އަދުގެ ޚާއްސަ

Print

ކުޑަކުދީންގެ ވާހަކަ (3): މުޝީރާގެ ބަނޑުހައިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢަބްދުލްކަރީމް  

ށަވިޔަނި މަރޮށީ ބިއްދޮށުގޭ މުޝީރާގެ ފިރިމީހާ، ރުޝްދީ  މަރުވީ  ދޮށީގެ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ޝަޢުބާން މަހެއްގެ އަށްވަނަ ދުވަހެވެ. އެ ހިތާމަ ނުފިލައި އުޅެނިކޮށް ދެން އައި ޝައްވާލު މަހުގެ އަށާވީސްވަނަ ދުވަހު މުޝީރާގެ އަށާރަ އަހަރުގެ ދަރިފުޅު ޝާވިން މަރުވީ މާލޭގައެވެ. އޭނާ މަރުވީ ބޭރު ތޮށިމަތިން ކަހައިލައިގެން ސައިކަލާއެކު ކަނޑަށް ވެއްޓިގެންނެވެ.

ރުޝްދީއާއި ޝާވިންގެ މަރަށްފަހު މުޝީރާ އުޅެނީ ވަރަށް ބަލިކޮށެވެ. ގެޔަކުން ނުނިކުމެއެވެ. ފެނެއް ނުވަރައެވެ. އެކައްޗެއް ވެސް ނުކައެވެ. އޭނާގެ ކަމަކީ ބޮޑުއަށީގައި އޮށޯވެލައިގެން އޮވެ، ރޮއި ހިތާމަކުރުމެވެ.

މުޝީރާގެ އަވައްޓެރިއެއް ކަމުގައިވާ އެރަށު އުނބުށޭމުގޭ ބުޝްރާ ކޮންމެ ދުވަހަކު ބިތްދޮށުގެއަށް ގޮސް މުޝީރާގެ ޙާލު ބަލައި، އޭނާއަށް ހިތްވަރުދީ ނަސޭހަތްދެއެވެ. ބުޝްރާ ވަރަށް ބޮޑަށް އާދޭސްކުރުމުން މުޝީރާ ބައެއް ފަހަރު ސައިފޮދެއް ޖޫސްފޮދެއް ބޮއެވެ. ބުޝްރާ ނަޞީޙަތްދީ ވިސްނައިދޭތާ އަށެއްކަ ދުވަސް ފަހުން މުޝީރާ ބަށިރިހައާއި ރޮށި ކާން އެއްބަސް ވެއްޖެއެވެ.

ބުޝްރާ އަވަސްއަވަހަށް ގެޔަށް ގޮސް ރޮށިތައްޓަކާއި ބަށިރިހަ ތައްޓެއް ހިފައިގެން އަތުވެއްޖެއެވެ. އަދި މުޝީރާ ކާން ގެންގުޅޭ މުށިތަށި ރީތިކޮށް ދޮވެލައި އެގޭގައި އޮތް ކޮށި ވަޅިއަކުން 6ރޮށި ކޮށުމަށްފަހު، ރޮށިތައްޓަށް ބަށިރިހަ އަޅައި ރަނގަޅަށް މޮޑެލިއެވެ. އެއަށްފަހު އިސްކުރު ކައިރިއަށް ގޮސް އުލަކާއި ސަމުސަލެއް ދޮވެލައިގެން ބުޝްރާ އައިއިރު، މުޝީރާ ރޮށިތަށި ކާން ފަށައިފިއެވެ.

ބުޝްރާ ގެނައި ބަށިރިހަ ކުޅިމަޑުކަމުން މުޝީރާއަކަށް ކަމަކު ނުދިޔައެވެ. 

މިރުހެއް ހިފައިގެން އެބަ އަންނަމޭ ބުނެފައި ބުޝްރާ އުނބުށޭމުގެއަށް ގޮސް އައިސްއަލަމާރީގައި ކަނޑޫދޫ މިރުހެއް އޮތްތޯ ބެލިއިރު ވަށިގަނޑު ހުރީ ހުހަށެވެ. އެހެންވެ ވަޅުދޮށުގައި ހުރި ދިގުމިރުސް ގަހުން ދެތިން މިރުސް ބިނދެލައިގެން ބުޝްރާ އެނބުރި އައިއިރު މުޝީރާ ހުރީ ރޮށިތަށި ކައި ހުސްކޮށް ގެން އަތް ދޮންނާށެވެ.

"ކުޑަކޮށް ކުޅިމަޑަސް ބަށިރިހަ ވަރަށް މީރު! ވަރަށް ބޮޑަށް ޝުކުރިއްޔާ!" މުޝީރާ ބުންޏެވެ. "އެތައް ދުވަހަކަށްފަހު މުޝީރާއަށް ހައިފިލާވަރަށް ކެވުނީތީ އަލްޙަމްދު ލިﷲ"  ބުޝްރާ ބުނެލިއެވެ.

(ނިމުނީ)

 

އިދާރާ

ވާހަކަ