އަދުގެ ޚާއްސަ

Print

ނިއުކުލިއަރ ބޮމަކުން، ގުޑުވައިނުލެވުނު އަޒުމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދުނިޔެ

އަޒްޙީލް އަޙުމަދު ފާރޫޤު

ޖަޕާންގެ ހީރޯޝީމާއަކީ ޖަޕާނުގެ ސިޓީތަކުގެ ތެރެއިން ތަރައްޤީއާއި ތަމައްދުންގެ ރޮނގުން ބަލާނަމަ، އެންމެ ކުރީގައި އޮތް އެއް ސިޓީއެވެ. ހިތްވަރުގަދަ ރައްޔިތުންތަކެއް ދިރިއުޅެފައިވާ އަދި މިހާރު ވެސް ދިރިއުޅެމުންގެންދާ ޖަޕާންގެ އެންމެ ބޮޑު ރަށް ކަމުގައިވާ ހޮންޝޫގެ ހުޅަނގު ސަރަޙައްދުކަމުގައިވާ ޗޫގޯކޫގެ މައި ސިޓީއެވެ. އެ ސަރަޙައްދުގެ އިދާރީ، ތިޖާރީ، ސިނާޢީ އަދިސަޤާފީ މައި މަރުކަޒުގެ ގޮތުގައި އޮތް ސިޓީއެވެ. ތަރައްޤީއާއި ތަހުޒީބުގެ ރޮނގުން ޖަޕާނުން ފަޚުރެއްގެ ގޮތުގައި ދެކޭ ސިޓީއެކެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނު ލަޝްކަރުގެ މުހިއްމު އެއް މަރުކަޒެވެ.

1945ވަނަ އަހަރުގެ އޮގަސްޓް މަހު 6 ވަނަ ދުވަހު، ގުޅިފައިވާ ލަޝްކަރުން، އެމެރިކާ އިސްވެ އޮވެ ދިން ނިއުކުލިއަރ ބޮމުގެ ޙަމަލާއިން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހީރޯޝީމާ ސުންނާފަތި ކޮށްލިއެވެ. މުޅި އާބާދީގެ ބައްތިރީސް އިންސައްތަ މީހުން ވަގުތުން މަރުވިއެވެ. ބޮމުގެ އަސަރުކޮށްގެން ހަމަ އެ އަދަދާ އެއްވަރުގެ އަދަދަކަށް މީހުން ޒަޚަމުވިއެވެ. ރޭޑިޔޭޝަން އަސަރުކޮށް އެތައް ބަޔަކު ނުކުޅެދޭ މީހުންނަށްވިއެވެ. މުޅި ސިޓީގެ ހަތްދިހަ އިންސައްތަ ޢިމާރާތް ފުނޑުފުނޑުވެ ބިމާ ހަމަވެގެން ދިޔައެވެ. މި ފުން ހިތާމައިގެ އަނދަވަޅުގައި ވަނިކޮށް، އޭގެ އެއް މަސް ފަހުން ބާރުގަދަ ނަގޫރޯޅިއެއް ހީރޯޝީމާއަށް އަރައި، އަނެއްކާ ވެސް އެތައް ގެއްލުމަކާ ކުރިމަތިވެ، އެތައް ބަޔެއްގެ ފުރާނަ ގެއްލި، ޒަޚަމްވެގެން ދިޔައެވެ. އެއިރު ބޮމުގެ ހަމާލާއިން ހީރޯޝީމާގެ ސިއްޙީ ނިޒާމު އޮތީ ފުނޑުފުނޑުވެފައެވެ. ސިއްޙީ ނިޒާމުގައި މަސައްކަތްކުރަމުން ދިޔަ ޑޮކްޓަރުންނާއި ނަރުހުންގެ ނުވަދިހަ އިންސައްތަ މީހުން ވަނީ ނިއުކުލިއަރ ހަމަލާގައި މަރުވެފައެވެ.

މި ހާދިސާތަކަށްފަހު، ސަލާމަތްވި ހީރޯޝީމާގެ ރައްޔިތުންނަށް އޮތީ ދެ ގޮތެވެ. އެއް ގޮތަކީ، ނިއުކުލިއަރ ޢުދުވާނުންނާއި ގުދުރަތީ ކާރީސާއިން ލިބުނު ގެއްލުމަށް ރޮއި ހިތާމަކޮށް ޝަކުވާ ކުރުމުގައި ދެމިތިބުމެވެ. ނޫނީ އާހިތްވަރަކާއެކު ސިޓީ ބިނާކޮށް ކުރީން އޮތް ފަޚުރުވެރި މަޤާމަށް ރުޖޫޢަވެ، ދިރިއުޅުން އަލުން އާރާސްތުކޮށް ކޮޅަށްޖެހުމެވެ.

ހީރޯޝީމާގެ ހިތްވަރުގަދަ ރައްޔިތުން އިޚްތިޔާރު ކުރީ ދެވަނަ ގޮތެވެ. އިހުނަށް ވުރެ ވަރުގަދަ ހިތްވަރެއްނެރެ، ތަރައްގީގެ ހަރުފަތްތަކުން ހަލުވި ފިޔަވަޅު އަޅައި، ކުރިއަށްޖެހި ދުނިޔެ ސިއްސުވައިލިއެވެ. އާދޭހެވެ! ހީރޯޝީމާ އަލުން ބިނާކޮށް ކުރިއަށްވުރެ ފުރިހަމަ ސިޓީއަކަށް އެ ސިޓީ ބަދަލުކޮށްލިއެވެ. ރައްޔިތުންގެ މިންނެތް ބުރަ މަސައްކަތާއެކު މަދު އަހަރުތަކެއްގެ ތެރޭގައި ކުރީން އެ ސިޓީ އޮތް ފަޚުރުވެރި މަޤާމަށް ރުޖޫޢަވިއެވެ. އަލުން ސިޓީ އާރާސްތުކޮށް، އިންސާނީ ވަސީލަތާއި، ސިނާޢަތްތައް ޤާއިމުކޮށް މުޅިދުނިޔެއަށް ވަރުގަދަ މެސެޖެއްދީ ހިންދެމިލިއެވެ. މިއަދު އެއީ ދުނިޔޭގެ ނިސްބަތުން ގުނައިލެވޭ ސިޓީއެކެވެ.

ކޮންފަދަ ލާމަސީލު މިސާލެއް ތޯއެވެ! އަޅުގަނޑުމެންނަށް މި ހާދިސާއިން އެތައް ބައިވަރު ފިލާވަޅު ދަސްކުރެވިދާނެ  އެހެން ނޫން ތޯއެވެ. އެ ތަނުގައި އުޅެނީ ވެސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. އެ މީހުން ދުނިޔެއަށް އެ ދައްކައިލި ނަމޫނާ ކިހާ ފުރިހަމަ ތޯއެވެ! އެމީހުންގެ ނުގުޑާފަދަ އަޒުމާއި، ހިތްވަރާއި، ކެތްތެރިކަމާއި އަދި ބުރަމަސައްކަތް މިއަދު އެހެރީ އަޅުގަނޑުމެންގެ ލޯމައްޗަށް ފެންނާށެވެ.

ޝައްކެއްނެތެވެ. ދުނިޔޭގެ ދިރި އުޅުމަކީ ފިނިފެންމަލުގެ ދާނެއް ނޫނެވެ. ދުނިޔޭގެ ޗަމަންގައި ފިޔަޖަހައި ވިދައި ބަބުޅާން އެދޭ ނަމަ، ނުގުޑާފަދަ އަޒުމެއް އޮންނާންޖެހެއެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިވާހުރަސްތަކުގައި ފިނޑި ނުވެ ވަރުގަދަ ވާންޖެހެއެވެ. ކެތްތެރިވެ، އެއިރަކު މެދުވެރިވި ޙާލަތަކަށް ރުހި، އެ ޙާލަތުން އަރައިގަނެވެން އޮތް ކަމެއް ކުރާން ޖެހެއެވެ. ބައެއް ފަހަރަށް ބަދުނަސީބަކީ މާ ފުރިހަމަ ކާމިޔާބާއި ނަސީބު ހޯދައިގަތުމަށް ޓަކައި ހިތްވަރު އާކޮށްދޭ އަދި އެކަމަށް ހުޅުވޭ ދޮރެއް ކަން ހީރޯޝީމާގެ ވާހަކައިން ބުނެދެއެވެ.

___________________________________

 

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ