އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ......(2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކައުޘަރު އަޙްމަދު ލަޠީފް

(30 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އުންމަތުގެ އައްޑަކަމުގައިވި އުޚްތުންނޭވެ! ދަރީން ތަރުބިއްޔަތުކުރުމުގައި ތިޔަ ކަނބަލުންނަކީ ތަރުބަވީ ކާނާއެވެ. ތަރުބަވީ މައިދާނުގައި ތިޔަކަނބަލުންނަށް ފައިތިލަ ސާބިތުކުރެވޭނީ މި މައިދާނުގައި އެކުގައި ހަނގުރާމަކުރާ އާރުކާޓީގެ ހުރި ހިތްވަރާއި ފަންވަރަކުންނެވެ. ލޮބުވެތި އުޚްތުންނޭވެ! އެއީ ތިބާގެ ފިރިމީހާއެވެ. ދަރީންގެ ތަރުބިއްޔަތަށް އެންމެ ބޮޑަށް އަސަރުކުރުވަނީ ފިރިމީހާގެ ފަރާތުންނެވެ.

ދަންނަވަންތޯއެވެ! ދަރީންގެ ޖިންސް ކަނޑައެޅެނީ ވެސް ފިރިމީހާގެ ފަރާތުންނެވެ. މިހެންކަމުން އެކުގައި ދިރިއުޅުމަށް ޓަކައި އިޚުތިޔާރުކުރެވޭ ފިރިހެނެއްގެ ސަބަބުން ދިރިއުޅުން މަތީން ފޫހި ވެސް ވެދެއެވެ. އަދި އެ ފަދަ މީހެއްގެ ސަބަބުން ދިރިއުޅުމަށް އިތުރު ހިތްވަރެއް ވެސް ލިބެއެވެ. އޭ އުޚްތާއެވެ! ފިރިއަކު އިޚުތިޔާރުކުރާއިރު، ބުރުސޫރައަށާއި ހަމައެކަނި ބޭރުފުށުގެ މިއުޒިކަށް ނުބަލާށެވެ! ޗެޓުލޮގުތަކަށް ބަރޯސާ ނުވާށެވެ! ޖީބަށް ނުބަލާށެވެ! ދުއްވާ އުޅަނދަށް ވެސް ނުބަލާށެވެ! އަދާކުރާ ވަޒީފާއަކީ ވެސް ކޮންމެހެން މުހިއްމު އެއްޗެއް ނޫނެވެ. ހަލާލު ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެކެވެ. ޚުލްގު ހެޔޮ އޯގާތެރިއަކު އިޚްތިޔާރު ކުރާށެވެ! އޭރުން އެފަދަ ފިރިއަކަށް ދަރިފުޅުގެ ނެޕީ ބަދަލުކުރުން ވެސް ބޮޑު ކަމަކަށް ނުވާނެއެވެ. 

ލޮބުވެތި އުޚްތުންނޭވެ! ދިރިއުޅުން ރޫޅިގެން ދިޔުމުގައި ދެމަފިރިންގެ ވެސް ހިއްސާ އޮވެއެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް ދިރިއުޅުމުގައި އަންހެނުންނަށް އެޅޭ ކަތިފިޔަވަޅުތަކެއްގެ ނަތީޖާއަށް މި ކަން އޮންނަނީ ވެފައެވެ. ފިރިންގެ ކެތްތެރިކަން ކުޑަވުމަކީ ވެސް މި ކަމަށް ބާރުދޭ ކަމެކެވެ. ނަމަވެސް ވިސްނައިލާންވީ މުހިއްމު ނުކުތާއަކީ ދެ އާއިލާއެއްގެ ދެ ޖިންސެއްގެ ދެ ވިސްނުމެއްގެ ދެ މީހުން އެއް ތަނެއްގައި އެއްކޮށް ދިރިއުޅޭ ނަމަ، ކުދިކުދި މައްސަލަތައް ނުޖެހި ނުދާނެކަމެވެ. މި ފަދަ މައްސަލަތައް ހައްލުކުރުމުގައި ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިޚްތިޔާރު ނުކޮށްފި ނަމަ، ގިނަ ފަހަރަށް ވަރަށް ފަސޭހައިން ކައިވެނީގެ މުގައްދަސް ގުޅުން ކެނޑޭ ފަހަރު އާދެއެވެ. ހަމަ އެހެންމެ ދީނީ ކަންކަމަށް ފަރުވާކުޑަކުރުމަކީ ވެސް ވަރަށް ގިނަ ފަހަރަށް ކައިވެނީގެ މަތިވެރި ގުޅުމުގެ ބަރަކާތް ކެނޑި އެކަކު އަނެކަކު މަތީން ފޫހިވާން މެދުވެރިވާ ސަބަބެކެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! މުސްލިމުންގެ ހަތިޔާރަކީ ދުޢާއެވެ. ހުސްއަތާ ހަނގުރާމައެއް ކާމިޔާބެއް ނުވާނެއެވެ.

ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދެއަތްނބަށް މީހަކާ އިންނަ މައުޟޫއަކީ އަހަރެމެންގެ އަރުތެރެއިން އެހާ ފަސޭހައިން ދިރުވައިލެވޭ މައުޟޫއެއް ނޫނެވެ. އިތުރު އަތްނބަކު އިޚްތިޔާރުކުރާން ކީރިތި ޤުރުއާނުގައި ހުއްދަކުރައްވައިފައިވާ އިރު، އިޝްގީ ލޯބީގައި އަނބިން ހަމަހަމަ ނުކުރެވޭނެ ކަން ވެސް ޤުރުއާނުގައި ބަޔާންކުރައްވައިފައިވެއެވެ. އަދި އަނބިންނާ މެދު އަދުލުވެރި ނުވެވޭ މީހާ މަހުޝަރު ކުރައްވާނީ އެއްފަޅި ވާގިނެތިފައިވާ ހާލުގައި ކަން ޢިލްމުވެރިން ބުނެދެއްވައެވެ. ވިސްނައިލާށެވެ! އިޚްލާޞްތެރިކަމެއް ނެތި ކުރާ އެއްވެސް ކަމަކުން އާޚިރުގައި މަންފާއެއް ނުކުރާނެއެވެ. ލޮބުވެތި އަނބީންނޭވެ! ފިރިމީހާ އެހެން އަތްނބަކު ހޯދާން ނުޖެހޭވަރަށް އޭނާއަށް އިޚުލާސްތެރިވާށެވެ! އޭނާގެ މުދަލަށް ރައްކާތެރިވާށެވެ! އޭނާއަށް ލޯބިދޭށެވެ! ޝަކުވާ މަދުކުރާށެވެ! އޭނާގެ ލޮލުގެ ފިނިކަން ކަމުގައި ވާށެވެ! 

ލޮބުވެތި ފިރީންނޭވެ! އަނބިންނަކީ އަޅުންނެއް ނޫނެވެ. އެކަނބަލުންގެ ހިތްހަމަޖެހުމަށް ޓަކައި ކުރެވޭން ހުރި ހުރިހާ ކަމެއް ކުރާށެވެ! ތިބާގެ ދިރިއުޅުން ފުރިހަމަކުރާ މީހަކީ އެ އަނބިމީހާ އެވެ. 

(ނުނިމޭ)

އިދާރާ

އެނގޭތަ؟