www.fanvai.info

Print

އަނގަބަހުގެ މުއާޞަލާތުގައި ކޮންމެހެން ސަމާލުކަންދޭންޖެހޭ ދިހަ ކަންތައް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދޭދޭ ފަރުދީ ގުޅުމުގައި އެންމެ ގިނައިން ކުރާންޖެހޭ ކަމަކީ ތިމާއާއި އަނެކަކާ ދޭތެރޭ އަނގަބުހުން މުއާޞަލާތުކުރުމެވެ. އަނގަބަހުގެ މުއާޞަލާތު މި މާނަކުރަނީ ވައިބަރާއި މި ނޫނަސް މިސްމީޑިއާގެ ހުރިހާ އޮޅިތަކެއްގައި ކުރެވޭ މުއާމާލަތްތައް ވެސް ހިމެނޭ ގޮތުންނެވެ. އަނގަބަހުގެ މުޢާމަލާތަކީ ދޭދޭ ފަރުދީ ގުޅުމުގައި އެންމެ މުހިންމު ބައެވެ. މިއީ ތިމާއާއި އަނެކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ވެސް އެންމެ މުހިންމު ވަސީލަތެވެ. އެހެންކަމުން މި ކަމުގެ މުހިންމު ބައިތަކަށް ބަލައިލާނަމެވެ.

ތިބާ އާއި އަނެކާއާ ދެމެދުގައި އަނގަބަހުން މުއާޞަލާތުކުރާއިރު، އަނެކާ ޢަމަލުކުރާ ގޮތުގެ ސަބަބުން ތިބާއަށް ބައެއް ފަހަރު އެ ވާހަކައެއް އަޑުއަހަން ފޫހިވާ ގޮތްވޭ ނޫންހެއްޔެވެ؟ ތިބާއަށް އެހެންވާ ކަމުގައިވާ ނަމަ، އިނބަ ކުރާ ކަމަކުން އަނެކާއަށް ވެސް ހަމަ އެ އުނދަގުލާއި ފޫހިކަން އިޙުސާސްކުރެވިދާނެއެވެ. އެ ކަން ޙައްލުކުރުމަށްޓަކައި އަންނަނިވި  10 ކަމުގެ މައްޗަށް ސަމާލުކަން ދިނުން އެދެވިގެންވެއެވެ.

1. ދަނޑިވަޅާއި ޙާލަތާ ގުޅޭ ގޮތަށް ވާހަކަދެއްކުން:  މިސާލަކަށް ހިތާވެރި ދަނޑވަޅެއްގައި ސަމާސާކުރުމާއި، އުފާވެރި ވަގުތެއްގައި ހިތްދަތިވާ ބާވަތުގެ ވާހަކަ ދެއްކުމަކީ ވާހަކަދެއްކުމުގެ އަދަބުތަކާ ޚިލާފު ކަންކަމެވެ. މި ފަދަ ކަންކަމުގެ ސަބަބުން ތިމާއަށް އަނެކުން ކުރާ އިޙުތިރާމަށް އުނިކަން އަންނާނެއެވެ.

2. އަނެކާއާ މުޚާޠަބު ކުރަން އޭނާ އެންމެ އެދޭ ނަމަކުން މުޚާޠަބުކުރުން:  ކޮންމެ މީހަކީ ވެސް މުޖުތަމަޢުގައި ތަފާތު ޙާލަތްތަކުގައި ތަފާތު މަޤާމު އަދާކުރާ މީހެކެވެ. އޭނާއަކީ އޭނާގެ ދަރީންގެ ބައްޕައެވެ. ނުވަތަ މަންމައެވެ. ނުވަތަ ބޭބެއެވެ. ނުވަތަ ދައްތައެވެ. ނުވަތަ ކޮއްކޮއެވެ. ދަރިފުޅެވެ. ދޮންބޭބެއެވެ. ތިއްތިބެއެވެ. ތުއްތުބެއެވެ. ނުވަތަ ބޮޑުބޭބެއެވެ. ނުވަތަ ކުޑަބެއެވެ. މިއަށްވުރެ ދުރުތާ ތިމާގެ މީހުން އެ މީހެއްގެ ނަން ބޭނުންކޮށްފައި ބޭބެ ކިޔައެވެ. މިސާލަކަށް: ޙަސަން ޙަލީމްއަށް އޭނާގެ ތިމާގެ މީހުން ހަސަންބެ ކިޔައިފާނެއެވެ. ޙަލީމްބެ ވެސް ކިޔައިފާނެއެވެ. ޞާދިޤާށް ޞޯދުބެ ވެސް ކިޔައިފާނެއެވެ. މި ފަދަ ނަންނަން އެ މީސްމީހުން އެ ކިޔަނީ ވަކި ހައިސިއްޔަތަކުންނެވެ. ތިމާ މިއިން ނަމެއް މިފަދަ ހައިސިއްޔަތެއް ނެތި ބޭނުންކުރުމަކީ އަދަބުވެރި ގޮތެއް ނޫނެވެ. ވީމާ ޙަސަން ޙަލީމަށް އޭނާގެ ޢާއިލާގެ މީހުން ޙަސަންބެ ކިޔާ އަޑު އިވޭ އިރަށް ތިމާ އޭނާއަށް ހަސަންބެއޭ ކިޔައި މުޚާޠަބުކުރުމަކީ އޭނާ ހިތްހަމަޖެހޭނޭ ކަމެއް ނޫނެވެ. އެއީ ހައިސިއްޔަތު އޮޅުވައިލުމެކެވެ. ޤަދަރުކުޑަކޮށްލުމެކެވެ. ވީމާ ތިމާއާ އޭނާއާ މިފަދަ ގުޅުމެއް ނެތަނަމަ، ހަމައެކަނި އޮތީ ދެކެފަރިތަ ރައްޓެހިކަމެއް ނަމަ، ނުވަތަ މި ފަދަ ގާތްކަމެއް ވެސް ނެތް ނަމަ، އެންމެ ރަނގަޅު ގޮތަކީ ޙަސަން ޙަލީމް ނުވަތަ ޙަސަން ކިޔުމެވެ. އޭނާ އެދޭ ނަމަކުން މުޚާޠަބު ކުރާށެވެ! އެދޭ ނަމެއް ޔަގީން ނުވާނަމަ އަޅުގަނޑު މުޚާޠަބު ކުރާނީ ޙަސަންތޯ ނުވަތަ ޙަލީމްތޯ ސުވާލުކޮށްލެވިދާނެވެ. ވީމާ ތިމާއާ އެ މީހަކާ ގުޅުން އޮންނަ ހައިސިއްޔަތަކުން މުޚާޠަބުކުރާށެވެ.

3. ހަމަ އެކަނި ތިބާ ވާހަކަދެއްކުމުގެ ބަދަލުގައި އަނެކާއަށް ވެސް ވާހަކަދައްކާނެ ފުރުޞަތު ދޭންވާނެކަން ގަބޫލުކުރުން: ތިމާ މީހަކާ ވާހަކަދައްކާ އިރު ތިމާ ވާހަކަ ދައްކާން ބޭނުންވާ ވަރަށް އަނެކާ ވެސް ވާހަކަދައްކާން ބޭނުންވާނެއެވެ. އަދި އޭނާ ވެސް ދައްކާން ބޭނުންވާ ކިތަންމެ ވާހަކައެއް ހުންނާނެއެވެ. ވީމާ އަނެކާ އަށް ވެސް ވާހަކަދައްކާނެ ފުރުޞަތު ދީ އޭނާގެ ވާހަކައަށް ވެސް އިންތިޒާރުކުރާން އެނގުމަކީ އަނަގަބަހުގެ މުއަޞަލާތުގެ އެންމެ މުހިއްމު އެއް ހުނަރެވެ.

4. އަނެކާ ވާހަކަދައްކާއިރު ތިމާ ފޯނާ ނުކުޅުން:  އެހެން މީހަކާ އަނގަބަހުން މުއާޞަލާތުކުރާން އިންނަ ވަގުތުގައި ތިމާގެ ފޯނާ ނުކުޅޭށެވެ! އެއީ ވަރަށް ބޭއަދަބީ ކަމެކެވެ. އެހެން މީހަކާ ބައްދަލުކޮށް މުޢަމަލާުކުރާ ވަގުތުގައި ތިމާ ފޯނާ ކުޅޭން އިންނަ ނަމަ، އަނެކާ ދެކޭނީ ތިމާ އޭނާއަށް ސަމާލުކަން ނުދޭކަމަށެވެ. އަދި ޤަދަރެއް ނުކުރާ ކަމަށެވެ. ނުވަތަ އެ ދައްކާ ވާހަކއަކީ މުހިމު ކަމެއްކަމަށް ތިބާ ނުދެކޭ ކަމަށެވެ. ކޮންމެހެން ފޯނުކޯލަކަށް ޖަވާބު ދޭން ޖެހިއްޖެ ނަމަ، ނުވަތަ އަވަސް މެސެޖަކަށް ޖަވާބެއް ދޭން ޖެހިއްޖެ ނަމަ އަނެކާގެ ރުހުން ހޯދައިގެން އެކަންކުރެވިދާނެއެވެ.

5. އަނެކާ ހިތްހަމަނުޖެހިދާނެ ވާހަކައެއް ސަމާސާއަކަށް ނަމަވެސް ނުބުނުން: ތިމާ ސަމާސާއެއް ކަމަށް ހީކޮށް ބުނެލާ ވާހަކައަކީ އަ ެކާގެ ހިތުގައި ޖެހި އަދި ހިތުގައި ލަކުނެއްލައިފާނެ ބަހަކަށް ވެދާނެއެވެ. އަދި ހިތުގައި ޒަޚަމެއް އުފެދި އެ ޒަޚަމަކީ ދެ މީހުންގެ ގުޅުމަށް އަސަރު ފޯރައިދާނެ ކަމަކަށް ވެދާނެއެވެ. ވީމާ، ސަމާސާއަކަށް ނަމަވެސް އަނެކާ ލަދުގަނެ ބޭޒާރުވާ ފާޑުގެ ވާހަކައެއް ނުބުނައްޗެވެ! އެ ފަދަ ވާހަކައަކީ އޭނާގެ ގަދަރުކުޑަކޮށްލާން ނުވަތަ ފަޟީޙަތްކޮށްލާން ކުރި ކަމަެއްކަމަށް އޭނާއަށް ހީވެއްޖެ ނަމަ ދޭދޭ ގުޅުމަށް ބުރޫއަރައިދާނެއެވެ. އެ ފަދަ މީހަކާ ވާހަކަދއްކާނެ ފުރުޞަތު ފަހި ނުވާނޭ ގޮތަކަށް އޭނާ ވިސްނައިފާނެއެވެ. ވީމާ ސަމާސާއަކަށް ވެސް މި ފަދަ ވާހަކައެއް ބުނެގެން ނުވާނެއެވެ.

6. އަނެކާގެ ޒާތީކަންކަމާ ނުބެހުން: ބުރުގާއެޅުން، ނޭޅުން، މުންޑު އަނދެގެން އުޅުން، ތުނބުޅިބެހެއްޓު، ތުނބުޅި ބާލައިފައި ހުރުން، ބޯ ޑައިކޮށްފައި ހުރުން، ބޯދިގުކުރުން، ކުރުކޮށް ކޮށައިލައިފައި ހުރުން ފަދަ ކަންކަމަކީ އެމީހެއްގެ ޒަތީ ކަންކަމެކެވެ. އެ ކަންކަމާ ބެހުމަކީ އެ މީހަކު ހިތްހަމަޖެހޭނޭ ކަމެއް ނޫނެވެ.

7. އަނެކާ ދައްކާ ވާހަކައިގެ ތެރެއިން ވާހަކަ ފަށައި ނުގަތުން: އަނެކާ ދައްކާ ވާހަކަ ނިމެންދެން އިންތިޒާރުކުރާށެވެ! އޭނާ ދައްކަނީ ތިމާ ގަބޫލުކުރާ ވާހަކައަކަށް ނުވިޔަސް އެ ވާހަކައެއް ބުނެ ނިންމައިލާން ފުރުޞަތު ދޭށެވެ! 

8. ދަނޑިވަޅު ހޯދައިގެން ވާހަކަދައްކާން ފެށުން: އަނެކާ ދައްކާ ވާހަކައަށް ސަމާލުކަންދީ އޭނާ ދައްކާ ވާހަކަ ފުރިހަމަކުރުމުން ނުވަތަ މެދުކަނޑައިލާ ވަގުތު ބަލައިގެން ނޫނީ ތިމާ ވާހަކަދައްކާން ފަށައިގަނެގެނެއް ނުވާނެއެވެ.

9. މާ އަޑުގަދަކޮށް ވާހަކަނުދެއްކުމާއި އަޑު ނީވޭ ވަރަށް މަޑުން ވެސް ވާހަކަ ނުދެއްކުން: ވާހަކަދައްކާންވާނީ އަޑުއަހާން އިންނަ މީހަކަށް ސާފުކޮށް އެނގޭވަރަށް ބާރަށް އެކަމަކު ކަންފަތަށް އުނދަގޫ ނުވާ ވަރަށް މަޑުންނެވެ.

10. ދައްކާ ވާހަކަ އަޑުއަހާން ސަމާލުކަންދީގެން މޫނަށް ބަލަހައްޓައިގެން އިނުމާއި ފަރުވާ ކުޑަ ގޮތަކަށް (ނުވަތަ ގޮނދިފައި) ނީނުން: މޫނަށް ބަހަލައްޓައިގެން އިނދެ ވާހަކަދެއްކުމަކީ ތިމާގެ އިޚުލާޞްތެރިކަން ހާމަވާނޭ ކަމެކެވެ. ހަތަރުކަޅި ހަމަނުކުރާ ނަމަ ދޮގު ހަދާކަމަށް ޝައްކުވެދާނެއެވެ. އަދި ތިމާ ފަރުވާ ކުޑަ ގޮތަކަށް އިނދެއްޖެ ނަމަ އެއީ އަނެކާއަށް އިޙުތިރާމް ނުކުރާކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އޭނާ ދެކެފާނެއެވެ.

          އިސްވެ މި ދަންނަވައިލެވުނީ ދޭދޭފަރުދީ މުއާޞަލާތުގައި އަނގަބަހުން ވާހަކަދައްކާއިރު ސަމާލުކަންދިނުން އެދެވިގެންވާ ބައެއް އަދަބުތަކެވެ. ނުވަތަ ހިފަހައްޓާންޖެހޭ ބައެއް އަދަބުތަކެވެ. މި ކަންކަމަށް ސަމާލުކަން ނުދީފިނަމަ ތިމާއާ ދުރުހެލިވާން އަނެކާ މަސައްކަތްކުރުމަކީ އެކަށީގެންވާ ކަމެކެވެ. ދޭދޭ ފަރުދީ ގުޅުމަށް ބުރޫއަރައިދާނެ ކަމެކެވެ. އެހެން ކަމުން މިއީ އަނގަބަހުގެ މުއާޞަތުގައި ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަންތައްތަކެވެ.

_________________________________________

www.fanvai.info