އަދުގެ ޚާއްސަ

Print

‏ސިޔާސަތަކީ ހަޑި މުޑުދާރު ކުޅިވަރެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދުނިޔެ

އިބްރާހީމް ރަޝީދު މޫސާ

ސިޔާސަތަކީ ހަޑި ހުތުރު ކުޅިވަރެއް ކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ސިޔާސީ ޝަޚްޞިއްޔަތެއް ކަމުގައިވާ ވިންސްޓަން ޗަރޗިލް ވިދާޅުވިއެވެ. އޭނާގެ ކުރިންނާއި ފަހުގެ ބޭފުޅުން ވެސް މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި ވެއެވެ. ޗަރޗިލް ވިދާޅުވެފައިވާ ގޮތުގައި އެ ކުޅިވަރު ކުޅޭނީ ވެސް ހަޑިމުޑުދާރު މީހުންނެވެ.

މި ކަމުގެ ވަރަށް ރީތި މިސާލެއް އަޅުގަނޑުމެންނަށް އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އ.ދ. މަޖިލިސް) އުފެއްދުމާ ބެހޭގޮތުން މަޝްވަރާތައް ބޭއްވުން "ހަޑި ހުތުރު ފާޙިޝް" ތަނުން ފެނިގެން ދެއެވެ. 1945ވަނަ އަހަރު ދުނިޔޭގެ ފަންސާހަކަށް ދައުލަތުގެ މަންދޫބުން މި ޖަމްޢިއްޔާ ޤާއިމުކުރުމަށް އެއްބަސްވެވަޑައިގެން ބައްދަލުވުން ބޭއްވިފައިވަނީ ސޭން ފްރޭންސިސްކޯގައި ހުރި ސެލީ ސްޓޭންފޯރޑް  ނަމަކަށް އަންހެނެއްގެ ގޭގައެވެ. 

ސެލީ ސްޓޭންފޯޑް އުފަންވީ 1903ވަނަ އަހަރުގައެވެ. އޭނާގެ މަންމައަކީ މުދައްރިސެކެވެ. ސެލީ ވަރަށް ކުޑައިރު އޭނާގެ ބައްޕަ މަރުވެއްޖެއެވެ. އޭރު ސެލީގެ ޢާއިލާގައި ތިބީ ތިން ފިރިހެން ކޮއްކޮއިންނާއި އަންހެން ކޮއްކޮއެކެވެ. މިކަމާހެދި މަންމައަށް އެހީވުމަށް ޓަކައި މަދުރަސާއިން ވަކިވާން މަޖުބޫރުވިއެވެ. އޭނާގެ ޢުމުރުން 7 އަހަރުގައި މަސައްކަތުގެ މައިދާނަށް ނުކުމެއްޖެއެވެ. ފުރަތަމަ އުޅުނީ  ގޮލްފު ކުޅޭ މީހުންނަށް ބޯޅަ އެއްކޮށްދީ ގޮލްފު ބެޓު އުފުލާދީ ހަދާށެވެ. ޢުމުރުން 16 އަހަރުގައި ފިރިހެނަކާ ރަށްޓެހިވެއްޖެއެވެ. އޭނާ ސެލީ ދެކެ ލޯބިވާކަން ދައްކައިގެން މަސައްކަތް ކުރުވިއެވެ. އޭނާ ޙަވާލު ކުރި މަސައްކަތަކީ އޭނާ ވަގަށް ނަގާ ޗެކުތައް ބޭންކަށް ގެންގޮސް ފައިސާ ނެގުމެވެ. މި މަސައްކަތުގައި އުޅެނިކޮށް ސެލީ ހައްޔަރުކޮށް 2 އަހަރަށް ޖަލަށް ލެވުނެވެ. ޖަލުގައި ހޭދަކުރި ދުވަސްވަރު ރާގެ ވަގުވިޔަފާރި ކުރަން ދަސްކުރިއެވެ. އެ ދުވަސްވަރު އެމެރިކާގައި ރާ ބުއިމަކީ ޤާނޫނީ ކުށެކެވެ. އެހެންކަމުން މި ވިޔަފާރި ވެފައިވަނީ ވަރަށް ފައިދާ ބޮޑު ކަމަކަށެވެ. މި މަސައްކަތުން ލިބުނު ފައިސާއިން އޭނާ 1924ވަނަ އަހަރު ސޭން ފްރޭންސިސްކޯއިން ކުޑަ ހޮޓަލެއް ގަތެވެ. މި މަސައްކަތުގައި އުޅެމުން ހަށިވިއްކުމުގެ ޢަމަލުތައް ހިންގުމުގެ ވިޔަފާރި ފަށައިގަތެވެ. މިފަދަ ވިޔަފާރި ކުރާ އެހެންމީހުންނާ ސެލީއާ ހުރި ތަފާތަކީ ސެލީއަކީ ސާފު ތާހިރުކަމާއި އޮފުދާރުކަމާއެކު ތަން ބެލެހެއްޓި މީހެކެވެ. އޭނާގެ މަސައްކަތަށް ގެންނަނީ ބަލައިގެން ރީތި ލޫޅާފަތި އަންހެން ކުދީންނެވެ. 

އޭނާ ހިންގި ރަންޑީޚާނާއަކީ މެހެމާނުންނަށް  ބޭނުންވާ އަރާމާއި އުފާ ތަނަވަސްކޮށްދިން އެމެރިކާގައި ހުރި އެންމެ ނަންހިނގާ މޮޅު ހިޔާވައްސެވެ. އެތާނގައި ކަސްބީންގެ ގޮތުގައި އޭނާ ގެންގުޅުނީ ވިސްނުންވެސް ތޫނު މުޢާމަލާތު ކުރުމުގެ ވައްޓަފާޅި ރަނގަޅަށް ދަސްކޮށްދީ ތަމްރީނުދީފައިވާ ، ރީތި ކުދީންނެވެ. މިހެންވެ ދުނިޔޭގެ އެތަންމިތަނުން މަޝްހޫރު ބޭބޭފުޅުން ސޭން ފްރޭންސިސްކޯގެ މަޝްހޫރު މަގުގައި ހުންނަ މި ގަނޑުވަރަށް ވަޑައިގެންނެވިއެވެ. 

ސެލީގެ ރަންޑީޚާނާއަށް ވަޑައިގެންނެވި ބޭފުޅުންގެ ލިސްޓްގައި ސިޔާސީ ބޮޑެތި ބޭބޭފުޅުންނާއި ސަރުކާރުގެ އިސް ވެރީންނާއި، ސިފައިންނާއި، ފުލުހުންގެ އިސް މަޤާމުތަކުގެ ވެރީންނާއި، ޖާސޫސީ އިދާރާތަކުގެ އޭޖެންޓުންނާއި، މަޝްހޫރު ފަންނާނުންނާއި،މަހުޖަނުންނާއި، ވިޔަފާރިވެރީންނާއި، ސަފީރުންނާއި، ބޭރު ޤައުމުތަކުގެ އަމީރުންނާއި، ވަޒީރުންނާއި ، ރަސްރަސްކަލުން ވެސް ހިމެނެއެވެ. އެ ގަނޑުވަރުގެ ކޮންމެ ރެއަކީ ނެށުމާއި ، ރާބުއިމާއި، ލަވައާއި، ހޭލާހުރުމުގެ ހުވަފެނީ ޖައްވެކެވެ. މި ތަނަށް ޒިޔާރަތް ކުރާ ބައެއް މީހުން އަންނަނީ އެމީހުންގެ އަނބިން ވެސް ގޮވައިގެންނެވެ. ކޮންމެ ރެއެއްގެ ވެސް މަޖާކުރުން ނިމެނީ ފާޙިޝް ޢަމަލުތަކުގެ ޑިލަކްސް ކޮޓަރިތަކުގެ ތެރެއިންނެވެ. 

ސެލީއަކީ ޚިދްމަތަށް އެދޭ މީހުންނަށް އެ ޚިދްމަތް ފޯރުކޮށްދޭ ވެސް މީހެކެވެ. ބައެއް މީހުން ސެލީގެ ހޮޓަލަށް ފާޅުގައި ދިޔުމަށް ފަސްޖެހެއެވެ. މިފަދަ މަޝްހޫރު ބޭބޭފުޅުން ތިއްބަވާ ކޮޓަރިތަކަށާއި ، ސްވީޓްތަކަށް އެބޭފުޅުންގެ ރަހަތަކާ އެއްގޮތަށް ކަސްބީންނާއި ޚިދްމަތް  ފޮނުވާ ދެއެވެ. މި ފަދަ ބޭފުޅުން ކޮޓަރިތައް ހިއްޕަވާނީ ކޮންމެވެސް އެހެން މީހެއްގެ ނަމުގައެވެ. އެއީ ނޫސްވެރީންފަދަ މީހުންގެ ލޯތަކާ ދުރުގައި މަޖާކުރައްވަން ބޭނުންފުޅުވާތީއެވެ. 

ބައެއް ފަހަރަށް ސެލީ އޭނާގެ ކުދިންގެ ޚިދްމަތް ބައެއް މީހުންނަށް ހިލޭވެސް ދެއެވެ. މިއީ ސަރުކާރުގެ އިސް މުވައްޒަފުންނަށާއި، ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ މުހިއްމު ބޭފުޅުންނަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކޮށްދޭ ކަމެކެވެ. އެ ދުވަސްވަރަށް ބަލާއިރު ހަށިވިއްކުމުގެ ވިޔަފާރިއަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޤާނޫނީގޮތުން މަނާކަމެކެވެ. އެހެންކަމުން ސެލީ މި ގޮތަށް ހިލޭ ޚިދްމަތް ދެނީ، އޭނާގެ ވިޔަފާރި ކުރިއަށް ގެންދިޔުމަށް ބޭނުންވާތީއެވެ. އެފަދަ މީހުން ހައްލައިނުލައި ވިޔަފާރި ހުއްޓިދާނެތީ ބިރުންނެވެ. ފިލިޖަހައިގެން ކައްވައިގެންނެވެ.  

ސެލީ ސްޓޭންޑްފޯޑްގެ ޚިދްމަތަކީ ހަމައެކަނި އެމެރިކާއަށް އޮތް ޚިދްމަތެއް ނޫނެވެ. އަދިކީއްތޯއެވެ؟ އޭނާގެ ޚިދްމަތްތައް ވަނީ ބައިނަލްއަޤްވާމީ ދާއިރާއަށާއި އަމްނާބެހޭ ދާއިރާތަކުގެ ތެރެއަށް ވެސް  ވަދެފައެވެ. 

1945ވަނަ އަހަރު އެމެރިކާގެ ސޭން ފްރޭންސިސްކޯގައި ދުނިޔޭގެ ފަންސާހަކަށް ޤައުމުގެ މަތީ ދަރަޖައިގެ މަންދޫބުންތަކެއް ވަރަށް ޚާއްޞަ ބައްދަލުވުމެއް ބޭއްވެވިއެވެ. މި ބޭފުޅުން ބޭއްވެވި ބައްދަލުވުންތަކާއި މަޝްވަރާތަކުގެ ސަބަބުން އ.ދ. ޖަމްޢިއްޔާ އުފެދިގެން ދިޔައެވެ. މިއީ ވަރަށް ގިނަ ބަޔަކަށް އެނގޭނެ ކަމެކެވެ. އެހެނަސް ގިނަ ބަޔަކަށް ނޭނގޭނެ  ކަމަކީ މި "ދަތި" މަޝްވަރާތަކާއި ބައްދަލުވުންތަކުގެ ބޮޑު ބައި ބޭއްވިފައިވަނީ ސެލީ ސްޓޭންފޯޑްގެ މި ރަންޑީޚާނާގައި ކަމެވެ.  

ހަވާއީގެ މުއައްރިޚެއް ކަމުގައިވާ ހަރބް ކޭ. ކޭން (Herb Kawainui Kāne ) ވިދާޅުވެފައިވެއެވެ. [އ.ދ. ޖަމްޢިއްޔާ އުފަންވެފައިވަނީ ސޭން ސްޓޭންފޯޑްގެ ރަންޑީޚާނާ ގައެވެ.މި ބައްދަލުވުމުގައި ބައިވެރިވި ގިނަ މަންދޫބުންނަކީ އޭނާގެ ކަސްޓަމަރުންނެވެ.] އޭނާ ވިދާޅުވާ ގޮތުގައި މި މުހިއްމު ކަސްޓަމަރުން އެމީހުންގެ ގިނަ ޖަލްސާތައް ބާއްވައިފައި ވަނީ މި ރަންޑީޚާނާގެ [ދިރިއުޅޭ] ކޮޓަރިތަކުގައެވެ. މި ބައްދަލުވުންތަކުން ރިހުނުރިހުންތަކުން އުފަންވި ދަރިއަކީ [އޮގަނައިޒޭޝަން އޮފް ޔުނައިޓެޑް ނޭޝަންސް] އެވެ. 

ސެލީ އޭނާގެ ޑައިރީގައި ލިޔެފައި ވެއެވެ. [1945ވަނަ އަހަރުގެ ރަބީޢުގައި، އ.ދ.އާ ބެހޭ ގޮތުން ބަޙުސްކުރެއްވި ވަރަށް ގިނަ ޢަދަދެއްގެ މަންދޫބުން ސޭން ފްރޭންސިސްކޯގައި ތިއްބެވިއެވެ. މެހެމާންދާރީގެ ޙިއްޞާ ހޯދުމަށް ވަރަށް ހޫނު ވާދަވެރިކަމެއް ހިނގިއެވެ. އެހެނަސް އެބޭފުޅުންނަށް ބޭނުންފުޅުވާ ހަވާދުލީ އެންމެ ރަނގަޅު  ސޯސް ހުރީ އަހަރެންގެ އަތުގައެވެ. މިހެން ދެންނެވުމުގެ  ހުއްދަ ދެއްވާށެވެ! އެބޭފުޅުން މަގޭ މެހެމާންސަރާގައި ތިއްބެވިއިރު އަމްނާބެހޭ އޮފިސަރަކު މި ތަނަށް ވަންނަން އުޅެފިނަމަ މަށަށް ޑިޕްލޮމެޓިކް ދަފަރާ ލިބިފައިވާ ކަމަށް ބުނަމުއެވެ. އަދި އޭނާ ހައްޔަރުކޮށް އަސީރެއްގެ ގޮތުގައިހިފަހައްޓަމުއެވެ. އަހުރެމެން ދޭ ޚިދްމަތްތަކުގެ ސަބަބުން ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުން ތިއްބަވަނީ އުޑުގައެވެ. އުފާފުޅުންގޮސް އާވާރާވެފައެވެ. އޭގެ ތެރޭގައި އެދުމަތީގައި އަހުރެމެން ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އަދި ކިއެއްހެއްޔެވެ؟ އޭގެތެރެއިން ގިނަ ބޭފުޅުން ގިނަ ވަގުތު ހޭދަކުރައްވައިފައިވަނީ އެ މަޝްވަރާތަކަށްވުރެ ބޮޑަށް މަގޭ އަރާމުޚާނާގައެވެ. އ.ދ.އާމެދު  ވިސްނަވައިފައިވަނީ އަހަރެމެންގެ ދާންމަތީގައި  ގަލަންކޮޅު ހިއްޕަވައިގެން އޮންނަވައެވެ.ބައިނަލް އަޤްވާމީ ގުޅުންތަކަށް ކުނި ނުބުރާނެ ގޮތަށް އެ ގުޅުންތައް ހެޔޮގޮތުގައި ދެމެހެއްޓުމަށް ފޮރިން މިނިސްޓްރީން އަހަރެމެންގެ ކިބައިން އެދެމުންދިޔައެވެ. އަހަރެންގެ ކުދިންކޮޅު މި ކަމަށް ވަރަށް އިސްކަން ދިނެވެ.] 

ހުރި މުޑުދާރުކަމެއްގެ ބޮޑުކަމާއެވެ! ބައިނަލްއަޤްވާމީ އެންމެ [މަތިވެރި] މުއައްސަސާ އުދުއްސައިގެންފައި މި ވަނީ [ރަންޑީޚާނާއެއް]ގެ ހަރުމަތިންނެވެ. ދުނިޔޭގެ ޞުލްޙަމަސަލަސްކަމާމެދު ބަޙުސްކުރެވި ނިންމުންތައް ނިންމައިފައި މި ވަނީ ހަޑިހުތުރު ޢަމަލުތަކަށް އަރައިގަންނަމުންނެވެ. 

ސެލީ މަރުވީ ޢުމުރުން 78 އަހަރުގައި 1983ވަނަ އަހަރުއެވެ.

____________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ