އަދުގެ ޚާއްސަ

Print

(7) އަލްފޮންސޯއާ ދެކޮޅަށް މުސްލިމުން އެކަތިގަނޑަކަށްވުމަށް ގޮވައިލެއްވި ޤާޟީ: އަބުލްވަލީދުލް ބާޖީ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

އަންދަލުސްގައި އޮތް އިސްލާމީ ދައުލަތް ނައްތައިލުމަށް ޓަކައި ހަނގުރާމަކުރި ފަރަންޖީންގެ ރަސްގެފާނު އަލްފޮންސޯ (6 ވަނަ) އާ ދެކޮޅަށް މުސްލިމުން އެކަތިގަނޑަކަށް ވުމަށް ގޮވައިލެއްވި މާލިކީ ފަޤީހު އަލްޤާޟީ އަބުލް ވަލީދުލް ބާޖީއަކީ ވަރަށް ޢިލްމުވެރި ފަޤީހެކެވެ. އަޝްޢަރީ މަޛްހަބުގެ ބޭކަލެކެވެ. އަންދަލުސްގެ އަމާޒީޣުންގެ ޢާލިމެކެވެ.

އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 403ވަނަ އަހަރު އަންދަލުސްގެ ހުޅަނގު ދެކުނު ރަށެއްކަމުގައިވާ ބަޠުލިޔޫސްގައެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ދީންވެރި، ވަރަޢުވެރި، ތަޤްވާވެރި ޞާލިޙު ގެއެއްގެ ހިޔާވަހިކަމުގެ ތެރޭގައެވެ. އެކަލޭގެފާނަށް ދިރިއުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ޠަވާއިފުންގެ ރަސްކަމުގައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައެވެ. އިތުރަށް ތަޢުލީމު ފުރިހަމަ ކުރެއްވުމަށް ޓަކައި ހިޖްރައިން 426 ގައި އިސްލާމީ މަޝްރިޤަށް ދަތުރުފުޅުކުރެއްވިއެވެ. 

މި ދަތުރުފުޅުގެ ތެރޭގައި އިސްލާމީ ޤައުމުތަކުގެ އަދަބިއްޔާތު އުނގެނިވަޑައިގެންނެވިއެވެ. އަދި ޝަރްޢީ ޢިލްމުތަކަށް އެކަލޭގެފާނުގެ ވަގުތުތައް ހުސްކޮށްލެއްވިއެވެ. 

އަބުލްވަލީދުލް ބާޖީގެ ޢިލްމީ ޤާބިލުކަމާއި ފިޤްހާއި އުޞޫލުލް ފިޤްހުގައި އެކުލަވައިލައްވައިފައިވާ ފޮތްތައް ފެނިވަޑައިގަތުމުން ޢުމަރު ބިން މުޙައްމަދުލް މުތަވައްކަލް ބިﷲ ބުނުލް އަފްޠަސް އެކަލޭގެފަނު ޤާޟީ ކަމަށް އިސްކުރައްވައި ރަށްރަށުގައި ހުންނަ ބޮޑެތި މަސްއަލަތައް ބައްލަވައި އެ މަސްއަލަތައް ޙައްލު ކުރުމަށް ތަފާތު ރަށްރަށަސް ފޮނުއްވިއެވެ. 

އަބުލް ވަލީދުލް ބާޖީ އަވަހާރަވީ ހިޖްރައިން 474 ވަނަ އަހަރުގެ ރަޖަބު މަހުގައެވެ.އިސްލާމްދީނަށް ޓަކައި ޖިހާދުކުރާ މުރާބިޠުންނަށް ވާގިދިނުމަށް އެކަލޭގެފާނު ޤައުމުގެ ވެރީންނަށް ގޮވައިލެއްވިއެވެ. އިސްލާމީ ދައުލަތް ނައްތައިލުމަށް މަސައްކަތްކުރަމުން ދިޔަ، 6 ވަނަ އަލްފޮންސޯއާ ދެކޮޅަށް އެންމެން ތެދުވުމަށް އެކަލޭގެފާނު ގޮވައިލެއްވިއެވެ. އިސްލާމްދީނުގެ މަޞްލަޙަތު އެހެން ހުރިހާ ކަމެއްގެ ކުރިއަށް ނެރުމަށް ނަސޭޙަތް ދެއްވިއެވެ.  

_________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ