ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (8)
މުޙަންމަދު ޝާހިދު ޙަލީމު
(19 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
1980ގެ އަހަރުތަކުގެ ތެރޭގައި އިސްޓޭންޑު މައިކުގެ ބަދަލުގައި އެފްއެމް މައިކް ބޭނުންކުރަން ފެށުނެވެ. މި ކަމުގެ ސަބަބުން މުމައްސިލުންނަށް ތަމްސީލުކުރުމުގައި ފުރިހަމަ މިނިވަންކަން ލިބުނެވެ. އަދި މި ހިސާބަށް އައި އިރު 1970ގެ އަހަރުތަކުގައި ފަސްމަންޒަރުގައި މިއުޒިކު ވެސް ވަނީ ބޭނުންކުރަން ފަށައިފައެވެ.
1990ގެ އަހަރުތަކާ ހަމައަށް އައި އިރު އިސްޓޭޖުގައި ތަމްސީލުކުޅުން އަނެއްކާވެސް އޮތީ މެދުކެނޑިފައެވެ. އެހެން އޮތްވައި ދެން ފެނުނު ބޮޑެތި ތަމްސީލު ޝޯތަކަކީ މުޙަންމަދު މުންތަޞިރު ޑައިރެކްޓުކުރައްވައި 1999، 2000، 2001 ގައި ކުޅުނު ތަމްސީލުތަކެވެ. އެ ތަމްސީލުތައް ކުޅުނީ، ތަމްސީލުތަކުގެ ތަރުތީބުން، މޯލްޑިވްސް ސެންޓަރު ފޯ ސޮޝަލް އެޑިއުކޭޝަން، އޮލިމްޕަސް، އެތީނާ ސިނަމާގައެވެ.
1960ގެ އަހަރުތަކުން ފެށިގެން ކުޅެވުނު ތަމްސީލުތަކުގެ ތެރޭގައި ކުރިން މި ދެންނެވި ފަރާތްތައް ނޫން ފަރާތްތަކުން ވެސް އެކި ފަހަރު މަތިން ތަމްސީލު ޝޯ ބާއްވައިފައި ވެއެވެ.
އިސްޓޭޖުގައި ތަމްސީލުކުޅުން މިހައި ހިސާބަށް އައި އިރު ވެސް ދިވެހިރާއްޖޭގައި ތަމްސީލުކުޅެން އެކަށީގެންވާ ކަހަލަ ރަނގަޅު ތިއޭޓަރެއް ހެދިފައެއް ނެތެވެ. އަދި އައްޔާއި އަޑު ވެސް އެކަށިގެންވާ ގޮތަކަށް ތަރައްޤީވަމުން އައިސްފައެއް ނެތެވެ.
1999ގައި މުޙަންމަދު މުންތަޞިރު ހުށައެޅުއްވި ތަމްސީލުން ފެށިގެން ތަމްސީލުގެ ސެޓިންނަށް ވަރަށް ބޮޑު ބަދަލެއް އައެވެ. އޭގެ ކުރީގެ ސެޓިންގައި ފަރުނީޗަރާއި ބިތްބިތް ފަދަ ބޮޑެތި ގިނަ އެއްޗެހި ބޭނުންކުރިއަސް މުންތަޞިރުގެ ތަމްސީލުތަކުގައި ސެޓިން ހަދައިފައި ހުރީ ބެލުންތެރީންގެ ޚިޔާލަށް ގިނަ ތަކެއްޗާއި ތަންތަން އަންނަ ގޮތަށެވެ. ދެ ތަނެއް ވަކިކުރަން ބިތްގަނޑެއް ނުޖެހި ނަމަވެސް މަންޒަރު ދައްކާ ގޮތުން އެއީ ދެ ތަނެއް ކަން ވިސްނައިދޭ ގޮތަށެވެ.
ތިރީގައި މި ބަޔާންކުރަނީ މިހައި ތަނަށް އިސްޓޭޖުގައި ކުޅެވުނު ކަން އެނގުނު ތަމްސީލުތަކެވެ. މި މަޒުމޫނުގެ ފެށުމުގައި ވެސް ދަންނަވައިފައި ވާނޭ ފަދައިން މި ފަދަ މަޢުލޫމާތު ލިބެން ހުރި ލިއުންތައް ރާއްޖޭގައި މަދުކަމާއި، މި މަޒުމޫނަށް މަޢުލޫމާތު ހޯދި އިރު، މުޅި ރާއްޖެއިން މި ފަދަ މަޢުލޫމާތު ހޯދާނޭ ފުރުޞަތު ނުލިބުމުން ތިރީގައި މި ވާ ލިސްޓަކީ އިތުރަށް ފުރިހަމަކުރާން ޖެހޭ، އެ ކަމަށް ޖާގަ އޮތް ލިސްޓެކެވެ.
މި ލިސްޓު ލިއެފައި މި ވަނީ ކޮންމެ ތަނެއްގައި ކުޅެވުނު ތަމްސީލުތައް ވަކިންނެވެ. އަދި ލިސްޓު ލިއުމުގައި، މައިގަނޑު ނަމަކަށް ލިއެފައި އޮންނާނީ، އެ ޝޯއަކީ މައިގަނޑު ގޮތެއްގައި ތަމްސީލު ޝޯއެއް ނަމަ، ޝޯގެ ނަމެވެ. އެ ތަމްސީލު ޝޯގައި ހިމެނުނު ތަމްސީލުތަކުގެ ނަންތައް އެ ޝޯގެ ނަމުގެ ދަށުގައި ހިމަނައިފައެވެ. އެ ޝޯއަކީ މިއުޒިކު ޝޯއެއް ނުވަތަ ކޮންސަޓެއް ނަމަ، އެ ޝޯގައި ކުޅުނު ދިވެހި ތަމްސީލުގެ ނަމެވެ.
ހ- ނާދިއްތަމައްދުންގައި ކުޅުނު ތަމްސީލުތައް
1- އަބަދަށް ފެހި އޯކިޑުމަލެއްގެ މަންޒަރެއް
މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ލިއެ، އިސްޓޭޖުގައި ކުޅުނު ތަމްސީލެވެ. މިއީ މަދްރަސަތުއް ސަނިއްޔާގެ ކުޑަކުދީން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ކުޅުނީ މަދްރަސަތުއް ސަނިއްޔާގެ އަންހެން ކުދީންގެ ގޮތްޕަށް އެއް އަހަރު ފުރިގެން ބޭއްވި ޙަފްލާގައެވެ. މިއީ އާންމުކޮށް ދެއްކި ތަމްސީލެއް ނޫނެވެ. މި ތަމްސީލު ދެއްކީ ސަނިއްޔާގެ އަންހެން ގޮފީގެ ދަރިވަރުންނަށާއި، އަންހެން ބެލެނިވެރީންނަށާއި، މުދައްރިސުންނަށެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ. ތަމްސީލު ކުޅެވުނީ 11 ޛުލްޙިއްޖާ 1364 (17 ނޮވެންބަރު 1945)ގައެވެ.
2- ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ
މިއީ ދާރުލްއިޤާމާއަށް 1 އަހަރު ފުރިގެން ބޭއްވި ޖަލްސާގައި 7 ރަޖަބު 1365 (6 ޖޫން 1946 ދުވަހުގެރޭ) ދާރުލްއިޤާމާގެ ދަރިވަރުން ކުޅުނު ތަމްސީލެވެ. މިއީ ދިވެހިރާއްޖޭގައި ކުޅެވުނު ދެ ވަނަ ތަމްސިލެވެ. އަދި އާންމުކޮށް ދެއްކި ފުރަތަމަ ތަމްސީލެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ.
3- ލޯތްބަކީ އެހީވުމެވެ.
މިއީ މަދްރަސަތުއް ސަނިއްޔާއަށް 2 އަހަރު ފުރޭ މުނާސަބަތުގައި ކުޅުމަށް މުޙަންމަދު އަމީން ލިއުއްވި ތަމްސީލެކެވެ. މި ތަމްސީލު ކުޅެވުނީ 26 ޞަފަރު 1366 (25 ޑިސެންބަރު 1946) ގައެވެ. މި ތަމްސީލު ކުޅުން މި ތާރީޚަށް ލަސްވީ މުޙަންމަދު އަމީން ލިއުއްވައިފައި ވާ ގޮތުގައި(1) އަހަރީ ދުވަސް އައި އިރު، ޠާލިބާއިންގެ ނާޡިރާ އާމިނަތު ޙުސައިން ރަށުގައި ވަޑައިގެން ނެތުމުގެ ސަބަބުންނެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ.
4- ދިވެހި އަންހެނުންގެ އާ ރޫޙު
މިއީ މަދްރަސަތުއް ސަނިއްޔާއަށް 4 އަހަރު ފުރުނު މުނާސަބަތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ކުޅެވުނީ 1367ހ. (1948މ.) ގައެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ.
5- މަދްރަސާ ބެޖު
މިއީ މަދްރަސަތުއް ސަނިއްޔާއަށް 6 އަހަރު ފުރުނު މުނާސަބަތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ކުޅެވުނީ 1369ހ. (1950މ.) ގައެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ.
6- ދިވެހިރާއްޖޭގެ އެހާރާއި މިހާރާއި މުސްތަޤްބަލު
މިއީ މަދްރަސަތުއް ސަނިއްޔާއަށް 7 އަހަރު ފުރުނު މުނާސަބަތުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ކުޅެވުނީ 1370ހ. (1951މ.) ގައެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު އަމީނެވެ.
ށ- ހީނާމާގޭގައި ކުޅުނު ތަމްސީލުތައް
1- ޙަޔާތުގެ ތަޖްރިބާ
މިއީ އަމީނިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާ އިން 1378ހ. (1959މ.)ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ އާމިނަތު ޙުސައިނެވެ.
2- ދޮންބީފާނު ވާހަކަ
މިއީ ޖިންސުއްލަޠީފުންގެ ރޫޙުން 1950ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1960ގެ އަހަރުތަކުގެ ތެރޭގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ ވާހަކައަކީ ޙުސައިން ޞަލާޙުއްދީނު ލިއުއްވައިފައި ވާ ދޮންބީފާނު ވާހަކައެވެ. މި ވާހަކަ ތަމްސީލަކަށް ބަދަލުކުރައްވައި އިސްކިރިޕްޓު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.
ނ- ކުރީގެ އަމީނިއްޔާގައި ކުޅުނު ތަމްސީލުތައް
1- ރިވާޔަތު މޫސާ ވަ ޛުލައިޚާ
މިއީ ޖިންސުއްލަޠީފުންގެ ރޫޙުން 1950ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1960ގެ އަހަރުތަކުގެ ތެރޭގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލުގެ ވާހަކައަކީ އަޙްމަދު ކާމިލު ދީދީ ލިއުއްވައިފައި ވާ ރިވާޔަތު މޫސާ ވަ ޛުލައިޚާއެވެ. މި ވާހަކަ ތަމްސީލަކަށް ބަދަލުކުރައްވައި އިސްކިރިޕްޓު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.
2- ހަމްދަރްދީ
މިއީ މޫންލައިޓް ކްލަބުގެ ފަރާތުން ކުރީގެ އަމީނިއްޔާގައި ހުޅުވި މޫން ސްޕޯޓުސް ކާނިވަލުގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލު ކުޅެވުނީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ.
ރ- ލަކްޝަމީ ތިއޭޓަރުގައި ކުޅުނު ތަމްސީލުތައް
1- މި ވެސް ސިޔާސަތެއް
މިއީ ސައިކުރާ އިބްރާހީމް ނަޢީމު ލިއުއްވައި ޑައިރެކްޓުކުރެއްވި ތަމްސީލެކެވެ. ތަމްސީލު ކުޅުވި ފަރާތެއް ތަމްސީލު ކުޅެވުނު ތާރީޚެއް އެނގޭކަށް ނެތެވެ. ސައިކުރާ އިބްރާހީމް ނަޢީމު ބަޔާންކުރައްވައިފައިވާ ގޮތުގައި(2) އޭނާ މަދަރުސާއިން ވަކިވެވަޑައިގަތުމަށް ފަހު ތަމްސީލު ޑައިރެކްޓުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތީ ޖިންސުއްލަޠީފުންގެ ރޫޙުންނެވެ. އެހެންކަމުން މި ތަމްސީލަކީ ޖިންސުއްލަޠީފުންގެ ރޫޙުން ކުޅުނު ތަމްސީލެއް ކަމަށް ބެލެވެއެވެ. ޖިންސުއްލަޠީފުންގެ ރޫޙު އުފެދުނީ 1958ގައެވެ. ވީމާ މި ތަމްސީލަކީ ޖިންސުއްލަޠީފުންގެ ރޫޙުން ކުޅުނު ތަމްސީލެއް ކަމަށް ވާ ނަމަ މި ތަމްސީލު ކުޅެވިފައި އޮންނާނީ 1950ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1960ގެ އަހަރުތަކުގެ ތެރޭގައި ކަމަށް ވުން އެކަށީގެން ވެއެވެ.
2- މުޝްކިލް
މިއީ މިއުޒިކީ ގުލްޝަންގެ ރާނީ ބައިން 1970ގެ އަހަރުތަކުގެ ތެރޭގައި ކުޅުނު ތަމްސީލުޝޯއެކެވެ. މި ޝޯގައި ކުޅުނު ވަކިވަކި ތަމްސީލުތަކުގެ އެއްވެސް މަޢުލޫމާތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.
ބ- އޯޑިއޯނުގައި ކުޅުނު ތަމްސީލުތައް
1- އަންވަރު
މިއީ އިބްރާހީމް ޝިހާބު ތަރުޖަމާކުރެއްވި އަންވަރު ވާހަކަ ތަމްސީލަކަށް ބަދަލުކޮށްގެން މޫންލައިޓް ކްލަބުން ކުޅުނު ތަމްސީލެކެވެ. މި ވާހަކަ ތަމްސީލަކަށް ބަދަލުކުރައްވައި އިސްކިރިޕްޓު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. މި ތަމްސީލު ކުޅެވުނީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ.
2- އުފާވެރި ހަވީރެއް
މިއީ 1968ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި މަދްރަސަތުލް އަޙްރާރުން ބޭއްވި ތަމްސީލުޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ހަ ތަމްސީލެކެވެ. އެ ހަ ތަމްސީލުގެ ތެރެއިން މިހައިތަނަށް އެނގުނީ ތިން ތަމްސީލެއްގެ ނަމެވެ. އެއީ:
1. އެނބުރި އައުން
2. ބޭ އިންސާފު
3. ބޮޑުކިއެވެލީގެ އިމްތިޙާނު މި ތިން ތަމްސީލެވެ.
އުފާވެރި ހައެއް ޝޯގެ ހުރިހައި ތަމްސީލުތަކެއް ވެސް ލިއުއްވައި ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ.
3- ރަހަ ތަފާތު އަށެއް
މިއީ މާލޭ ޓެނިސް ކުލަބުން 1969ގައި ބޭއްވި ތަމްސީލު ޝޯއެކެވެ. މި ޝޯގައި ތަފާތު އަށް ތަމްސީލެއް އެކުލެވުނެވެ. މި ތަމްސީލުތަކުގެ ނަން މި ދިރާސާއިން އޮޅުންފިލާ ގޮތެއް ނުވިއެވެ. މި ހުރިހައި ތަމްސީލެއް ވެސް ލިއުއްވައި ޑައިރެކްޓު ކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.
4- ސާދާ ދިހައެއް
މިއީ މާލޭ ޓެނިސް ކުލަބުން 1970ގައި ބޭއްވި ތަމްސީލު ޝޯއެކެވެ. މި ޝޯގައި ތަފާތު ދިހަ ތަމްސީލެއް އެކުލެވުނެވެ. މި ޝޯގައި ކުޅެވުނު ދިހަ ތަމްސީލުގެ ތެރެއިން މިހައިތަނަށް އެނގުނީ ހަ ތަމްސީލެއްގެ ނަމެވެ. އެއީ:
1. ބޮޑުތަދުގެ އަސަރު
2. ނިދިން ހޭލުން
3. ބިރުވެރި ބޭސް
4. ފަގީރު މުއްސަންޖެއް
5. ދެމަފިރިއެއްގެ އަރާރުން
6. މާޒީއަށް ފޮނުވއިލުން. މި ހަ ތަމްސީލެވެ.
ސާދާ ދިހައެއް ޝޯގެ ހުރިހައި ތަމްސީލުތަކެއް ވެސް ލިއުއްވައި ޑައިރެކްޓު ކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.
5- ގޯލްޑަން މެމޮރީޒް
މިއީ މަދްރަސަތުލް އަމަލުން 1970 އޯގަސްޓު 10 އިން ފެށިގެން 3 ރޭ ބޭއްވި ތަމްސީލު ޝޯއެކެވެ. މި ޝޯގައި ކުޅެވުނު ތަފާތު ތަމްސީލުތަކުގެ ތެރޭގައި ދިވެހި ބަހުން ކުޅެވުނު ފަސް ތަމްސީލެއް ހިމެނުނެވެ. އެ ފަސް ތަމްސީލަކީ:
1. އާންމު މަޢުލޫމާތު ކިލާސްތަމްސީލު ލިއުނު މީހެއް ނޭގޭ.
2. އެކުވެރިއަކަށް ގޮވާލަން ދިއުންތަމްސީލު ލިއުއްވީ: ޢަބްދުﷲ ޞާދިޤު
3. އަދަބުވެރި ސެކެޓްރީ ތަމްސީލު ލިއުއްވީ: ޢަބްދުﷲ ޞާދިޤު
4. ވައްޓަފާޅި ތަމްސީލު ލިއުއްވީ: ޢަބްދުﷲ ޞާދިޤު
5. ޢަދުލުވެރި ރަސްކަލެއްތަމްސީލު ލިއުއްވީ: ޢަބްދުﷲ ޞާދިޤު
(މިއީ ޢަބްދުﷲ ޞާދިޤު ކުރިން ހައްދަވައިފައި އޮތް ޅެމެއް ތަމްސީލެއްގެ ގޮތުގައި ކުޅުނީއެވެ.)
މި ޝޯގެ ހުރިހައި ތަމްސީލުތަކެއް ވެސް ޑައިރެކްޓު ކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.
6- ޓެނިސް 71
މިއީ މާލޭ ޓެނިސް ކުލަބުން 1971 ގައި ބޭއްވި ތަމްސީލު ޝޯއެކެވެ. މި ޝޯ އެކުލެވުނީ ތަފާތު ތަމްސީލުތަކެއްގެ މައްޗަށެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ.
1. ރާއްޖޭގެ ތަޢުލީމުގެ ދުވެލި
2. ދެ މީދާ ފެހި ބުޅާ
3. ނުކެރޭ މީހާ
ޓެނިސް 71 ޝޯގެ ހުރިހައި ތަމްސީލުތަކެއް ވެސް ލިއުއްވައި ޑައިރެކްޓު ކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ.
7- ޢުލޫމީ ނައިޓްސް
މިއީ ޢުލޫމިއްޔާ އިސްކޫލުން 1970 އޯގަސްޓު 5 އިން ފެށިގެން ބޭއްވި ތަމްސީލު ޝޯއެކެވެ. މި ޝޯ އެކުލެވުނީ ތަފާތު ތަމްސީލުތަކެއްގެ މައްޗަށެވެ. މި ތަމްސީލުތައް ލިއުއްވީ ކަށިމާ އަޙްމަދު ޝާކިރާއި، ދިއްދޫ މުޙަންމަދު ޢަލީއާއި، އަޙްމަދު ރަޝީދާއި، ޙުސައިން އާދަމެވެ. މި ތަމްސީލުތަކުގެ ނަމެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. މި ޝޯގެ ހުރިހައި ތަމްސީލުތަކެއް ވެސް ޑައިރެކްޓު ކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ.
8- ޢުލޫމީ ނައިޓްސް 72
މިއީ ޢުލޫމިއްޔާ އިސްކޫލުން 1972 ޖޫން 1 އިން ފެށިގެން ބޭއްވި ތަމްސީލު ޝޯއެކެވެ. މި ޝޯ އެކުލެވުނީ ތަފާތު ތަމްސީލުތަކެއްގެ މައްޗަށެވެ. މި ތަމްސީލުތަކުގެ ތެރެއިން ބައެއް ތަމްސީލުތައް ލިއުއްވީ ކަށިމާ އަޙްމަދު ޝާކިރެވެ. ކަށިމާ އަޙްމަދު ޝާކިރު ލިއުއްވި ތަމްސީލު/ތައް ނޫން އެހެން ތަމްސީލު/ތައް ލިއުއްވި ލިއުންތެރީންނާއި މި ޝޯގައި ކުޅެވުނު ތަމްސީލުތަކުގެ ނަމެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. މި ޝޯގެ ހުރިހައި ތަމްސީލުތަކެއް ވެސް ޑައިރެކްޓު ކުރެއްވީ ކަށިމާ އަޙްމަދު ޝާކިރެވެ. (ނުނިމޭ)
_____________________________
ޙަވާލާ:
(1) މުޙަންމަދު އަމީން. (1960؟). ދިވެހިރާއްޖެ ހަނގުރާމައަށް ފަހު... (އަލުން ޗާޕުކޮށްފައި (2001)). މާލެ: ނޮވެލްޓީ ޕްރެސް.
(2) ސައިކުރާ އިބްރާހީމް ނަޢީމް. (2002). ސިނަފްގެ ތަމްސީލުތައް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު.
(ނުނިމޭ)