އަދުގެ ޚާއްސަ

Print

(11) ރަސްގެފާނުގެ ހެކިބަސް ޤަބޫލު ނުކުރެއްވި ޤާޟީ: އިބްނު ޢައިނުއްދައުލަތި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖުތަމަޢުގެ އަފުރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅާއިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދުލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނިއެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެމީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެމީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މިޞްރުގެ އުއްތަމަ ފަނޑިޔާރު މަނިކުފާނުކަން ކުރެއްވި އިބްނު ޢައިނުއްދައުލަތިއަކީ ޝަރަފުއްދީން  އަބުލްމަކާރިމި މުޙައްމަދު ބިން އަލްޤާޟީ އައްރަޝީދު ޢަބްދު ﷲ ބިނުލްޙަސަން ބިން ޢަލީ ބިނުލްޤާސިމު ބިން ޞަދަޤަތު ބުނުއްޞަފްރާވީއެވެ. އޭނާ ރައްކައުވީ މިޞްރުގެ އިސްކަންދަރިއްޔާގައެވެ. 

އެކަލޭގެފާނަށް އިބްނު ޢައިނުއްދައުލަތިގެ ލަޤަބު އެރުވުނީ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަމުންނެވެ. އެކަލޭގެފާނަކީ ނިޔާ އިއްވެވުމުގައި ރަސްރަސްކަލުންނަށް ގޮންޖައްސަވައިފައިވާ ޤާޟީއެކެވެ. އެކަލޭގެފާނު ޤާޟީކަމާ ކުރިމަތިލެއްވީ އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށާއި އަނިޔާވެރީންގެ އަތުން ޙައްޤުތައް ހިއްޕެވުމަށް ޓަކައެވެ. އެކަލޭގެފާނަކީ ނަޒާހަތްތެރިކަމާއި ޢިއްފަތްތެރިކަމުގައި މަޝްހޫރު ބޭކަލެކެވެ. 

އެކަލޭގެފާނުގެ ހިތްވަރުގަދަކަން ހާމަވެގެންދިޔަ ކަންތައްތަކުގެ ތެރޭގައި މިޞްރުގެ ރަސްގެފާނު "އަލްކާމިލު" ގެ ހެކިބަސް ޤަބޫލު ނުކުރެއްވުން ވެއެވެ. އެކަލޭގެފާނު ރަސްގެފާނަށް ދެންނެވިއެވެ. "މަނިކުފާނަށް ހެކި ބަހެއް ނުދެއްވޭނެއެވެ." މި ކަން އެކަލޭގެފާނު އިޢުލާނު ކުރެއްވީ ފަނޑިޔާރުގޭގައި ޝަރީޢަތުގެ މަޖިލީހުގައި އެންމެންގެ ކުރިމަތީގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސްގެފާނު ކުރައްވާނީ އަމުރެވެ. އޭނާއަށް ހެކިބަހެއް ނުދެއްވޭނެއެވެ." ރަސްގެފާނުގެ ހެކިބަސް ޤަބޫލު ނުކުރައްވާނެކަން ކަށަވަރުވެ ވަޑައިގަތުމުން އިންޒާރުގެ ބަސްފުޅަކުން ވިދާޅުވިއެވެ. "މަސްއަލައެއްގައި އަހުރެން ހެކިބަސް ދިނުމުން އަހުރެންގެ ހެކިބަސް ކަލޭ ޤަބޫލުކުރާނަން ހެއްޔެވެ؟ "ޤާޟީ އިބްނު ޢައިނުއް ދައުލަތި ހަރުއަޑުފުޅުން ވިދާޅުވިއެވެ. "މަނިކުފާނުގެ ހެކިބަސް ޤަބޫލެއް ނުކުރާނަމެވެ. ކޮންމެ ރެއަކު ލަވަކިޔާ އަންހެނާ "ޢަޖީބާ" މިޔުޒިކާއެކު މަނިކުފާނުގެ އަރިހަށް އައިސް ނަށައިފައި އަނެއް ދުވަހު މަސްތުވެގެން ދެ އަތަށް ކިރެމުން ފައިބައިގެންދާއިރު، މަނިކުފާނުގެ ހެކިބަސް އަޅުގަނޑު ޤަބޫލުކުރާނީ ކިހިނަކުންތޯއެވެ؟" ރަސްގެފާނު ކޯފާވެގެން އިބްނު ޢައިނުއް ދައުލާއާ ދިމާއަށް ފާރިސީ ބަހުން އެއްޗެހި ވިދާޅުވިއެވެ. އެހިނދު ޤާޟީ ވިދާޅުވިއެވެ. "މީސްތަކުންނޭވެ! ތިޔަބައިމީހުން ހެކިކޮށް ޤާޟީކަމުން އަހުރެންގެ ނަފްސު ވަކިކޮށްފީމެވެ." މިހެން ވިދާޅުވެ ޝަރީޢަތުގެ މަޖިލިސް ދޫކުރައްވައި ނުކުމެ ވަޑައިގެންނެވިއެވެ.

ރަސްގެފާނު ޤާޟީއަށް އިހާނެތިކޮށް މުޢާމަލާތުކުރެއްވީތީ ޤާޟީކަމުން ވަކިވެ ވަޑައިގަތުމަށް ނިންމެވި ނިންމެވުން އަނބުރައި ގެންދެވީ ރަސްގެފާނު މާފަށް އެދިވަޑައިގަތުމުންނެވެ. ރަސްގެފާނުގެ މުޝީރުންނާއި ގާތް ބޭފުޅުން ރަސްގެފާނަށް ނަސޭޙަތް އެރުވުމުން ރަސްގެފާނު ޤާޟީގެ ކިބައިން މާފަށް އެދިވަޑައިގަތީ މި މަސްއަލަ  ޚަލީފާގެ ދަރުބާރަށް ހިނގައްޖެނަމަ، ރަސްގެފާނުގެ އިސްތަށިފުޅުގައި ބޮޑު ފަޟީޙަތެއް އެޅިގެން ހިނގައިދާނެތީ ބިރުފުޅުންނެވެ. 

އިބްނު ޢައިނުއްދައުލަތިއަށް ޖެހިވަޑައިގަތް އާލާސްކަންފުޅެއްގެ ސަބަބުން ފައިންޕުޅު ނޭޅުއްވޭ ގޮތް މެދުވެރިވެއްޖައުމަށް ދާންދެން ޤާޟީ ކަމުގައި ދެމިހުންނެވިއެވެ. 

_______________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ