www.fanvai.info

Print

ކުޑަކުދީންގެ ވާހަކަ (5): ރޫމީ ފަކީރުގެ ވަރުބަލިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ސާދުނާ ޢާބްދުލްކަރީމް

ގިރާވަރު ރޯނުގޭ ރޫމީ އަކީ ހެރެތެރެ ރިސޯރޓުގައި  މަސައްކަތްކުރާ މީހެކެވެ. ރޫމީއަކީ އެ ރިސޯޓުގެ ރާވެރިޔާއެވެ.  އޭނާ ކުރާ މަސައްކަތަކީ ފަތުރުވެރިންނަށް  ބޭނުންވާ ތާޒާ ރާ، ރުއްތަކުން ބާލައިދިނުމެވެ. އެރަށުގައި ރުކަށް މޮހޮރު ޖެހުން މަނައެވެ. އެހެންވެ ރޫމީ ބަހައްޓަނީ ރާރުއްތަކުގައި ހަރުބަނދެފައެވެ. 

ހެރެތެރެ ރިސޯޓުން ފަތުރުވެރިންނަށް ރަތުރުކު ރާ ވިއްކަނީ  ރާ އުނބެއް ފަނަރަ  ރުފިޔާއަށެވެ.  ނުވަތަ އެއް ޑޮލަރަށެވެ. 

ރަސްދަނބު ރުކު ރާއުނބެއް ވިއްކަނީ  އެއަށްވުރެ  މާ އަގު ބޮޑުކޮށެވެ. އެއީ ރަސްދަނބު ރުކުގެ ރާ،  މާ މީރީމައެވެ. އަގު ބޮޑަސް ގިނަ ފަތުރުވެރިން ބޭނުންވަނީ ރަސްދަނބުރުކުގެ ރަލެވެ. އެހެންވެ ރަސްދަނބު ރުކުގެ ރާ އިރުއިރުކޮޅުން ބައިލާން ޖެހެއެވެ. ހެނދުނާއި މެންދުރާއި ހަވީރާއި އިރާކޮޅު ވެސް ރަސްދަނބު ރުއްތަކަށް އަރަން ރޫމީއަށް ޖެހެއެވެ. ރޫމީ ހުންނަނީ އެ ރުއްތަކަށް އަރައަރައި  ވަރުބަލިވެފައެވެ.

ރޭގަނޑު ރުކަށް  އަރަން ޖެހުނު ފުރަތަމަރޭ  ރޭގަނޑު ރުކަން ނާރަން ވެގެން  މެނޭޖަރުގެ ގާތުގައި ރޫމީ ބުނީ އަނދިރި ކަމުން  ބިރުގަންނަ ކަމަށެވެ. ދެވަނަރޭ ރޫމީ ބުނީ ރޭގަނޑު ރަސްދަނބު ރުއްތަކަށް ފުރޭތަ އަންނާނެތީ ބިރުގަންނަ ކަމަށެވެ.

އެހެންވެ ތިންވަނަރެއަށް ވީ އިރަށް މެނޭޖަރު ކުރިކަމަކީ ހުރިހާ ރަސްދަނބު ރުއްތަކުގައި މާކަރީލައިޓު ހަރުކޮށްފައި އަޑުގަދަކުރާއިން  ޢާޔަތުލް ކުރުސި ޖެހީއެވެ. އެހެންވެ  ކިތަންމެ ވަރުބަލިވިޔަސް ރޭގަނޑު ވެސް އެ ރުއްތަކަށް ނާރައެއް ރޫމީއަކަށް ފަރަކު ނުޖެހެއެވެ.

ވިއްސާރަ ރޭރޭ ފަތުރުވެރިންނަށް ރާ ބާލައިދީ ނިމިގެން  އެގާރަ ޖަހާއިރު ކޮޓަރިއަށް ގޮސް ފެންވަރައިގެން ނިދާން އޮށޯންނަ އިރު ރޫމީ ހުންނަނީ ވަރުބަލިވެގެންނާއި ހީކަރުވައިގަނެގެން ގޮސް ރޫރޫލައިލައެވެ.

_______________________________________

www.fanvai.info