Print

ސިކުނޑި ހޭނުވުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

އަޒްޙީލް އަޙުމަދު ފާރޫޤު

މި މައުޟޫއަށް އެއްޗެެއް ލިޔުމުގެ ކުރިން އަޅުގަނޑާ ބެހޭ ކުޑަ ތަޢާރަފެއް އަރުވާން ބޭނުންވެއެވެ. އަޅުގަނޑަކީ އަދާކުރާ ވަޒީފާއާއި، އިތުރަށް ކުރާމަސައްކަތުގެ ގޮތުން، ކުޑަ ވިޔަފާރިވެރިއެކޭ ވެސް ކިއިދާނެއެވެ. މަދަހަ ކިޔާ މީހެކޭ ވިދާޅުވިޔަސް މައްސަލައެއް ނެތެވެ.

މަތީ ތަޢުލީމް ޙާސިލްކުރީ، އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަންޝައިން ކޯސްޓްއިން މާސްޓަރސް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން އެވެ. ނަފްސާނީ ޢިލްމަކީ ޚާއްސަ ޝައުޤު ވެރިކަމެއް ހުންނަ ދާއިރާއަކަށް ވާތީ، އެ ދާއިރާއިން ގިނަ އަދަދަކަށް ކުރު ކޯސް ނިންމާފައިވާނެއެވެ. މިގޮތުން ލައިފް ކޯޗިން އާއި ނިއުރޯ ލިންގުއިސްޓިކް ޕްރޮގްރާމިންގ އަދި ނިއުރޯ ޕްލާސްޓިސިޓީ އަކީ އެންމެ ޝައުގުވެރިވި އުނގެނުންތަކެވެ.

މައުޟޫއަށް ޖެހިލާނަމެވެ. ޝައްކެއްނެތެވެ. އިންސާނާގެ ސިކުނޑިއަކީ ހަށިގަނޑުގައިވާ އެންމެ މުހިންމު ގުނަވަނެވެ. ކަންކަން ރޭވުމާއި، ކަންކަން ނިންމުމާއި، ތަމްސީލްކޮށް ދެއްކުމާއި، އަދި އެ ކަންކަން ވަޒަންކޮށް މީޒާންކުރާ އަދި ބައެއް ފަހަރު ކަސިޔާރުކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިކުނޑިއެވެ. އަދި އިންސާނާގެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ވަކި ހަމަތަކަކުން ޙަރަކާތްކުރުވުމާއި، މަސައްކަތް ކުރުވުމަށް އަމުރު މަޢުރޫފް ހިންގާ އިދާރާއަކީ ވެސް ސިކުނޑިއެވެ. ކިހާ މުހިންމު ގުނަވަނެއްތޯއެވެ؟

އެހެންކަމުން ސިކުނޑިއާމެދު ފަރުވާތެރިވެ، ސިކުނޑި ތަރައްޤީކޮށް ހޭނުވުމަކީ ވަރަށް ވެސް މުހިންމުކަމެއް އެހެން ނޫންތޯއެވެ. ފަރުވާކުޑަކޮށް ދޫކޮށްލެވެން ނެތް ކަމެކެވެ. ހަށިގަނޑު ރީތި ކޮށް ބަހައްޓަން މަސައްކަތްކުރާ ފަދައިން، ސިކުނޑި ތަރައްޤީ ކޮށް ހާނުވާން މަސައްކަތް ކުރުން ލާޒިމެވެ.

ސިކުނޑީގެ ތަރައްޤީއަށް އެންމެ މުހިއްމީ މަޢުލޫމާތެވެ. އާދެ! ސިކުނޑީގެ ކާނާއަކީ ޢިލްމެވެ. ނަމަވެސް މި ކަމުގައި ވިސްނާންޖެހޭ ވަރަށް މުހިއްމު އެހެންކަމެއް އެބައޮތެވެ. އެއީ، ޢިލްމުގެ ބޭނުމަކީ ހަމައެކަނި، އެ ހޯދި ޢިލްމަކާއި ފަންނެއްގެ ބޭނުންކޮށް އެ ދާއިރާއަކާ ގުޅުން ހުރި ވަޒީފާއެއްގައި ކުރި އަރައި ދިއުމެއްނޫންކަން ދަތުމެވެ. އޭގެ ބަދަލުގައި އެއީ، އިންސާނާއަށް ޚާއްޞަ ހުނަރެއް ދަސްކޮށްދިނުމާއެކު، އިންސާނާގެ ސިކުނޑީގެ ތަފާތު ފެކަލްޓީތައް ހޭލައްވައިލައި، ވިސްނުން ފުޅާކޮށް ވަޒަންކުރުމުގެ ޤާބިލްކަމަށް ހުޅުވޭ ދޮރެއް ކަމުގައި ދުށުމެވެ.

ޢިލްމުން އިންސާނާގެ ސިކުނޑި ތައްޔާރުކޮށްދިނުމަކީ، ދަނޑުވެރިޔަކު ގޮވާން ކުރުމަށް ޓަކައި ފަސް ގަނޑުޖަހައި، ގަސްކާނާއިން އޭނާގެ ދަނޑުބިން ފައްކާކުރުން ކަހަލަ ކަމެކެވެ. ބިންގަނޑު ތައްޔާރުކުރުމަށް ފަހު، ދަނޑުވެރިޔާއަށް އެ ބިމުގައި ފައިދާހުރި އަދި އެއްވެސް ފައިދާއެއް ނެތް ގަސްގަހާގެހި މުޑުވައް ކުރެވިދާނެއެވެ. އަދި ބިޔަ ބޮޑެތި ގަސްގަހާއި، ކުދި ގަސްތަކާއި މިހެން ގޮސް އެތައް ބާވަތެއް މުޑުވައްކޮށް އެއިން ފައިދާ ހޯދިދާނެއެވެ.

މުސްލިމުންނަށް އެންމެ ފުރަތަމަ ގެނެސްދެއްވި ޤާނޫނަކީ ޢިލްމެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ފައިދާ ކުރަނިވި ޢިލްމު ހޯދުމާއެކު، އެ ޢިލްމު ހެޔޮގޮތުގައި ބޭނުންކުރުމެވެ. ހަމައެއާއެކު ޢިލްމުން އިންސާނާގެ ސިކުނޑި ހޭލައްވައިދިނުމުން، ހެޔޮ ގޮތުގައި ސިކުނޑި ހާނުވައި، އިންސާނާގެ ނަފްސު ތަރައްބިއްޔަތުކުރުމާއި ތަހުޒީބުކުރުމުގައި ސިކުނޑީގެ ބޭނުން ހެޔޮ ގޮތުގައި ކުރުމެވެ.

__________________________________

 

އިދާރާ

އެނގޭތަ؟

ވާހަކަ