އަދުގެ ޚާއްސަ

Print

ކީރިތި ޤުރްއާނުގެ ސައެންސީ އިޢުޖާޒުގެ ތެރެއިން: ދޫނިސޫފާސޫފީގެ އުދުހުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމު ރަޝީދު މޫސާ 

ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ކުޅަދުންވަންތަކަން ﷲ ހެއްދެވި ކޮންމެ އެއްޗަކުން ފެނެއެވެ. ކީރިތި ޤުރްއާނުގެ ބަސްފުޅުތަކުން މި ކަންތައް އަންނަނީ  ފާޅުވަމުންނެވެ. މި ބަސްފުޅުތަކުން ފާޅުވަމުން ހާމަވަމުން އަންނަ ސައެންސީ ޙަޤީޤަތްތަކުން ކީރިތި ރަސޫލާގެ ތެދުވެރިކަން އަންނަނީ އިތުރަށް ކަށަވަރުވަމުންނެވެ. އެކަލޭގެފާނު ގެންނެވި ދީނަކީ ޙައްޤު ދީންކަން އަންނަނީ އެނގެމުންނެވެ. މި މޭރުމުން ބަލާއިރު މާތްﷲ ދޫނިސޫފާސޫތްޕަށް ދެއްވައިފައިވާ އުދުހުމުގެ ޤާބިލުކަމަކީ ސައެންސީން އެކަމާމެދު ޙައިރާންވެ އަންތަރީސް ވެފައިވާ ކަމެކެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (( أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ(1) - ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. )) އެހެން އާޔަތެއްގައި އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. (( أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ مَا يُمْسِكُهُنَّ إِلَّا اللَّهُ إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ(2) - އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) اللَّه މެނުވީ ނުހިފަހައްޓަވަތެވެ. إيمان ވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.))  

އާޔަތްތަކަށް ބަލައިލުން

މި އާޔަތްތަކުން ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަމާއި އެކަލާނގެ  ހައްދަވާ އެއްޗެހީގެ ވަޑާން މޮޅުކަމާއި، އެކަލާނގެ ހައްދަވާ މަޚްލޫޤާތުތައް ޚަލްޤުކުރެއްވުމުގެ ޙިކްމަތްތެރިކަން ފާޅުވެގެންދެއެވެ. މާތްﷲ ދޫނިސޫފާސޫފި ހައްދަވާ އޭއްޗެއްސަށް އުދުހުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއި އާލަތްތައް ދެއްވިއެވެ. ވަޔާއި ޖާޒުބިއްޔަތުގެ މައްޗަށް ގަދަވެގަތުމަށް ޓަކައި ދޫންޏަށް ހުޅުވާ ލައްޕާ ހެދޭ ގޮތަށް ދެ ފިޔަގަނޑު ލެއްވިއެވެ. އެހެން މަޚްލޫޤާތުތަކާ  ޚިލާފަށް އޭތީގެ ބައްޓަމާއި ހަށިގަނޑާއި ބަރުދަން ތަފާތު ގޮތަކަށް ލެއްވިއެވެ. މާތްﷲގެ ބަސްފުޅަކީ (أَوَ لَمْ يَرَوْا إِلَى الطير فَوْقَهُمْ صافات وَيَقْبِضْنَ - ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟)

މި ބަސްފުޅުތަކުގައި މާތް ﷲ މި ގޮވައިލައްވަނީ ދޫނީގެ ޚަލްޤު ކުރެއްވުމާމެދު ވިސްނުމަށެވެ. ދިރާސާކުރުމަށެވެ. ޖައްވުތެރޭގައި އުދުހޭ ދޫނިތަކަށް ބަލާލާއިރު ފެންނަނީ އެ ދޫނިތަކުގެ ފިޔަގަނޑުތައް ލެއްޕި ހުޅުވޭ ތަނެވެ. އަނެއްބައި ފަހަރަށް ފެންނަނީ ފިޔަގަނޑު ދަމައިލައިގެން އޮންނަ ތަނެވެ. އިންސާނާ އުދުހެވޭތޯ މަސައްކަތް ކުރަން ފެށީ ދޫނި އުދުހޭތަން ފެނިގެންނޫންހެއްޔެވެ؟

އިސްވެ ދިޔަ އާޔަތުގައި  (صافات) އައިސްފައި އޮތީ ނަމެއްގެ ގޮތުގައެވެ. އެއިން ދޭހަވަނީ ސާބިތުކަމާއި ދެމިގެންވުމެވެ. އުދުހުމުގެ އަޞްލަކީ ފިޔަގަނޑު ދަމައިލުމެވެ. ނުވަތަ (صف ) ކުރުމެވެ. އެއީ ފިޔަގަނޑު ޙަރަކާތްނުކޮށް ހަމަހިމޭންކަން މަތީގައި އޮންނަ އޮތުމެވެ. ސައެންސު ބުނާގޮތުގައި އުދުހުމަކީ ދޫނި ކުރާ ކަމެއް ނޫނެވެ.  ދޫންޏަށް އުދުހެވެނީ ވައިގެ އޮއިވަރުގެ ސަބަބުންނެވެ. 

ދޫނީގެ ޢަމަލަކީ  (يَقْبِضْنَ - ފިޔަގަނޑު ލެއްޕުން) އެވެ. އޭގައި ޙަރަކާތާއި އައުވުން ހިމެނެއެވެ. މިހެންވެ އެ ބަސް އައިސްފައި އެ އޮތީ ކަމެއްގެ ( ފިޢުލެއްގެ) ގޮތުގައެވެ. ދޫނި ފިޔަގަނޑު ލައްޕައި ހުޅުވުމުން އުފެދޭ ޙަރަކާތަށް އުދުހުމޭ ކިޔެއެވެ. ޖައްވުގެތެރޭގައި އުދުހުމަކީ ފެނުގައި ފެތުންފަދަ ކަމެކެވެ. ފަތާއިރު ހަތަރެސްފައި ދަމާ ލައްޕަނީއެވެ. މާތް ﷲ ގެ ބަސްފުޅަކީ (صافات وَيَقْبِضْنَ - ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން) އެވެ. ދޫންޏަށް މި ގޮތަށް ޙަރަކާތް ކުރަން ދަސްކޮށްދެއްވީ ﷲ އެވެ. އޭތި ހެއްދެވި ފަރާތުންނެވެ. 

ދެން ވަޙީ ކުރައްވަނީ (مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ - رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ.) ދެވަނަ ބަސްފުޅުގައި އޮތީ (مُسَخَّرَاتٍ فِي جَوِّ السَّمَاءِ - އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް ) އެވެ. ބިމުގެ ޖާޒުބިއްޔަތުގެ ސަބަބުން އޭތި ވެއްޓެން ޖެހޭނެއެވެ. މާތްﷲ ރަޙްމާންވަންތަ ރަސްކަލާނގެ އޭތި ބިމަށް ނުވެއްޓޭ ގޮތަށް ހައްދަވައިފައިވަނީ އޭތީގެ ޚަލްޤު ކުރެއްވުމުގައި ލައްވަވައިފައިވާ ނިޒާމެއްގެ ސަބަބުންނެވެ. 

ވައި ދޫނި އުފުލަނީ ކިހިނެއް 

ބިމަށް ދަމާ ޖާޒުބިއްޔަތުގެ ސަބަބުން ދޫނި ބިމަށް ނުވެއްޓި އުދުހެވެނީ އޭތީގެ ހަށިގަނޑުގެ ލުއިކަމާއި ދޫނީގެ ބޮޑުމިނުގެ ނިސްބަތުން އޭތީގެ ދެ ފިޔަގަނޑުގެ ބޮޑުކަމާއި މި ދެ ފިޔަގަނޑުގެ ޙަރަކާތުގެ ސަބަބުން އުފެދޭ ބާރާއި ކުރިއަށް ކޮއްޕައިދިނުމުގެ ސަބަބުންނެވެ.

ދޫނީގެ ސިފަ

ދޫނީގެ ކަންކާލަކީ ވައިގެ ތެރެއަށް ވަނުމަށް އެހީވެދޭ ބައްޓަމެކެވެ. އޭތީގެ މޭމަތީގެ ކަށިގަނޑު ބޮޑުވެފައި ތަންކޮޅެއް ބޮޑަށް ބޭރަށް  ނުކުމެފައިވާ ތަން ފެނެއެވެ. ފިޔަގަނޑުގެ ފަތްތަކަކީ ދޫނީގެ ސަތަޙު އިތުރުކޮށްދޭ އެއްޗެކެވެ. ފިޔަގަނޑުގެ މަތީ ސަތަޙު އޮންނާނީ މައްޗަށް ގޮނިކޮށެވެ. އޭގެ ދަށު ސަތަޙު އޮންނާނީ ތިރިއަށް ގޮނިކޮށެވެ. މި ކަމުގެސަބަބުން ފިޔަގަނޑުގެ ދަށުގައި ޕްރެޝަރު އިތުރުވެއެވެ. މިއީ ދޫނި މައްޗަށް އުފުއްލާ ދޭނެ ކަމެކެވެ. އުދުހުމަށް ޓަކައި ހަށިގަނޑުގެ ތަފާތު ބައިތައް ގުޅި ލާމެހިފައިވާ ބައިތަކަކަށް ވާން ޖެހޭނެއެވެ. ދޫންޏަށް ބަލާއިރު ދޫނީގެ ކަށިތައް ހުންނާނީ އެކަތިކޮޅު އަނެކަތިކޮޅާ ގުޅި ނުގުޑާ ގޮތަށެވެ. ބުރިކަށިގެ ކަށިތައް ވެސް ހުންނާނީ މަހުން ގުޅިފައެވެ. 

ލުއިކަން 

ދޫންޏަށް ބޭނުންވާ ލުއިކަން އޭއްޗަށް ލިބެނީ އެތައް ކަންތައްތަކެއްގެ ސަބަބުންނެވެ. އެއީ 

1 – ދޫނީގެ ފަތް: ފަތަކީ ވަރަށް ލުއި ވަރަށް ވަރުގަދަ ވަރަށް ވިލުންތެރި އެއްޗެކެވެ. ފަތުގެ ސަބަބުން ދޫންޏަށް ވައިގައި ވަރަށް ބާރަށް ޖެހެއެވެ. މީގެއިތުރަށް ފަތުގެ ސަބަބުން ދޫނީގެ ހަށިގަނޑުގެ ހޫނުކަން ރައްކައުތެރިކުރެވެއެވެ. ވައިގެ ތެރޭގައި އުދުހޭއިރު އޭއްޗަށް ފިނި ނުވަނީ މި ފަތުގެ ސަބަބުންނެވެ. 

2 – ދޫނީގެ ކަންކާލު: ދޫނީގެ ކަށިތަކަކީ ބަރުދަން ވަރަށް ލުއި އެއްޗެކެވެ. އުދުހުމަށް ޓަކައި މިއީ ވަރަށް މުހިއްމު ކަމެކެވެ. ދޫނީގައި ހުންނަ ދިގު ކަށިތަކުގެ އެތެރޭގައި ހޮއި ހެދިފައި އޮތުމުންވެސް ދޫންޏަށް އިތުރު ލުއިކަން ލިބެއެވެ. 

3 – ދޫނީގެ އެތެރެ ހަށީގައި ބައެއް ގުނަވަންތައް ނެތުން ނުވަތަ ހިނދިފައި އޮތުން: މިސާލަކަށް ދޫނީގައި މަޘާނާއެއް ނުހުރެއެވެ. މި ކަމުގެ ސަބަބުން ދޫނީގެ ހަށިގަނޑުގެ ތެރޭގައި ބޭރުކުރަން ޖެހޭ ފެންތަކެއް ނުހުންނާނެއެވެ. އަންހެން ދޫނީގައި ހުންނާނީ އެންމެ އަވޯއެކެވެ. ދަރިމައިނުވާ މޫސުމުގައި މި އަވޯ ވެސް އޮންނާނީ ވަރަށް ބޮޑަށް ހިނދިފައެވެ. މި އަވޯގައި އުފެދޭ ބިސް ވެސް މާ ގިނައިރު އެ ތާނގައި އޮންނާކަށް ނުޖެހޭނެއެވެ. ދޫންޏަށް މިބިސް ދިގު މުއްދަތަކަށް އުފުލާކަށް ނުޖެހޭނެއެވެ. 

4 – ނޭވާލުމުގެ ނިޒާމު: މާތްﷲ ދޫނީގެ ނޭވާލުމުގެ ނިޒާމު ހައްދަވައިފައިވަނީ ވައިގެ ކޮތަޅުތަކަކުންނެވެ. މި ކޮތަޅުތައް ފުއްޕާހަމެއް ގޮތަށް ފުފޭތީ އޭތީގެ ގިންތީ ބަރުދަން ( ސްޕެސިފިކް ވޭޓް) ލުއިކޮށްދެއެވެ.

ދޫނީގެ ބާރު ވަރުގަދަވުން

ދޫނި އުދުހުމަށް ޓަކައި ބާރަށް ބޭނުންވާނެއެވެ. މި ބާރު އޭއްޗަށް ލިބެނީ މި އަންނަ ޢުންޞުރުތަކުގެ ސަބަބުންނެވެ.

ހ- ހަކަތަ: ދޫނި އުދުހެމުންދާއިރު އެކަމަށް ބޭނުންވާ ހަކަތަ އޭތި ހޯދަނީ އޭތީގެ ހަށިގަނޑުންނެވެ. ހަކަތައާ ބެހޭ ޤާނޫނު ބުނާގޮތުގައި އެއީ ފަނާވެގެންދާނެ އެއްޗެއް ނޫނެވެ. އަދި ނެތުމުގެ ތެރެއިން އުފެދޭނެ އެއްޗެއްވެސްނުމެނޫންމެއެވެ. އެހެނަސް އެއީ އެއް ބާވަތުން އަނެއް ބާވަތަށް ބަދަލުވާ އެއްޗެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ(3) - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެއެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.)) ދޫނި  އުދުހެމުންދާއިރު  އޭތީގެ ހަށިގަނޑުގައި ރައްކައުކުރެވިފައި ހުންނަ ހަކަތަ ޙަރަކާތަށް ބަދަލުވެގެންދާނެއެވެ. 

ށ- ނޭވާލުމުގެ ނިޒާމު: މަންމަލު ޖަނަވާރާ އަޅާބަލާއިރު ދޫނީގެ ނޫވާލުމުގެ ނިޒާމުގެ ޤާބިލުކަން މާ ބޮޑެވެ.ޖައްވުގެ ތެރޭގައި މައްޗަށް އަރަމުންދިޔަވަރަކަށް އޮކްސިޖަން މަދުވަމުންދާނެއެވެ. އެހެންކަމުން ނޭވާލުމާބެހޭ ނިޒާމު މި އޮކްސިޖަނާ އެއްގޮތަށް ފަހިވަން ޖެހޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَمَنْ يُرِدِ اللَّهُ أَنْ يَهدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ كَذَلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ(4) - اللَّه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، إيمان ނުވާ މީހުންގެ މައްޗަށް، اللّه ގެ عذاب އާއި ކޯފާ ލައްވަތެވެ.)) މާތް ﷲ ދޫނީގެ ނޭވާލުމުގެ ނިޒާމުގައި ލައްވަވައިފައިވާ ވައިގެ ކޮތަޅުތަކުގެ ސަބަބުން ދޫނި އުދެހެމުންދާއިރު އުފެދޭ ހޫނުތައް ބުރަބުރައިގެންދާތީ އޭތީގެ އެތެރޭގެ ގުނަވަންތަކުގެ ހޫނުކަން އޭގެ ޠަބީޢީ މިންވަރުގައި ހިފަހައްޓައިދެއެވެ. މި ކަމުގެ ސަބަބުން އޭތި އޮކްސިޖަން ބޭނުންކުރާލެއް މަދުވެގެންދެއެވެ.

ނ- ދޫނީގެ ހިތާއި ލޭ:  ދޫނީގެ ލެއަކީ ހޫނު އެއްޗެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ހޫނުކަން އޭގެ ޠަބީޢީ މިންވަރުގައި ދެމި ހުރެއެވެ. މީގެ އިތުރަށް ދޫނީގެ ލޭގެ ދައުރުވުން ނިސްބަތުން ބާރުވެފައި  ހަލުވިކަން ފާހަގަ ކުރެވެއެވެ. ދޫނީގެ ލޭގައި ގްލުކޯޒު ވަރަށް ގިނައެވެ. ދޫނީގެ ހިތުގައި ހަތަރު ވަތްގަނޑުހުރެއެވެ. ސާފު ލެއާއި ނުސާފު ލޭ މަސްހުނިނުވެ ވަކިވެފައި  ހުންނަނީ މި ވަތްގަނޑުތަކުގެ ސަބަބުންނެވެ. 

ހޯރައެޅުން

الله سبحانه وتعالى ވަޙީ ކުރެއްވިއެވެ. ((  أَلَمْ تَرَ أَنَّ ٱللَّـهَ يُسَبِّحُ لَهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلطَّيْرُ صَـٰٓفَّـٰتٍ كُلٌّ قَدْ عَلِمَ صَلَاتَهُۥ وَتَسْبِيحَهُۥ وَٱللَّـهُ عَلِيمٌۢ بِمَا يَفْعَلُونَ(5)  - ހަމަކަށަވަރުން، اللَّه އަށް، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު، އަދި ދޫނިސޫފާސޫފިތައް އެ ތަކެތީގެ ފިޔަތައް ދަމާލައިގެން އުދުހިއުދުހި ތިބޭހިނދު، އެކަލާނގެއަށް تسبيح ކިޔަކިޔައި ތިބޭކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ އަޅުކަމާއި، އެ އެއްޗެއްގެ تسبيح އެނގިފައިވެއެވެ. اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. )) 

މި ޙަރަކާތަށް ޤުރްއާނުގައި އައިސްފައިވާ ކަލިމައަކީ (صافات) އެވެ. އެއީ ފިޔަގަނޑު ޙަރަކާތެއްނުކޮށް ދަމާލައިގެން ބޭއްވުމެވެ. މިކަމަށް ޓަކައި މާ ގިނަ ހަކަތައަކަށް ބޭނުމެއް ނުވާނެއެވެ. އޭތީގެ އުދުހުމަށް ބޭނުންވާ ވައިގެ އޮއިވަރުގެ ސަބަބުން އޭއްޗަށް ޖައްވުގެ ތެރޭގައި ނުވެއްޓި އޮވެވޭތީއެވެ. ހިޖްރަކުރާ ދޫންޏަކީ  ވަރަށް ގިނަ އިރު ދެ ފިޔަގަނޑު ދަމާލައިގެން ޙަރަކަތްނުކޮށް އޮންނަ ދޫންޏެކެވެ. މި ބަވަތުގެ ދޫނި ސައިޒުން ބަލާއިރު ބޮޑުވާނެއެވެ. މި  ބާވަތުގެ ދޫނީގެ ވަރައިގެ ސަތަޙު ފުޅައުވާނެއެވެ. މި ސަތަޙާ މުނާސަބު ވަރަކަށް އޭތީގެ ހަށިގަނޑުވެސް ދިގުވާނެއެވެ. ދޫނީގެ ކޮޑިމިން ބޮޑުވިވަރަކަށް އުދުހުމުގެ ޤާބިލުކަން އިތުރުވާނެއެވެ. ދޫނި ހޯރައަޅާނީ ( ނުވަތަ ފިޔަގަނޑު ދަމާލައިގެން އޮންނާނީ ) މައްޗަށް އަރާ ވަޔާއެކުގައެވެ. އޭރުން ދޫންޏަށް މާބޮޑު ބުރައަކާ ނުލައި މައްޗަށް އެރޭނެއެވެ.  

ފިޔަޖެހުމާއި ހޯރައެޅުން

ފިޔަޖެހުމަކީ އުދުހުމުގެ ތެރޭގައި ފިޔަގަނޑު ހުޅުވާ ލެއްޕުމުގެ ޙަރަކާތުން އަންނަ ކަމެކެވެ. އިސްވެދިޔަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅުގައި އޮތީ (صافات وَيَقْبِضْنَ - ފިޔަތައް ދަމާލައިގެންނާއި، ފިޔަތައް ލައްޕާލައިގެން ) އެވެ. ފިޔަޖަހާ ދޫނި ޢާއްމު ގޮތެއްގައި ކުޑަ ވާނެއެވެ. ފިޔަޖެހުން ގިނަވިވަރަކަށް އޭތީގެ ސައިޒު ކުޑަވާނެއެވެ. ސައިޒު ބޮޑުވިވަރަކަށް ދުވެލި މަޑުވާނެއެވެ. ބާޒު ކަހަލަ ބިޔަ ދޫނިތައް ފިޔަޖަހާނީ ސިކުންތަކު އެއްފަހަރުއެވެ. ކޮތަރު ކަހަލަ މެދު މިންވަރުގެ ދޫނިތައް ސިކުންތަކު ތިން ފަހަރު ފިޔަ ޖަހާނެއެވެ. ފެންފޯއްދޫނި ކަހަލަ ކުދިކުދި އެއްޗެހި ސިކުންތަކު ތިރީސް ފަހަރު ފިޔަޖަހައެވެ. އެންމެ ގިނައިން ފިޔަޖަހަނީ ރީތި ރާގުރާގަށް ގޮވާ ކުދި ދޫނިތަކެވެ. 

މުސްލިމު ޢިލްމުވެރިއެއްކަމުގައިވާ ޢައްބާސް ބިން ފިރްނާސް މި އާޔަތްތަކާމެދު ވިސްނަވައި އުދުހެވޭތޯ މަސައްކަތް ކުރެއްވިއެވެ.ދޫނި އުދުހޭގޮތް ދިރާސާކުރެއްވުމަށްފަހު އޭނާގެ ހަށިކޮޅުގައި ދޫނީގެ ފަތްތަކެއް ހަރުކުރައްވައި ވަރަށް ދިގު އަދި ވަރަށް ބޮޑު ދެ ފިޔަގަނޑު ހައްދަވައި ހަށިކޮޅުގައި ހަރުކުރައްވައިގެން އުދުހެވޭތޯ މަސައްކަތް ކުރެއްވިއެވެ. އިންސާނުންގެތެރެއިން އުދުހުމަށް މަސައްކަތް ކުރި އިންސާނަކީ މި ޢާލިމެވެ. އޭނާ އަވަހާރަވީ މި މަސައްކަތުގެ ތަޖްރިބާގެ ތެރޭގައެވެ. އޭނާއަށް ކާމިޔާބު ލިބިވަޑައި ނުގަތީ ދެ ފިޔަގަނޑާއެކު ނަގުލެއް ލައްވާފައި ނުވާތީއެވެ. ތިލަފަތުގެ ދެ ފަރާތް ( ތަވާޒުނު ) ހަމަހަމަކޮށްދޭ އެއްޗަކީ ނަގުލެވެ. 

ޢިލްމީ އިޢުޖާޒު

1- ހޯރައެޅުމަށް ކީރިތި ޤުރްއާނުގައި އައިސްފައިވާ ބަސްފުޅު ( (صافات) އާއި ފިޔަޖެހުމަށް އޮތް ބަސްފުޅު ( يَقْبِضْنَ ) ގެ ފުރިހަމަކަން. 

2- ދޫންޏަށް މުނާސަބުވާ ގޮތަށް އޭގެ ޚިދްމަތުގައި ޖައްވު ކިޔަމަންތެރިކޮށް ދެއްވުން . މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَلَمْ يَرَوْا إِلَى الطَّيْرِ مُسَخَّرَاتٍ فِي جَوِّ السَّمَاءِ - އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ )

3- އޭތި ވައްޓައިލުމަށް މަސައްކަތްކުރާ ޖާޒްބިއްޔަތުގެ މައްޗަށް ގަދަވެ ގަނެވޭ ގޮތަށް އޭތި ހެއްދެވުން. އޭތި ނުވެއްޓި ހިފަހައްޓަވަނީ ރަޙްމާންވަންތަ ރަސްކަލާނގެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.(مَا يُمْسِكُهُنَّ إِلَّا الرَّحْمَنُ - رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ.)

4- އުދުހުމަށް ބޭނުންވާ ވަސީލަތްތައް އިޖާދުކުރުމަށާއި ޖައްވަށް އެރުމަށް މަސައްކަތް ކުރުމަށް އިންސާނުންނަށް ގޮވައިލެއްވުން. މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَلَمْ يَرَوْا إِلَى الطَّيْرِ – އެއުރެން ދޫނިތަކަށް ނުބަލަނީ ހެއްޔެވެ؟ ) 

5- އުދުހުމަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުން ދަލީލެއްކަން ކަށަވަރުވުން.

____________________________________________

ފުޓް ނޯޓް:

(1) الملك : 19

(2) النحل : 79

(3) القمر :  49

(4) الأنعام : 125

(5) النور : 41

ހަމަމިގަލަމުން

އިދާރާ

ވާހަކަ