އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ....... (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކައުޘަރު އަޙްމަދު ލަޠީފް

ﷲ ސުބުޙަނަހޫ ވަތަޢާލާ ބައެއް މީހުންނަށް އަންހެން ދަރީން ދެއްވައެވެ. އަނެއްބައި މީހުންނަށް ފިރިހެން ދަރީން ދެއްވައެވެ. އަނެއްބައި މީހުންނަށް އަންހެން ދަރީންނާއި ފިރިހެން ދަރީން ދެއްވައެވެ. އަދި އަނެއް ބަޔަކު ދަރީން ލިބުމުން މަޙުރޫމުކުރައްވައި އިމްތިހާންކުރައްވައެވެ. ކޮންމެއަކަސް ގަބޫލުކުރާންޖެހޭ ހިތި ހަގީގަތަކީ، ދަރީންނަކީ ބޭނުން ބަޔަކު ބޭނުން ވަގުތަކު ބޭނުންވީމާ ބޭނުން ތާކުން ހޯދޭ އެއްޗެއް ނޫން ކަމެވެ. އެއީ ﷲ ތަޢާލާ ދެއްވާ ނިޢުމަތެއް ކަމެވެ. ވަރަށް ބޮޑު އަމާނާތެއް ކަމެވެ. 

ދަރީން ތަރުބިއްޔަތު ކުރުމޭތޯއެވެ؟ ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދަރީން ތަރުބިއްޔަތު ކުރުމާއި ދަރީން ބޮޑެތިކުރުމަކީ އުޑާއި ބިމާ ހައި ތަފާތު ދެކަމެކެވެ. ކުދިން ބޮޑެތިކުރާން ބޭނުން ނަމަ، އަންނައުނާއި ކާނާ ދެނިކޮށް ﷲގެ އިރާދަފުޅުން އެ ކުދިން ބޮޑެތިވާނެއެވެ. މަރުނުވާ ނަމަ ދިރި ދުނިޔޭގައި ތިބޭނެއެވެ. އެހެންނަމަވެސް ދަރީން ތަރުބިއްޔަތުކުރުމަކީ ހުނަރާއި ޢިލްމު، އަދި ކެތްތެރިކަމާއި ލޯތްބާއި ކުލުނާއި ހޭވެރިކަން ބޭނުންވާ، ވަރަށް ނާޒުކު ވަޒީފާއެކެވެ. މި ވަޒީފާއަށް ކޮންމެ ކޮންމެ މީހަކު ކަމަކުނުދާނެއެވެ. އެހެނެއްކަމަކު، މި ވަޒީފާގެ އަސާސީ ޝަރުޠަކީ، ދަރީން ހޯދައި، އެ ކުދިން ތަރުބިއްޔަތުކުރާން އާދަޔާ ޚިލާފު ލޯތްބެއް ހިތުގައި އުފެދުމެވެ. އަދި މި ކަމުގައި ދިމާވާ ކޮންމެ މުސީބާތަކާ ކެރިގެން ކުރިމަތިލުމުގެ ހިތްވަރާއި ކެރުންތެރިކަން ހުރުމެވެ. 

ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދަރީން ތަރުބިއްޔަތުކުރުމުގެ ފުރަތަމަ މަރުހަލާ ފެށޭ ހިސާބު އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް އޮންނަނީ އޮޅިފައެވެ. ލޮބުވެތި ބަފައިންނޭވެ! ތިބާގެ ދަރިފުޅުގެ ތަރުބިއްޔަތުގެ ފުރަތަމަ ބިންގާ އެޅޭ ހިސާބަކީ، ތިބާގެ ހަޔާތުގެ ބައިވެރިޔަކު އިޚްތިޔާރުކުރާ ވަގުތެވެ. އެއީ ތިބާއާއި ތިބާގެ ފަރުޢުންގެ މުސްތަގުބަލުގެ ބިންގާ އެޅޭ ހިސާބެވެ. އެއީ ތަރުބަވީ ދަތުރު ފެށޭ ހިސާބެވެ. މި ދަތުރުގެ ކޮއްތަކީ އޯގާތެރި ޚުލްޤުހެޔޮ ދީންވެރި ގެވެހި އަނތްބެކެވެ. މި ފަދަ އަނތްބަކު ލިބިއްޖެ ނަމަ، އެ އޮތީ ތަރުބަވީ ހަނގުރާމައިގެ އެންމެ މޮޅު ހަތިޔާރު ލިބިފައެވެ. މި ދެންނެވި ފަދަ އަނތްބަކީ ތަރުބަވީ މައިދާނުގެ 'ނިއުކްލިއާ' ހަތިޔާރެވެ. ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ، މި ދެންނެވި ފަދަ އަނތްބަކު ހޯދުން ލާޒިމެވެ. އެހެން ނޫނީ ތިބާ ޖެހޭނީ ދަރީންތަރުބިއްޔަތުކުރުމުގެ ކުރިން އަނބިމީހާ ތަރުބިއްޔަތު ކުރާށެވެ. 

ލޮބުވެތި ބަފައިންނޭވެ! ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ، ދެން ކުރާންޖެހޭނެ އެންމެ މުހިއްމު ކަމަކީ، ކުރީން ދެންނެވި އަނބިމީހާ ހިތްހަމަޖައްސައިދިނުމެވެ. ހިތްހަމަޖެހޭ ފަދަ މާހައުލެއް ހޯދައިދިނުމެވެ. ހިތްނުތަނަވަސް ވެދާނެފަދަ ކަންކަމުން އަމިއްލަ ނަފުސާއި ގޭތެރެ ސަލާމަތްކުރުމެވެ. ދަންނަވަންތޯ އެވެ! ދިރިއުޅުމަށް ޓަކައި ބައިވެރިޔަކު ހޯދަނީ ހަމައެކަނި ގޭތެރެ ފޮޅައި ސާފުކުރާކަށް ނޫނެވެ. ކައްކައިފައި ކާންދޭކަށް ވެސް ނޫނެވެ. އަންނައުނު ދޮވެދީ ގުލާނުކުރުވާކަށް ވެސް ނޫނެވެ. އެހެނެއްކަމަކު ދެމީހުން އެކުގައި ދިރިއުޅުމުގެ ހަނގުރާމަ ކާމިޔާބުކުރާށެވެ. ތިމާއަށް އެކަނި މި ކަން ކުރެވޭނެ ނަމަ، ތިބާ އަނތްބަކު ނުހޯދީހެވެ. އަނބިމީހާ ހިތްހަމަޖައްސައިދޭން ޖެހެނީ އެއީ ތިބާގެ ދަރިންގެ މަންމައަށް ވާނެތީއެވެ. އެ ކުދީން ދުނިޔެއަށް އައުމުގެ އަސްލަށް ވާނެތީއެވެ. އަދި އެމީހެއްގެ ކިބައިން ތިބާ އުފާ ހާސިލްކުރާނެ ތިބާގެ ލޮލުގެ ފިނިކަން ކަމުގައި ވާތީއެވެ. އަދި ދަންނަވަންތޯއެވެ؟ އެ އަނބިމީހާ އަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރާ ކޮންމެ ނޭދެވޭ އަސަރެއްގެ ހިތި، ދަރީންގެ ތަރުބިއްޔަތުން ތިބާއަށް ފެންނާނެއެވެ.

ލޮބުވެތި މައިންނޭވެ! އަނބީންނޭވެ! ދިރިއުޅުމުގެ ދަތުރަށް ބޭނުންވަނީ ލައްކައިން ލައްކައިން ގިނަ ފައިސާއެއް ނޫނެވެ. މާސިންގާ ގަނޑުވަރެއް ވެސް ނޫނެވެ. ދިރިއުޅުމަށް ޓަކައި ބޭނުންވަނީ އިޚުލާސްތެރި ހިތަކާއި އޯގާތެރި އަތަކާއި ޙިކުމަތްތެރި ވިސްނުމަކާއި އިގްތިޞާދުކުރާނޭ ހިތްވަރެކެވެ. ނަމަނަމަ ޖީބަށް ބަރުނުވާށެވެ! ކެތްތެރިވާށެވެ! ދިރިއުޅުމުގެ ދަތިތަކަށް ކެތްކުރާށެވެ! މި ކަންކަމަކީ ދަރީންގެ ތަރުބިއްޔަތު ފެށުމުގެ ކުރީން ދަސްކުރާންޖެހޭ އަސާސީ ހުނަރުތަކެވެ. 

(ނުނިމޭ)

އިދާރާ

ވާހަކަ