www.fanvai.info

Print

ދިވެހި ޒުވާނެއްގެ ހިތުގެ ޝަކުވާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކައުޘަރު އަޙުމަދު ލަޠީފު

އޭ ދިވެހި މުޖުތަމަޢެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. އެންމެ ޝަކުވާއެއް ނޫނެވެ. އަހަރެންގެ ހިތުގެ ޝަކުވާއެވެ. އަހަރެން ފަދަ ވަރަށް ގިނަ ޒުވާނުންގެ އަދުގެ ހާލުގެ ޝަކުވާއެވެ. 

އަހަރެން ވެސް މި ދުނިޔެއަށް އުފަންވީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ވަރަށް ގިނަ އުންމީދުތަކެއް ކުރާ ހާލުގައެވެ. ބޮޑުވެ، އަހަރެންގެ އަމިއްލަ އަމަލުތަކާމެދު، އަމިއްލައަށް ޒިންމާވާންޖެހޭ އުމުރަށް އެރި އިރު އަދި ވެސް އަހަރެންނަށް ނޭނގޭ އެތައް ކަމެއް އަހަރެންގެ ވަށައިގެން އެނބުރޭކަމީ ދުނިޔަވީ ހަގީގަތެކެވެ. އެފަދަ ކަންކަމާމެދު އަހަރެން ފިކުރުބޮޑުނުވާ ދުވަހެއް ނުދެއެވެ.

އެހެން ކުދިންނެކޭ އެއްފަދައިން އަހަރެން ވެސް ސްކޫލަށް ދިޔައީމެވެ. ކިޔަވާން ވެސް ކިޔެވީމެވެ. ސްކޫލުން މަތީވަނަތައް ވެސް ލިބުނެވެ. އެހެންނަމަވެސް އަހަރެންގެ ދިރިއުޅުން މި ވަނީ ގާތްގަނޑަކަށް ބާކީވެފައެވެ. ސްކޫލުގައި އަހަރެން ވެސް ދިވެހިބަހާއި އިސްލާމްދީނުގެ ޢިލްމު އުނގެނުނީމެވެ. އެހެންނަމަވެސް އަހަރެންނަކަށް އަމިއްލަ ބަހުން އަމިއްލަ މުހުތާދުތައް ފުއްދާކަށް ނޭނގެއެވެ. އަމިއްލަ ޒަރޫރީ ކަންކަމުގައި މީސްމީހުންނާ ހަމައަށް ގޮސް ދެން އިތުރަށް ކުރިއަށް ގެންދާކަށް ނޭނގެއެވެ. ހަމަ ކޮށިއަރަނީއެވެ. ބޭއިޚްތިޔާރުގައެވެ. ބައެއް ފަހަރު ލަދުވެސް ގަންނަ ހާލުގައެވެ.

ދީނީ ކަންކަމޭތޯއެވެ! ގާތްގަނޑަކަށް ބާރަ އަހަރު ވަންދެން ސްކޫލުގައި ދީން ކިޔެވީމެވެ. އެހެންނަމަވެސް ނަމާދުކުރާ ހިތެއް ނުވެއެވެ. ބައެއް ފަހަރު ކުރަމެވެ. ގިނަ ފަހަރު ނުކުރަމެވެ. އަމިއްލަ ނަފުސުގެ ތާހިރުކަމުގެ ވެސް ބޮޑުބައެއް ނޭނގެއެވެ. އަހަރެން ދީންވެރި، ދީނަށް އުޅޭ މީހުންނަށް ފުރައްސާރައެއް ނުކުރަމެވެ. ނަމަވެސް އެމީހުން ދެކެ ލޯތްބެއް ވެސް ނުވަމެވެ. އަހަރެންގެ ހިތުގެ ޝަކުވާގެ ސުވާލުތައް ގޮސް ހުއްޓެނީ އަހަރެންގެ މައިންބަފައިންނާ އެދުރުންނަށެވެ. މި ހުރިހާ ދުވަހު އަހަރެން ގޮވައިގެން ތިޔަ ކުރީ ކީއްހެއްޔެވެ؟ އަހަރެންނަށް ދަސްކޮށްދެވުނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ މިފަދަ ސުވާލުތަކަށް ބައެއް މީހުން ބުނެއުޅެއެވެ. ތިޔައީ ކަލޭގެ މައްސަލައެކެވެ. ކަލޭ ނޫނަސް އެހެން މީހުންގެ ކުދީން ވެސް ކިޔަވައިގެން މޮޅު ކުދިންނަށް ވިއެވެ. އަހަރެންގެ ހިތުގައި ދެން ވެސް އުފެދެނީ ވިޔާނުދާ ސުވާލެކެވެ. އެ މީހުންނާ އަހަރެންނާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟

އޭ ދިވެހި މުޖުތަމަޢެވެ! އަހަރެން ވެސް އަމިއްލަ މަސައްކަތުން ދިރިއުޅުމެއް އުޅޭން ބޭނުންވެއެވެ. އަހަރެންނަށް ކޮންމެ ގޮތަކަށް އުޅެވުނަސް އަޚުލާޤު ރަނގަޅު ގެވެހި އަތްނބަކު ބޭނުމެވެ. ހެޔޮ ގޮތުގައި އުޅޭށެވެ. ދިރިއުޅުމެއް ބިނާކުރާށެވެ. އެހެންނަމަވެސް ލަނޑަޔާ ވާނީ ލަނޑަޔާކަން އެންމެން ވެސް ދަނެއެވެ. އަހަރެން އެ ކަމާ މާބޮޑު ފިކުރެއް މިހާރު ނުހުންނަނީ އެ ކަމަށް ބޭނުން ނުވާތީއެއް ނޫނެވެ. ބައެއް މީހުން އަހަރެންނާ ދިމާއަށް ބުނާ ކަހަލައެވެ. ކަލޭމެން މީހުނާ އިންނަން ކޯޓަށް ދަނީ ކީއްކުރާން ހެއްޔެވެ؟ ކޯޓަށް ނުދިޔަޔަސް ކަލޭމެން ތިޔަ އުޅެނީ 'އިނދެގެން'ނެވެ. އެއީ ވެސް މުޅިއަކުން ދޮގެއް ވެސް ނޫނެވެ. މަދުކަމެއް ފިޔަވައި ހުރިހާކަމެއް ހެން ކުރެވެއެވެ. 

އޭ ވަޒީފާގެ ބާޒާރެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. އިސްކޫލުން މަތީ ވަނަތައް ހޯދައިގެން ލައްކަ މޮޅު ވަޒީފާއެއްގައި އުޅޭނަމޭ ހިތައި އަހަރެން ވެސް ޚިޔާލީ މޯހިރެއްގައި ދުވަސްކޮޅަކު އުޅުނީމެވެ. ތިބާ ޒާރުގައި ކިއްސަރު ހެޔޮ، ބާރަށްދުވާ ކަނބަލުންނަށް އޮންނަ 'ޑިމާންޑު' ހިތަށް އަރައި އަހަރެން ހަމަ ކޮސް ވެއްޖެއެވެ. ހާޑުވެއަރ ފިހާރަތަކަށް ވެސް އެކުދިންނެވެ. ބަރުހަތިޔާރު ގެންގުޅެން ވެސް ހަމަ އެކުދިންނެވެ. ފުޅިމަދު އުނގުރިއެކޭ އެކުދިންނެކޭ ތަފާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެހާ ފާޅުކަން ބޮޑުކޮށެވެ. 'ޓާންއޯވާރ' މަތިވެގެން ދެން ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ. އަހަރެން ދެން ތިޔަ ބާޒާރަކަށް ނުދާނަމެވެ. އަހަރެމެން މިހާރު އުޅެނީ އަމިއްލަ ބާޒާރެއް ހަދައިގެންނެވެ. ލިބޭ ފައިސާ ވެސް އެތައް ގުނައެއް ބޮޑެވެ. ބޭނުން ގަޑިއަކު މަސައްކަތްކުރަންވީއެވެ. 'އަންޑަގުރަންޑު' ވެގެން ކުރަނިކޮށް ހެވެއެވެ. 

އޭ ގާނޫނުތަކާއެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. މީހުން ބުނާތީ އަޑުއަހަމެވެ. މި ދެކުނު އޭޝިއާގައި ވެސް މިއަށް ވުރެ ގާނޫނު ގިނަ ގައުމެއް މަދުވާނެއެވެ. ނުވަދިހަ ހަވަނަ އަހަރު ލައްކަގިނަ ވިޔަފާރި ގާނޫނުތައް ހެދިއްޖެއެވެ. އަދި އަދާޖެހެންދެން ވެސް ގިނައިން ހެދިފައިހުރީ ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކުރާން ހެދިފައިވާ ގާނޫނުތަކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފުދުންތެރިކަން ކުޑަ މީހުންނަށް އެތިކޮޅެއް ދީގެން ގޮނޑިތައް ގަތީމާ ވާނީ މިކަހަލަ ގޮތެކެވެ. ދެން ވެސް ވާން އޮތީ ހަމަ މިހެންނެވެ. ކުލަކުލައިގެ ޕާޓީތައް ހަދައިގެން ޢާންމު ރައްޔިތުންނަށް ދެބޯގެރި ދުއްވާކަން އެނގޭ އިރު ވެސް އަހަރެމެން މި ތިބީ ކަންނެތްކަމުގެ ރަޖާލައިގެން ނިދާށެވެ. އެލީޓުން ބުނި ހަނދާން އަދިވެސް އެބަހުއްޓެވެ. "އައްޔަކަސް އަނދިރިއަކަސް ވެރިކަމެއް ވާނީ ވެރިކަމަކަށެވެ." ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅެއެވެ. އަހަރެމެންތޯއެވެ! އަށާރަ ނުވަންޏާ ދުވަހަކު ވެސް މިތިބަ މީހުން ބޮޑެއްޗެއް ނުވާނެއެވެ. "ހަސްބުނަﷲ ވަނިޢުމަލް ވަކީލް". 

އޭ މަދަރުސާތަކާއެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. އަހަރެން ދީން ކިޔެވީ މާކުސް ހޯދާށެވެ. އަހަރެން ބަސްކިޔެވީ ވެސް މާކުސް ހޯދާށެވެ. ބާކީ ހުރި މާއްދާތައް ކިޔެވީ ވެސް ހަމަ އެ ބޭނުމުގައެވެ. އެހެންނަމަވެސް އުފެދޭ ސުވާލެއް އެބައޮތެވެ. މުދައްރިސުންނަށް ނޮހޮރޮއްޕާން ކޮށްގެން ތިޔަ ތަނުން ބޭރުކޮށްލި ގުރޫޕު މިއަދު މުޖުތަމަޢުގައި މާ ކާމިޔާބެވެ. ހުރިހާ ގޮތަކުންނެވެ. ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ ނިސްބަތުން މަތީ ދަރަޖަތައް ހޯދި ދޮންފުތު ކޮށްގެން އުޅުނު ކުދިން މިހާރު އުޅެނީ އަޅެފަހެ ކޮންތާކު ބާވައެވެ؟ މުޖުތަމަޢުގައި ގިނައިން ދައްކަނީ ބޭރުކޮށްލި ގުރޫޕުގެ ވާހަކައެވެ. އޮޅުކޮށްގެން ގެންގުޅުނު ބައިގަނޑުގެ ހިލަމެއް ނުވެއެވެ. މިއީ އަޅެފަހެ އަޖައިބެއް ހެއްޔެވެ؟ އަހަރެން މިހާރު ވެސް ހިތަށް އަރައެވެ. އަހަރެން ދިރިއުޅުމަށް ތައްޔާރު ނުކުރީ ކީއްވެގެން ހެއްޔެވެ؟ ވަޒީފާގެ ބާޒާރަށް ތައްޔާރުނުކުރީ ކީއްވެގެން ހެއްޔެވެ؟ މީހަކާ އިނދެގެން ރަނގަޅު ޖީލެއް ބިނާކުރާން އަހަރެންނަށް ދަސްކޮށް ނުދިނީ ކީއްވެގެން ހެއްޔެވެ؟

މި ޝަކުވާތަކުގެ ނަތީޖާއަކީ ތޯއެވެ! އަހަރެން މިއަދު މި ވަނީ މުޖުތަމަޢުގައި ބާކީވެފައެވެ. ދީނަށް އުޅުމަކީ އަހަރެން މާބޮޑަށް ދަންނަކަމެއް ނޫނެވެ. އިނދެ ވަރިކުރެވުނު އަދަދެއް ވެސް ނޭނގެއެވެ. މުޅިން ވެސް އުޅެވެނީ އަމިއްލަ ދުނިޔެއެއްގައެވެ. އަހަރެން ޗުއްޓީ ހޭދަކުރާން ދަނީ ކުދިކުދި ގޮޅިތަކަށެވެ. ގުރޫޕުހަދައިލައިފައެވެ. އެކަނިވާ ވަގުތުތަކުގައި ވަރަށް ގިނައިން ހިތަށް އަރައެވެ. އަހަރެންގެ ކުދިންނާއި ކުރީގެ އަނބީން އަހަރެންނަށް މަޢާފެއްނުކުރާނެއެވެ.

__________________________________________

www.fanvai.info