އަދުގެ ޚާއްސަ

Print

ނަސްލީ އިމްތިޔާޒު .... އިބްލީހުގެ މިއްލަތް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

އިބްރާހީމް ރަޝީދު މޫސާ

ނަސްލީ އިމްތިޔާޒުގެ ބަލީގެ ޙަޤީޤަތް  މާތް ﷲ ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވައިފައިވެއެވެ. މި ކަމުގެ ސަބަބުން އިންސާނީ މުޖްތަމަޢާ ކުރިމަތިވާ ފަސާދައާއި، އަޅުވެތިކަމާއި، ބޮޑާކަމާއި ހަލާކުކުރުމާއި، އަތްގަދަކުރުންފަދަ ބޮޑެތި ވަބާތަކާއި ރޯގާތައް ވަރަށް ގިނައެވެ. 

ކީރިތި ޤުރްއާނުގައި އިންސާނާގެ ޙަޤީޤަތާއި، އިންސާނާ އުފެއްދެވި ތަފާތު ޢުންޞުރުތައް، ބަޔާންކޮށް ދެއްވައިފައިވެއެވެ. އިންސާނީ ނަސްލު އުފެދި ބޮޑުވަމުންދާ ތަފާތު ފިޔަވަހިތައް ކީރިތި ޤުރްއާނުގައްޔާއި މާތް ރަސޫލާގެ ބަސްފުޅުތަކުގައި އައިސްފައި ވެއެވެ.  އިންސާނާ އިންސާނަކަށް ވީތީ އިޙްތިރާމު ކުރަން ޖެހޭނެކަމާއި އިންސާނާއަށް ދިރިހުރި ޙާލުގައްޔާއި މަރުވެފައިވަ ޙާލުގައި ކަމޭހިތަން ޖެހޭނޭކަން އަންގަވައިފައިވެއެވެ. އިންސާނުން މެރުމާއި ، ޒަޚަމުކުރުމާއި،  ވިއްސިވިހާލިކުރުމާއި، އެކަހެރިކުރުމާއި، ނައްތައިލުމާ ދުރުހެލިވުމަށް އަންގަވައިފައި ވެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާން ކުރައްވައިފައިވާ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. މި ލިޔުމުގައި މި ބަޔަށް ބަލައެއް ނުލާނަމެވެ.

އެހެނަސް ބަލައިލާނީ ނަސްލީ އިމްތިޔާޒު އުފެދުނު ގޮތަށާއި އޭގެ އަޞްލަށެވެ. މި އަޞްލާއި މަޞްދަރު އެނގުމުން އެކަމާ ދުރުހެލިވުމަށް ފަސޭހަ ވާނެތީއެވެ. އެންމެ ފައިދާހުރި ފަރުވާއަކީ ރައްކައުތެރިވުން ކަމުގައި ވާތީއެވެ.  

ނަސްލީ އިމްތިޔާޒުގެ އަޞްލަކީ އަދި އޭގެ މަޞްދަރަކީ އިބްލީހެވެ. މި މަޒްހަބުގެ ބާނީއަކީ އެކަލޭގެއެވެ. އެހެންކަމުން ނަސްލީ އިމްތިޔާޒަކީ ލަޢުނަތްލެއްވި އިބްލީހުގެ މިއްލަތެކެވެ. އޭނާގެ ފަލްސަފާއެކެވެ. ކުލައިގެ ސަބަބުން، ނުވަތަ ޖިންސުގެ ސަބަބުން، ނުވަތަ ނަސްލުގެ ސަބަބުން، ނުވަތަ ބަހުގެ ސަބަބުން މޮޅުވާ މޮޅުވުމަށް ގޮވައިލާ ގޮވައިލުމަކީ އިބްލީހުގެ ދަޢުވަތެކެވެ. މި ފިކްރަށް އީމާންވުމަކީ ޝައިޠާނާގެ މަގަށް ތަބާވުމެވެ. 

ލަޢުނަތްލެއްވި އިބްލީހުގެ ވާހަކައިން މި މާނަތައް ދޭހަވެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އާދަމުގެފާނު ހެއްދެވުމަށްފަހު އެކަލޭގެފާނަށް އަދަބު އިޙްތިރާމު ކުރުމުގެ ގޮތުން ސަޖިދަކުރެއްވުމަށް މަލާއިކަތުންނަށް އެންގެވުމުން މަލާއިކަތުން މި އަމުރުފުޅަށް ކިޔަމަންވެ ވަޑައިގަތެވެ. މަލާއިކަތުންނާއެކު އުޅެމުންދިޔަ ޖިންނިއެއް ކަމުގައިވާ އިބްލީސް މި އަމުރުފުޅަށް އިޖާބަދިނުމާ ދެކޮޅު ހެދިއެވެ. ﷲގެ އަމުރުފުޅަށް އިޖާބަ ނުދިނީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން އިބްލީސް ދެންނެވީ އޭނާ ހެއްދެވީ އަލިފާނުންކަމަށާއި އާދަމުގެފާނު ހެއްދެވީ މަށީންކަމަށް ވާތީ އޭނާގެ ޢުންޞުރު (އަލިފާން) އާދަމުގެފާނުގެ ޢުންޞުރަށް (މަށްޓަށް) ވުރެ މޮޅު ކަމަށެވެ. އޭނާގެ ނަޒަރުގައި މަށްޓަށްވުރެ އަލިފާން މާމޮޅެވެ. މިހެންވެ އެކަލޭގެ ﷲގެ އަމުރުފުޅަށް ކާފިރުވީއެވެ. މިހެންވެ އެކަމުގެ އަދަބެއްގެ ގޮތުން ﷲ ޢައްޒަ ވަ ޖައްލަ އިބްލީސް އެކަލާނގެ ރަޙްމަތްފުޅުން ބޭރަށް ލެއްވިއެވެ. އެހިސާބުން އެކަލޭގެ ޝައިޠާނަކަށް ވީއެވެ. ތާރީޚު ފެށުމުގެ ކުރިން ހިނގައިފައިވާ މި ވާހަކަތައް ބަޔާންކޮށް ދެއްވައި މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވިއެވެ. ((إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ ﴿٧١﴾ فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ﴿٧٢﴾ فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ ﴿٧٣﴾ إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ ﴿٧٤﴾ قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۖ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ ﴿٧٥﴾ قَالَ أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴿٧٦﴾ قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴿٧٧﴾ وَإِنَّ عَلَيْكَ لَعْنَتِي إِلَىٰ يَوْمِ الدِّينِ (1) - ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. (71) ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ! (72) ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ. (73) إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ. (74) އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدة ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبر ވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟ (75) އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާ މޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ. (76) އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمة ން ބޭރުކުރައްވާފައިވާ މީހެކެވެ. (77) އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް ތިމަންރަސްކަލާނގެ لعنة ހުށްޓެވެ.)) 

ޝައިޠާނާއަށް އިބްލީހުގެ ނަންދެވުނެވެ. އެއީ އެކަލޭގެ ﷲގެ ރަޙްމަތްފުޅުން ފޭކުރައްވައި ދުރަށް ލެއްވުނީތީއެވެ. އެއްވެސް ޤަދަރެއް ނެތި މަލާމާތް ލިބިގެންވާ ޝަޚްޞަކަށް އެކަލޭގެ ވީތީއެވެ. މާތްﷲގެ އިސްވެދިޔަ  ބަސްފުޅުތަކުން އެނގެނީ ނަސްލީ އިމްތިޔާޒުގެ ބާނީއަކީ އިބްލީސްކަމެވެ. ޚަލްޤު ކުރެވުނު މާއްދާގެ ސަބަބުން އެކަކު އަނެކަކަށްވުރެ މާތްވެގެންވާ ކަމުގެ ދަޢުވާ އެންމެ ފުރަތަމަ އުފުލީ  އިބްލީހެވެ. އާދަމުގެފާނާއި އިބްލީސް ވެސް ހެއްދެވީ މާތް ﷲ އެވެ. މި ދެ ނަސްލުގެ އަޞްލު ޛައްރާއަށް އެތައް އެހެން ޢުންޞުރުތަކެއް ލައްވަވައިގެންނެވެ. މާތްﷲ އާދަމުގެފާނު އުފެއްދެވީ އެތައް ފިޔަވަހިތަކެއްގައެވެ. ފުރަތަމަ ފިޔަވައްސަކީ ވެލީގެ (تُرَاب) ފިޔަވައްސެވެ. ދެން (طِيْن) މަށްޓެވެ.  ދެން (حَمَإٍ مَسْنُوْن) ތަޣައްޔުރުވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށްޓެވެ.ދެން (صَلْصَالٍ كَالْفَخَّارِ) މުށިތަކެއްފަދަ ހިކި މަށްޓެވެ. އެއަށްފަހު ރޫޙެވެ. މި ޢުންޞުރުތަކާ އެކުވެފައިވާ ޢުންޞުރުތަކުގެ ތެރޭގައި ވަޔާއި، ފެނާއި، ނޫރު ވެއެވެ. 

ބައެއް ފިލޯސަފަރުން އިބްލީހުގެ މި ދަޢުވާއަށް ތާއީދުކޮށްފައިވާ ތަން ފެނެއެވެ. އައްޝައިޚު އިބްނު ޢާޝޫރު މި މީހުންނަށް ރައްދު ދެއްވައި ވިދާޅުވިއެވެ. ((އެއްޗެއް އުފެދުމުގައި ބައިވެރިވި ވަކި ޢުންޞުރެއް މޮޅުވުމުގެ  ސަބަބުން އޭތި މޮޅުވާކަށް ނުޖެހެއެވެ. އެހެނީ މަޚްލޫޤާތުން އުފެއްދެވިގެން ވަނީ އެންމެ ޢުންޞުރަކުންނޫނެވެ. އިންސާނާގެ ރޫޙަށް ބަލާއިރު އެއީ މަލަކޫތީ ނޫރާނީ އެއްޗެކެވެ. މަލާއިކަތުން ހައްދަވައިފައިވަނީ މި ނޫރުންނެވެ. މިހެންވެ އސްލާމްދީން އިންސާނާއަށް އޭނާގެ ބިމުގެ ޢުންޞުރުތައް ބަލިކޮށް އުޑުގެ ޢުންޞުރު ގަދަކުރުމަށް ގޮވާލައްވައިފައި ވެއެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ވަނީ މި މަންޒިލަށް ވާޞިލުވެ ވަޑައިގެންފައެވެ.)) 

އިބްލީހުގެ މި ދަޢުވާ ސާބިތު ކުރުމަށް އެކަލޭގެއަށް އެއްވެސް ޙުއްޖަތެއް ލިބިފައެއް ނުވެއެވެ. އެއީ އެކަލޭގެއަށް ހީވި ހީވުމެކެވެ. ހީއެއްގެ މައްޗަށް މަސްއަލައެއް ނުނިންމޭނެއެވެ.މިހެންވެ އިބްލީސް މަތިވެރިވެގެންވާ މަލާއިކަތުންގެ ވެށިން ބޭރަށް ފައްސާލެއްވިއެވެ. މާތްﷲ ބަޔާންކުރައްވާގޮތުގައި އެއްޗެއްގެ މާތްކަމާއި މޮޅުކަން އޮންނާނީ ﷲއަށް ތަޤްވާވެރިވުމުގެ މަތީގައެވެ. އޭގެ ޒާތު ފުރިހަމަވުމުގެ މަތީގައެވެ. އޭގެ ޒާތު އެއިން އުފެދިފައިވާ ޢުންޞުރުގެ މައްޗަކުނޫނެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ(2)  - ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ.)) އިބްނު ޢަޠިއްޔާ ވިދާޅުވެފައިވާ ގޮތުގައި އެއްވެސް އެއްޗެއް އޭގެ ޒާތުގައި ނުވަތަ އޭގެ ޠަބީޢަތުގައި މާތް ވެގެން ނުވެއެވެ. އެހެނަސް މާތްކަމާއި މަތިވެރިކަން ލިބިގަނެވޭނީ ޢިލްމުންނާއި ޢަމަލުންނެވެ. ރަސޫލާ  ޙަދީސް ކުރެއްވިއެވެ. ((مَنْ بطَّأَ بهِ عملُهُ لمْ يُسرِعْ بهِ نسبُهُ(3) - އޭނާގެ ޢަމަލު (ގެ ސަބަބުން އޭނާ ސުވަރުގެ ވަނުން) ފަސްކޮށްފިމީހާ އޭނާގެ ނަސަބު (ގެ ނަސަބުން އޭނާ ސުވަރުގެ ވަނުން)  އަވަސްކޮށް ނުދޭނެތެވެ.))  ރަސޫލާ  ސާފު ބަހުން މި ވިދާޅުވަނީ ކީކޭތޯއެވެ؟ 

އާދެ! އެ ވިދާޅުވަނީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެމީހަކު ދުނިޔޭގައި ކުޅަ ޞާލިޙު ހެޔޮ ޢަމަލެއްގެ ސަބަބުންނޫނީ ފައިދާއެއް ނުކުރާނެތެއެވެ. އޭނާގެ ނަސަބުން އޭނާއަށް މަންފާއެއް ނެތެވެ. މާތްﷲ ރުއްސުންލެއްވި ޒައިނުލް ޢާބިދީން ޢަލިއްޔު ބިން ޙުސައިން ބިން ޢަލީ ވިދާޅުވިއެވެ.(4) ((ހަމަކަށަވަރުން މާތްﷲ ސުވަރުގެ ހެއްދެވީ އެކަލާނގެއަށް ކިޔަމަންގަންނަ އަޅުންނަށް ޓަކައެވެ. އެއީ ޙަބަޝާގެ އަޅެއްކަމުގައި ވިޔަސްމެއެވެ. އެކަލާނގެ ނަރަކަ ހެއްދެވީ އެކަލާނގެއަށް އުރެދޭ މީހުންނަށެވެ. އެއީ ޤުރައިޝުންގެ ވެރިއެއް ކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ: فَإِذَا نُفِخَ فِي الصُّورِ فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ(5) - ފަހެ، ތާޅަފިލި ފުމެލެވޭހިނދު ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން نسب ތަކެއް ނޯންނާނެތެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި سؤال އެއްވެސް ނުކުރާނޭމެއެވެ.)) 

(އަދި ނުނިމޭ)

ފުޓް ނޯޓާއި ޙަވާލާ:

1.      ص : 71 – 78

2.      الحجرات : 13

3.      صحيح  مسلم ٢٦٩٩

4.      تنوير الأذهان : 3 / 43 

5.     المؤمنون : 101

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ