީލާދީން 630ވަނަ އަހަރުގެ މާރިޗު މަހެވެ. 

ސީރަތު ފޮތްތައް ބުނާގޮތުގައި މަދީނާގެ ބައެއް މީހުން ބުނޫއެވެ. [އިރު ކޭތަ މި ހިފީ އިބްރާހީމުގެފާނު އަވަހާރަވެގެން އެ ކަމުގެ ހިތާމައިގައެވެ. މި 21ވަނަ ސައްތައިގައި ވެސް މިފަދަ ޚުރާފީ ވާހަކަތައް ދެކެވޭތަން ފެނެއެވެ. ނަމަވެސް ރަސޫލާ  މަދީނާގެ މީހުންނާ މުޚާޠަބު ކުރެއްވީ ސައިންސީ އެންމެ ފަހުގެ މަޢުލޫމާތުތަކާ އެއްގޮތަށެވެ. އެހެނަސް އެމީހުންނަށް މޭރުންވާ މިންވަރަށެވެ. އެއީ މަރާ ނުވަތަ އުފަންވުމާ ގުޅޭ ކަމެއްނޫންކަމަށް އެކަލޭގެފާނު  ވިދާޅުވިއެވެ. އެއީ ﷲގެ ކުޅަދުންވަންތަކަމުގެ ދަލީލެކެވެ. އެހާ ބަރާބަރަށް އިރާއި ހަނދާ ބިން އެކަލާނގެ ހިންގަވާތީ ކުރިމަތިވާ ކަމެކެވެ.] ރަސޫލާއަށް މި ކަން އެނގިވަޑައިގަތީ ކިހިނެއްތޯއެވެ؟ މިއީ އެކަލޭގެފާނުގެ ރިސާލަތު ތެދުވެރިކަން ބަޔާންކޮށްދޭ ކަމެކެވެ. 

އެމެރިކާގެ " ނާސާ" މަރުކަޒުން ނަގާފައިވާ މަޢުލޫމާތެއް. މި މަޢުލޫމާތު ބުނާގޮތުގައި މީލާދީން 632ވަނަ އަހަރުގެ ޖަނަވަރީ މަހުގެ  27 ވަނަ ދުވަހު  މަދީނާއަށް ފެންނަ ގޮތަށް އިރު ކޭތައެއް ހިފާފައި ވެއެވެ.

އިސްލާމީ ތާރީޚު ފޮތްތަކުގައި އިބްރާހީމުގެފާނު އަވަހާރަވި ތާރީޚާމެދު ދެބަސްވުންތައް ހުރިތަން ފެނެއެވެ. " އުއްމުލް ޤުރާ ޔުނިވަރސިޓީ " ގެ ނެޓް ޞަފްޙާގައި "الفصل الثالث: ترجمة إبراهيم بن النبي محمد"(2)ގައި އައިސްފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ނުކުތާތައް ބުނާގޮތުގައި އެންމެ ޤަދީމީ މުއައްރިޚަކީ އަލްވާޤިދީއެވެ.(3)   އޭނާ ލިޔުއްވިއެވެ. "ރަސޫލުﷲގެފާނުގެ ދަރިކަލުން އަވަހާރަވީ ހިޖްރައިން 10ވަނަ އަހަރުގެ  ރަބީޢުލްއައްވަލު މަހުގެ 10 ވީ އަންގާރަ ދުވަހުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 18 މަހެވެ. " މި ތާރީޚު ދިމާވަނީ މީލާދީން 631ވަނަ އަހަރާއެވެ. 

އެހެނަސް މުޙައްމަދު ބިން މުއައްމަލުލް މަޚްޒޫމީ ވިދާޅުވާ ގޮތުގައި ރަސޫލުﷲގެފާނުގެ ދަރިކަލުން  އަވަހާރަވީ ޢުމުރުފުޅުން 16 މަހުގައި، ޞަފަރު މަހުގެ 8ވަނަ ދުވަހުއެވެ. މި ދުވަސް ދިމާވަނީ  8 މޭ 631 ވަނަ ދުވަހާއެވެ. 

އިބްނު ޙަޖަރު ވިދާޅުވިއެވެ. "ސީރަތާބެހޭ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިބްރާހީމުގެފާނު އަވަހާރަވީ ހިޖްރައިން ދިހަވަނަ އަހަރުގައެވެ. ރަބީޢުލްއައްވަލު މަހުގައޭ ބުނެވެއެވެ. ރަމަޟާން މަހުގައޭ  ބުނެވެއެވެ. ޙައްޖުމަހުގައޭ ބުނެވެއެވެ." 

މި ތިން ބޭކަލުންގެ ބަސްފުޅަށް ބަލާއިރު އިބްރާހީމުގެފާނު އަވަހާރަވީ މީލާދީން ސަނަތުން 631ވަނަ އަހަރުގައެވެ. ޙައްޖުމަހުގައި ކަމަށް ވާނަމަ އެއީ މީލާދީ ސަނަތުން 632ވަނަ އަހަރެވެ. ޒަމާނީ ސައިންސީ ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި އެމަހުގައި ކޭތައެއް ނުހިފައެވެ. 

މީލާދީ ސަނަތުން 631ވަނަ އަހަރުގެ 7 ފެބްރުވަރީގައްޔާއި 3 އޮގަސްޓްގައި އިރުކޭތަ ހިފާފައިވެއެވެ. އެހެނަސް މި އިން އެއްވެސް ކޭތައެއް މަދީނާއަކަށް ވެސް އަދި މައްކާއަކަށް ވެސް ފެނިފައެއް ނުވެއެވެ. އިބްރާހީމިގެފާނު އަވަހާރަވި ދުވަހު މަދީނާއާއި މައްކާއަށް ފެނިފައިވާ އިރު ކޭތަ ހިފާފައިވަނީ ހިޖްރައިން 10ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 ވީ ހޯމަދުވަހު ހެނދުނުގައެވެ.(4)

 

ބަޙްރައިން ޔުނިވަރސިޓީގެ ފިޒިކްސްއާ ބެހޭ  އުސްތާޒެއްކަމުގައިވާ ޑރ. އިބްރާހީމު ވަހީބު ޢީސައްނާޞިރު ވިދާޅުވާ ގޮތުގައި ކީރިތިރަސޫލާގެ ދަރިކަލުން އަވަހާރަވީ އެކަލޭގެފާނުގެ ޢުމުރުފުޅުން 23 މަހުގައެވެ. އެމެރިކާގެ " ނާސާ" ގެ ފަލަކީ ޢިލްމުވެރިއެއް ކަމުގައިވާ  ޑރ. ފްރެޑް އެސްޕެނަކް ބަޔާންކޮށް ދެއްވާ ގޮތުގައި މީލާދީ ސަނަތުން 632ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27ވަނަ ދުވަހު ހެނދުނު 7:25 ގައި މި ކޭތަ ހިފަން ފެށިއެވެ. އަދި 8:40 ގައި އިރުގެ 90 % ގައި ކޭތަ ހިއްޕެވެ. މި ކޭތަ ވީއްލީ ހެނދުނު 10:15 ގައެވެ. މިއީ ފުރިހަމަ ކޭތައެއް ނޫނެވެ. މި ކޭތަ މުޅި އަރަބިކަރައަށް ފެނިފައިވެއެވެ. މި ކޭތަ ފެށިފައިވަނީ ލީބިޔާއިންނެވެ. ނިމިފައިވަނީ ސައިބީރިޔާއަށެވެ.އިންޑިއާގެ އިރުމަތީ އައްސޭރިއަށް މި ކޭތަ ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެނިފައިވެއެވެ.(5)   

_________________________________

ފުޓްނޯޓާއި ޙަވާލާ!

1.      أخرجه البخاري (١٠٦٠ومسلم (٩١٥والنسائي في «السنن الكبرى» (١٨٤٣وأحمد (١٨١٧٨) أخرجه البخاري (١٠٦٠ومسلم (٩١٥والنسائي في «السنن الكبرى» (١٨٤٣وأحمد (١٨١٧٨)

2.      ތިންވަނަ ފަޞްލު : މުޙައްމަދު ނަބިއްޔާގެ ދަރިކަލުން އިބްރާހީމުގެފާނުގެ ވަނަވަރު

3.      ރައްކައުވީ މަދީނަގައި ހިޖްރައިން 130 ވަނަ އަހަރުއެވެ. އަވަހާރަވީ ހިޖްރައިން 207ވަނަ އަހަރުގައެވެ.

4.      މީލާދީން ހަތްވަނަ ޤަރްނުގެ އިރުކޭތަތަކާ ބެހޭ 10 ވަރަކަށް މަރްކަޒުން މި ކަން ކަށަވަރުކޮށްދީފައި ވެއެވެ.

5.      ޢަރަބިއްޔާ.ނެޓް ބައްލަވާ!

ހަމަމިގަލަމުން

އިދާރާ

ވާހަކަ