އަދުގެ ޚާއްސަ

Print

"އަނބި" މި ނަމުގެ ފަހަތަށް "އެއް" ފަދަ އަކުރެއް ގުޅުވީމާ، ހުސްނޫނު ވަންނާނީ ކޮންތާކަށް؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދު އަޅުގަނޑު އެއްޗެކޭ ދަންނަވާން މި ގަސްތުކުރީ ވަރަށް ޙައްސާސީ ސުވާލަކަށެވެ. ދިވެހިބަހުގެ ޢިލްމުވެރީންނާއި ތަޖުރިބާކާރު ލިޔުންތެރީންގެ ތަފާތު ޖަވާބުތައް ލިބޭ ސުވާލަކަށެވެ. މިއީ އެ ސުވާލަކާ މެދު ތަފާތު ކަންމިނުން ބަހުސްކުރެވި ކޮޅެއްގައި ނުޖެހި އޮތް ސުވާލެކެވެ. ނަމަވެސް މިއީ ޢިލްމީ ގޮތެއްގައި ސާބިތު ޖަވާބެއް ލިބޭން ޖެހޭނެ ސުވާލެއް ވެސްމެއެވެ. އެހެނީ މިއަދު ދިވެހިބަހުން ޑިގްރީއާއި އެ ދާއިރާއިން މާސްޓަރޒް ހައްދަވައިފައިވާ ބޭފުޅުންގެ ޢަދަދު އެތައް ސަތޭކައަކަށް އަރައިފައިވާއިރު މިއަދު މި ސުވާލަށް ހަރުދަނާ ޢިލްމީ ޖަވާބެއް ލިބޭން ޖެހޭކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ މި ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރުވުމުގެ ބޭނުމަކީ ޢިލްމީ ގޮތެއްގައި ބަހާމެދު ވިސްނާނެ ސިކުނޑިތަކެއް މުޖުތަމަޢަށް ނެރުން ކަމަށް ވާތީއެވެ.

މި މައުޟޫޢުގައި އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވައިލާން ބޭނުންވަނީ މި ސުވާލަށް ބަހަވީ ޢިލްމުވެރީން ޖަވާބެއް ދެއްވާ އިރު، އެ ބޭފުޅުން ރިޢާޔަތްކުރައްވާންޖެހޭނެ ކަމަށް އަޅުގަނޑުގެ ވިސްނުމަށް އަންނަ ބައެއް ކަންކަން ޙިއްސާކޮށްލާން ބޭނުންވާތީއެވެ. އޭރުން ސުވާލުގެ ޖަވާބު ހޯއްދަވާން އެ ފަދަ ބޭފުޅުންނަށް ވެސް ފަސޭހަފުޅު ވެދާނެ ކަމަށް ވިސްނުނީތީއެވެ.

އެއްވެސް ޝައްކެއް ނެތެވެ. 'މީކާފަގެބޯވަ' މި އަކުރުތަކުގެ ތެރެއިން އަކުރެއްގެ އިބިފިއްޔަށް ނިމޭ ލަފުޒެއް އެކަހެރިކުރާ އިރު، ނުވަތަ އާންމުކުރާ އިރު، /ތ/ ސުކުނެއް އިތުރުކުރާންޖެހޭ ކަމަށް ދިވެހިބަހުގެ ގަވާއިދު ދެނެވަޑައިގަންނަވާ ތިޔަ ހުރިހާ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާނޫއެވެ. އެކަމާ އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެހެންވީއިރު "އަނބި" މި ލަފުޒު އެކަހެރިކުރާއިރު /ތ/ ސުކުނެއް އިތުރުކުރާން ޖެހޭނެކަން މި ހަމައިން އެބަ ސާބިތުވެއެވެ. އެއީ ކުރީން މި ދެންނެވި ހަ އަކުރުގެ ތެރޭގައި ހިމެނޭ އަކުރަކަށް ނިމޭ ލަފުޒެއް ކަމަށްވާތީއެވެ. ވީމާ، މިހާހިސާބަށް އިޚުތިލާފެއް ނެތެއް ނޫންތޯއެވެ! 

ދެން އަޅުގަނޑު ދަންނަވައިލާން ބޭނުންވަނީ އަޅުގަނޑު މި ބަހުސްކުރާ ލަފުޒުގެ އަސްލުކަމުގައިވާ "އަނބި" މި ލަފުޒަކީ ހުސްނޫނުގެ އަޑާއެކު އޮންނަ ލަފުޒެއްކަމެވެ. ލިޔެ އުޅޭ އިރު ވެސް، ހުސްނޫނު ލިޔެ އުޅޭކަމެވެ. ލަފުޒެއްގައި އޮންނަ ހުސްނޫނުގެ އަޑު، އެ ލަފުޒެއް އެކަހެރި ކުރާ ޙާލަތުގައި އުނިކޮށްލުމަކީ ބަހުގެ އެއްވެސް ހަމައަކުން ފެންނާން އޮތް ކަމެއް ނޫނެވެ. އަދި ހަމައެހެންމެ އެ ލަފުޒު ކިޔާއިރު ހުސްނޫނުގެ އަޑު ނުވަތަ ނޯށު އަޑު ހިމެނޭ ކަމީ އެއްވެސް ދިވެއްސަކު ދެބަސްވާނޭ ކަމެއް ވެސް ނޫނެވެ. ވީމާ "އަނބި" މި ލަފުޒު އާންމުކުރުމަށް ޓަކައި "އެއް" މި އަކުރު އިތުރުކުރިޔަސް ހުސްނޫނު އުނިކުރެވޭނެ ހަމައެއް ނެތްކަން ސާބިތުވެއެވެ. ވީމާ މި ލަފުޒު އެކަހެރިކުރާން ނުވަތަ ޢާއްމުކުރާން ޖެހޭ ޙާލަތުގައި /ތ/ ސުކުން އިތުރުނުކޮށް އަދި ހުސްނޫނު އުނިކޮށް އޭގެ ބަދަލުގައި ނޫނު ސުކުނެއް އިތުރުކުރާންޖެހޭ ޢިލްމީ އެއް ވެސް ހަމައެއް ނެތްކަން ދިވެހިބަހުގެ ގަވާއިދަށް ބެލުމުން ސާބިތުވެއެވެ. މާނައަކީ ބައެއް ލިޔުންތަކުން ފެންނަ ފަދައިން "އަންބެއް" ލިޔުމަކީ ބަހުގެ އެއްވެސް ގަވާއިދަކަށް ފެތޭ ހަމައެއް ނޫނެވެ. "ޖަންބު" އެކަހެރި ކުރާއިރު "ޖަންބެއް" ކިޔާހެން، "އަންބެއް" ކިޔޭނީ "އަންބު" ކިޔާ ލަފުޒެއް އޮވެފައި، އެ ލަފުޒު އެކަހެރި ކުރާ ނަމަ ތާއެވެ.

އެއްވެސް ބޭފުޅަކު ދެކޮޅު ނަހައްދަވާނެ އަނެއް ހަގީގަތަކީ ހުސްނޫނަކީ ނޯށުގެ އަޑެއްކަމެވެ. އާދޭހެވެ! އެއީ ފަޅި ނޯށުގެ އަޑެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެއީ "ލުއި ސުކުނެކޭ" ވެސް ދެންނެވިދާނެއެވެ. ދިވެހިބަހުގެ ލަފުޒުތަކަށް ބަލައި ހޯދާއިރު ސުކުނެއްގެ ކުރިއަށް ހުސްނޫނު ގެނެވިފައި ހުރި ލަފުޒުތަކެއް އަޅުގަނޑަކަށް ނުފެނުނެވެ. މާނައަކީ ލުއި ސުކުނެއްގެ ފަހަތަށް އިތުރުސުކުނެއް އައިސްފައިނުވެޔޭއެވެ. އަދި ފުރިހަމަ ދެ ސުކުން ވެސް ވިދިވިދިގެން އައިސްފައެއް ވެސް ނުހުރެއެވެ. މިއީ އަޅުގަނޑަށް ފެނިފައިވާ ގޮތެވެ.

ތެދުފުޅެކެވެ! އާނ، ހޫނ ފަދަ ލަފްޒުތަކުގެ ފަހަތަށް ހުސްނޫނު އަންނަ ލަފުޒުތައް ދިވެހިބަހުގައި އެބަހުއްޓެވެ. އަދި ދެކުނުގެ ބައެއް ބަހުރުވަތަކުގައި /ކ/ ގެ ކުރިއަށާއި /ހ/ ގެ ކުރިޔަށް ވެސް ހުސްނޫނު ލައިގެން ވާހަކަދައްކައެވެ. އެކަމަކު "އާއްމު އަދަބީ ބަހުރުވައިގައި" ހުސްނޫނު އަންނަނީ އަކުރުތަކުގެ ފަހަތަށާއި "ބދގޑ" މި ހަތަރުއަކުރުގެ ކުރިއަށާއި ބައެއް ލަފުޒުގެ ފަހަތަށެވެ. މި ނޫން ޙާލަތެއްގައި އާއްމު އަދަބީ ބަހުރުވައިގައި ހުސްނޫނެއް ނާދެއެވެ. ވީމާ، "އަނބި" މި ލަފުޒުގެ ފަހަތަށް "އެއް" ގުޅާއިރު /ތް/ ގެ ފަހަތަށް ހުސްނޫނު އައުމަކީ މި ހަމައާ ޚިލާފު ކަމެއް ނޫނެވެ. އެހެން ނަމަވެސް /ތް/ ގެ ކުރިޔަށް ހުސްނޫނު ގެނައުމަކީ މި ހަމައާ ޚިލާފު ކަމެއްކަން ފާހަގަކޮށްލަމެވެ.

ދެން މި ލަފުޒު ކިޔުމުގައި އަޑު އަންނަނީ ކިހިނެއްތޯ ބަލައިލަމާތޯއެވެ! ވިދިވިދިގެން ދެ އަކުރެއް އައުމުގެ ސަބަބުން އަކުރުގެ އަޑު، އެއާ ކައިރި އެހެން އަކުރެއްގެ އަޑަށް ބަދަލު ވުމަށް ފޮނޮލޮޖީގެ އިލްމުގައި ކިޔަނީ އެސިމިލޭޝަން ނޫންތޯއެވެ. "އަނބި" މި ލަފްޒު އެކަހެރިކުރާ އިރު ވެސް އަދި "އަނބި" މި ލަފްޒުގައި ވެސް ހުސްނޫނުގެ އަޑު އަންނަނީ "މީމު"ގެ އަޑަށް ބަދަލު ވެގެންނެވެ. އެސިމިލޭޓްވެގެންނެވެ. /ތ/ އެއްގެ ކުރިޔަށް އަންނަ /ނ/ އެއް މީމެއްގެ އަޑަށް އެސިމިލޭޓެއް ނުވެއެވެ. މީމެއްގެ އަޑަށް އެސިމިލޭޓްވާނީ ދެ ތުންފަތުގެ (ބައިލޭބިޔަލް) މަޚްރަޖުން ކިޔޭ އަޑެއްގެ ކުރިޔަށް /ނ/ އައުމުން ނޫންތޯއެވެ. /ތ/ ގެ ކުރިޔަށް /ނ/ އަންނަ "އަންތަރީސް" ފަދަ ތަންތަނުގެ /ނ/ ގެ އަޑު މީމަކަށް ބަދަލެއް ނުވެއެވެ. އެކަމަކު ދެ ތުންފަތުގެ އަޑުތައް ކަމަށް ވާ /މ/، /ބ/، /ޕ/ ގެ ކުރިޔަށް އަންނަ /ނ/ ކިޔޭނީ މީމެއްގެ އަޑުންނެވެ. "މަންމަ"، "ބިންބި"، "އަންބާ"، "ސަންޕާ" ފަދަ ލަފްޒުތަކުންނާއި "ކުރުނބާ" ފަދަ ބޮނބި" ފަދަ "އަނބި" ފަދަ ލަފްޒުތަކުން މިކަން ފާހަގަ ކުރެއްވޭނެއެވެ. ހުސްނޫނު، ހުސްމީމެއްގެ އަޑަށް ބަދަލު ވަނީ (އެސިމިލޭޓްވަނީ) /ބ/ އާ ވިދިގެން، /ބ/ ގެ ކުރިޔަށް އަންނަ އިރު އެކަންޏެވެ. "އެނދު"، "އަނގަ"، "ރަނޑު" ފަދަ ލަފްޒުތަކުގެ /ނ/ އާއި "އަނބި" މި ލަފްޒުގެ /ނ/ ގެ އަޑު ތަފާތު ވަނީ އެސިމިލޭޝަންގެ ސަބަބުންނެވެ. އެސިމިލޭޝަންގެ މި ގަވާއިދަކީ ދިވެހިބަހަށް އެކަނި ޚާއްޞަ ގަވާއިދެއް ނޫނެވެ. އެއީ ޢާލަމީ ގަވައިދެކެވެ. އިނގިރޭސިބަހުގައި ވެސް ޢަރަބިބަހުގައި ވެސް މިކަން އޮތީ މިހެން ނޫންތޯއެވެ! އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވާތީ ކީރިތި ޤުރްއާން ކިޔެވުމަށް ޓަކައި އުނގެނުނު ތަޖުވީދުގެ ހަމައަކީ ވެސް ނޫނު ސުކުނުގެ ފަހަތަށް ބާ އަތުވެއްޖެ ނަމަ އެ ނޫނުގެ އަޑު މީމަކަށް ފުރޮޅައިލުންކަން އަޅުގަނޑުމެން ދަންނަމު ނޫންތޯއެވެ؟ އެއީ އެސިމިލޭޝަންއެކެވެ. ތަޖުވީދު ޢިލްމުގައި އެއަށް ކިޔަނީ "އިޤްލާބު" ނޫންތޯއެވެ! އިޤްލާބް ދަސްކޮށްދެއްވުމަށްޓަކައި ކުރީގެ އެދުރުދައިތައިން މިސާލެއްގެ ގޮތުގައި، "ރުނބައިން ބިންބި ނަޤައިޤެން އެ މުޤުރައިގެން އެއިން ފޮޅިފިހެގެން ކަނި!" މި މިސާލު ގެންނަވަނީ އިޤްލާބު (އެސިމިލޭޝަން) އާއި އިޡުހާރާއި އިޚުފާގެ ތަފާތު އެ މިސާލުން ސާފުވާތީ ނޫންތޯއެވެ! މިހާހިސާބަށް ޚިޔާލުތަފާތުވުމެއް އެބަ އޮތްތޯއެވެ! އަދި ދެ ވާހަކައެއް ދަންނަވައިލާނަމެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަންނަވާށެވެ! 

"އަނބި+އެއް" ގުޅުވައިގެން ލިޔާ ގޮތް އިހަށް ބާއްވަވާށެވެ! އެ ގޮތަށް ލަސްލަހުން ވިދާޅުވާށެވެ! އަޑު ތަޙުލީލުކުރާ ލެބޯރެޓަރީއަކަށް ވަޑައި ނުގަތަސް ނޯށުގެ އަޑު (ނުވަތަ /ނ/ ގެ އަޑު އެސިމިލޭޓްވާ /މ/ގެ އަޑު) ވަންނަނީ /ބ/ ގެ ކުރިއަށްކަން ސާފުވެވަޑައިގަންނަވާނެއެވެ. އެހެންވީ އިރު، މިޔާ ޚިލާފަށް ލިޔުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ!

އިސްވެ ދެންނެވުނު ހަމަތަކަށް ބަލައި "އަބި" މި ލަފްޒު (ހުސްނޫނާ ނުލައި) އެކަހެރި ކުރީމާ ލިޔާ ގޮތަށް، "އަތްބެއް" މިހެން ލިޔެފައި، ހުސްނޫނު ވައްދާން ވީ ކޮންތާކަށް ތޯ ވިސްނައިލާއިރު، މީމެއްގެ އަޑު އައުމަށް ޓަކައި ދެ ތުންފަތް ލެއްޕޭތީ، /ނ/ އަންނަނީ /ބ/ އާ ވިދިގެން /ބ/ ގެ ކުރިޔަށް ކަން ޔަގީން ވާތީ، "އަތްނބެއް" މިހެން ލިޔުނީމާ މައްސަލަ ހައްލުވީ ނޫންތޯއެވެ!

ދިވެހިބަހުގެ އަޞްލުކަމުގައި ބަހުގެ އިލްމުވެރީން ބުރަވެވަޑައިގަންނަވާ ސާންސްކިރިތު ބަހާއި ދިވެހިބަހާ އެންމެ ތިމާގެ އެއްބަސް ކަމުގައިވާ ސިންގަޅަ ބަހުގައި ވެސް ޕްރީނޭޒަލައިޒްޑް (ނުވަތަ ނޯށު އަޑަކާ ވިދިގެން ކިޔޭ) އަޑުތަކެއް ހުރިކަން އެ ދެ ބަސް ދިރާސާކުރައްވައިފައިވާ ބޭފުޅުން ވިދާޅުވެއެވެ. ސިންގަޅަ ބަހުގައި ހުރި ޕްރީނޭޒަލައިޒްޑް އަޑުތަކަކީ ދިވެހި ބަހުގައި ވެސް ކުރިޔަށް ހުސްނޫނު އަންނަ އަޑުތަކެވެ. ސިންގަޅަ ބަހުގައި އެ އަޑުތައް ލިޔަނީ ވެސް އެ އަޑުތަކަށް ޚާއްޞަ ނިޝާންތަކެއް ބޭނުން ކޮށްގެންނެވެ. އަދި އައިޕީއޭއިން އެ އަޑުތައް ލިޔާއިރު ނޯށުއަޑުގެ (ނުވަތަ ހުސްނޫނުގެ) ރަމްޒު ލިޔަނީ އެހެން އަކުރުތަކަށް ވުރެ ކުދިކޮށެވެ. "ގދޑ" މި އަކުރުތަކުގެ ކުރިޔަށް އަންނަ ނޯޑު އަޑު ރަމްޒު ކޮށްދީފައި ހުންނަނީ ކުޑަ "އެން" އަކުރަކުންނެވެ. "ބ" ގެ ކުރިޔަށް އަންނަ ނޯށު އަޑު ރަމްޒު ކޮށްދީފައި ހުންނަނީ ކުޑަ "އެމް" އަކުރަކުންނެވެ. އެހެންކަމުން މިއީ ހަގީގަތުގައި "ނޯށުބާ"އަކާއި "ނޯށުދާލަ"ކާއި "ނޯށުގާފަ"ކާއި "ނޯށުޑަވިޔަންޏެ"ކެވެ. ހުސްނޫނަކީ މި އަކުރުތަކުގެ އަޑުގެ ބައެކެވެ. ތާނައިން ލިޔުމުގައި އަޅުގަނޑުމެން މި ތަނުގައި ލިޔާ ހުސްނޫނަކީ ހަގީގަތުގައި ވަކި އަކުރެއް ނޫނެވެ. އެއީ އަކުރެއް ކިޔާ އިރު ނޯށަށް އަރުވައިލާން ޖެހޭކަން އަންގައިދޭ ރަމްޒެކެވެ. "އަނބި" މި ލަފުޒުގައި އެ ރަމްޒުން އަންގައިދެނީ /ބ/ ކިޔާން ވާ ގޮތެވެ. ވީއިރު އެ ރަމްޒާއި /ބ/އާ ވަކި ކުރެވޭނެ ތޯއެވެ! 

ޢިލްމީ ނަޒަރުން ވިސްނައި ފިކުރުކުރާނަމަ، ދިވެހިބަހުގެ އާންމު އަދަބީ ބަހުރުވައިގައި ލަފުޒެއްގެ މެދުތެރެއަށް އަންނަ ހުސްނޫނަކީ "ބޯދާގަޑި"އާ ވަކިނުކުރެވޭނެ އަކުރެއްކަން ނުވަތަ ރަމްޒެއްކަން ވަރަށް ފުރިހަމައަށް ސާބިތު އެބަ ވެއެވެ. އެހެންވީމާ "އަނބި" މި ލަފުޒުގެ ފަހަތަށް "އެއް" ގުޅައިގެން ތާނައިން ލިޔާ އިރު، ހުސްނޫނު އަންނާނީ /ބ/ އާ ވިދިގެން /ބ/ގެ ކުރިއަށް ކަމާއި /ތް/ އަންނާނީ ހުސްނޫނުގެ ކުރިއަށް ކަން މި ހުރިހާ ކަމަކުން އެބަ ދަލީލުކޮށްދޭ ނޫންތޯއެވެ! އިލްމީ ގޮތުން މި ފަދަ ސާބިތު ހެކިތައް މިހެން ފެންނަން ހުއްޓައި، ކުރީން ލިޔާ ގޮތޭ މި ވެނި ބޭފުޅަކު ވިދާޅުވެފައި އޮތީ މިހެންނޭ ވިދާޅުވެ، މިއާ ޚިލާފަށް ނިންމައި ގަވާއިދެއް ހެދިއްޖެ ނަމަ، އެ ގަވާއިދެއް ހެދި ބަޔަކަށް، ފަހުން އަންނަ ޖީލުތަކުގެ މީހުން، "މިއީ ޢިލްމީ ހަމަތަކަށް ރިޢާޔަތްނުކުރާ ބަޔަކު ލިޔުނު ގަވާއިދެއްތާއޭ" ބުނެ މަލާމާތް ނުކުރާނެ ތޯއެވެ!

އަޅުގަނޑުގެ މި ޚިޔާލަށް ތާއިދު ލިބޭ ގޮތަކަށް "ރާއްޖެތެރޭގައި އަތްނބެއް" މި މައުޟޫޢުގައި މުޙައްމަދު ޝާހިދު ޙަލީމް ލިޔުއްވައިފައިވާ ލިޔުމެއް "ފަތްތޫރަ–149" (އޮގަސްޓް 1991) ގައި ޝާއިޢުކުރައްވައިފައިވެއެވެ. އަދި 20 ޑިސެންބަރު 2010 ގައި "ފަންވަތް.އިންފޯ"ގައި ވެސް ކުޑަ ބަދަލަކާއެކު މި ލިޔުން ޝާއިޢުކުރައްވައިފައި އެބަ އޮތެވެ. 

މަޢާފުކުރެއްވުން އެދެމެވެ. މިއީ ނިންމުމެއް ނޫނެވެ. ފަތުވާއެއް ނޫނެވެ. އަޅުގަނޑަކީ އެ ޝަރުޢިއްޔަތު އޮތް މީހެއް ވެސް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑަށް ފެންނާންހުރި ހެކިތަކަށް ބުރަވެ، އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. މިއީ ޢިލްމީ ގޮތުން މި މައްސަލަ ދިރާސާކުރައްވާ ޢިލްމީ ބޭފުޅުންގެ މަސައްކަތްޕުޅަށް ހުޅުވައިލި ދޮރެކެވެ. ކަމާ ބެހޭ ވިދާރާއަކުން މި ނޫން ގޮތަކަށް ނިންމެވުމެއް ނުނިންމަވާހާ ހިނދަކު އަޅުގަނޑު ޢަމަލުކުރާނީ މި ގޮތަށެވެ. ޢިލްމީ ގޮތުން ސާބިތުވާން އޮތީ މި ގޮތަށް ކަން އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރުވާތީއެވެ.

________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ