ޒިހުނުގެ ފާރުތައް
އާދަމް ނަޞީރު އިބްރާހީމް
ޒިހުނުގައިވީ ލެއްވިފައި އެތަކެއް ދިފާޢީ ފާރެކޭ
ވަހުމުގައި އެ ތަޅައިލުމުން ހެދެނީ އެތައް ރޯ ފާރެކޭ
ވަގުވަގަށް ވެސް ކަތި ބަހެއް ދުލަކުން ފިރާލިތަ؟ އަރިވަނީ
ދޮގުހަދާން ހުރަހެއްކަމަށްވީ ތެދުގެ އުސް ތެދު ފާރެކޭ
ހެދުމުގައި ވެސް ބީހިލާން ނަހަމައިން ދެވިއްޖެތަ؟ ރޫޅެނީ
ބަދުނުބައި ޚުލްޤުން ނަޖާވާ ލަދުގެ ބިޔަ ބޯ ފާރެކޭ
ވަގުތަކަށް އެއްބަސްވެފައި ނުދެވުނުތަ؟ ފުނޑުފުނޑުދެންވަނީ
ވަގުތު ރަންކަމުގައި ހަދާ ރަތުރަނުގެ އަގުހުރި ފާރެކޭ
އަޚްކަމާ ރަޙިމުގެ ގުޅުން އަމުދުން ކެނޑިއްޖެތަ؟ ނެތިދަނީ
ޒަޚްމުތައް ދަފަރާކުރާ ރަޙުމާއި އަގަލުގެ ފާރެކޭ
އުތުރިދާ ޖަޒުބާތުގައި ފައިހަރުނުވެއްޖެތަ؟ ވެއްޓެނީ
ހިތުގެ ލަނބުރާންތައް ހިފާންހުރި ކެތުގެ މަތިވެރި ފާރެކޭ
__________________________________
29 ޑިސެންބަރު 2019
ނޯޓު: މި ޚިޔާލު ހުށަހަޅައިލުމުގައި އުސްލޫބުގެ އަސްލެއް ކަމަށް ހިތީ، މަރުޙޫމު ޔޫސުފު މުޙަންމަދު ފުޅު ހައްދަވައިފައިވާ 'ގަސްތުގައި ނާރާށެ ފެނިގެން ކަށްޓަކަށް' މި ޅެމުގެ އުސްލޫބެވެ.